ހުއްދަ ނެތި މާލެ އަރާފޭބުން މަނާ !

istockphoto-1137760811-1024x1024.jpg

ރާއްޖޭގައި ކޯވިޑް-19 ފެތުރުން ހަލުވިވެ، އެންމެ ބާރަށް ބަލި ފެތުރި، އެންމެ ނުރައްކާ ބޮޑު ސަރަޙައްދަކީ މާލެސަރަހައްދު ކަމަށް ވާތީ މާލެއަށް ޒަރޫރީ ބޭނުމެއްގައި ވިޔަސް ހުއްދަނެތި އަރައި ފޭބުން މަނާކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފަހަކަށް އައިސް ކޮވިޑަށް ފައްސިވާ ފަރާތްތައް އަނެއްކާވެސް އިތުރު ވަމުންދާތީ، ތިމާއާއި އަނެކާގެ ވެސް ރައްކަލަކަށް ޓަކައި ސިއްހީ ބޭނުމެއްގައި ނޫނީ މާލެ އަރައި ފޭބުން މަނާ ކޮށްފައިވާ ކަމަށެވެ.

ޑރ.ނަޒްލާ ވިދާޅުވީ މާލެއެކޭ އެއްފަދައިން އަތޮޅުތަކުގެ ރަށްރަށުގެ ރައްކާތެރިކަމަށް، ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން އެއްރަށުން އަނެއްރަށަށް ދަތުރުކުރާއިރުވެސް ރައްކާތެރިކަމުގެ ގޮތުން ކައުންސިލްގައި ރަޖިސްޓްރީ ކުރުމަށްފަހު ދަތުރުކުރުމަށް ޑރ.ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ.

މާލެއަށް އާދެވޭނީ ކޮންމެހެން އަންނަންޖެހޭ ސިއްހީ ބޭނުންތަކަށް އެކަނި ކަމަށާއި، އަދި މާލެ އަންނަ ދޯނިފަހަރުގެ ފަޅުވެރިންނަށް މާލެ އަށް ނުފޭބޭނެ ކަމަށް ވެސް ނަޒްލާ ވިދާޅު ވިއެވެ.

މިއީ މާލެ ތެރެއާއި އަތޮޅު ތެރޭގައި ވެސް މިބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް އެޅޭ ފިޔަވަޅެއްކަން އެޗްއީއޯސީ ގެ ފަރާތުން ވަނީ ހާމަކޮށްފައެވެ. އަދި ޚާއްސަ ހުއްދައެއް ނެތި މާލެ އަށް މީހުން އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.

މާލެ އަންނަ ދޯނިތަކުން މާލެ، ހުޅުމާލެ އަދި ވިލިމާލެ އަށް އެރުމަށް މާލޭ ސިޓީ ކައުންސިލުން ވަކި ޚާއްސަ ތަންތަނެއް ކަނޑއަޅާނެ ކަމަށާއި އެނޫން ތަންތަނަށް އެ ދޯނިތައް ގާތް ކުރުމާއި މުދާ އަރުވާ ބޭލުން ވެސް މަނާވާނެ ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލް ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު، އައިޝަތު ސާމިޔާ ވިދާޅުވީ، މިއަދުން ފެށިގެން މާލެ އިން ރަށް ރަށަށް ފޮނުވާނީ ކޮންމެހެން ދާން ޖެހޭ މީހުން އެކަނި ކަމަށެވެ.

މާލެ ސަރަހައްދުން ކޮވިޑް-19 ފެނި ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން މާލެ އިން ރަށްރަށް ދިއުމާއި، ރަށްރަށުން މާލެ އައުން މީގެ ކުރިންވެސް މެދުކަނޑާލިއެވެ. އެހެން ނަމަވެސް ފަހުން އެ ހުއްދަ ދެމުން ގެންދިޔައީ، މާލެ އިން ރަށްރަށަށް ދާ މީހުން ކަރަންޓީން ވުމަށްފަހު ދެވޭ ގޮތަށް ހެދުމަށްފަހުއެވެ. އަދި ރަށްރަށުން މާލެ އަންނަ ނަމަ ފުލުހުންނާއި، ކައުންސިލްގެ ހުއްދަ ހޯދުމާއި އެކުގައެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top