އިދިކޮޅުން ސީދާ ހަރަކާތަށް!

big_rH3SM4EoKltS8wcXWX1M0wTIY.jpg

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއިދުކޮށް ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމަކީ ސަރުކާރުން ފޮނުވި ހުކުމެއް ކަމަށް އިދިކޮޅުން މިއަދު ތުހުމަތުކޮށްފި އެވެ.

ޕީޕީއެމާއި ޕީއެންސީގެ ޖޮއިންޓް ކައުންސިލުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައި އެގޮތަށް ނިންމީ އެ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ބައްދަލުވުމަށް ހުށަހެޅުއްވި ގަރާރު ފާސްކޮށްގެންނެވެ.

އެ ގަރާރު ހުށަހަޅުއްވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ކުރި ހުކުމަކީ ސަރުކާރުގެ ނުފޫޒާއެކު ކުރި ހުކުމެއް ކަމަށާއި، އެ ހުކުމް ބަލައި ނުގަންނަ ކަމަށެވެ.

“މިހެން ދަންނަވަން ޖެހެނީ އެ ދެ ފަނޑިިޔާރުންގެ ރައުޔުގައި އިސްތިއުނާފުކުރި ފަރާތުން ފާހަގަކުރި ހުރިހާ ނުކުތާއަކަށް ރިއާޔަތްކޮށްފައި ނުވާތީއާއި އިސްލާމީ ޝަރީއަތުގައި މައްސަލަ ސާބިތުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި ގާނޫނުއަސާސީއާއި ގާނޫނުތަކާއި ސުޕްރީމްކޯޓާއި ހައިކޯޓުގެ ނިންމުންތަކާއި ބޭރު ގައުމުތަކުން މިފަދަ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކަށް އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައި ނުވާތީ،” އަބްދުއްރަހީމް އިއްވެވި ގަރާރުގައި ވެއެވެ.

ގަރާރާ ގުޅޭ ބަހުސްގައި ވާހަކަ ދައްކަވަމުން، ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވީ، ފާސިގު ހެކިންގެ ހެކި ބަހަށް ބިނާކޮށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ހުކުމަކީ ބާތިލު ހުކުމެއްކަން ސާފުވާ ކަމަށެވެ.

އަދި ރައީސް ޔާމީންގެ ޖަލު ހުކުމް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން، ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ދެމެހެއްޓީ ސަރުކާރުން ފޮނުވި ހުކުމެއްގެ މައްޗަށް ބިނާކޮށްކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

“މިގައުމު އޮޔާދާކަށް މަޑެއް ނުކުރެވޭނެ. މިސަރުކާރަށް ރައްޔިތުން އެދޭފަދަ ވެރިކަމެއް ނުކުރެވޭނެ. ރައީސް ޔަމީނަށް އިއްވީ ސަރުކާރުން ފޮނުވި ހުކުމެއް. ރައީސް ޔާމީން ޖަލަށް ލާފައިވަނީ މިސަރުކާރު ހަމަހިމޭންކަމާއެކު ވެރިކަން ކުރުމުގެ މަގުސަދުގައި،” އޭނާ ވިދާޅުވި އެވެ.

މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާގައި ދައުލަތުން ބުނެފައިވަނީ، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް އަސްލު އޮޅުވާލާފައިވަނީ އެމްއެމްޕީއާރުސީން ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުން ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށްކުރި ހުކުމަށް ތާއީދުކޮށް އެ ހުކުމް ބަދަލުކުރާނެ ތަނެއް ނެތް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top