ހެލްތް މިނިސްޓަރު އަމީން، މަގާމުން އިސްތިއުފާ ދެއްވައިފި

ameen3.jpg

ހެލްތު މިނިސްޓަރު، އަބްދުﷲ އަމީން

ހެލްތު މިނިސްޓަރު އަމީން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އަމީން މަގާމުން އިސްތިއުފާ ދެއްވާކަން ހާމަކުރެއްވީ ރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވިސިޓީއެއްގަ އެވެ.

އެ ސިޓީގައި ވިދާޅުވެފައިވަނީ މިހާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުންކަމަށް ގަބޫލުކުރެވޭތީ އާއި އިސްތިއުފާ ދެއްވީ ރައީސް ސޯލިހާއެކު މަޝްވަރާތަކެއް ކުރެއްވުމަށް ފަހުގައި ކަމަށެވެ.

“އަޅުގަނޑު މަގާމުން ދުރުކުރުމަށް، ވާންކުރާ ކުރުމަކީ ކޮންމެހެން އަޅުގަނޑަށް އަމާޒުވާ އެތިފަހަރެއް ކަމަކަށް ނުދެކެމެވެ. އަދި މި ހާލަތާ ގުޅިގެން މަނިކުފާނާއި ކުރެވުނު މަޝްވަރާއިން ހާލަތު އަޅުގަނޑަށް ވަޒަން ކުރެވުނެވެ. އެހެންކަމުން މި ހާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު މަގާމުން އިސްތިއުފާ ދިނުންކަމަށް ގަބޫލުކުރެވޭތީ، މިއަދުން ފެށިގެން މިނިސްޓަރު އޮފް ހެލްތުގެ މަގާމުން އަޅުގަނޑު އިސްތިއުފާދީފީމެވެ.” އިސްތިއުފާގެ ސިޓީގައި އަމީން ވިދާޅުވި އެވެ.

އަމީން އިތުރަށް ވިދާޅުވީ، ރައީސް ސޯލިހުގެ ވެރިކަމުގެ އުންމީދު ގުޅިފައިވަނީ އަންނަން އޮތް އެތައް ޖީލަކާ ކަމަށާއި ނަމަވެސް އެ ކަމަށް ހުރަސްއެޅުމަށް، އުންމީދުތައް ނެތިކޮށްލުމަށް އަދި އެމަނިކުފާނު ބަލިކޮށްލުމަށް ރޭވުންތެރި މަސައްކަތްތައް އަމާޒުވެފައިވާ ކަމަށެވެ. އަދި ހަގީގަތެއް އަދި އަސާސެއް ނެތް ކަންކަމުގެ ވަސްވާހުގައި ސަރުކާރު ބަލިކޮށްލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އަމީން މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އެމްޑީޕީގެ 24 މެންބަރުން، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު މަޖިލީހަށް ވައްދާފައިވަނިކޮށެވެ.

އެމްޑީޕީން މައްސަލަ މަޖިލީހަށް ވައްދަން ނިންމީ ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގުކޮށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއެކު އެ މިނިސްޓްރީގެ އިސް މަގާމުތަކުގައި ތިއްބެވި 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވި، ރިޕޯޓުގެ މައްސަލައިގައި އަމީނަށް ދައުވާ ނުކުރަން ނިންމައި، ޕީޖީ އޮފީހުން މިއަދު އެ މައްސަލަ އަނބުރާ ފޮނުވާލުމާ ގުޅިގެންނެވެ.

ވެންޓިލޭޓަރުތަކުގެ ކަންތައް ހިގައި ދިޔަގޮތާ ބެހޭ ގޮތުން އޮޑިޓް އޮފީހުން އާންމުކުރި ހެލްތު މިނިސްޓްރީގެ ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓުގައި ދުބާއީ ކުންފުންޏަކަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި އިރު އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ބަލާފައިނުވުމާއި އެ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް 34,502,250 ރުފިޔާއަށް ހަވާލުކުރި ނަމަވެސް އެފަދަ ބޮޑު މަޝްރޫއެއް ކުންފުންޏަކާ ހަވާލުކުރާއިރު އެކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލުކަން ލިބިފައިވާ ކުންފުންޏެއްކަން ބަލައިފައެއް ނުވެ އެވެ.

މީގެ އިތުރުން ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް ދުބާއީގެ އެގްޒެކިއުޓާސްއާއެކު ހެދި އެއްބަސްވުމުގެ ދަށުން ހެލްތު މިނިސްޓްރީން ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ދެ ފަހަރެއްގެ މަތިން އެ ޕްރޮޖެކްޓުގެ އަގުގެ ޖުމްލަ 90 ޕަސެންޓް ކަމުގައިވާ 30.9 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައިވާ ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށް ލިބިފައިވަނީ އެންމެ 10 ވެންޓިލޭޓަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top