25 އަހަރަށްފަހު އޭދަފުށި ބޮޑު މިސްކިތު މުންނާރުގެ ކުލަ، ފެއްސަށް؟

DSCN9428.jpg

އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން/ އީވީ ފޮޓޯ: އަބްދުލްޤައްޔޫމް ޔޫސުފް

އޭދަފުށީ މަސައްކަތްތެރިންގެ ފަންނުވެރިންގެ ހުނަރު ދައްކުވައިދޭ އޭދަފުށީ މަސްޖިދު މުހައްމަދު މުއީނުއްދީން މިސްކިތުގެ (ބޮޑު މިސްކިތް) މުންނާރުގައި ލާފައި ހުރި ނޫކުލަ 25 އަހަރަށްފަހު ފެހި ކުލައަށް ބަދަލުކޮށްފިއެވެ.

އޭދަފުށީގައި ކުރިން ހުރި ބޮޑު މިސްކިތް ތަޅާލައި 1995 ވަނަ އަހަރު މާރޗްމަހު ހުޅުވުނު މި މިސްކިތަކީ ސަރުކާރާއި، އަމިއްލަ ފަރާތްތަކުގެ އެހީއާއެކު އޭދަފުށީ ރައްޔިތުން ހިލޭ ސާބަހަށް މަސައްކަތްކޮށް ބިނާކުރި މިސްކިތެކެވެ. ރާއްޖޭގައި މަދުން ނޫނީ ފެންނަން ނެތް މިމިސްކިތުގެ މުންނާރަކީ މާލެ ފިޔަވައި އޭރު ރާއްޖޭގެ ރަށެއްގައި ކޮންކުރީޓުން ބިނާކުރި އެންމެ އުސް މުންނާރު ކަމުގައި ވެއެވެ. މުންނާރުގެ ދިގުމިނަކީ 101 ފޫޓެވެ.

މި މިސްކިތް ފުރަތަމަ ހުޅުވުނު އިރުން ފެށިގެން މިއަހަރުގެ އޭޕްރީލް މަހާ ހަމައަށްވެސް މުންނާރުގައި ހުންނަނީ ހުދުކުލައިގެ އިތުރުން ޑިޒައިން ބަންދުތަކެއް ކުރަހާފައި ނޫކުލަ އާއި ހުދު ކުލަ ލައިފައެވެ. އެހެންނަމަވެސް މިހާރު ހުރީ މުންނާރުގެ ކުލަ ފެހިކުލައަށް ބަދަލުކޮށް ކުރީގެ ޑިޒައިނަށް ވެސް ބަދަލު ގެނެސް މުންނާރުގައި ހުރި ޖާލީތަކުގެ ކުލަވެސް ރަންކުލައަށް ބަދަލުކޮށްލާފައެވެ.

މިމަސައްކަތް ކޮށްފައިވަނީ އޭދަފުށީ ސަމޫމު އެންޓަރޕްރައިސަސް އިންނެވެ.

އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީންގެ މުންނާރުގެ ކުލަ ބަދަލުކުރުމުގެ ކުރިން 2006 ވަނަ އަހަރު ނަގާފައިވާ ފޮޓޯއެއް / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް ޔޫސުފް

އޭދަފުށީ ކައުންސިލުން ބުނީ މުންނާރުގެ ކުލަ ބަދަލުކޮށް، މުންނާރުގެ ގުއްބާއި، މިސްކިތުގެ ގިނަ މަރާމާތުތަކެއް މިފިޔަވަހީގައި ކުރެވޭނެ ކަމަށެވެ. މުންނާރުގެ ކުލައާއި، ކުރެހުންތަކަށް ގެނައި ބަދަލާ މެދު ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވީ ކުލަ އަށް ގެނައި ބަދަލަކީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ގެނެވުނު ބަދަލެއްކަމަށާ، ބަދަލާމެދު ހިތްހަމަޖެހޭ ކަމަށެވެ.

“މަޝްވަރާތަކެއް ކުރެވިގެން އެގޮތަށް ބަދަލުގެނެވުނީ. ކުލަ ބަދަލުކުރަން އެންމެ ބޮޑަށް ބާރު އެޅުނީ މިސްކިތުގެ ބޮޑު ގުއްބާއި، ފުރާޅުގެ ކުލަވެސް ފެއްސަށް ބަދަލުވެފައި ވާތީ، ގުޅުވާލަން ވިސްނާފައި. މުންނާރުގެ ކުލަ ކުރިން ނޫ ކުލައަށް ހުރިއިރު ފުރާޅުވެސް ފުރަތަމަ ހުރީ ނޫ ކުލައިގައި. މިބަދަލު ގިނަ ބަޔަކަށް ކަމުދާނެކަމަށް އުއްމީދުކުރަން” ތޮލާލް ވިދާޅުވިއެވެ.

އެހެންނަމަވެސް މި މިސްކިތް 1995ވަނަ އަހަރު އިމާރާތް ކުރުމުގައި ނަގާ ކިޔާއުޅުނު މީހުންނަށް މި ބަދަލު ކަމަކު ނުދިޔަ އެވެ.

“މިހާރު ހީވަނީ ކަރާޗީ ލޮރީއެއްހެން. މާބޮޑަށް ކުލަ މަޖާކޮށް ފެންނަނީ.” މާލޭގައި ދިރިއުޅޭ އެމީހާ ނަން ނުޖެހުމަށް އެދި ފާޑު ކިޔަމުން ބުންޏެވެ.

އިތުރަށް އޭނާ ބުނީ މިވަރު ކަމެއް ނިންމާއިރު އެމީހުންގެ ލަފައެއްވެސް އަހާނެކަމަށް ހީކުރި ކަމަށެވެ.  “އެހެންނަމަވެސް ރަށު ކައުންސިލުން އަހަރެމެންގެ ލަފާ ބޭނުންނުވީތާ !” ވަރަށް ހިތްހަމަ ނުޖެހި ހުރެ އެހެން މީހަކު އޭނާގެ ޚިޔާލު ފާޅު ކުރިއެވެ.

އެކަމަކު އޭދަފުށީގެ އިސް ރައްވެހިންގެ ތެރެއިން ގިނަ މީހުން މި ބަދަލާމެދު ތިބީ ހިތްހަމަ ޖެހިފައެވެ.  “މުންނާރުގައި ފެހި ކުލައާއި ރަންކުލައިން ޖަރީވެފައި ހުރުމުން ވަރަށް ބޮޑަށް އިސްލާމީ ވަންތަކަން ދައްކައިދޭ. ރީތި ހަމަ. އެކަމަކު ޚިޔާލަކީ ތަފާތު އެއްޗެއް.” އޭދަފުށީގެ ވަޑިއެއްގެ ވާހަކަ ހުރީ މިގޮތަށެވެ.

އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން މިސްކިތް، އަލުން 1995 ވަނަ އަހަރު ބިނާކުރިފަހުން މިދިޔަ 25 އަހަރުތެރޭގައި ބޮޑެތި މަރާމާތުތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ދެފަހަރެއްގެ މަތީން މިސްކިތުގެ ކާޕެޓް އާކުރުމާއި، 2017 ވަނަ އަހަރު ސީލިންގް އެކީ މަރާމާތުކުރުމާއި، 2012 ވަނަ އަހަރު މުޅި މިސްކިތުގެ ފުރާޅުތަކުގެ ޓިނު އާކުރުން އަދި 2017 ވަނަ އަހަރު މިސްކިތް އެއާކޯން ކުރުން ފާހަގަކޮށްލެވެއެވެ.

މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން މިސްކިތް އަލަށް ބިނާކުރެއްވީ ހިޖުރައިން 1228 ވަނަ އަހަރު އޭރުގެ ރާއްޖޭގެ ރަދުން ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ) އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top