އެންމެ އެދެވިގެންވަނީ ފޮތި މާސްކް: މިނިސްޓަރު

aishath-ali-scaled.jpg

އަންނަ ޖުލައި މަހު 1ވަނަދުވަހު ސްކޫލުތައް ހުޅުވުމާއެކު ދަރިވަރުން އަޅަން އެންމެ އެދެވިގެންވަނީ ފޮތިމާސްކު ކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދަރިވަރުން ސްކޫލަށް ދާއިރު އަޅާ މާސްކަކީ ޔުނިފޯމްގެ ބައެއް ގޮތަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެކަމަނާ ވިދާޅުވީ ނިއު ނޯމަލްގައި ސްކޫލްތައް ހުޅުވާލާއިރު ޓީޗަރުންނާއި، ދަރިވަރުންގެ އިތުރުން ބެލެނިވެރިންނާއި އެނޫން ކަމެއްގައި ސްކޫލަށް ވަންނަ މީހަކަށްވިޔަސް ސްކޫލުގެ ގޯތި ތެރެއަށް ވަދެވޭނީ މާސްކު އަޅައިގެން ކަމަށެވެ.

މިމޭރުމުން ވާހަކަދައްކަވަމުން ދެ ވައްތަރެއްގެ މާސްކު ބޭނުންކުރުމަށް އެކަމަނާ އިލްތިމާސް ކުރެއްވިއެވެ. އެއީ ސާޖިކަލް މާސްކް އާއި ފޮތި މާސްކެވެ. އެކަމަކު މިނިސްޓަރު ބާރު އެޅުއްވީ ދަރިވަރުން ފޮތި މާސްކު ބޭނުން ކުރުމަށެވެ.

“އެއީ ހަރަދު ކުޑަކުރުމާ، ގިނަ ވަގުތުތަކުގައި ދަރިވަރުން ތިބެންޖެހޭނެތީ ފޮތި މާސްކަށް އަޅުގަނޑުމެން ބޮޑަށް މި ބުރަވަނީ،” މިނިސްޓަރު ވިދާޅުވިއެވެ.

ފޮތިމާސްކު ހަދާނެ ގައިޑްލައިންއެއް ސްކޫލުތަކާ ހިއްސާކޮށްފައިވާނެ ކަމަށާއި މާސްކު ހެދުމަށް ބޭނުންކުރާ ފޮއްޗަކީ ކައިރިކޮށް ރޮދި ހުންނަހެން ވިޔެފައި ހުންނަ މާސްކަށް ވާންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ފަސޭހައިން ދަރިވަރުންނަށް ނޭވާ ލެވޭނެ މާސްކަމަށް ވާންޖެހޭނެ ކަމަށާއި މާސްކުގައި ތިން ލޭޔަރު ހުންނަން ވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

“މާސްކު ހަދާފައި ހުންނަންވާނީ އަނގަ އާއި ނޭފަތް ނިވާވާނެހެން. ބާރުވެގެން ނުވަތަ މާ ދޫވެގެން އަބަދު މާސްކުގައި އަތްލާން ޖެހޭ ގޮތަށް މާސްކު ހެދިގެން ނުވާނެ،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ރައްކާތެރިކަން ކަށްވަރު ކުރުމުގެ ގޮތުން ހުރިހާ ސްކޫލެއްގައިވެސް އަތް ދޮވެވޭނެ އިންތިޒާމު ހަޖަމައްސާފައިވާނެ ކަމަށާއި، ސައިބޯންޏާއި ސެނިޓައިޒާ ސްކޫލުތަކަށް ފޯރުކޮށްދޭނެ ކަމަށެވެ.

“ބެލެނިވެރިންނަށް ކަށަވަރުކޮށްދޭން ބޭނުންވަނީ ސްކޫލު މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ވާނެކަން. ސްކޫލަށް ދަރިވަރުން ވެއްދޭނީ ހުން ބެލުމަށްފަހު. މިކަމަށް ޓްރެއިން ކޮށްފައި ތިބޭ ސްޓާފުން ހުރިހާ ގޭޓެއް ކައިރީ ތިބޭނެ. މީގެ އިތުރުން ސެނިޓައިޒް ކުރާނެ ގޮތާއި ޑިސް އިންފެކެޓު ކުރާނެ ގޮތް ސަޕޯޓު ސްޓާފުންނަށާއި އެހެން މުވައްޒަފުންނަށްވެސް ހިންގަން ނިންމާފައިވާނެ،” މިނިސްޓަރު ވިދާޅުވިއެވެ.

އަދި ފިޒިކަލް ޑިސްޓެންސިންގ ދެމެހެއްޓުމުގެ ގޮތުން ކްލާސްރޫމުތަކުގެ ސައިޒް ކުޑަކޮށް ކްލާހެއްގައ ތިބޭނީ 16 ކުދިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

 

 

 

 

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top