“ހަސަނަށްފަހު ހުސޭނު ހުންނާނެއެވެ.” މިއީ ދިވެހި މުޙާވަރާއެކެވެ. އެގޮތުންބަލާއިރު ކައުންސިލްގެ ރައީސްކަމުން އަލީވަހީދު އިސްތިއުފާދެއްވިއަސް ހާސްވާކަށް ނުޖެހެއެވެ. އެމަގާމަށް އެހެންމީހަކު އަންނާނެއެވެ. ދެންވެސް ހަމަ މިހާރެކޭ އެއްގޮތަށް ފިނިހަކަ ދުވެލީގައި ކައުންސިލް ހިނގާނެއެވެ. ވާޖިބާ ޚިދުމަތް ހަނދާންނެތިފައި ތިބިބަޔަކު ބަރާބަރަށް މުސާރަ ނަންގަވައިގެން ދައުރުހަމަކުރަމުންދާނެއެވެ.
އެހެންވިއްޔާ ދެން މައްސަލައަކީ ކޮބާހެއްޔެވެ؟ މައްސަލައަކީ ރައީސް އަލީވަހީދު އިސްތިއުފާ ދޭން ނިންމިސަބަބެވެ. އެއީ ރަށުގެ ކުރިއެރުމާ ތަރައްގީއަށް އެދޭ ރައްޔިތުންނަށްހުރި ކަންބޮޑުވުމެކެވެ. އަލީވަހީދު ވިދާޅުވި ގޮތުގައި އިސްތިއުފާދޭން ނިންމި އެންމެބޮޑު އެއްސަބަބަކީ ކައުންސިލުން އޭދަފުށީގެ ތަރައްގީއަށް ކުރަންޖެހޭ ގިނަކަންތަކެއްހުރިކަން ގަބޫލުކުރާތީ އެކަންކަން ކުރުމުގައި އެންމެބޮޑު އެހީތެރިކަމަކާ އެއްބާރުލުން ދޭންޖެހޭ ކައުންސިލްގެ ފަރާތުން ހުރަސްތައް މެދުވެރި ކުރުމެވެ. ނުވަތަ އެފަދަ ކަންކަން ކުރުމަށް ކައުންސިލުން ފުރުސަތު ނުލިބުމެވެ. މިސާލަކަށް އެއީ ކޮންކަހަލަ ކަންތައްތަކެއްތޯ އަހާލުމުން ފުރަތަމަވެސް އިޝާރާތްކުރެއްވީ ކައުންސިލަށް މެދުނުކެޑި ފައިސާ ލިބެމުން އައި އެހެންނަމަވެސް އަޅާނުލެވި ވީރާނާ ވަމުންދާ އިމާރާތްތަކަށެވެ. އެ އިމާރާތްތައް މަރާމާތުކޮށް ރަނގަޅުކޮންޑިޝަނަށް ގެނައުމެވެ. އެގޮތުން “މާރަނަ”އާއި “ރޯޝަންހިޔާ” ފާހަގަ ކުރެއްވިއެވެ. ދެން ނެންގެވީ ފެރީޓާމިނަލް ހެދުމުގެ ވާހަކައެވެ. ބަހިއްޔާ ޕްރީސްކޫލް މަރާމާތުކުރުމާ އެސްކޫލް ތަރައްގީ ކުރާ ވާހަކައެވެ. މިއިން ކޮންމެކަމަކީވެސް ސީދާ ރައްޔިތުންނާ ގުޅުންހުރި ރައްޔިތުންނަށް ފައިދާކުރާނެ ކަންތައްކަމުގައި ވިދާޅުވިއެވެ. ފައިސާއާ ވަސީލަތްތައް ފުރިހަމަވެފައި އޮއްވާ ހަމައެކަނި ކައުންސިލްގެ މެންބަރުންް އާއެކޭ ބުނުމުން ވާންހުރި ކަންތަކެވެ.
އެހެންވިއްޔާ ތަރައްގީއާގުޅޭ މިފަދަ ކަންކަން ކުރިޔަނުދޭން ކައުންސިލްގެ ބައެއް މެންބަރުން ހުރަސްއަޅަނީ ކީއެްވެގެންހެއްޔެވެ؟ އަލީވަހީދު ވިދާޅުވާ ގޮތުގައި އެއީ އޭނާ ހުށަހަޅުއްވައިގެން ކުރަންއުޅޭ ކަމަކަށްވާތީވެ އެކަންކުރަން ބޭނުންނުވަނީއެވެ. ނުވަތަ އެމަސައްކަތްކުރަން އިސްނަގައިގެން އުޅުނު މީހަކީ އޭނާކަމުގައިވުމުން ރައްޔިތުންގެ ފަރާތުން ލިބިދާނެ ޝުކުރުގެ ބަހެއް ނުވަތަ ޕްލަސްޕޮއިންޓެއް އޭނާއަށް ލިބިދާނެތީ އެކަން ވިޔަ ނުދޭން އުޅެނީއެވެ.
މިއީ ތެދަކަށްވާނަމަ ކައުންސިލަރުންގެ ވާޖިބާ މަސްއޫލިއްޔަތާ މެދު ރައްޔިތުން ސުވާލު އުފައްދާނެ ޖާގަ އެބައޮތެވެ. އެއީ ރައްޔިތުންނަށް ޚިދުމަތްކުރަން ހުވާކޮށްގެން ތިބި ބައެއްގެ އަމަލުތައް ހުންނަން ޖެހޭނެ ގޮތް ހެއްޔެވެ؟ ރައްޔިތުންގެ ފައިސާއިން މުސާރަދީފައި އެއަރކޮންޑިޝަން ރޫމްތަކުގައި އަންލިމިޓެޑް އިންޓަރނެޓާއެކު ބައިތިއްބާފައި އެތިބެނީ ރައްޔިތުންނަށް ޚިދުމަތްކުރަންކަމުގައި ހަނދާންކޮށްދޭން ޖެހެއެވެ. ރަށުގެ ކަންކަމާމެދު ވިސްނާ ރަށަށް ބޭނުންވެފައިވާ ކަންކަން ކޮށްދިނުމުގައި ވަކިމީހެއްގެ މޫނަށް ބަލާކަށް ނުޖެހެއެވެ. ވަކިމީހަކު ކުރާތީ އެކަމަށް ދެކޮޅުހަދާކަށްވެސް ނުޖެހެއެވެ. ބަލަން ޖެހޭނީ ހަމައެކަނި ކުރިމަތީގައި އޮތް ވާޖިބަށެވެ.
އޭދަފުށީ ކައުންސިލަކީ އެއްވެސް އިރަކު ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެވޭތޯ އުޅުނު ބައެއްނޫނޭ ބުނާ މީހުން މަދެއްނޫނެވެ. މިރަށަށް ތަރައްގީއެއް އައިސްފާ ވާނަމަ އެއީ ކަތީބުންނާ މުދިމުންގެ ދުވަސްވަރު އެމީހުން ކޮށްފާހުރި ކަންކަމޭ ބުނަނީ އެހެންވީމާ ކަމަށްވެދާނެއެވެ. އެހިސާބުން މިރަށުގެ ތަރައްގީގެ ދުވެލި މިއޮތީ އެއްކޮށްހުއްޓިފައެވެ. އަަޅުގަނޑުމެންނަށް ރަށް ފެންނަނީ އެގޮތުގައެވެ. އެހެންވީމާ އަޅާނުލެވި ގިނަދުވަސްވުމުގެ ސަބަބުން ތަރައްގީގެ އިންޖީނު މިހާރުވަނީ އޯވަހޯލް ކުރަން ޖެހިފައެވެ.
ކަންތައް މިހާހިސާބަށް ދިޔަނަމަވެސް މިއަދުގެ ހަގީގަތަކީ ގިނަބަޔަކު އޭދަފުށިކައުންސިލް ބަލަނީ ވަންމޭން ޝޯއެއްގެ ގޮތުގައެވެ. އޭދަފުށީ ކައުންސިލޭ ބުނާއިރު ސިފަވެގެންދަނީ އަލީވަހީދުގެ ސޫރައެވެ. ނުވަތަ އެންމެމީހަކު ހަރަކާތްތެރިވާ ތަނެއްގެގޮތުގައެވެ. މިކަމަށް ބާރުދޭ ދަލީލަކީ ކައުންސިލުން ކުރާ މަދުކަންތަކުގައިވެސް ޝައުގުވެރިކަމާއެކު ހަރަކާތްތެރިވާތަން ފެންނަނީ އަލީވަހީދު ކަމަށް ވާތީއެވެ. މިދެންނެވީ ހާލަކުން ފަހަރަކު އެހެން ކައުންސިލަރުން ނުފެންނަ ވާހަކައެއް ނޫނެވެ. އެކަމަކު ކައުންސިލާ ހަވާލުކޮށްފައިވާ ޒިންމާއާއި ކައުންސިލްގެ ވާޖިބު އަދާކުރުމުގައި އަލީވަހީދު ނޫން އެހެން ކޮންމެ ކައުންސިލަރަކީ އެމީހުންގެ މަގާމުގެ ވާޖިބު އަދާކުރާގޮތާމެދު ރައްޔިތުން ސުވާލު އުފައްދާ މީހުންނެވެ.
އޭދަފުށީ ކައުންސިލަކީ ރައްޔިތުންނަށް ކަމެއް ކޮށްދޭން އުޅޭ ބައެއް ނޫންކަން ވޭތުވެދިޔަ ދުވަސްތަކުގައި ދައްކައިދީފައިވަނީ ރަށުގެ އާއްމު ހާލަތެވެ. އެމީހަކާއެމީހެކޭ ބުނާފަދަ ދަށުދަރަޖައަކަށް ރަށުގެ ނިޒާމް އޮތީ ބޮއްސުންލާފައެވެ. ރައްޔިތުންގެ އަމަލުތައް ހުންނަ ގޮތުން ބައެއްފަހަރު ރަށުގެ ބެލެނިވެރިން ކޮބައިބާއޭ އަމިއްލަހިތާ ސުވާލު ކޮށްލެވޭފަހަރުވެސް އާދެއެވެ. ގަވާއިދާ ގާނޫނު އޮތްތާ އޮއްވާ އެމީހަކު ބޭނުންގޮތަކަށް ބޭނުންކަމެއް ބޭނުން ވަގުތަކު ކޮށްލަމުން ދަނީއެވެ.
އެހެންވިޔަސް ކަންކަން ރަނގަޅު ކުރުމަށްވެސް ކޮންމެވެސް ވަރަކަށް މަސައްކަތް ނުކުރެއޭ ދެންނެވުމަކީ ހަގީގަތަކަށް ނުވާނެއެވެ.
ކައުންސިލްގެ ރައީސް އަލީވަހީދަކީ އޭދަފުށީ ކައުންސިލްގެ ވޭތުވެދިޔަ ދައުރުގެވެސް ރައީސެވެ. ފުރަތަމަ ދައުރުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރު ހިންގާ ޕާޓީއާ އިދިކޮޅު މެޖޯރިޓީ އޮތް ކައުންސިލެއް ކަމުގައިވުމުން ސަަރުކާރުން އެއްވެސް ވަރަކަށް އެއްވެސް ކަމެއްގައި އެއްބާރުލުން ދީފައި ނުވުމެވެ. މި ދައުރުގައި އޮތް ގޮން ޖެހުމަކީ ކައުންސިލްގެ ބައެއް މެންބަރުންގެ އަމިއްލަ އެޖެންޑާއެއް ގެންގުޅުމެވެ. އެެ އެޖެންޑާއަކީ ރައީސް ހުށަހަޅާ ކޮންމެ ކަމެއް ބޮއިކޮޓްކޮށްލުން ކަމަށް ވާނަމަ މިހިސާބުން އެއުފެދެނީ ހަސަދަވެރިކަމެއްނޫންހެއްޔެވެ؟ އެހެންކަމަށްވެއްޖެނަމަ އެއިން އުފެދޭނީ އަލިފާނެވެ. އެ އަލިފާނުން ރޯވަމުން ދާނީ ތަރައްގީއާ ކުރިއެރުމަށް ފެން ބޮވައިގެންފައި ތިބި އޭދަފުށިގެ ރައްޔިތުން ނޫން ދެން އެހެން ކޮން ބައެއް ހެއްޔެވެ؟
އަލީވަހީދުގެ ނިންމެވުމަށް ފާޑުކިޔާކަށް ނެތީމެވެ. އެހެންނަމަވެސް އޭނާގެ އެނިންމެވުމުގައި ވަނީ ޅެން ވެރިޔާ އެ ވިދާޅުވާ ވާހަކައެއް ނޫންބާއެވެ؟
“ނަމެއްގައި ކަމެއްގައި އުޅޭނޭ ކަމެއްނެތް،
ކަމެއްނެތް ނަމެއްގައި އުފާވެރިކަމެއް ނެތް.”