ސާވިސްޗާޖް ހަމަހަމަކޮށް ނުބަހާނަމަ ބޮޑު ޖުރިމަނާ އެއް.

b_TLvEDkjqadpFwZ1vVm4SRWJ6X.jpg

ބ. އަތޮޅުގެ ރިސޯޓު މުވައްޒަފުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން --- ފޮޓޯ: ޓީމް

ފަތުރުވެރިކަމުގެ ދާއިރާގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ހިދުމަތަށް 10 ޕަސެންޓަށް ވުރެ މަދުނޫން އަދަދަކަށް ސާވިސް ޗާޖު ނެގުމަށް ހިމަނައި ވަޒީފާއާބެހޭ ގާނޫނަށް ގެނައި އިސްލާހުތައް އިޖުތިމާއީ އަދި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއިން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލް ދިރާސާކުރި ޖޮއިންޓް ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުން ވަޒީފާ އަދާ ކުރަމުންދާ މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ބަހަން ލާޒިމު ކަމަށާ އެއްވެސް ތަނެއްގައި ސާވިސް ޗާޖް ބެހުމުގައި މުވައްޒަފުންގެ މެދުގައި ތަފާތު ކުރެވިގެން ނުވާނެ ކަމަށް ބިލްގައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހިންގާ ވިޔަފާރިތަކުން މިހާރު މުވައްޒަފުންނަށް ސާވިސް ޗާޖު ބަހަން ޖެހެނީ ސާވިސް ޗާޖުގެ ގޮތުގައި އަދަދެއް ނަގާ ނަމަ އެވެ. އެކަމަކު ބިލު ކޮމިޓީއިން އިސްލާހު ކުރި އިރު އެ ވިޔަފާރި ތަކުން ސާވިސް ޗާޖު ނަގަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ސާވިސް ޗާޖުގެ ގޮތުގައި ފާއިތުވެ މަހު ލިބުނު ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން ބަހާ ނިންމަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ ފައިސާއިން އިދާރީ ފީގެ ގޮތުގައި ނެގޭނީ އެއް ޕަސެންޓް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އެއްވެސް ހާލެއްގައި އެއަށްވުރެ އިތުރަށް ނުނެގޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ސާވިޗް ޗާޖްގެ ގޮތުގައި ނެގުން ލާޒިމުކޮށްފައިވާ އަދަދު ނަގަމުންނުދާނަމަ އަދި މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ސާވިސް ޗާޖް ނުބަހާނަމަ، އެއް ލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދުން ޖޫރިމަނާކޮށް ފިޔަވަޅު އެޅުމުގެ ބާރު ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ލިބޭނެ ކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެއެވެ.

ސާވިސް ޗާޖުގެ ގޮތުގައު ވަޒީފާދޭ ފަރާތަށް ލިބޭ އާމްދަނީގެ މައުލޫމާތު ކޮންމެ އަހަރަކު ދެފަހަރު ލޭބާ ރިލޭޝަން އޮތޯރިޓީއަށާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ފޮނުވަން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި އެ ނޫން ތާރީޚެއްގައިވިޔަސް ލޭބާރިލޭޝަން އޮތޯރިތީއިން ބޭނުންވެއްޖެ ނަމަ އެ މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެ މައުލޫމާތު ފޯރުކޮށް ނުދީފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް ހިދުމަތް ހޯދާ ފަރާތުން ހިދުމަތާ މެދު ހިތްހަމަނުޖެހޭ ނަމަ ސާވިސް ޗާޖު ނުދިނުމުގެ ހައްގު ހިދުމަތް ހޯދާ ފަރާތަށް ލިބިގެންވެ އެވެ. އެއީ މީގެ ކުރިން ވަޒީފާއާ ބެހޭ ގާނޫނުން ލިބިދީފައިވާ ހައްގެއް ނޫނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top