ދުނިޔޭގެ ނިސްބަތުން ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަށަށް!

COVID-Vaccine.jpg

ކޮރޯނާ ވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޭސް ރިޕޯޓް ކުރި މިންވަރު، ފާއިތުވީ 4 ހަފުތާގައިވެސް ދަށަށް ގޮސްފައި ވާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޑަބްލިއުއެޗްއޯ އިން ކޮންމެ ހަފްތާއަކު އާންމު ކުރާ އެޕިޑެމިއޮލޮޖިކަލް އަޕްޑޭޓްގެ ރެކޯޑްތަކަށް ބަލާއިރު، ފާއިތުވި ހަފްތާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިޕޯޓް ކޮށްފައިވާ ކޭސްތަކުގެ އަދަދު 3.1 މިލިއަނަށް އަރައެވެ. މިއީ އޭގެ ކުރީ ހަފުތާއާ އަޅާ ބަލާއިރު، 17 ޕަސެންޓް ދަށް އަދަދެކެވެ. އަދި މިއީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އެންމެ ދަށުން ކޭސް ނަންބަރު ރެކޯޑް ކުރި ފަހަރު ވެސް މެއެވެ.

ޑަބްލިޔުއެޗްއޯ އިން ބުނީ، ބައެއް ގައުމުތަކުން ކޮވިޑު ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް، ދުނިޔޭގެ ނިސްބަތުން ކޮވިޑު ކޭސްތައް މަދުވާން ފަށަފައިވާ ކަމަށެވެ.

ޑަބްލިޔުއެޗްއޯގެ ހިސާބުތައް ދައްކާ ގޮތުން ކޮވިޑު ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ވަނީ މަދުވާން ފަށާފަ އެވެ. އެގޮތުން މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ.

މިދިޔަ ހަފުތާގައި އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓްކުރީ 871365 ކޭސް އާއެކު އެމެރިކާއިންނެވެ. އެމެރިކާއިން ވަނީ 871365 ކޭސް ރިޕޯޓް ކޮށްފައެވެ. މިއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު 19 ޕަސެންޓް ދަށް އަދަދެއްކަން ފާހަގަ ކުރަން ޖެހެއެވެ.

ކޮވިޑް-19ގެ ކޭސްތައް ރެކޯޑް ނަންބަރުތަކުން ރިޕޯޓް ކުރާ ގައުމުތަކުގެ ތެރޭގައި ބްރެޒިލް، ފަރަންސޭސިވިލާތް، ރަޝިއާ އަދި އިނގިރޭސިވިލާތްވެސް ހިމެނޭ ކަން، ޑަބްލިއުއެޗްއޯ އިން ފާހަގަ ކުރެއެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޭސް ނަންބަރު އެންމެ ދަށް ވެފައިވަނީ އެފްރިކާ ސަރަހައްދުންނެވެ. ހުސްވި ހަފުތާގައި އެފްރިކާ ސަރަހައްދުން ކޭސް ރެކޯޑް ކުރި މިންވަރު ވަނީ، 22 ޕަސެންޓް ދަށަށް ގޮސްފައެވެ. އިރުމަތީ މެޑިޓަރޭނިއަން ސަރަހައްދުން ކޭސް ރެކޯޑް ކުރި މިންވަރު ދަށަށް ދިޔައީ އެންމެ 2 ޕަސެންޓަށެވެ.

ޑިސެމްބަރު 2019ގައި ޗައިނާގެ ވޫހާން ސިޓީއިން ކޮވިޑް-19ގެ ފުރަތަމަ ކޭސްތައް ރިޕޯޓް ކުރަން ފެށި ފަހުން މިއަދާހަމައަށް  ދުނިޔޭގެ އެކި ކަންކޮޅުތަކުން 107.4 މިލިއަނަށް ވުރެ ގިނަ ކޭސް ވަނީ ރެކޯޑް ކޮށްފައެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދުވެސް މިހާރު ވަނީ 2.35 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ.

ކޮވިޑު ކޭސްތައް މަދުވާން ފަށާފައިވާއިރު، ދުނިޔޭގެ ގިނަ ގައުމުތަކަކުން ދަނީ ވެކްސިން ޖަހަމުންނެވެ. އެއާއެކު ވެކްސިނަށް އޮތް ޑިމާންޑު ވެސް އަންނަނީ އިތުރުވަމުންނެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top