އަތީފުއާއެކު ސާބިތުވެ ތިބިކަމަށް ތުޅާދޫ ޕީޕީއެމް ،ބޮޑުގޮފިން ބުނެފި

36839559_814409235419263_4730024938801463296_n.jpg

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ތުޅާދޫ ދާއިރާއަށް ޕީޕީއެމްއިން ވާދަ ކުރައްވާ މުހައްމަދު އަތީފަށް ތާއީދު ކުރުމަށް ފަހު އެ ތާއީދު އަނބުރާ ގެންދިޔަ ނަމަވެސް ތުޅާދޫ ޕީީޕީއެމްގެ މެންބަރުން ތިބީ އަދިވެސް އަތީފަށް ތާއީދު ކުރާ ގޮތަށް ކަމަށް “ޕީޕީއެމް ،ތުޅާދޫ ބޮޑު ގޮފި” ން ބުނެފިއެވެ.

ތުޅާދޫ ދާއިރާގެ ޕީޕީއެމް އިން މިފަދަ ގޮތަކަށް ބުނެފައި މިވަނީ މުހައްމަދު އަތީފަށް ޕްރޮގްރެސިވް ކޯލިޝަނުން ކުރި ތާއީދު އަނބުރާ ގެންދަން ނިންމުމާއި ގުޅިގެންނެވެ.

އޭނާއަށް ކުރި ތާއީދު އަނބުރާ ގެންދަން ނިންމީ ޕީޕީއެމްގެ މެމްބަރުންތަކެއް އޮފީހަށް ވަންނަން އުޅުމުން ހުރަސްއެޅި ކަމަށް ތުހުމަތުކޮށެވެ.

އެކަން އިއުލާން ކޮށްފައިވަނީ އަންގާރަ ދުވަހު ބޭއްވި ޕްރެސްކޮންފަރެންސް ގައި ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އެވެ.  ޕޮރްގްރެސިވް ކޯލިޝަނުން މިހާރު ތާއީދު ކުރަނީ އެދާއިރާ އަށް އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ މުހައްމަދު ޒަހީންއަށެވެ. ޒަހީން އަކީ މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދުގެ އާއިލާ މެމްބަރެކެވެ.

މިކަމާ ގުޅިގެން މިއަދު އެގޮފީގެ ނައިބުރައީސް ،މުހައްމަދު މުމްތާޒު ސޮއިކުރައްވައި ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޕީއެންސީގެ ވަގުތީ ރައީސް އިރުއިރުކޮޅާ އަތީފަށް ތާއީދުކުރައްވާފައި އެ ތާއީދު އަނބުރާ ގެންދަވާކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކާ ގުޅިގެން ތުޅާދޫ ދާއިރާގެ ޕީޕީއެމް މެންބަރުންނާއި ޕީޕީއެމް ތުޅާދޫ ބޮޑު ގޮފިން ވަނީ ބައްދަލުކޮށް މަޝްވަަރާ ކޮށްފައި ކަމަށެވެ.

މަޝްވަރާއަށް ފަހު ތުޅާދޫ ދާއިރާގެ ޕީޕީއެމް އެންމެހާ މެންބަރުން ނިންމަވާފައިވަނީ ޕީއެންސީގެ ވަގުތީ ރައީސް ، ދެވަނަ ފަހަރަށް އަތީފަށް ކުރައްވާ ތާއީދު އަނބުރާ ގެންދިޔަ ނަމަވެސް ދާއިރާގެ ޕީޕީއެމް މެންބަރުންގެ ފުރިހަމަ ތާއީދު އޮތީ އަތީފަށް ކަމަށް ދަންނަވައި އާ ހިތްވަރަކާއެކު އަތީފު އާއެކު ސާބިތުވެ ތިބެ މި އިންތިޚާބު އަތީފަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތްކުރުމަށެވެ. ހަމައެއާއެކު ތުޅާދޫ ދާއިރާގެ ޕީޕިއެމް ކެންޑިޑޭޓަކީ ކެންޑިޑޭޓް ނަންބަރު 3 މުހައްމަދު އަތީފު ކަމަށާއި ތުޅާދޫ ދާއިރާގެ ޕީޕީއެމް މެންބަރުންނަކީ ޕީއެންސީގެ ވަގުތީ ރައީސް އެދިލައްވާހައި ގޮތަށް ވޯޓު ދޭނޭ ބަޔަކަށް ނުވާނެ ކަމަށެވެ.

މި ނޫސް ބަޔާނުގައި ތުޅާދޫ ދާއިރާގެ ޕީޕީއެމް މެންބަރުން ޕީޕީއެމްގެ ރައީސަށް ގޮވާލާފައި ވަނީ ޕީޕީއެމްގެ ބަދަހި ގުޅުން ނެތިކޮށްލައި ޕާޓީ ބައިބައިކޮށްލުމަށް ޕީއެންސީގެ ވަގުތީ ރައީސް ކުރައްވާ މަސައްކަތް ހުއްޓުވައި ވަގުތީ ރައީސްގެ އަމިއްލަ މަސްލަހަތު އިސްކޮށް ޕީޕީއެމްގެ މެންބަރުންނާއި ތުޅާދޫ ދާއިރާގެ ރައްޔިތުންގެ ރުހުމާއި އިތުބާރު ލިބިފައިވާ ތުޅާދޫ އަތީފަށް ޒާތީ ގޮތުން ދެމުން ގެންދާ ހަމަލާތައް ހުއްޓުވުމަށެވެ.

ޕީއެންސީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ( އަދުރޭ) ހިންގަމުން ގެންދާ ނޭއްގާނީ އަމަލުތަކުގެ ސަބަބުން ތުޅާދޫ ދާއިރާއިން ”ޕީޕީއެމް” ނެތިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތުޅާދޫ ދާއިރާއިން ހަތަރު ކެންޑިޑޭޓަކު ވާދަކުރެއެވެ. ތުޅާދޫ ދާއިރާގައި ހަތަރު ރަށެއް ހިމެނޭއިރު އާބާދީ އެންމެ ބޮޑީ ތުޅާދޫގައެވެ. އެ ރަށުގެ އާބާދީގައި 2972 މީހުން ތިބޭއިރު ވޯޓުލެވޭ މީހުންގެ އަދަދަކީ 2183 މީހުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top