ކުންފުނިތައް ނީލަން ކިއުން ރައީސް ޔާމިން ކުށްވެރިކުރައްވައިފި

Yameen-legal-Team-750x375.jpg

ޕްރައިވަޓައިޒޭޝަންގެ ނަމުގައި ކުންފުނިތައް ނީލަން ކިއުމާއި ޖުޑިޝަރީއަށް ނުފޫޒު ފޯރުވަމުންދާ ދިއުން  ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުށްވެރި ކުރައްވައިފިއެވެ.

ޔާމީން މިކަން ކުށްވެރި ކުރެއްވިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދެވެ.

ރައީސް ޔާމީން އާއި މިއަދު ބައްދަލު ވުމަށްފަހު ޑރ. ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން އާއި ބައްދަލުވިއިރު، މި ސަރުކާރުން ޖުޑީޝަރީ އަށް ނުފޫޒު ފޯރުވުމާއި، ޕްރައިވަޓައިޒޭޝަންގެ ނަމުގައި ކުންފުނިތައް ނީލަން ކިޔުން އަދި ކޮސްމެޓިކް ބަޖެޓް އެމަނިކުފާނު ކުށްވެރި ކުރެއްވި ކަމަށެވެ.

އަދި ޕީޕީއެމުން ފޯކަސް ކުރަންވީ ރައްޔިތުން ބޭނުންވާ ބަދަލު ގެނެސްދޭން ކަމަށާއި ދެންވެސް ތަރައްގީ ގެނެސްދެވޭނީ އެ ޕާޓީ އަށް ކަމަށް ޖަމީލުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ކުންފުނިތައް ނީލަން ކިޔުން ޔާމީން ކުށްވެރި ކުރައްވާފައިވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވެޓައިޒްކޮށްގެން 462.6 މިލިއަން ރުފިޔާ ހޯދަން ހިމަނާފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމަކީ ވިއްކާލުން ނޫން ކަމަށާއި، ޕްރައިވެޓައިޒް ކުރުމުގެ ސަބަބުން ދައުލަތަށާއި އާއްމުންނަށް ލިބޭ މަންފާ އިތުރުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި ބަދަލާއެކު ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ ކޮރަޕްޝަނަށް އޮންނަ މަގު ކުޑަ ވެގެންދާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އެގޮތުން މިހާރުވެސް ސަރުކާރަށް އެންމެ ބޮޑު ފައިދާއެއް ލިބެނީ ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތަކާ އެއްގޮތަށް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްގެން ހިންގާ ކުންފުނިތަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top