”ނައު ކެނޑުން” ތުޅާދޫން އީދުގައި ފެންނާނެ ތަފާތެއް

21244702_10155167742748402_472398407_n.jpg

ނައު ކެނޑުމުގެ ކުޅިވަރަށް ނައު ތައްޔާޜު ކުރުމުގެ މަސައްކަތް ތުޅާދޫގައި ކުރިޔަށްދަނީ. މިކުޅިވަރު މިއަހަރު ބ. އަތޮޅުގައި އޮންނާނީ ތުޅާދޫގައި އެކަނި / ފޮޓޯ: ސިލްވަރޝައިން ކްލަބް

ނައުކެނޑުމޭ ބުނީމާ ގިނަ ބަޔަކު ހައިރާންވާނެކަން ނޭގެއެވެ. އެކަމަކު ތުޅާދޫ މީހުންނަށް މިއީ އާވާހަކައަކަށް ނުވަތަ އާ ކަމަކަށް ނުވާނެއެވެ. ތުޅާދޫގައި މި ފަހަކަށް އައިސް ބޮޑު އީދުގައި އެންމެ ފޯރީގައި ކުޅޭ ކުޅިވަރަކަށް ވާތީއެވެ.

މި ކުޅިވަރު ކުޅޭ ގޮތް މި ޒަމާނުގެ ކުދިންނަށް މޭރުން ވާގޮތަށް ކިޔައި ދެއްވަމުން ތުޅާދޫ ޝަންޝައިން ކްލަބްގެ މީޑިއާ ކޯޑިނޭޓަރ މުހައްމަދު ރަޝީދު ވިދާޅުވީ ނަވަކީ އިހުޒަމާނުގައި ހަތަރެސްކަން ރިޔާ ނަގައިގެން ދުއްވާ އުޅުނު ބައްތެލި ފާޑުގެ އޮޑިފަހަރަށް ކިޔާ ނަން ކަމުގައެވެ. މި މޮޑެލް އަސްލަކަށް ބަލައިގެން  އޮޑިއެއް ހަދައި ފަޅުގައި އަޅާފައި އޮންނާނީ ރަށުގެ އެންމެންނަށް ފެންނާނޭހެންނެވެ. ނަވުގެ ފުށުވާ އައްސާފައި އޮންނައިރު، އެ ވާ ޖެހެނީ ސިއްރުން ކަނޑާލާށެވެ. ނާ ކެނޑުމަކީ އެއީއެވެ. މިކަން ކުރަންޖެހެނީ އަންހެން ވެރިންނެވެ. ފިރިހެންވެރިންނަށް ސިއްރުންނެވެ. ތުޅާދޫ ސިލްވަރޝައިން ކްލަބުން ބުނީ އެރަށުގައި މިކުޅިވަރު ކުޅޭތާ އެތައް އަހަރެއް ވެދާނެ ކަމަށާ، މިކުޅިވަރުގެ ފޯރި ފަހަކަށް އައިސް ގަދަވަމުން އަންނަ ކަމަށެވެ.

“ކޯޑި ކަނޑާމީހާ އަށްވެސް ލިބޭ ލަނޑު ނައު ކަނޑާ މީހާއަށް ވެސް ލިބޭނީ. އެއީ ނައުކަނޑާ މީހާ އިރު އޮއްސެންދެން ނޫނީ ހަވީރު ވަންދެން މޫދުގައި ބާއްވާނެ. ދެން އެމީހާ ނަގައިގެން ގެންގޮސް ފެންވަރުވާ މުޅި ހަށިގަނޑުގައި ދެލި ލައިގެން ދެލިމާލި ޕެރޭޑް ކުރީގައި ބަހައްޓައިގެން ރަށުގެ މަގުތަކުގައި ގަން ހިންގުން އޮންނާނެ.”  މުހައްމަދު ރަޝީދު އީވީއަށް ކިޔައިދިނެވެ.

ތުޅާދޫގައި މިދިޔަ އަހަރު ނައު ކެނޑުމުގެ ކުޅިވަރު ކުރިޔަށް ދަނީ / ފޮޓޯ: ތުޅާދޫ ސިލްވަރޝައިން ކްލަބް

އޭނާ ބުނީ ނައުކެނޑުމުގެ އިތުރުން އެރަށުގައި ބޮޑުމަހާއި، ދަނޑިޖެހުން އަދި ދެލިމާލި ޕެރޭޑްކަހަލަ ސަގާފީ ބައެއް ކުޅިވަރުތައް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ތުޅާދު ސްޕޯޓްސް ކްލަބުންވެސް ކުޅިވަރުތަކެއް ކުޅުމަށް ރާވަމުން އަންނަކަމަށް މުހައްމަދު ބުންޏެވެ.

ބ. އަތޮޅުގެ ރަށްރަށުގެ ތެރެއިން ތުޅާދޫގައިވެސް އީދު ކުޅިވަރުތައް ވަރަށް ފޯރި ގަދަވާނޭކަމަށް މިވަނީ ބެލެވެން ފަށާފައެވެ. އަތޮޅުގެ ކޮންމެ ރަށެއްގައިވެސް ކުޅެވޭ ކުޅިވަރުތަކުގެ ތެރެއިން އީވީން މިގެނެސްދެމުންދަނީ ކޮންމެ ރަށެއްގައިވެސް ކުރެެވޭ ތަފާތު ކޮންމެވެސް އެއްކަމެއްގެ ވާހަކައެވެ. އިތުރު މައުލޫމާތު ލިބޭ ވަރަކުން ހިއްސާ ކުރަމުންދާނަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top