ކޮވިޑާގުޅިގެން ބަންދުކޮފައި އޮތް ބ. ވައްކަރުގައި ހިންގާ ވައްކަރު މޯލްޑިވްސް ރިސޯޓު އަންނަ މަހު 1ގައި ހުޅުވަން ނިންމާފައިވާ ކަމަށް އެރިސޯޓުން ބުނެފި އެވެ.
ރިސޯޓުން ހާމަ ކުރި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ވުމުގެ ގޮތުން އަޅާފައިވާ ގިނަ ފިޔަވަޅުތަކާއެކު، އަލުން އެ ރިސޯޓް ހުޅުވާއިރު ސޯޝަލް ޑިސްޓެންސިން ބެހެއްޓޭ ގޮތަށް ހިދުމަތްތައް ބަދަލު ކުރުމުގެ އިތުރުން ޓޫރިސްޓުންނަށް މުހިންމު ވާނެ އެހެން ބަދަލުތަކެއް ވެސް ގެނެސްފައި ވާނެއެވެ.
ވައްކަރު މޯލްޑިވްސް ހުޅުވާލާއިރު ޓޫރިސްޓުންނަށް ހާއްސަ އަގުތަކެއް ވެސް ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ޕޫލް އަދި ބީޗް ވިލާ ތަކުން ރެއަކަށް ގާތްގަނޑަކަށް 900 ޑޮލަރަށް ރޫމް ލިބޭނެ ކަމަށާ އަންނަ މަހުގެ އެއް ވަނަ ދުވަހުން ޑިސެމްބަރު މަހުގެ 22 ގެ ނިޔަލަށް 40 ޕަސެންޓުގެ ޑިސްކައުންޓެއް ވެސް ދޭނެ އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު މި މަހު 15ގައި އަލުން ހުލުވާފައިވާއިރު 30 ރިސޯޓެއް ވެސް ވަނީ އޮޕަރޭޝަނަށް އައިސްފަ އެވެ. ނަމަވެސް ގިނަ ރިސޯޓުތައް ހުޅުވަން ތައްޔާރު ވަމުން ދަނީ އަންނަ މަހުގަ އެވެ.