ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށްހުޅުވާލައިގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ،ކްލަބު މޯލްޑިވްސް ކަޕް މިއަހަރު މޭ މަހުގެ 13 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމައިފިއެވެ.
ކްލަބު މޯލްޑިވްސްގެ ސްޕޯޓްސް ޑިރެކްޓަރު އިސްމާއީލް ސުވައިދު ވިދާޅުވީ މޭ މަހުގެ 13 އަށް މިމުބާރާތް ތާވަލުކޮށް، އެކަމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ހާލަތު އޮތް ގޮތުން އެ ތާރީހަށް މުބާރާތް ފެށޭނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ސުވައިދު ވިދާޅުވީ މިއަހަރުވެސް މުބާރާތް ހުޅުވާލާނީ އަންހެން އަދި ފިރިހެން ޑިވިޝަނަށް ކަމަށާއި، ފިރިހެން ޑިވިޝަނަށް ހުޅުވާލާނީ 32 ޓީމަށް ކަމަށެވެ.
ކޮންމެ އަހަރަކު ބާއްވަމުން އައި ކްލަބު މޯލްޑިވްސް ކަޕް، މިދިޔަ އަހަރު ނުބޭއްވުނީ ކޮވިޑް 19 ގެ ސަބަބުންނެވެ. ފުރަތަމަ މިދިޔަ އޭފްރިލް މަހުގެ ހަތްވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި ކްލަބް މޯލްޑިވްސް ކަޕް ނޮވެންބަރު މެދުތެރޭގައި ބާއްވަން މަސައްކަތްކުރި ނަމަވެސް ހާލަތު އޮތްގޮތުން އޭރުވެސް މުބާރާތް ބޭއްވޭ ގޮތެއް ނުވިއެވެ.
އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި ކްލަބު މޯލްޑިވްސް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޔުނައިޓެޑް ބީއެމްއެލް އެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.