ފުޓްސަލް ދަނޑުތައް އެޅުމުގެ ވާހަކަ މަޖިލީހުގައި ބަހުސަކަށް

big_UedOlzXK9sFnq13Sui9ykhEKP.jpeg

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް--ފޮޓޯ : މަޖިލިސް އިދާރާ

އަންނަ އަހަރުގެ ބަޖެޓުގައި ރަށްރަށުގައި ފުޓްސަލް ދަނޑުތައް އެޅުން އިތުރުވުމުން މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން މިއަދު މިއޮތް ހާލަތަކީ މީގެ ކުރިން ތަހައްމަލު ކުރަން ނުޖެހޭ ފަދަ އުނދަގޫ ހާލަތެއް ކަމަށާއި، ބަޖެޓް ކަނޑައަޅަންވާނީ ހާލުގައި ޖެހިފައި ތިބި ދިވެހީންގެ ހިތްތަކަށް ކޮންމެސް ވަރެއްގެ ތަސައްލީ އެއް ލިބޭނެފަދަ ގޮތަކަށް ކަމަށެވެ.

އެގޮތުން ގިނަ ވަޒީފާތައް އުފެއްދުމާއި، ލޯންތައް ދީގެން ވިޔަސް ރައްޔިތުންނަށް އާއްމުދަނީއެއް ލިބޭނެ މަގު ހޯދައިދެއްވުމަށް ބަޖެޓުގައި ފޯކަސް ކުރަން ޖެހޭ ކަމަށާއި، ރަށްރަށުގައި ކިތަްމެ ގިނައިން  ފުޓްސަލް ދަނޑުތައް އެޅިޔަސް އެކަން ހައްލު ނުވާނެ ކަމަށް މީކާއިލް ވިދާޅުވި އެވެ.

“މިހާލަތުގައި ތިއްބާ ކޮން ދިވެެއްސެއްތޯ ހަގީގީ މާނައިގައި ބޭނުންވާނީ ފުޓްސަލް ދަނޑެއް އަޅަން؟ ފުޓްސަލް ދަނޑަކުން ދިވެހި މީހާގެ ބަނޑު ފުރާނެ މުއްތި ނުކުރެވޭ. ފުޓްސަލް ދަނޑަކުން ކަރަންޓް ބިލާއި ފެން ބިލާއި ފޯނު ބިލެއް ނުދެއްކޭ. ފުޓްސަލް ދަނޑަކުން އޭނާގެ މޯގޭޖް ޕޭމަންޓެއް ނުދެއްކޭ. ފުޓްސަލް ދަނޑަކުން އިތުރު ވިޔަފާރީއެއް ދައުލަތަކަށް ނުލިބޭ،” މީކާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިފަދަ ގޮތަކަށް ދައުލަތަށް މިވަގުތު ލިބިފައިވާ މަދު ފައިސާކޮޅު ހަރަދު ކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި، ޕީއެސްއައިޕީގެ ޕްރޮޖެކްޓައް މިހިނދުން މިހިނދަށް މަޑުޖައްސާލަން ޖެހޭ ކަމަށެވެ.

މީކާއިލްގެ މިވާހަކަތައް ދިފާއު ކުރައްވައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲ ވިދާޅުވީ، ކޮވިޑް-19ގެ ހާލަތާ ގުޅިގެން މުޅި ދުނިޔެއާ އެކު ރާއްޖެއަށް ލިބެމުންދިޔަ އާމްދަނީ ގާތްގަނޑަކަށް ހުއްޓި، އިގުތިސާދު 25 އިންސައްތަ ދަށަށް ގޮސް، ރައްޔިތުން ނިކަމެތި ވެފައިވާ ކަމަށެވެ.

މި ސަބަބަށްޓަކައި އީވާ ވަނީ އިގުތިސާދު އަލުން ހިންގުމަށްޓަކައި ސަރުކާރުން ފައިސާ ޕަމްޕުކުރުމަށް އިއުލާނު ކޮށްފައިވާ ޕޮލިސީއާ މެދު ކަންބޮޑުވުންފާޅުރައްވައިފަ އެވެ.

“އެންމެނަށްވެސް އިނގޭ އާމްދަނީ ކުޑަކަން. އެންމެނަށް ވެސް އިނގޭ މިހުރިހާ ފުޓްސަލް ދަނޑުތައް އަޅުގަނޑުމެންނަށް ނޭޅޭނެކަން.” އީވާ ވިދާޅުވި އެވެ.

މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ބަޖެޓުގައި ޕީއެސްޕީއައިގެ ޕްރޮޖެކްޓްތައް ގިނައިން ހިމެނުމަކީ މައްސަލައެއް ނޫންކަމަށާއި، ބަޖެޓަކީ އަންދާޒީ ބަޖެޓެއް ކަމަށެވެ. އަދި އެ އަންދާޒާ ކުރާ މިންވަރަށް އާއްމުދަނީ ނުލިބޭ ނަމަ އެކަންކަން ނުކުރެވޭނެކަން އެބަ އެނގޭ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

“އަޅުގަނޑަށް އިނގޭނީ އަޅުގަނޑަށް ގުޅާފައި، އަޅުގަނޑުގެ ދާއިރާގެ ޒުވާނުން މި ފުޓްސަލް ދަނޑެއްގެ ވާހަކަ ދައްކާ މިންވަރު،” ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ، ކުޅިވަރު ދަނޑުތައް ގިނަ ކުރުމަކީ ސިއްހީ ނިޒާމާއި ގުޅިފައި އޮތް ކަމެއް ކަމަށާއި، ކަސްރަތު ކުރުމަކީ ސިއްހީ ނިޒާމަށް ހަރަދުކުރަން ޖެހޭ މިންވަރު މުސްތަގުބަލުގައި ކުޑަވާނޭކަމެއް ކަމަށެވެ. އެހެން ކަމުން ކުޅިވަރު ދަނޑުތައް އިތުރު ކުރުމުން ފައިދާ ވާނީ ހަމައެކަނި އެ ކުޅޭ ބަޔަކަށް ނޫން ކަމަށާއި، އެކަމުގެ ސަބަބުން މުސްތަގުބަލުގައި ހަރަދުތަކެއް ކުޑަވާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top