އަނަންތަރާ ކިހަވަށް ރިސޯޓުން ގިނަ ބަޔަކު ޕޮޒިޓިވްވެ މޮނިޓަރިން އަށް

l_152187624725IUCf.jpg

އަނަންތަރާގައި ހުންނަ އޮބްޒަވޭޓްރީ -- ފޮޓޯ: ޓްވިޓާ

ބ. އަތޮޅުގައި ހިންގާ އަނަންތަރާ ކިހަވަށް ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ އަދަދު 86 އަށް އަރައި  ރިސޯޓަށް އަރައި ފޭބުން މަނާކޮށްފި އެވެ. އެ ރިސޯޓް މިހާރު ވަނީ ބަންދުވެސް ކޮށްފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެ ރިސޯޓަށް އަންގާފައިވަނީ ފުރާ ޓޫރިސްޓުން ފިޔަވައި އެ ރިސޯޓުން އިތުރު އެއްވެސް މީހަކު ނުފޭބުމަށެވެ.

ރިސޯޓުން ޕޮޒިޓިވް ކޭސްތަކެއް ފެނުނީ ކޮވިޑް ބަލީގެ އަލާމަތް ހުރެގެން ގިނަ ބަޔަކު ޓެސްޓް ކުރުމުންނެވެ. ފުރަތަމަ ނެގި ސާމްޕަލްތަކުން 14 ސާމްޕަލެއް ޕޮޒިޓިވްވި އެވެ.

އެޗްޕީއޭ ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވީ މިހާތަނަށް އެ ރިސޯޓުން 86 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ހޮނިހިރު ދުވަހު ހަތަރު މީހުން އަދި އިއްޔެ ދެ މީހަކު ޕޮޒިޓިވްވި ކަމަށެވެ. އަދި އެރިސޯޓުން ގިނައިން ޕޮޒިޓިވްވެފައިވަނީ މުވައްޒަފުން ކަމަށާއި، ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 142 މީހުންނަކީ ވެސް މުވައްޒަފުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިދުވަސްވަރު ކޮވިޑް ފެތުރުން ވަރަށް ބޮޑަށް އިތުރުވެ، ރިސޯޓުތަކުން ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ ޕޮޒިޓިވް ވަމުންނެވެ.

އެޗްއީއޯސީން ބުނީ ބައެއް ރިސޯޓުތަކުގައި މުވައްޒަފުން އުޅޭ ސަރަހައްދުގައި މާސްކް އެޅުމާއި، ސޯޝަލް ޑިސްޓެންސްއަށް ނުބަލައި ވަރަށް ބޮޑަށް ފަރުވާކުޑަކުރަމުންދާ ކަމަށާ ބަލީގެ އަލާމަތްތައް ހުންނަ މީހުން ތިބި ނަމަވެސް ބައެއް ރިސޯޓުތަކުގައި ޓެސްޓުނުކުރާ ކަމަށެވެ. އަދި މާލެއިން ބައެއް ރިސޯޓުތަކަށް މަސައްކަތްކުރަންދާ މުވައްޒަފުން ކަރަންޓީން ވާން ޖެހޭއިރު، ކަރަންޓީންގެ މުއްދަތު ހަމަނުކޮށް ވަޒީފާއަށް ނުކުންނަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top