ޤައުމީ ބަޠަލުންގެ ޒިކުރާ އާކުރުން ޒަމާނަށް ފައްތަންޖެހިފައި

kalhuofummi.jpg

(އެޑިޓަރުގެ ނޯޓް. މިއީ ”އަދިވެސް“ ނޫހުގައި، ކޮލަމް: ”ގާދޫކޮލުން ބޭރުން“ މުހައްމަދު ހުސެން ޝަރީފް (މުންދު) ލިއުއްވާފައިވާ ވަރަށް ތަފާތު މޮޅު އަދި މުއްސަނދި ލިއުއްވުމެކެވެ. މިއަދާ ވަރަށް މުނާސަބު ލިއުއްވުމެއްކަމަށްވާތީ އީވީގެ އަހުލުވެރިންނަށް ހިއްސާ ކޮށްލާ ހިތް ވީއެވެ.)

 

ސާދާ ސުވާލެއް ދަންނަވާލަންތޯ އެވެ؟ ވިސްނާވަޑައިގެން، ޖަވާބު ދެއްވަން އެއް މިނެޓުގެ ވަގުތު އަރުވާނަމެވެ.

ޤައުމީ ދުވަހާއި، ޝަހީދުންގެ ދުވަހާއި، ހުރަވީ ދުވަސް އަދި ނަޞްރުގެ ދުވަސް ނިސްބަތްވާ ޤައުމީ ބަޠަލުންނަކީ ކޮބައިތޯ؟

ފަސޭހަކޮށްލަން، އިތުރު މަޢޫލޫމާތެއްވެސް އަރުވާނަމެވެ. އެ ބަޠަލުންގެ ނަންފުޅުތަކެވެ. ނަމަވެސް، ތަރުތީބު އޮޅުވާލާނަމެވެ. އެ ހަތަރު ބަޠަލުންނަކީ ދޮންބަންޑާރައިން، ބޮޑުތަކުރުފާނު، ޝަހީދު ޙުސައިން ޢާދަމް އަދި ޢަލީ ރަސްގެފާނެވެ.

އިތުރަށް ކުރިއަށް ނުގޮސް، މިނިޓެއް މަޑުކޮށްލާނަމެވެ.

މުހައްމަދު ތަކުރުފާނުގެ ޒިޔާރަތް، މާލޭ ބިހުރޯޒު ކަމަނާ މިސްކިތުގައި

ވަގުތު ހަމަވެއްޖެއެވެ. ޖަވާބު އަރުވާނަމެވެ. ޤައުމީ ދުވަސް ނިސްބަތްވަނީ ބޮޑުތަކުރުފާނު ނުވަތަ ޢައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނު އަލް ޢައުޒަމަށެވެ. ޝަހީދުންގެ ދުވަސް ނިސްބަތްވަނީ ޢަލީ ރަސްގެފާނު ނުވަތަ އައްސުލްޠާން ޢަލީ ހަވަނަ އަށެވެ. ހުރަވީ ދުވަސް ނިސްބަތްވަނީ ދޮންބަންޑާރައިން ނުވަތަ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ދަނަލަ ކީރިތި ކައްތިރި ބަވަނަ މަހާރަދުންނަށެވެ. އަދި، ނަޞްރުގެ ދުވަސް ނިސްބަތްވަނީ ކުޅުދުއްފުށީ ޝަހީދު ކޯޕްރަލް ޙުސައިން ޢާދަމަށެވެ.

އިތުރުފުޅު ނުހައްދަވާ ވިދާޅުވާށެވެ. ސުވާލުގެ ޖަވާބު ދިމާކުރެއްވުނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންނަށްތޯއެވެ؟

އަޅުގަނޑު، ޢާއިލާގެ ޒުވާން އުމުރުފުރައިގެ ބައެއް ކުދިން ގާތުން މި ސުވާލު ކޮށްލީމެވެ. ހިތާމައަކީ އެކަކަށްވެސް ޖަވާބު ދިމާނުވިކަމެވެ.

މިހާ ހިސާބުންވެސް ދަންނަވާލާނަމެވެ. މި ލިއުމުގެ ބޭނުމަކީ، އަދުގެ ޖީލުތަކަށް ފާޑުކިޔާ، އިނގިލި ދިއްކުރުމެއް ނޫނެވެ. މިޤައުމުގައި އުފަންވީ އެންމެ ވަރުގަދަ ބަޠަލުންނާއި، އެ ބަޠަލުންގެ ޒިކުރާ އާކުރުމަށް އެކަށައަޅާފައިވާ ދުވަސްތައް ނޭނގުމަކީ އަދުގެ ޖީލުތަކުގެ ކުށެއްކަމަކަށް ނުދެކެމެވެ.

ހަރުމީހުން، ހިތްދަތިކަންމަތީ ބުނާއަޑު އަހަމެވެ. އަދުގެ ޒުވާނުންނަށް ޤައުމިއްޔަތު މުހިންމު ނުވާކަމަށެވެ. ބަވަނަވެފައިވާ ދުނިޔެއަށް މިއަދު މިރާއްޖެ ހުޅުވިފައިވާތީ، ޅަފުރައިގެ ހިތްތަކުގައި މިޤައުމަށް ކުލުނު ކުޑައީކަމަށް ތުޙުމަތު ކުރެއެވެ. ދިވެހިންނަށް ވީތީ އެކުދިން ފަޚުރުވެރިނުވަނީ ކަމަށްވެސް ދެކެއެވެ.

އަޅުގަނޑުގެ ވިސްނުން ވަރަށްވެސް ތަފާތެވެ. ތެދެކެވެ. ފަށަމުން ދަންނަވާލި ސުވާލަށް ގިނަ ބޭފުޅުންނަށް ޖަވާބު އަރުވަން އެނގިވަޑައިނުގަތުމުން، ޤައުމުގެ ތާރީޚާމެދު ހޭލުންތެރިކަން ކުޑަކަން އެބަ ސާބިތުވެއެވެ. އެއީ ކޮންބައެއްގެ ކުށެއް އަދި އިޙުމާލެއްތޯއެވެ؟ އަޅުގަނޑުގެ ނަޒަރުގައި، އެއީ އަޅުގަނޑުމެން ހަރު މީހުންގެ ކުށެވެ. އެއީ އަޅުގަނޑުމެންނަށް ވެވިފައިވާ އިޙުމާލެއްގެ ނަތީޖާއެވެ.

ޤައުމިއްޔަތާއި ޤައުމީ ލޯތްބަކީ ދިރުވަންޖެހޭ އެއްޗެކެވެ. ވަޠަނީ ޝުޢޫރަކީ އާލާކުރަންޖެހޭ އެއްޗެކެވެ. ތާރީޚަކީ އުނގަންނައިދޭންޖެހޭ އެއްޗެކެވެ.

ހިތާހިތާ ސުވާލުކޮށްލައްވާށެވެ. އެކަން އަޅުގަނޑުމެންނަށް ކުރެވޭތޯއެވެ؟ އެމަޢްލޫމާތު އަޅުގަނޑުމެންގެ ދަރިންނާ ޙިއްޞާކުރެވޭތޯއެވެ؟ އެ އިޙްސާސް އަދި މަޢްލޫމާތު އެކުދިންގެ ހިތްތަކާއި ސިކުނޑިތަކުގައި ބިންވަޅުނަގަން ހިތްވަރުދެވޭތޯއެވެ؟

ސާދާ އެއް މިސާލު ދަންނަވާލާނަމެވެ. ކަމެއް އިޞްލާޙުކުރަން އެދޭނަމަ، އެކަމެއް ފަށަން އެންމެ މޮޅުއިތުރީ ތިމާގެ އަމިއްލަ ގޭތެރެއިން ކަމަށް ދެކެމެވެ. އަޅުގަނޑުގެ 14 އަހަރަށްދާ ދަރިފުޅުގެ މަދަރުސާގެ ފިލާވަޅުތަކުގައި އެހީތެރިވެދެމެވެ. ގްރޭޑް އަށެއްގެ ދަރިވަރެކެވެ. އޭނާ ނަގާ މާއްދާތަކުގެ ތެރޭގައި ހިސްޓްރީ ނުވަތަ ތާރީޚީ ޢިލްމު ހިމެނެއެވެ. އެއީ އަޅުގަނޑުވެސް ކިޔެވި، އަދި އަބަދުވެސް ޚާއްޞަ ޝައުޤުވެރިކަމެއް ހުންނަ މާއްދާއެކެވެ. ދަރިފުޅު، އޭނާގެ އިމްތިހާނަށް ތައްޔާރުވުމަށްޓަކައި، މުޤައްރަރުގައި ކަނޑައެޅިފައިވާ ފިލާވަޅުތައް ބަލާލީމެވެ. ފުރަތަމަ ބޮޑު ހަނގުރާމަ ފެށުނުގޮތާމެދު އިމްތިހާނުގައި ސުވާލު އާދެއެވެ. ހިޓިލަރާއި ޖަރުމަނުގެ ތާރީޚު ދަސްކުރަންޖެހެއެވެ. އެމެރިކާގެ ބައެއް މަޝްހޫރު ރައީސުންގެ ވާހަކައާއި ފިނި ހަނގުރާމައިގެ މަޢުލޫމާތު ދަސްކުރަންޖެހެއެވެ. ކޮމިއުނިޒަމް ފެށިގެން އައިގޮތާއި ރޫސީވިލާތުގެ ތާރީޚު އެނގެންޖެހެއެވެ. އަދި، މެދު އިރުމަތީގެ ތާރީޚާއި ގަލްފް ހަނގުރާމައިގެ ފިލާވަޅެއްވެސް އެބައޮތެވެ.

އޭނާގެ ހިސްޓްރީ ފިލާވަޅުތަކުން ދިވެހިރާއްޖޭގެ ނުވަތަ ދިވެހިރާއްޖެ ހިމެނޭ މިސަރަޙައްދުގެ ވާހަކައެއްވެސް ނުފެނުނެވެ. އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ކުދިން ތައްޔާރު މިކުރަނީ ހުޅަނގުގެ ބައިނަލްއަޤްވާމީ އިމްތިހާނަކަށެވެ. އެހެންކަމުން، އަންނާނީ ތާރީޚީ ގޮތުން މުޅި ދުނިޔެއަށް އެންމެ ބޮޑު އަސަރެއް ކުރި ކަންކަމުގެ ވާހަކައެވެ. އެނގުން މުހިންމު މަޢްލޫމާތެވެ. ޝައްކެތްވެސް ނެތެވެ.

ނަމަވެސް، ދިވެހި ޒުވާން ޖީލުތަކަށް ދިވެހި ތާރީޚު އެނގުން އެއަށްވުރެ މުހިންމު ދެއްތޯއެވެ؟ ޤައުމުގެ ތާރީޚުގައި އައި މުހިންމު ދަނޑިވަޅުތަކާއި، ހާދިސާތައް އަދި ބަޠަލުންގެ މަޢްލޫމާތު އެނގުމަކީ، އަޅުގަނޑުގެ ނަޒަރުގައި، ލާޒިމުކަމެކެވެ.

އުތީމު ގަނޑުވަރު: މިއީ މުހައްމަދު ތަކުރުފާނު ދިރިއުޅުއްވި ގަނޑުވަރު

ބޮޑުތަކުރުފާނު ވާހަކަ އަޅުގަނޑުގެ ދަރިފުޅަށް ކިޔައިދިނީމެވެ. ތަފްޞީލުކޮށެވެ. އެހިސާބުން ދޫކޮށްލުމުން، އޭނާ އަމިއްލައަށް ނިންމިއެވެ. ބޮޑުތަކުރުފާނަކީ ވަރަށް މޮޅު، ވަރަށް އާދަޔާޚިލާފު، ވަރަށް މަތިވެރި ބަޠަލެއް ކަމަށެވެ.

އަޅުގަނޑު އެކަމަށް ޚާއްޞަ އިސްކަމެއް ދީގެން އެވާހަކަ ކިޔައިދިނަސް، އެމަޢުލޫމާތު އޮޅުންފިލުއްވައިގެން ދަރިންނަށް ވިދާޅުވެދެއްވުމަކީ ކޮންމެ ބެލެނިވެރިއަކަށް ފަސޭހަފުޅު ކަމަކަށް ނުވާނެ ދެއްތޯއެވެ؟ އެ މަޢޫލޫމާތަކީ، ދަރިވަރުންނަށްވެސް އަދި ޚުދު އަޅުގަނޑުމެން ހަރު މީހުންނަށްވެސް އެހާ ފަސޭހައިން ލިބެންއޮތް އެއްޗެއް ނޫނެވެ. މަދަރުސާގައި ކިޔަވާނުދޭތާ، އެމަޢްލޫމާތަކީ ގޫގަލްއިން ސާރޗްކޮށްގެންވެސް އެހާ ތަފްޞީލާއެކު، މިޒަމާނުގެ ކުދިންގެ ހިތް ދަމައިގަންނަ އަދި ޝައުޤުވެރިކުރުވާ ގޮތަށް ލިބެންއޮތް އެއްޗެއް ނޫން ދެއްތޯއެވެ؟ އިންޑިޔާއިން ފޮނުވި ޕޯޗުގީޒު ލަޝްކަރު ރާއްޖެ އަޅުވެތިކުރި ވާހަކަ ފީނައިގެން ހޯދެއެވެ. އަދި، ނިސްބަތުން ފަހުގެ ހާދިސާއަކަށްވީތީ، 3 ނޮވެމްބަރާއި އެ ޢުދުވާނުގައި ދިވެހި ސިފައިން ވެވަޑައިގެން ޖިހާދުގެ ވާހަކަވެސް ފެންނަން އެބައޮތެވެ. އިންޑިޔާގެ ހޮޅިންގެ އަތްދަށުން ރާއްޖެ މިނިވަންކުރައްވަން ދޮންބަންޑާރައިން ކުރެއްވި ހަނގުރާމައިގެ މަޢުލޫމާތު ލިބެންހުރީ ވަރަށްވެސް މަދުންނެވެ. އަދި، ޢަލީ ރަސްގެފާނު ޝަހީދުކޮށްލި ހާދިސާގެ ކިތާބީ ދިރާސާތައް އެއަށްވެރެވެސް ތަދެވެ.

ކަން މިހެން އޮތްއިރު، އަދުގެ ޖީލުތަކަށް، އަހަރުގެ ތެރޭގައި އަންނަ މިފަދަ ދުވަސްތަކާއި، އެދުވަސްތަކުގެ ފަހަތުގައިވާ ބަޠަލުންނާއި، އެބަޠަލުންގެ މަތިވެރި ޤުރުބާނީ އެނގި، އޮޅުންފިލާނީ ކޮންގޮތަކުންތޯއެވެ؟ އެއީ އެކުދިންގެ ކުށެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ފަރުވާކުޑަކަމުން މިއަދު ކުރިމަތިލާންޖެހިފައިވާ ހަޤީޤަތެކެވެ. އެއީ ލަސްނުކޮށް ބަދަލުކޮށް، އިޞްލާޙުކުރަންޖެހޭ ކަމެކެވެ.

ބޭރުގެ ދައުލަތަކުން ރާއްޖޭގެ ސިޔާދަތާ ތޮޅޭ ވާހަކަ މެދުނުކެނޑި އަޅުގަނޑުމެން މިދަނީ ދައްކަމުންނެވެ. އެކަމުގެ ހެތްކާއި ޤަރީނާ ހުށަހަޅަމުންނެވެ. އެކަމުން ލިބޭނެ ފޫނުބެއްދޭނެވަރުގެ ގެއްލުންތަކާމެދު ނަސޭހަތްތެރިވަމުންނެވެ.

ޒުވާނުންގެ ތެރެއިން ވަރަށް މަދު ބަޔަކު މެނުވީ އެކަމާމެދު ކަހެރުވަކެކޭވެސް ހިތަކަށް ނާރައެވެ. ނާރާނެތާއެވެ. ލިޔެވިފައި އޮތް ތާރީޚުން އެނގެން އޮތް ކަންކަން އެކުދިންނަށް ފަސޭހައިން ބަލާލެވޭކަށް ނެތެވެ. އުތުރުން ދެކުނަށް މުޅި މި ޤައުމު އެކީ، އެއްވެސް އިރެއްގައި އެއްވެސް ބަޔަކު، އަޅުވެތިވެފައިނުވާކަން އިންޓަނެޓް ސާރޗަކުން ކަށަވަރެއް ނުކުރެވޭނެއެވެ. ރާއްޖެ ހިފަން އައި އަނދިރި އަނދިރީންނާއި ވިޔަޒޯރަކީ ޕޯޗުގީޒު ރައްޔިތުން ކަމަށްވިއަސް އެމީހުން ފޮނުވީ އިންޑިޔާގެ ގޯއާގެ ވެރިންކަމާއި، ރާއްޖެ އަޅުވެތިކުރަން އޭގެ ފަހުންއައި ޕިޗޯރީންނާއި ހޮޅިންނާއި، މަލާބާރީންނަކީވެސް އަދުގެ އިންޑިޔާއަށް ނިސްބަތްވާ ބައެއްކަން ސޯޝަލް މީޑިޔާއިން ޔަޤީންކަމާއެކު ދެނެގަނެވޭނެ ގޮތެއް އަދި ނެތެވެ. ހަމަ އެއާއެކު، އިންޑިޔާއަށް ދުވަހަކުވެސް ރާއްޖެ ހިފައިފާނެތީ، ޤައުމަށްޓަކައި ލެއިން ޤުރުބާންވީ މަތިވެރި އަބްޠާލުންތަކެއްގެ ސަބަބުންކަން، އަދުގެ ހުޅުވިފައިވާ ޒުވާން، ތޫނު ސިކުނޑިތަކަށް ޤަބޫލުކުރެވޭ މިންވަރަށް ދިރާސާތައް ޝާއިޢުކުރެވިފައި ނެތީއެވެ. އެ މަޢުލޫމާތު ފެންނަން ނެތީއެވެ. އެ ޒުވާނުން ބަލައިގަންނަ ގޮތަށް ހުށަހެޅިފައިނެތީއެވެ. އެ ސިކުނޑިތައް ތަރައްޤީވެގެންއައި އުމުރުފުރާގައި އެ މަޢްލޫމާތު ދާއިމަށް ބިންވަޅުނެގޭ މިންވަރަށް ޙިއްޞާކުރެވިފައި ނެތީއެވެ.

މި ޤައުމީ ދުވަހަކީ ހަމައެކަނި އަހަރުގެ ތެރޭގައި އަންނަ ޗުއްޓީ ދުވަހަކަށް ނުހަދަމާތޯއެވެ؟ އާދަކާދައިގެ މަތިން ކުރަމުން އަންނަ ކަމަކަށްވީތީ،  ލިޔެފައި އޮންނަ، ހައެއްކަ މިނިޓުގެ ތަޤްރީރެއް ރައީސުލްޖުމްހޫރިއްޔާ ދެއްވައިގެން ފުއްދާލެވޭނެ ދުވަހަކަށް ނުހަދަމާތޯއެވެ؟

ނޮވެމްބަރު 3 ނުވަތަ ނަޞްރުގެ ދުވަހުގެ ހަޤީޤީ މަޢުލޫމާތު، ޒަމާނާ ގުޅޭގޮތަށް ބައްޓަންކޮށްގެން ޒުވާން ސިކުނޑިތަކާ ހަމައަށް ތިލަކުރަން އަދުގެ ސަރުކާރުން ޖެހިލުންވެ ލަދުވެތިވުން އެކަށީގެންވެއެވެ. ބަޑި ބުރާސްފަތީގެ ޙާދިސާ، އިންޑިޔާގެ ‘އޮޕަރޭޝަން ކެކްޓަސް’ ފެށުނު ހިސާބުން، ހިންދުސްތާނު ފިލްމެއްގެ ސިފައިގައި ތައްޔާރުކުރަމުން އަންނަ ވާހަކައެއް އެހީމެވެ. ހިތަށް އެރިއެވެ. އެ ފިލްމުގައި، ހިންދީ ފިލްމުތަކުގައި އާދަކާދައިގެ މަތިން ފެންނަ ‘ނުބައިބައި ބޮސް’ގެ ރޯލު ކުޅޭނީ ކާކުބާވައެވެ. ނޮވެމްބަރު 3 ގެ ހަޤީޤީ ނުބައިބައި ބޮސް ކަމުގައިވާ ބޮޑު ސިއްކައަކީ މި ފިލްމުގައި ހަޤީޤަތުގައިވެސް ނުބައިބައި ބޮސްއަށް ވާނެބާވައެވެ؟ ނޫނީ، ސަރުކާރުގެ ‘އޯލްޓަރނެޓިވް ނެރެޓިވް’ އެއްގެ ތެރެއިން، ފިލްމުގައި ކުށްވެރިއެއްގެ ގޮތުގައި ސިފަކޮށްދޭނީ ދިވެހިން ބަޑިޖަހާ މެރުމުގެ އެންމެ އަޑީގައި ހުރި ޚާއިނު ނޫން އެހެން މީހަކަށް ވެދާނެބާވައެވެ؟

ޝަހީދު ކޯޕްރަލް ހުސެއިން އާދަމްގެ ހަދައިފައިވާ ފޮޓޯއެއް؛ 3 ނޮވެމްބަރު 1988ގެ ޣާޒީ

ނޮވެމްބަރު 3 ވެސް ގާތްވަމުން އަންނާތީ، ހިތަށް އަރައެވެ. ޤައުމީ ދުވަހު ޚިޠާބެއް ދެއްވިއަސް، ނަޞްރުގެ ދުވަހު އެފަދަ ޚިޠާބެއް ދެއްވަން ރައީސަށް ކެރިވަޑައިގަންނަވާނެބާވައެވެ؟ ހަޤީޤަތުގައި ފަރުވާއެއް ނެތެވެ. ވަރިހަމައެވެ. ބޮޑު ސިއްކަގެ ޢާއިލާ އާއި ސަގަރު ލުޠްފީގެ އެކުވެރިން އެ ދުވަހު ގޭގައި، ރަޖާލައިގެން މަޑުމަޑުން ތިބެލާށެވެ. ނެރެޓިވް ބަދަލުކޮށްގެން، ޚިޠާބު ދެއްވާނެ ކަމެއް ނެތެވެ. އެދުވަހުގެ ވާހަކަ ދައްކަން އަޅުގަނޑަށް ކެރޭނެއެވެ. އެ ދުވަހުގެ މަޢުލޫމާތު ދޭން އަޅުގަނޑުމެންނަށް ކެރޭނެއެވެ. މާގިނަ ދުވަހެއް ނެތްތާއެވެ. އެދުވަހު މިފަދަ ލިއުމެއް ލިޔަން ހިތުނިޔަތް ގަނެގެން ހުރީމެވެ.

ކޮންމެއަކަސް، މި ސަރުކާރަށްވެސް ލަދެއްގައި ނުބެދި ބޮޑުތަކުރުފާނު ވާހަކަ، ނެރެޓިވް ބަދަލުނުކޮށް، ކިޔައިދޭން ކެރެންވާނެތާއެވެ. އެކަމުގެ ފިލްމެއް ހެދުންވެސް އައުލާކަން ބޮޑެވެ. އެކަމަކު، ހިންދުސްތާނު ބަހުން، ބޭރު ބަޔަކު ލައިގެނެއް ނޫނެވެ. އަދި، އޯލްޓަރނެޓިވް ނެރެޓިވްއެއް ހިމަނައިގެން، ބޮޑުތަކުރުފާނު މަލިކަށް ކުރެއްވި ޒިޔާރަތުގެ ބައި ސެންސަރުކޮށްފައެއް ނޫނެވެ. އެ ފިލްމު ވާންޖެހޭނީ ދިވެހިން ކުޅޭ، ދިވެހިވަންތަ، ދިވެހި ތާރީޚީ ޑޮކިއުމަންޓްރީއެއްގެ ގޮތުގައެވެ. ޒުވާނުން ބަލާލާހިތްވާ ފެންވަރަށެވެ. ބޮލީވުޑު ފެންވަރަކަށް ނޫނެވެ. ހޮލީވުޑު ފެންވަރަށެވެ.

ނިންމާލަމުން ތަކުރާރުކޮށްލަމެވެ. ޒިކުރާ އާކުރުމަކީ ކޮބައިކަމާމެދު ދެވަނަ ވިސްނުމަކަށް އަޅުގަނޑުމެން އެބަ ދާންޖެހެއެވެ. އެކަން ކުރަން ޖެހޭނީ ޤައުމީ ފެންވަރުގައެވެ. އެ މުހިންމު މަސައްކަތުގެ ތެރެއިން، އަދުގެ ތަޢުލީމީ މަންހަޖުވެސް އިޞްލާޙުކުރަންޖެހެއެވެ. ޓީވީތަކުންނާއި ސޯޝަލް މީޑިޔާއިން ޒުވާނުން ބަލައިގަންނާނެ ގޮތަކަށް ބައްޓަންކޮށްގެން، ބޮޑުތަކުރުފާނާއި އެންމެހާ ޤައުމީ ބަޠަލުންގެ ވާހަކަ، އެކި ނަޒަރިއްޔާއިން، ދިރާސީ ފެންވަރުގައި ހުށަހަޅަންޖެހެއެވެ.

އަޅުގަނޑުމެންގެ ދަރިން މިރޭ ނިންދަވަން ބާއްވާއިރު، ‘ބެޑްޓައިމް ސްޓޯރީ’ އެއްގެ ގޮތުގައި ކިޔައިދޭންވީ އެކުދިންގެ ފޭވަރިޓް ސުޕަރމޭން، ސްޕައިޑަރމޭން އަދި ބެޓްމޭންގެ ޚިޔާލީ ވާހަކަތަކެއް ނޫނެވެ. ކިޔައިދޭންވީ މޯލްޑިވިއަން ސުޕަރހީރޯއިންގެ ޙަޤީޤީ ވާހަކަތަކެވެ.

ޝަހީދު އަލީ ރަސްގެފާނުގެ ޒިޔާރަތް، މާފަންނު އަލިރަސްގެފާނު މަގުގައި

ރައިވެރިބެއާއި ޢަލީ ރަސްގެފާނުގެ ހިތްވަރުގެ ވާހަކައެވެ. ކަޅުއޮއްފުންމި ދެ ކޮމަންޑޫ ދެމެދުން ކުރި ދަތުރުގެ ވާހަކައެވެ. އަދި، ދެ ޙާޖީންނާއި ދަންޑަހެލުގެ ސާބިތުކަމުގެ ވާހަކައެވެ. މުނާޖާ ގޮވި ވަގުތުން ހޮޅިންނަށް ކޮޅުކެހިދިން ވާހަކައެވެ. އަދި، ހުރާގޭ ދޮން ޙަސަން މަނިކުފާނުގެ އަމާޒުގެ ސީދާކަމުގެ ވާހަކައެވެ. ޕްލޮޓުގެ ޓެރަރިސްޓުން ގޮވައިގެން ދިވެހި ޚާއިނުން މާލެ އައިގޮތުގެ ވާހަކައެވެ. ފިލަން ނުދުވެ، ބަނޑޭރިގެ ޙިމާޔަތްކުރަން ކުޅުދުއްފުށީ ޙުސައިން ޢާދަމާއި ހިތްވަރުގަދަ ދިވެހި ސިފައިން އެބޭކަލުންގެ ފުރާނައިން ޤުރުބާންވީ ވާހަކައެވެ.

ޤައުމު ދެކެ ލޯބިވާ ހުރިހާ ދިވެހިންނަށް ޤައުމީ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރަމެވެ. ދިވެހި މިނިވަންކަމާއި އިސްތިޤްލާލާ ތޮޅެން އެވޭލާ ޒަމާނުގައި އައި އެންމެނަށް އަޅުގަނޑުމެންގެ ކާބަފައިން ހަދާލި ގޮތް، މިއަދު އެފަދަ ނިޔަތެއްގައި އައިސް މަސައްކަތްކުރާ މީހުންނަށް ހަދާލުމުގެ ހިތްވަރާއި ނަސީބު، އަޅުގަނޑުމެންނަށްވެސް މިންވަރުކުރެއްވުން އެދި ދުޢާ ކުރަމެވެ. އަދި، ޤައުމަށް ޣައްދާރުވީ ޙަސަން ނުވަވަނަ އާއި ކަޅު މުޙައްމަދު ރަސްގެފާނު ފަދަ ޚާއިނުންނަށް ކުރިމަތިވީ ފަދަ ގޮތްތައް، މި ޖީލުގައި މި ޤައުމަށް ޤައްދާރުވާ ދިވެހިންނަށްވެސް މެދުވެރިކުރެއްވުން އެދި ދުޢާކުރަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top