އޭދަފުށީ ކައުންސިލަށް ވާދަކުރާ ކެނޑިޑޭޓުންގެ ބަހުސް ބާއްވަން ހުޅުވާލައިފި

viber_image_2021-03-27_21-40-49.jpg

އަންނަ އެޕްރީލް މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު 2021 ގައި އޭދަފުށީ ކައުންސިލަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ބަހުސް ބާއްވަން ނިންމައި އެކަން އިއުލާނު ކޮށްފިއެވެ. 

މިފަހަރުގެ ބަހުސް ބާއްވަނީ އޭދަފުށީގައި ހިންގާ އޮންލައިން ނޫސް އޭދަފުށީ ޓައިމްސް އާއި އޭދަފުށީ ވޮއިސް އަދި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއާއި، އޭދަފުށީ ވެލާ ސްޕޯޓްސް ކްލަބް ގުޅިގެންކަމަށް މި ބަހުސް އިންތިޒާމް ކުރާ ކޮމެޓީން ބުނެއެވެ. އިންތިޒާމް ކޮމެޓީން ބުނީ ބަހުސް ގައި ބައިވެރިވުމުގެ ދައުވަތު އެމްޑީޕީއާއި، ޕީޕީއެމް އަދި އަމިއްލަ ކެންޑިޑޭޓުންނަށް މިހާރު ދީފައިވާކަމަށެވެ. 

އިންތިޒާމް ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް އަދި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ނާއިބުރައީސް އަލީ ރަފީއު ވިދާޅުވީ މިބަހުސް ބާއްވާނީ ކެންޑިޑޭޓުންނާ އެކު މަޝްވަރާ ކުރެވި އެއްބަސްވެވޭ ތާރީހެއްގައި ކަމަށާ، ބަހުސް ކުރިޔަށް ގެންދާނީ ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭގޮތަށް އެއްބަސްވެވޭ އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ. އޭނާ ވިދާޅުވީ ބޭނުމަކީ ކެންޑިޑޭޓުންގެ ތައާރަފެއް އެއް ސްޓޭޖަކުން ކާމިޔާބުކަމާއެކު ރައްޔިތުންނަށް ހުށައެޅުން ކަމަށެވެ. 

“އެއްގޮތަކަށްވެސް ކެންޑިޑޭޓަކު ފަލީހަތްކޮށް ޖެއްސުން ކުރާގޮތަކަށް ނޫން ބަހުސް ރާވަން ވިސްނަނީ. އެހެންވެގެން ސީދާ ޕާޓީތަކުގެ މަޝްވަރާއާއެކު ކުރިޔަށް ދާން ނިންމީވެސް. ބޭނުމަކީ އެއް ސްޓޭޖަކުން ރައްޔިތުންނަށް ކެންޑިޑޭޓުން ތައާރަފް ކޮށްލުން. މިހާރު އަޅުގަނޑުމެން ވާނީ ޕީޕީއެމަށްވެސް އަދި އެމްޑީޕީއަށްވެސް ސިޓީ ފޮނުވާފައި މަޝްވަރާ ކުރުމަށްޓަކައި. އަމިއްލަ ކެނޑިޑޭޓުންނަށްވެސް މިދަނީ އަންގަމުން.” އަލީ ވިދާޅުވިއެވެ. 

އަލީ ވިދާޅުވީ ބަހުސް ބާއްވާނީ ގިނަ ބަޔަކަށް އެއްފަހަރާ ޖަމާވެވޭފަދަ ތަނެއްގައިކަމަށާ، އަދި ފޭސްބުކުން ބަހުސް ލައިވް ކުރުމަށްވެސް ހަމަޖެހިފައިވާކަމަށެވެ. 

އޭދަފުށީ ކައުންސިލްގެ މިދިޔަ މިދިޔަ 3 ދައުރުގެ ތެރެއިން ފުރަތަމަ ދައުރުވެސް އޭދަފުށީގައި ކައުންސިލްބަހުސް ބޭއްވިއެވެ. އެބަހުސްގައި އެމްޑީޕީއާއި، އަމިއްލަ ބައެއް ކެންޑިޑޭޓުން ބައިވެރިވިނަމަވެސް އޭރު ޑީއާރުޕީން ވާދަކުރި 5 ކެންޑިޑޭޓުން ބަހުސްގައި ބައިވެރި ނުވެއެވެ. 2014 އަދި 2017 ގައި ބަހުސެއް ނުބާއްވައެވެ. 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު