ލޯކަލް ކައުންސިލް އިންތިހާބު ލަސްލުރަނީ ސަރުކާރު ފެއިލްވެފައިވާ މިންވަރު ރަނގަޅަށް އެނގި ހާމަވާނެތީ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި މިހާރު އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއްޔެ އިތުރުކުރުމާ ގުޅިގެން، މާރޗް މަހުގެ 6 ގައިވެސް ކައުންސިލް އިންތިޚާބު ނުބޭއްވޭނަކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
“މިއީ ސަރުކާރުން ރާވައިގެން ޤަޞްދުގައި ކުރާ ކަމެއް. އިންތިޚާބު ބާއްވައިފިނަމަ ސަރުކާރު ފެއިލްވެފައިވާ މިންވަރު ރަނގަޅަށް އެނގި ހާމަވާނެތީ ކުރާ ކަމެއް” މެންބަރު އާދަމް ޝަރީފް ކުރެއްވި މިޓްވީޓުގައި އިތުރަށް ވިދާޅުވެފައިވެއެވެ.
ކޮވިޑް-19 އާ ގުޅިގެން ގައުމުތަކުން ބަލިން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އަޅާފައި ވީނަމަވެސް، ކޮވިޑް-19 ގެ އެންމެ “ޕީކް” ދުވަސްވަރުގައިވެސް ދުނިޔޭގައި ބޮޑެތި އިންތިޚާބުތައް ބާއްވާފައި ވާކަން ފާހަގަކުރެވެއެވެ. އަވައްޓެރި ސްރީލަންކާގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ އެމެރިކާގެ ރިޔާސީ އިންތިޚާބުވެސް ވަނީ ބާއްވާފަ އެވެ.
ހަމައެހެންމެ ރާއްޖޭގައިވެސް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު، ކުޅިވަރު މުބާރާތްތަކާއި ސިޔާސީ ހަރަކާތްތަކާއި އެއްވުންތައްވެސް އުސޫލުތަކަކާ އެއްގޮތަށް ބޭއްވުމުގެ ހުއްދަ ދީފައި ވާއިރު، ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކުގެ އިތުރުން ވެރިކަން ކުރަމުންދާ ޕާޓީގެ މަޖްލިސް މެންބަރުންނާއި އަދި ދައުލަތުގެ އެންމެ އިސްވެރިންވެސް މާލެއިން އަތޮޅުތަކަށް ދަތުރުކުރައްވަމުން އެބަގެންދަވައެވެ. އެކަންކަމުގެ ތެރެއިން އާންމުންނާއި ސްކޫލް ކުދިންވެސް އެއްކޮށްގެން ހަރާކާތްތައް ހިންގަމުންދާއިރު ކައުންސިލް އިންތިޚާބު ފަސްކުރެވިގެންދާތީވެ އިދިކޮޅުގެ އިތުރުން ގިނަ އާންމު ރައްޔިތުންވެސް ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.