ނައިފަރުގައި ހުރި ޖީން އެކްސްޕާޓް މެޝިން އޭދަފުއްޓަށް. !

މަޗހިނެ.jpg

ޅ.އަތޮޅު ހޮސްޕިޓަލުގައި ހުރި ޖީން އެކްސްޕާޓް މެޝިން ،އޭދަފުއްޓަށް ގެންދިއުމަށް ލޯންޗަށް އަރުވާފައި.

ޅ.ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލުގައި ހުރި ޖީން އެކްސްޕާޓް މެޝިން ނުވަތަ ކޮވިޑަށް ޓެސްޓް ކުރާ މެޝިން އޭދަފުއްޓަށް ގެނެސްފިއެެވެ.

މިކަން ކަށަވަރުކޮށް ދެއްވަމުން ބ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ އެމެޝިން މިއަދު އޭދަފުއްޓަށް ގެނެސްފައިވާ ކަމަށާ މެޝިން އިންސްޓޯލް ކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމުގައެވެ.

“އިންސްޓޯލް ކުރުމުގެ މަސައްކަތް މާދަމާ ފަށާނަން. ހަމައެއާއެކު މެޝިނަށް ބޭނުންވާ ކާޓްރިޖްވެސް އެންމެ އަވަހަށް އޭދަފުއްޓަށް އަންނަ މުދާ އުފުލާ ދޯނި ފަހަރުން ލިބޭނެ.” ރަޝިދު ވިދާޅުވިއެވެ.

އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޅ.އަތޮޅު ހޮސްޕިޓަލުގައި ހުރި މި މެޝިން ގެންދަން ސަރުކާރުން ނިންމުމާއި ގުޅިގެން ނައިފަރު ރައްޔިތުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ވަނީ މިކަން ހެލްތު މިނިސްޓަރުގެ ސަމާލު ކަމަށް ގެނެސް މި ނިންމުން ބަދަލު ކުރަން އެދިވަޑައިގެން ސިޓީއެއް ފޮނުއްވާފަ އެވެ.

ޖީން އެކްސްޕާޓް މެޝިން

“ޅ.އަތޮޅަކީ ކޮވިޑް 19 ގެ ކޭސް އެންމެ ފުރަތަމަ ފެނުނު ސަރަހައްދު ކަމަށް ވެފައި ނިސްބަތުން މެދު އުތުރުގެ އެންމެ ގިނަ ރިސޯޓުވެސް ހިންގަމުން އަންނަ އަތޮޅު ކަމަށްވާތީ ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން އެންމެ ރިސްކު ބޮޑު އެއް ސަރަހައްދަށް މި އަތޮޅު ވާނެތީ މި މެޝިން އެހެން ހޮސްޕިޓަލަކަށް ބަދަލު ކުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެހެން ކަމުން އަތޮޅުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި މިކަން މި ގޮތަށް ނުކުރެއްވުމަށްދަންނަވަމެވެ.” ޝިޔާމްގެ ސިޓީގައި ލިއުއްވާފައި ވެއެވެ.

އެހެންނަމަވެސް ނަމަވެސް ޅ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޖައުފަރު އަބްދުﷲ ވިދާޅުވިކަމަށް ރާއްޖޭގެ އޮންލައިން ނޫހެއްގައި ބުނެފައިވަނީ ހޮސްޕިޓަލުގައި ހުރި މެޝިން އޭދަފުއްޓަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމަވާފައިވާތީ އެނިންމެވުމަށް އެއްބާރު ލެއްވުން ދެއްވާނެ ކަމަށެވެ.

އަދި ކޮވިޑް 19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ލިބެންހުރި މަދު ވަސީލަތްތަކާއެކު ސަރުކާރުގެ މި ވަގުތުގެ އެނިންމެވުމަކީ މި ހިނދުން މިހިނދަށް ރާއްޖޭގެ 5 ސަރަހައްދެއްގައި ކޮވިޑް ޓެސްޓް ފެށުން ކަމަށާއި އޭދަފުއްޓަކީ ސަރުކާރުން ކަނޑައަޅާފައިވާ 5 ސަރަހައްދުން އެއް ސަރަހައްދު ކަމުގައެވެ.

“އެމެޝިން އޭދަފުއްޓަށް ގެންދަނީ އެއްކޮށެއްވެސް ނޫން. އެމެޝިން ނެތަސް މިހާރު ހޮސްޕިޓަލުން ލިބެމުންދާ ޚިދުމަތްތައް ހުއްޓިގެން ނުދާނެ. މެޝިން ނައިފަރުގައި ހުއްޓަސް ޓެސްޓް ކުރާނެ ކާޓްރިޖެއްވެސް ނެތް.” ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މަގާމެއްގެ ގޮތުން ހޮސްޕިޓަލުގެ މެނޭޖަރު ކަމުގައި ހުންނަވާ ހޮސްޕިޓަލުގެ މެނޭޖަރު ވިދާޅުވިއެވެ.

ނައިފަރު ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ޝާހިދު ވިދާޅުވީ އެފަދަ ނިންމުމެއް ސަރުކާރުން ނިންމަވާފައި ވާތީވެ މެނޭޖަރާ އެކު ވާހަކަ ދެކެވުނު ކަމަށެވެ. ނަމަވެސް ހޮސްޕިޓަލަކީ ވަކި މެންޑޭޓެއްްގެ ދަށުން ހިނގަމުންދާ ތަނަކަށް ވާތީ ވަކިގޮތަކަށް ނިންމުމުގެ ބާރެއް ކައުންސިލަކަށް ނޯންނާނެ ކަމުގައެވެ.

ސަރުކާރުގެ އެ ނިންމެވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް އާއްމު ރައްޔިތުން ފާޅުކޮށްފައިވާ ޝުއޫރު ތަކަށް ބަލާއިރު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަ ކުރެވޭ ކަމަށް ކައުންސިލުގެ ނައިބު ރައީސް ވިދާޅުވި އެވެ.

އެގޮތުން ރަށު ފެންވަރުގައި އިސްކޮށް ހަރަކާތްތެރިވާ އާއްމު ރައްޔިތަކު ބުނެފައިވަނީ އޭދަފުއްޓަކީ 3000މީހުންގެ އާބާދީއެއް އޮތް ރަށެއްކަމާއި ނައިފަރަކީ 5000އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށަކަށް ވާއިރު ނައިފަރުގައި ހުރި މެޝިން އޭދަފުއްޓަށް ގެންދަން ޖެހޭނެކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އެމެޝިނަކީ ޑަބްލިޔޫއެޗްއޯއިން ނައިފަރު ހޮސްޕިޓަލަށް ހަދިޔާ ކުރެއްވި މެޝިނެއްކަމަށާ ރަށްފުށުގައިވެސް ކޮވިޑް ފެތުރުމުގެ ބިރު އިންތިހާއަށް އޮތް ހިނދު، ރަށުގައި ހުރި އެފަދަ މުހިއްމު ވަސީލަތެއް އެހެން ތަނަކަށް ގެންދިއުމަށް ރައްޔިތުންނަށް ނުރުހެވޭނެ ކަމަށެވެ. އޭދަފުށީގައި ހުރި އެފަދަ މެޝިނެއް ނައިފަރަށް ގެންނަން އުޅޭނަމަ އޭދަފުށި ރައްޔިތުން އެކަމާ ކަންބޮޑުވުން ނުކުރާނެތޯ ވެސް އެފަރާތުން ވަނީ ސުވާލު އުފައްދާފަ އެވެ.

ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލަކީ ރައީސް ޔާމީންގެ ސަރުކާރުން އަތޮޅު ތެރޭގައި ބިނާ ކޮށްފައިވާ އެންމެ ފުރިހަމަ އެއް ހޮސްޕިޓަލެވެ.

ޖީން އެކްސްޕާޓް މެޝިން އޭދަފުއްޓަށް ގެނެސްފައިވާއިރު އޭދަފުއްޓަކީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑަށް ހާއްސަކޮށްގެން ގާއިމްކުރާ ފެސިލިޓީތަކުގެ ތެރޭގައި ހިމެނޭ އެއް ފެސިލިޓީ ގާއިމު ކޮށްފައިވާ އެއް ރަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top