( 24 އޯގަސްޓް އާގުޅޭ)
އެއްދުވަހަކު އޭނާ އަހުމަދާ ބައްދަލުކޮށް ރަށުގެ ކުޑަކަތީބުގެ މަގާމު ހުސްވެފައިވާތީ އެކަމަށް ސިޓީލާން އެދުނެވެ. މިއީ އަހުމަދު ވަރަށް ބޭނުންވި ކަމެކެވެ. ފަސްބައި ކިލަނބުވެފައިވާ މީހަކަށް އަލުން މުޖްތަމައު ގަބޫލުކުރާ ވެރިއެއްގެ ގޮތުގައި ބަލައިގަތުމުގެ ފުރުސަތު އޮތް ކަމެކެވެ. އެހެންވެ ބޭބެގެ ބާރުން އެމަގާމު އޭނާ ހޯދައިފި އެވެ. އެއާއެކު އޭނާގެ ނަން ވެސް އަހުމަދުގެ ނަމުން ކުޑަކަތީބުގެ ނަމަށް ބަދަލުވީއެވެ. ފަހާ މީހެއްގެ މަގާމުން ކުޑަކަތީބު ކަމުގެ ވަޒީފާ އަށެވެ.
އަލީގެ ވަޒީފާވެސް ބަދަލުވި އެވެ. އާދައިގެ މަސްވެރިއެއްގެ މަގާމުން ރަށުކޯޓްގެ މަސައްކަތު މީހެއްގެ ވަޒީފާއަށެވެ. އެކަކީ ރަށުގެ ވެރިއެކެވެ. އަނެކަކީ އާދައިގެ މަސައްކަތު މީހެކެވެ. އަލީ މިމަގާމަށް ކުރިމަތިލާން ޖެހުނީ މަސްވެރިކަމުން ފައިސާ ލިބުނަސް ހައްވާފުޅުގެ ސިއްހަތު މަސް ކެއްކުން ފަދަ ގިނައިރު އަލިފާނާ ކައިރީގައި އުޅެން ސިއްހަތު ތަން ނުދޭތީއެވެ. މައިބަދައިގެ މައްސަލަ އުޅޭތީވެ ގުދުވެ އުޅުން މަދުކުރުމަށް ޑޮކްޓަރު ލަފާދީފައި ވާތީއެވެ. ޒަރީނާ ލިބުނު ފަހުން ގެއިން ބޭރުގައި ނޫޅެވުމާ ދަރިންގެކަންތަކުގައި ގިނަވަގުތު ގޭގައިި އުޅެން ޖެހޭތީވެ ކުރިން ހައްވާފުޅަށް ލިބެމުންއައި އާމްދަނީ ވެސް ދަށް ވެއްޖެއެވެ.
އާއިލާއެއްގެ އުފާވެރިކަމަކީ ފުދުންތެރިކަމުގެ މައްޗަށް ބަރޯސާވެފައި އޮންނަ ކަމަކަށް ވާތީ އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދަން ޖެހެއެވެ. އެހެންކަމުން ކުރިން ކުރި ބުރަ މަސައްކަތް ބަދަލުކޮށް ހައްވާފުޅުގެ ލިބާހުން އެއްދަރު ބަނދެލިއެވެ. އަލަށް ފެށި މަސައްކަތަކީ ސަރުކާރުގެ ޚިދުމަތުގައި ތިއްބަވާ ރަށުން ބޭރު މީހުންނަށް ކެއްކުމާއި ކާންދިނުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމެވެ.
ހައްވާފުޅުގެ ދެމަފިރިން ޚިދުމަތްދޭ މީހުންގެ ތެރޭގައި ޑޮކްޓަރުންނާއި ހެޑްމާސްޓަރުންނާއި ޓީޗަރ އެޑިއުކޭޓަރުން ފަދަ މަތީ ގިންތީގެ މީހުންވެސް ހިމެނެއެވެ. މި މީހުންނަކީ ވަކި މުއްދަތަކަށް އައިސް ގޮސްވާ މީހުން ކަމުން އެތައްބަޔަކާ ރައްޓެހިވެ ގާތްކަން އުފެދުނެވެ. ހައްވާފުޅުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވީމާ ތާއެވެ. އެއިން ކޮންމެ މީހަކު ފުރައިގެން ދާއިރު ކާ އެއްޗެތީގެ ރަހަމީރުކަމަށް ތައުރީފްކޮށް ފައިސާގެ އެހީވެސް ވެއެވެ. އޭނާ އިންކާރު ކުރިޔަސް ކޮންމެވެސް ގޮތަކުން އެ އެހީ ހައްވާފުޅަށް ރައްދު ކޮށްދެއެވެ. އަދި ބުނެއެވެ. މާލެގޮސް ދެން ތިބެންވާނީ އަހަރެމެންގެ ގޭގައެވެ. ނުވަތަ މާލެއަށް ހިނގައްޖެނަމަ އަހަރެމެންގެ ގެއަށް ކޮންމެހެން ވެސް އަންނަންވާނެއެވެ.
އެއްފަހަރަކު ޓީޗާސް ޓްރޭނިންގކޯހެއް ހިންގަން އައިބަޔަކަށް ޚިދުމަތް ދޭންޖެހުނެވެ. ގްރޫޕްގައި ފަންސަވީހަކަށް މީހުން ތިބިއިރު އެކޯހުގެ ޓީޗަރ އެޑިއުކޭޓަރުންނަށް ވަޑައިގެން ތިއްބެވީ މާލޭގެ ފެންވަރު ރަނގަޅު އާއިލާއެއްގެ ދެމަފިރިންނެވެ. އެދެމަފިރިންނަށް ހައްވާފުޅުގެ ދަރިން ކިޔެވުމަށް ކުރާ ބުރަމަސައްކަތް ފެނިފައި އެތަނުން އެއް ކުއްޖަކަށް ކިޔަވައިދޭން ނިންމައިފިއެވެ. އެމީހުން އިސްނަގައިގެން އެވާހަކަ ހައްވާފުޅާ ދައްކައިފިއެވެ. ހައްވާފުޅު އެކަމަށް ވަގުތުން ގަބޫލުވި އެވެ. ގަބޫލު ނުވާންވީ ކީއްވެގެން ހެއްޔެވެ. މަންޒިލް އައިސް މުސާފިރާ ބައްދަލު ކުރީއެވެ. އެދެމަފިރިން ރެއާދުވާލު މަސައްކަތް ކުރަނީ ދަރިންނަށް ކިޔަވައިދޭށެވެ. އެދަރިން ބޭނުން ވަރަކަށް ބޭނުން ހިސާބަކަށް ކިޔަވައި ދިނުމަކީ އެމީހުންގެ އީމާނެވެ. ޝާފީއަށް މިހާރު ތޭރައަހަރު ފުރުނީއެވެ. މި އުމުރުގައި އަމިއްލައަށް ގިނަ ކަންތައްތަކެއް ކުރަން އެނގޭނެއެވެ. އެހެންމީހުންގެ އެހީއާނުލާ ސްކޫލަށް ގޮސް އައިސްވުމާ އެއްޗެތި ދޮންނަން ޖެހިއްޖެނަމަ އެކަން ކުރަންވެސް އެނގޭނެ އެވެ.
ހައްވާފުޅު އެ ދެމަފިރިންނަށް ބުންޏެވެ.
”ދެކަނބަލުން އަޅުގަނޑުމެންނަށް ތިޔަ ކޮށްދެއްވަނީ ވަރަށް ބޮޑު ކަމެއް. ޝުކުރު އަދާކޮށް ނިންމާލެވޭ ވަރަށްވުރެ މާ ބޮޑުކަމެއް. އެކަމަކުވެސް ދަންނަވާލަން ބޭނުން. ޝާފީއަކީ ވަރަށް ޅަކުއްޖެއް. ދެކަނބަލުން އިސްނަންގަވައިގެން އޭނާ ތިޔަ ގެންދަވަނީ ކިޔަވައިދެއްވަން. އެކަން ހަނދުމަފުޅު ކުރައްވާތި. އޭނާ ބޭނުން ހިސާބަކަށް ކިޔަވައި ދެއްވުމުގައި ތިޔަބޭފުޅުންގެ އެހީތެރިކަން ލިބޭނެ ކަމާމެދު ޝައްކެއް ނުކުރަން. ”
އޭގެ ދުވަސްކޮޅެއް ފަހުން މުނީފާއަށް ވެސް ހަމަ އެކަހަލަ ރަނގަޅު ފުރުސަތެއް ލިބިގެން އޭނާވެސް ރަށުން ކިޔެވުން ނިންމައިގެން މަތީ ތައުލީމަށް ކިޔަވަން މާލެ ހިނގައްޖެއެވެ. ދެ ދަރިން ފުރައިގެން ދިއުމުން ހައްވާފުޅު ވަރަށް ބޮޑަށް އެކަނިވެރި ކަމުގެ އިހުސާސް ކުރެވެން ފަށައިފި އެވެ. މަސައްކަތުގައި ކަންނެތްވެ ބައެއްފަހަރު ރޮވޭގޮތް ވެސް ވަނީއެވެ. . އެފަދަ ކޮންމެފަހަރަކު އޭނާގެ ޒަމީރު ނަސޭހަތް ތެރިވެއެވެ.
“ހައްވާފުޅާއެވެ. ތިޔައީ ކިހާ ނަސީބު ރަނގަޅު މީހެއްހެއްޔެވެ. މި ރަށުގައި މާލެ ފޮނުވައިގެން ދަރިންނަށް ކިޔަވައިދެވުނީ މަދު ބަޔަކަށެވެ. އެވެސް މުއްސަނދިންނަށެވެ. ކަލޭގެ ދަރިން އެކިޔަވަނީ ބޮޑުލާރި އެއް ވެސް އަތުން ޚަރަދު ނުކޮށެވެ. އެހެންވީމާ އެކަމަށް ޝުކުރުވެރިވާށެވެ. އެކުދިން އެނބުރި އަންނާނީ ހައްވާފުޅު ފަޚްރުވެރިވާފަދަ ދަރިންނަށް ވެގެންނެވެ. ކެތްތެރި ވާށެވެ.”
ޒަމީރުގެ މިނަސޭހަތާއެކު ހައްވާފުޅަށް ހިނިތުންވެލެވެއެވެ.
އޭނާ ބަރާބަރަށް ކުދިންނަށް ސިޓީފޮނުވައެވެ. ދީނީ ކަންކަމަށް ފަރުވާކުޑަ ނުކުރުމަށާއި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ތަކުރާރުކޮށް ލިޔެއެވެ. ރަށުން ފުރާ ކޮންމެ ބައްތެއްޔަކުން ހަދިޔާބަަދިޔާ އާއި ދަރު ކާއްޓާ މަސްފަދަ ތަކެތި ފޮނުވައެވެ. ކޮންމެ ދެމަހުން އެއްފަހަރު މާލެގޮސް ކުދިންގެ ހާލުއަހުވާލު ބަލައެވެ.
ޝާފީއަކީ ވަރަށް ހިތްއަލި ތޫނުކުއްޖެކެވެ. އަޚްލާގުވެސް ރަނގަޅު ކުއްޖެކެވެ. އެގެއަކީވެސް ކުޑަވަރެއްގެ މަދަރުސާއެކެވެ. ނާދިޔާ އަކީ ޓީޗާ އެޑިއުކޭޓަރެވެ. ގޭގައި ހޭދަކުރާ ހުސްވަގުތުގެ ބޭނުން ގިނައިން ހިފަނީ ކޮންމެވެސް ކުދިންތަކަކަށް ކިޔަވައިދިނުމުގައެވެ. ނޫންނަމަ ދެން ފެންނާނީ ކޮންމެވެސް ފޮތެއްގެ ތެރެއަށް ގެއްލިފައި އިންދައެވެ. ނުވަތަ ފިރިކަލުން އަބްދުﷲއާއެކު ކޮންމެވެސް އިލްމީ މައުޟޫއަކަށް ވާހަކަ ދެއްކުމުގައެވެ. އެއަޑުތައް އަހަން އިންނާނީ ޝާފީއެވެ. ފޮތްކިއުމަށް ޝާފީ ޝައުގުވެރިވީ އެހިސާބުންނެވެ. އޭނާގެ ކިޔެވުމަށް ނާދިޔާ ވަރަށް ބޮޑު އިސްކަމެއްދެއެވެ. ކޮންމެ ދުވަހަކުވެސް އެކަމަށް ވަގުތުކޮޅެއް ހުސްކުރެއެވެ. މިހެންވުމުން ޝާފީގެ ތައުލީމީ އުދަރެހުގައި ދަނީ ރީތި ކުލަތަކެއް ޖެހެމުންނެވެ.
މުނީފާ އަކީ ޝާފީ ފަދައިން ކިޔެވުމަށް މޮޔަވެފައިހުރި ކުއްޖަކަށް ނުވާތީ ޝާފީ ގެންނަ ކަހަލަ އޭ ޕްލަސް ރިޕޯޓެއް ނުގެނެވެއެވެ. އެހެންނަމަވެސް އޭނާ ވެސް އައީ ކިޔަވަމުން މޮޅުވަމުންނެވެ.
މަންމައާއި ބައްޕަގެ ހެޔޮދުޢާ އާއި ބަސްއަހައިގެން ކިޔެވުމުގައި ދެކުދިން ވެސް އައީ ބާރުމިނުގައި ކުރިއަށެވެ. ދެންހުރީ އެދެބައިންނަށްވުރެ ފަސް އަހަރު ހަގު ޒަރީނާއެވެ. އޭނާ މާލެ ފޮނުވަން ހައްވާފުޅު ބޭނުމެއް ނޫނެވެ. ރަށުން އޯލެވެލްއާ ހަމައަށް ކިޔެވޭތީއާވެސް އެކުގައެވެ. ކޮންމެވެސް އެއްކުއްޖަކު މައިންބަފައިން ގާތުވެސް ހުންނަން ޖެހޭނެ ތާއެވެ. އެއީ ޒަރީނާވެސް ބޭނުންވާގޮތެވެ.
ރާއިފާއަކީ އަމީނިއްޔާ ސްކޫލްގެ މުސްކުޅި ދަރިވަރަކަށް ވެފައި މިޒަމާނުގެ ތައުލީމު ލިބިފައިވާ މީހަކަށް ވުމާއެކު ވެސް ދަރިންނަށް ކިޔަވައިދިނުމުގައި ރާއިފާއުޅެނީ ހައްވާފުޅާ ވާދަކުރެވޭ ވަރަށްވުރެ މާފަހަތުގައެވެ. އޭނާއަކީ ރަށުން ބޭރުގައި ޚާއްސަކޮށް މާލޭގައި ދަރިން ބައިތިއްބައިގެން ކިޔަވައިދެވޭ ފެންވަރުގެ މީހެއް ނޫނެވެ. ނަމަވެސް އޭނާގެ މަގްސަދުގައި ކުރިއަށް ދިއުމަށް ނިޔަތްގަނެގެން މަސައްކަތް ކުރުމުން ނަސީބު އެހީ ވީއެވެ. އޭނާގެ ދަރިންނަށް ކިޔަވައިދެނީ ރާއްޖޭގައިހުރި އެންމެ މޮޅު ސްކޫލްތަކުންނެވެ.
ރާއިފާގެ ދަރިން ކިޔަވަނީ ރަށު ސްކޫލްގައެވެ. އެހާރަނގަޅު ނަތީޖާއެއް ނުހޯދެއެވެ. ދަރިންނަށް ތައުލީމު ދިނުމުގައި އެހާބޮޑު ޝައުގު ވެރިކަމެއް ނުހުރެއޭ ބުނުން އެއީ ހަގީގަތެވެ.
އަހުމަދަކީ ރަށުގެ ގަދަރުލިބިގެންވާ ކުޑަކަތީބެވެ. އެއްވެސް ސަބަބަކާ ހުރެ ކަތީބުކަމުގެ މަގާމު ހުސްވިޔަސްް ދެން އެމަގާމަށް އަންނާނީ އޭނާ އެވެ. އެކަމަކު އެއަށްވުރެކުރިން އޭނާ އަނެއްކާވެސް ގޯސް ހަދައިފިއެވެ. ރަށުއޮފީހުގެ ތިޖޫރީން ފައިސާ ތަކެއް މަދުވީއެވެ. ކޮންމެ މީހަކު ކުރިކަމެއްކަމުގައި ވިޔަސް ތިޖޫރިއާ ހަވާލުވެގެން ހުންނަނީ އޭނާއެވެ. އެހެންކަމުން އެއީ އަހްމަދުގެ އިހްމާލުންވީ ކަމެއްކަމުގައި ޝަރީއަތުން ނިންމައި ތިން އަހަރަށް އަރުވާލަން ހުކުމްކޮށްފިއެވެ.
ރާއިފާގެ މުސްތަގުބަލްގެ ގަނޑުވަރު އަނެއްކާވެސް ފުނޑުފުޑުވީއެވެ. ދެވަނަ ފަހަރު އޭނާއާއި ދަރިންގެ ކުރިމަގު ބަނަވާނެ ފަދަ ނުބައި އަމަލެއް އަހުމަދު ތަކުރާރު ކުރާނެ ކަމަށް އޭނާ ހިއެއް ނުކުރެއެވެ. އެކަމަކު މިއީ އަމިއްލައަށް ލިބިގަތް އަނިޔާއެކެވެ. ޣަރަގުވާނެކަން އެނގިހުރެ ކަނޑަށް ފުންމާލީއެވެ.
އަހުމަދު ފުރަތަމަ ފަހަރު އަރުވާލުމުން އާއިލާއިން އެދުނީ އޭނާއާ ވަކިވެގެން ގޭގައި މަންމަ އާއެކު އިނުމަށެވެ. އެކަމަކު އެއަޑުނާހާ އަހުމަދު ޖަހާހާ ބެރަކަށް ނެށީއެވެ. އަހުމަދާއި ވަކިވާކަށް ނޫޅުނެވެ.
އަނެއްކާވެސް އަހުމަދުގެ އަސްލު ސިފަ ފެނުނީއެވެ. ދެންވެސް އަހުމަދު އައިސް ރޮއިގަންނަ އިރަށް މާފުކުރަންވީ ހެއްޔެވެ. ނޫނެކެވެ. މިފަހަރު ޖެހޭނީ ނިމޭށެވެ. އޭނާއާ އަހުމަދު އާއެކު އޮތް ގުޅުން އަބަދުގެ އަބަދަށް ކަނޑާލާށެވެ. ދަރިންނަށްޓަކާ އެއްފަހަރު އެފުރުސަތު ދެވިއްޖެއެވެ. ދެން އޮތީ ނިމުމެވެ.
އަހުމަދު ތިން އަހަރަށް އަރުވާލުމަށް ކޯޓުން ހުކުމް ކުރުމަށް ފަހު މާލެ ފުރަން ވަންދެން ގޭބަންދަށް ގެނައީ ރާއިފާމެންގެ ގެއަށެވެ. އެވަގުތު ރާއިފާގެ ރުޅި ކޮންޓްރޯލުން ނައްޓާލިއެވެ. ކޯޓްގެ ޕިޔޯނުގާތު ބުންޏެވެ.
“މީ ކުށްވެރިންގެ ޖަގަހައެއް ނޫން. މިގޭގައި ދިރިއުޅެނީ އަބުރުވެރި މީހުން. ކުރިއަށް އޮތް ތަނުގައިވެސް އެކަން ހަނދާންކުރާތި. އޭނާ ގެންދާނެ ތަނެއް ނެތިއްޔާ ޖަލަށްލާ!. ” އެހެން ބުނުމާއެކެ ރާއިފާ އެތެރެއަށް ވަދެއްޖެއެވެ.
އަހުމަދު ބަންދު ކުރަން ގެންދިޔައީ އެމީހުންގެ މުސްކުޅިގެއަށެވެ. އެގެއިން އެންމެފުރަތަމަ ވެސް ފެނުނީ މިހުރިހާ ދުވަހު ހަނދާން ނައްތާލާފައިވާ ދަރިފުޅު ހަފީޒެވެ. ދަރިފުޅާއޭ ކިޔާފައި ހަފީޒަށް ފުރަތަމަ ފަހަރު އޭނާ ގޮވާލިއެވެ. ހަފީޒް އެއަޑު އިވުނު ކަމަކަށް ނުހެދިއެވެ. ބައްޕަ އޭނާގެ މަތިން ހަނދާން ނައްތާލި ފަދައިން އޭނާވެސް އެގޮތަށް އަމަލުކުރީއެވެ. އެތަނުން ނުކުމެގެންވެސް ދިޔައީއެވެ. ބައްޕަގެ މޫނު ދެކެން ބޭނުންނުވަނީ އެވެ. އެކަމަކު މިއަދު އެކަމާ ދެރަވާން އަހުމަދަށް އެނގިއްޖެއެވެ. އޭނާގެ ފުރަތަމަ ދަރިފުޅުގެ ނިކަމެތިކަމާ މައިންބަފައިން ތިބެމެ ޔަތީމު ހާލުގައި ބޮޑުވަމުން ދާން ޖެހިފައި އެވަނީ އޭނާގެ ގޮތެއް ނެތުމުން ކަމަށް ގަބޫލު ކުރެވިއްޖެއެވެ.
ގޭތެރެއަށް ވަދެ ފެންޑާގައި ހުރި ސަރަންފީގައި އޮށޯވެލިއެވެ. ހުރިހާ ހިތާމައެއް ބޮލިއަޅައިގެން ދުނިޔެ ބޮޑު ބުރައަކަށް ވެއްޖެކަމުގެ ފުން އިހްސާސާ އެކުގައެވެެ. ހަދާނެ ގޮތެއް ކުރާނެކަމެއް ނެތި އެގޮތުގައި އިރުކޮޅެއް ވޭތުވެދިޔަތަނާ ހޭވެރިކަންވީ މީހަކު ސަލާންގޮވާލި އަޑަށެވެ.
އެއީ ރާއިފާ ފޮނުވައިގެން އައި ދެމީހުންނެވެ. އެމީހުން އެއައީ ރާއިފާގެ ފަރާތުން ވަރިއަށް އެދިއެވެ.
މި ކަހަލަ ކަމަކަށް ތައްޔާރުނުވެ ހުއްޓާ ބޯމައްޗަށް ބިންދާލި މިރާޅުން އަނެއްކާވެސް އޭނާއަށް ލިބުނީ ޝޮކެކެވެ. ކުއްލި ހައިރާންކަމެކެވެ.
“ތިޔަކަމާ ވިސްނާލަން ވަގުތުކޮޅެއް ބޭނުން.” އަހުމަދަށް ބުނެވުނީ ހަމައެކަނި މިހެންނެވެ.
އެމީހުން ދިޔައީ އަހުމަދުއަށް 24 ގަޑިއިރުގެ މުހުލަތު ދީފައެވެ.
މިއީ އަހަންނަށް ހުރިގޮތޭ ތަގްދީރުގައި ވާގޮތޭ ދުނިޔެ އަހަރެންނަށް މިދައްކަނީ ކޮންފަދަ އަނިޔާއެއްހޭ ކިޔައިގެން މީހުން ޝަކުވާކޮށް ރޮއިހޭރޭއިރު ދުނިޔެ އެމީހާއަށްކުރީ ކޮންކަމެއް ހެއްޔެވެ. ހުރިހާކަމެއް ޤަޟާ ޤަދަރާ މަތިކުރާއިރު ތަގްދީރު ކުރައްވާނީ އެމީހަކު އުޅޭ ގޮތަކަށެވެ. އިލާހީ ގާނޫނާ ޚިލާފުވެ ހަމައެކަނި ދުންޔަވީ އެދުމުގައި އަބުރު ނަގާލާފައި މީ އަހަންނަށް ހުރިގޮތޭ ނުބުނެވޭނެއެވެ.
އަހުމަދުއަކީ ނިކަމެތި އަންހެނަކަށް ވޭންދެނިވި އަނިޔާތަކެއް ދިން މީހެކެވެ. އޭގެފަހުން ވެސް އޭނާއަކަށް މަޑަކުން ނުހުރެވުނެވެ. ކުށަކަށް ފަހު ކުށަކަށް އަރައިގަންނަމުން އައިއިރު ކޮންމެވެސް ދުވަހަކުން މިކަމުގެ ޝަޒާ ލިބޭނެ ކަން ނޭގުނީ ދުނިޔެއާ ހުރެ މޮޔަވެފައިހުރުމުންނެވެ. މުލައްދަނޑީގެ ބާރުން ނޫން ގޮތްގޮތުން ހޯދާ ފައިސާއަކީ ހަލާލު ނޫން ފައިސާކަން އެނގިހުރެ އަނބިދަރިންނަށް އެ ކާންދެވެނީ ހަރާން ތަކެތިކަން އެނގޭނެ އެވެ. އެކަމާ ޖަވާބުދާރީ ވާންޖެހޭ ދުވަސް އަންނާނެ ކަން އެނގެންވާނެއެވެ.
މިއަދަކީ އެދުވަހެވެ. ދުނިޔޭގައި އޭނާކުޅަ ނުބައި ކަންތަކުގެ އުގޫބާތް ދުނިޔޭގައި ލިބެނީ އެވެ. އަދި އާޚިރަތުގެ ގިނި މާ ގަދަފަދަވާނެއެވެ.
އަހުމަދު އާއި ބައްދަލުކުރަން ދަރިއަކު ނާދެ އެވެ. ރައްޓެއްސަކުވެސް ނާދެއެވެ. އެއީއޭނާ އެދޭ ގޮތް މެއެވެ. އެމީހުން އައިސްގެން އިތުރަށް ލަދުގަންނަން ޖެހޭނެތީ އެވެ. ހަފީޒް އާއި އޭނާ އުޅެނީ އެއް ގެއެއްގައި ވިޔަސް އެދެމެދުގައި ގުޅުމެއް ނެތެވެ. ހަފީޒް އާއި ވާހަކަދައްކަން އަހުމަދު ކިތަންމެ ބޭނުންވިޔަސް އޭނާ އަހުމަދު ދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ.
އަހުމަދު ވިސްނަމުން ދިޔައީ ރާއިފާއާ މެދުގައެވެ. އޭނާ ފުރައިގެންދާއިރު ރާއިފާ މިނިވަން ކޮށްދޭން ޖެހޭނެކަމުގައި ހިތް އެބަ ބުނެއެވެ. މިގޮތް އޭނާ ގަބޫލު ނުކުރާނަމަ ރާއިފާ އިންނާނީ އޭނާގެ އަނތްބެއްގެ ގޮތުގައި ހަމައެކަނި ނަމެއްގައެވެ. ކަމެއްނެތް ނަމެއްގައެވެ. މިއީ އަޅުވެތި ކުރުމެވެ. ރާއިފާގެ ހައްގުތައް އަދާ ނުކޮށްދެވޭ ހިނދުު އޭނާގެ ހައްގުތަކަށް އަރައިގަނެވެނީ އެވެ. ރާއިފާދެކެ ލޯބިވާނަމަ، ރާއިފާ، އޭނައަށް ޓަކާވީ ގުރުބާނީގެ އަގު ވަޒަން ކުރާނަމަ އެންމެ ފުރަތަމަ ކުރަން ޖެހޭކަމަކީ ރާއިފާ ވަރިކުރުމެވެ. ވަރި………..؟ އޭނާ އަށް ވަރަށް ފުން އަސަރެއް ކޮށްފިއެވެ. ދަރިންގެ މަންމަ، ލޯބިވާ ރާއިފާ ހިތުން ރުހުމުން ވަރިކުރުން ނޫން އެހެން މަގެއް ނެތްބާއެވެ.؟ އެ ޚިޔާލުގައި އިންދާ އިއްޔެ ރާއިފާ ފޮނުވައިގެން އައި ދެމީހުން އޭނާގެ ގާތަށް އަތުވެއްޖެއެވެ.
އެދެމީހުންގެ ހާޒިރުގައި އަހްމަދު ރާއިފާ ވަރިކުރީ އެހެން އެއްވެސް މަގެއް އެކަމުގައި ނުފެނިގެންނެވެ.
އޭނާއަށްް އޮތް ހަމަ އެކަނިގޮތަކީ ރާއިފާ އެދޭ ފަދައިން މިނިވަންކުރުމެވެ. (ނުނިމޭ(








