ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް 25 ޖެނުއަރީއާއި ގުޅޭ
ޢަމަލުގެ ތަފާތު
ބަލާ ބެލުމަށް މުޅިން އިންސާނެއްގެ ސިފަ ޖަހާ ކޮމްޕިއުޓަރެއް ތައްޔާރު ކުރެވިދާނެއެވެ. މި ކޮމްޕިއުޓަރު ގާތު ފެން ތަށްޓެއް ގެންނާށޭ ބުނީމާ ޕްރޮގްރާމް ކުރެވިފައިވާ ހިސާބަށް ގޮސް ފެން ތަށި ހިފައިގެން އައިސް ދީފާނެއެވެ. ކޮމްޕިއުޓަރުގެ މި ޢަމަލަކަށް އެއްވެސް ޖަޒާ އެއް ނުލިބޭނެއެވެ.
އަނެއް ފަރާތުގައި ތިބީ އިންސާނުންނެވެ. އިންސާނާއަށް ފެން ބޮވައިގެންފައިވާ މީހަކު ފެނިއްޖެއެވެ. އެމީހާގެ ޙާލުގެ މައްޗަށް ހިތުގައި ރަޙުމް އުފެދިއްޖެއެވެ. އޭނާ އަވަހަށް ދުއްވައިގަތީ އެމީހާއަށް ދޭން ފިނި ފެން ފޮދެއް ލިބޭތޯބަލާށެވެ. އެ ވަގުތު އޭނާގެ ހިތުގައި ޖަޒުބާތުގެ ޠޫފާނެއް އުތުރު އަރައިގަތެވެ. ދުލުން ނުކުތީ މިއަޑެވެ. އޭ ހައްދަވައި ބޮޑު ކުރެއްވި ﷲ އެވެ! އިބަ ކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ފެނުގެ މައްޗަށް ބާރު ނުހިނގާ ދުވަހު މިއަޅާއަށް ފިނިކުރިފެން މިންވަރު ކުރައްވައިފާނދޭވެ! ހިޔާވަހި ކަމެއް ދިނުމުގެ ކުޅަދާނަކަން އިބަ ކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ދުވަހު މި އަޅާއަށް ހިޔާވަހިކަން ދެއްވައިފާނދޭވެ!
އޭނާ ފެން ހޯދައިގެން އެއްކަލަ މީހާ އޮތް ތަނަށް އަތުވެއްޖެއެވެ. އޭނާގެ އަތުގައި ހުރި ފެން އަޅާ ފުރާފައި ހުރި ތަށްޓެކެވެ. އަނެއް ކޮޅުން ﷲ އަށް ބިރުވެތިވުމުގެ ސަބަބުން ލޮލުން ހޯސްލާފައި ކަރުނަ ފައިބަނީއެވެ. އޭނާގެ މި ޢަމަލަކީ ﷲ ރުއްސަވާ ޢަމަލަކަށް ވެ އިނާމު ލިބުމަކީ އެކަށީގެންވާ ކަމެކެވެ.
ކޮމްޕިއުޓަރާއި، އިންސާނާގެ ތަފާތަކީ މިއީއެވެ. ކޮމްޕިއުޓަރުން ކުރީ ހަމަ އިންސާނާވެސް ކުރި ޢަމަލެވެ. އެކަމަކު އެންމެ ފެން ތަށްޓެއްގެ ބަދަލުގައި އިންސާނާއަށް ލިބުނީ ސުވަރުގެއެވެ. ކޮމްޕިއުޓަރަކަށް އެ ފެންތަށީގެ ބަދަލުގައި އެކައްޗެއްވެސް ނުލިބުނެވެ. އެއީ ޖަޒުބާގެ ތަފާތެވެ. ކޮމްޕިއުޓަރުގެ ޢަމަލަކީ އެއްވެސް ޝުޢޫރެއް ނެތި ކޮށްފައިވާ ޢަމަލެކެވެ. އިންސާނާ ޢަމަލު ކޮށްފައިވަނީ ޝުޢޫރަކާ އެކީގައެވެ. ކޮމްޕިއުޓަރު ޢަމަލުކޮށްފައި ވަނީ އިޙްސާސަކާ ނުލައެވެ. އިންސާނާ ޢަމަލު ކޮށްފައިވަނީ އިޙްސާސާ އެކުގައެވެ. ނަތީޖާ އެއްގެ ގޮތުން އެކަކަށް އެ ޢަމަލުގެ ޖަޒާ އެއް ނުލިބުނެވެ. އަނެކަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލިބުނީއެވެ.
ދީނުގައި ކަން ދައްކަން ކުރާ ޢަމަލާއި، ހެޔޮ ނިޔަތުގައި ﷲ ގެ ރުއްސެވުމަށް އެދިގެން ކުރާ ޢަމަލުގެ މިސާލަކީ މިއީއެވެ. ކަން ދައްކަން ކުރާ ޢަމަލެއްގައި އިންސާނާގެ ޝުޢޫރު ބައިވެރިއެއް ނުވާނެއެވެ. އެއީ ހަމަ އެކަނި ބޭރު ފުށުން ފެންނަ ޙަރަކާތް ތަކެކެވެ. ﷲ ގެ ރުއްސެވުން އެދިގެން ކުރާ ޢަމަލެއްގައި އޭނާގެ ހިތާއި، ރޫޙް ބައިވެރިވާނެއެވެ.
ހުރިހާ ކަމެއްގައިވެސް މި ދެ ބާވަތުގެ ޢަމަލުގެ ތަފާތު ފެންނާން ހުރެއެވެ. ދީނީ ޢަމަލެއް ޤަބޫލު ކުރައްވާނީ ހިތާއި، ރޫޙު ބައިވެރިވާ ޢަމަލަކަށް ވާ ނަމައެވެ. ހިތް ނިޔަތް ޚަލާޞް ކޮށްގެން ކުރާ ޢަމަލަކަށް ވާނަމަ އެވެ. ހިތާ ދެކޮޅަށް ކަން ދައްކަން ކުރާ ޢަމަލަކީ މެޝިނުގެ ޢަމަލު ކަހަލަ ޢަމަލެކެވެ. މެޝިނެއްގެ ޢަމަލަކީ ﷲ ގެ ޙަޟުރަތުގައި ޤަބޫލު ކުރެއްވޭނެ ޢަމަލެއް ނޫނެވެ.
ޖަނަވާރަށް ވުރެ ނުބައި
ޝައިޚް ސަޢުދީ ބުނުއްވާފައި ވެއެވެ. “އަހަރެން ﷲ ދެކެ ބިރު ގަނެއެވެ. ދެން އަހަރެން ބިރު ގަންނަނީ ﷲ ދެކެ ބިރު ނުގަންނަ މީހުން ދެކެއެވެ.” ހަމަ މިވާހަކަ ޝޭކްސްޕިއަރ އެހެން ޢިބާރާތަކުން ބަޔާކޮށްފައިވެއެވެ. “އިންސާނާއޭ މިކިޔާ ޖަނަވާރު ދެކެ ފިނޑިމީހެއް ފަދައިން އަހަރެން ބިރުގަނެއެވެ.”
ދުނިޔޭގެ ކޮންމެ އެއްޗަކަށްވެސް ބައެއް ކަހަލަ ބާރު ލިބިފައިވެއެވެ. އަލިފާނަށް ނިކަން ބައްލަވާށެވެ. އަލިފާންގަނޑެއްގެ ތެރެއަށް މީހަކު ފުންމާލައިފިނަމަ އެ މީހަކު އަނދައިދާނެއެވެ. އެކަމަކު އަލިފާނާ ދުރުގައި އުޅޭ މީހަކަށް އެ އަލިފާނަކުން އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ. ފަހާ އަތުލައިގަނެގެން މީހުންނަށް ގެއްލުން ދިނުމަކީ އަލިފާނުގެ ފިޠުރަތެއް ނޫނެވެ. ކޮންމެ އެއްޗަކަށް ބެއްޔަސް ފެންނާނީ ހަމަ މި އުސޫލެވެ. އެއްވެސް އެއްޗަކީ އެ އެއްޗަކަށް ގޯނާއެއް ނުކުރަނީސް ޙަމަލާދޭ އެއްޗެއް ނޫނެވެ.
މީގެ މާނައަކީ ކޮންމެ އެއްޗެއްވެސް ހަމަޖެހި ކަނޑައެޅިފައިވާ ވަކި ހަމަތަކެއްގެ މަތީގައި ޤާއިމުވެފައިވާ ކަމެވެ. އެ ހަމަތައް ދަނެގެން އުޅޭ މީހަކަށް ލިބޭނޭ ގެއްލުމެއް ނޯންނާނެއެވެ. އެއްވެސް އުސޫލެއް، ހަމައެއްނެތި ހިތަށް އެރި ގޮތަކަށް އުޅޭ ހަމައެކަނި މަޚްލޫޤަކީ އިންސާނާއެވެ. އިންސާނާއަށް ވަނީ ބޭނުން ވަގުތަކު ބޭނުން ގޮތަކަށް އުޅުމުގެ މިނިވަންކަން ދެއްވާފައެވެ.
އެހެން މީސްމީހުންނާ ދެކޮޅަށް ބާވަތްބާވަތުގެ ނުބައި ރޭވުން ރާވާ ހަމަ އެކަނި މަޚްލޫޤަކީ އިންސާނާއެވެ. އިންސާނާ އަނެއް އިންސާނާ އެއްވެސް ގޯނާއެއް ނުކުރަނީސް އޭނާގެ މައްޗަށް ޙަމަލާ ދެއެވެ. އިންސާނާގެ ޢަދާވާތްތެރި ކަމާއި، ބަދަލު ހިފުމަކަށް އެއްވެސް ޙައްދެއް ނޯވެއެވެ. ހަމަހިމޭންކަމާއެކު އެއްވެސް މީހަކަށް އުނދަގުލެއް ނުކޮށް ދިރިއުޅޭ މީހަކަށްވެސް ފުރިހަމަ ރައްކާތެރިކަމުގެ ޔަޤީން ކަމެއް ނޯންނާނެއެވެ. އެހެނީ އޭނާއަށް ބޮނޑިދޭން އުޅޭ ޙަސަދަވެރިން އަބަދުވެސް ތިބޭނީ ދަނޑިވަޅަކަށް ބަލަބަލައެވެ. އިންސާނާ އަމިއްލަ އެދުންތައް ފުއްދަން ކުރާ މަސައްކަތުގެ ޙައްދެއްނެތެވެ. ހަމަ އެހެންމެ އެހެން މީހުންނަށް ކެހި ދީފައި ކުޅި ބަލަން ހުރުމުގެ އެދުމަކީވެސް އިންސާނާގެ ހިތުގައި ޙައްދެއްނެތް މިންވަރަށް އޮންނަ އެދުމެކެވެ.
އެންމެ ނުރައްކާތެރި، ނުލަފާ، މިނިކާ ޖަނަވާރަށްވެސް އެހެން ޖަނަވާރަކަށް ބޮނޑިއެއް ދޭން ރާވާކަށް ނޭނގޭނެއެވެ. އެހެން ޖަނަވާރެއްގެ އަގު ވައްޓާލާފައި ތިމާގެ ޤަދަރު އުފުލަން އުޅޭކަށް ނޭނގޭނެއެވެ. މިއީ ހަމަ އެކަނި އިންސާނާއަށް ލިބިފައިވާ ސިފައެކެވެ. ﷲ އިންސާނާ އުފައްދަވާފައިވަނީ ބުއްދި އެއް ދެއްވާފައެވެ. އެ ބުއްދީގެ ބޭނުންކޮށްގެން ހަލާކުގެ ތެރެއަށް ފުންމާލަނީ އިންސާނާ އަމިއްލައަށެވެ.
ދަތުރު ނިމެން ދަނިކޮށް…
އެކްސްޕްރެސް ރޭލު އޭގެ ހަލުވި ދުވެލީގައި ގޮސް މަންޒިލާ އަރާ ހަމަވަނީއެވެ. މަގުގެ ދެ ފަރާތުން ފެންނަ މަންޒަރު ތަކުން އެނގޭ ގޮތުގައި މިހާރު އެ މަޑު ކުރަން އުޅެނީ އެންމެ ފަހުގެ އިސްޓޭޝަނަށެވެ. ރޭލުގައި ތިބި ދަތުރުވެރިންގެ ތެރޭގައި އާ ދިރުމެއް އުފެދިއްޖެއެވެ. އެއް ބަޔަކު ތަންމަތި ބަންނަނީއެވެ. އަނެއް ބަޔަކު ހެދުން ބަދަލު ކުރަނީއެވެ. އެއްބަޔަކު ޝައުޤުވެރި ކަމާއެކު ކުޑަ ދޮރުން ބޭރު ބަލަނީއެވެ. އެންމެންގެވެސް ހިތްވަނީ އަވަސްވެފައެވެ. ރޭލު އޭގެ އެންމެ ފަހުގެ މަންޒިލަށް ހުއްޓާނެ ވަގުތަކަށް އެންމެންވެސް ބަލަބަލާ ތިބީ އުފާވެރި ކަމާއި، ހިތްހަމަޖެހުމާ އެކުގައެވެ.
ކުއްލިއަކަށް ބާރު އަޑެއް އިވިގެން ހިނގައްޖެއެވެ. އެކްސްޕްރެސް ރޭލު، ދަގަނޑުގައި އޮތް އެހެން ރޭލެއްގައި ޖެހުނީއެވެ. އޭގެ ފަހުން ހިނގައިދިޔަ ކަންތައްތައް ހިތަށް ގެނައުމަކީ އުނދަގޫ ކަމެއް ނޫނެވެ. އުފާވެރިކަން ހިތާމައަށް ބަދަލު ވެގެން ހިނގައްޖެއެވެ. ދިރިހުރި ފުރާނަތައް މަރުގެ ވަކި ދަށުގައި ވެއްޖެއެވެ. އުއްމީދުގެ ގަނޑުވަރުތައް ވެއްޓި ބިމާ ހަމަވެއްޖެއެވެ. އުފާވެރިކަމަކުން (Comedy) ނިމެން އޮތް ވާހަކައެއް ބޮޑު ހިތާމައަކަށް (Tragedy) ވެގެން ނިމިގެން ދިޔައީއެވެ.
ދިރިއުޅުމުގެ ވާހަކައަކީވެސް މިކަހަލަ ވާހަކައެކެވެ. އާދަމުގެ ދަރިޔާ އޭނާގެ މަޢާޝީ ދުނިޔެ ބިނާކުރަނީ ވަރަށް މަތިވެރި އުއްމީދުތަކަކާ އެކުގައެވެ. އޭނާގެ ގެ އާބާދު ކުރަނީ ވަރުގަދަ ޢަޒުމަކާ އެކުގައެވެ. އޭނާ ކާމިޔާބު ދިރިއުޅުމުގެ މުންނާރު ނަގައި ކޮޅަށް ޖަހަނީއެވެ. އެވަގުތު ކުއްލިއަކަށް މަރު އައިސް އޭނާޔާ ބައްދަލު ކުރެއެވެ. ގޭގައި ހުރި ރަނާއި، ރިއްސާއި، ޖަވާހިރުތައް ދޫ ކޮށްފައި ގޮސް ކަށްވަޅުގައި އޮށޯންނަން ޖެހިދެއެވެ. އޭނާގެ ވަރުގަދަ ހަށިގަނޑު ބިމުގެ ފަނި ފަކުސަ އާ ޙަވާލުވެ ދެއެވެ. އޭނާގެ މަސައްކަތުން ހާސިލު ކުރި ތަކެތި އަތުން ބީވެގެން ދަނީ އޭނާޔާ އެއްވެސް ޒަމާނެއްގައި ގުޅުމެއް ނެތް އެއްޗެކޭ ހީވާ ފަދަ އަކުންނެވެ.
ގަނޑުވަރުގެ ހުވަފެން ދެކޭ މީހާއަށް ކަށްވަޅަށް ވަންނަން މަޖުބޫރު ވަނީއެވެ. ކަށްވަޅުން ފަށާ ދަތުރު ނިމެނީ މަޙްޝަރުގެ މައިދާނަށެވެ. އެ ދުނިޔެއަކީ އޭނާގެ އުއްމީދުތަކުގެ ދުނިޔެއާ މުޅިން ތަފާތު ދުނިޔެ އެކެވެ. އެ ދުނިޔޭގައި އޭނާގެ ފަޤީރުކަން ހުރި މިންވަރަކީ، ގަޔަށް މަހައިލާނޭ ހެދުންގަނޑެއްހައި މިންވަރުވެސް އަތުގައި ނޯވެއެވެ. އެއްކުރި ހުރިހާ ފައިސާ ގެއްލިދެއެވެ. ރަޙްމަތްތެރިންނާއި، ބައިވެރިން ވަކިވެދެއެވެ. ގައިގައި ހުރި ބާރާއި،ފަންވަރު ފިނިވެ ދެއެވެ. ދުނިޔޭގައި ބޮޑާކަމާއެކު ހިނގައި، ފޮނި ދައްކަން ބޭނުން ކުރި އެއްވެސް އެއްޗެއްގެ ބޭނުން އެ ދުވަހު ހިފޭގޮތެއް ނުވެއެވެ.
އާދަމުގެ ދަރިޔާ މި ދުނިޔޭގައި ކުރާ ދަތުރަކީ ޙައިރާން ވާ ކަހަލަ ދަތުރެކެވެ. މަންޒިލާ ހަމައަށް ދެވި ނުދެވި އުޅެނިކޮށް ވަރުގަދަ ޙާދިސާ އެއްގެ ޝިކާރައަކަށް ވާން ޖެހިދެއެވެ.
ފަންސަވީސް ވަނަ ގަޑި
ފަރަންސޭސި ލިޔުންތެރިއަކު ފޮތެއް ލިޔުނެވެ. އެ ފޮތުގެ ނަމަކީ 25 ވަނަ ގަޑި އެވެ.
ފޮތުގެ މުޞައްނިފު ބަލާފައި ވަނީ ދުނިޔޭގެ މިއަދުގެ ޙާލަތަށެވެ. އޭނާ ބަޔާން ކޮށްފައިވާ ގޮތުގައި ދުނިޔެ މިހާރު ވަނީ ދެ ބަޔަކަށް ބެހިފައެވެ. އެއްބައި މަސައްކަތް ކުރަނީ އަނެއް ބައިގެ ދުވަސް ދުއްވައިލާށެވެ. ނައްތައިލާށެވެ. ނަތީޖާއެއްގެ ގޮތުން އެންމެ ފަހުން މުޅި އިންސާނީ ނަސްލު ނެތިގެން ދާނީއެވެ. ހަތިޔާރުގެ ވާދަވެރިކަމުގެ ސަބަބުން ދުނިޔެ ވެފައިވަނީ ނުރައްކާތެރި ހަތިޔާރު ގުދަނަކަށެވެ. ކެނޑިނޭޅި ކުރެވޭ ހަނގުރާމައިގެ ތައްޔާރީ ތަކުގެ ސަބަބުން ދުނިޔެ ބަރުބާދީގެ އައްސޭރިއަށް އަތުވެއްޖެއެވެ.
މުޞައްނިފް ލިޔެފައި ވާ ގޮތުގައި އަޅުގަނޑުމެންގެ ސައުވީސް ވަނަ ގަޑި ފާއިތުވެ(24th hour is past) ހިނގައްޖެއެވެ. އިސާހިތަކު ފަންސަވީސް ވަނަ ގަޑި (ނިމުމުގެ ގަޑި) ފެށިދާނެއެވެ.
މުޞައްނިފް “އިންސާނީ ހަނގުރާމަ” އާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުން ބޮޑަށް ފެތެނީ “އިލާހީ ޤިޔާމަތު” ގެ މައްޗަށެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ މި ދުނިޔެ ހައްދަވާފައި ވަނީ އިމްތިޙާނެއްގެ ގޮތުގައި ކަނޑައެޅިފައިވާ ވަކި މުއްދަތަކަށެވެ. މި މުއްދަތު އެނގިވޮޑިގެން ވަނީ ހަމަ އެކަނި ﷲ އަށެވެ. ހަމަ ކޮންމެ ވަގުތަކުވެސް އެ މުއްދަތު ހަމަވެއްޖެ ކަމުގެ އިޢުލާން ކުރައްވައިފާނެ އެވެ. އެއާއެކު ދުނިޔޭގެ ވަރުގަދަ ތަރައްޤީއާއި، ތަމައްދުން ބަސް ބުނި ހިނދުން ފަނާވެ ހިނގައިދާނެއެވެ. އެއަށްފަހު މުޅިން އައު، ދާއިމީ ދުނިޔެއެއް ޤާއިމު ކުރައްވައިފާ ހުއްޓެވެ.
މި ދުނިޔޭގައި އަޅުގަނޑުމެން ހޭދަ ކުރާ ކޮންމެ ސިކުންތަކީ އެންމެ ފަހުގެ ސިކުންތު ކަމަށް ވުން ދުރެއް ނޫނެވެ. ފަތިސް ކޮށްފިނަމަ، ހަވީރު ކުރެވޭނޭ ކަމުގެ ޔަޤީން ކަމެއް ނެތެވެ. ހަވީރު ކުރެވިއްޖެ ނަމަ ފަތިސް ކުރެވޭނޭ ކަމުގެ އުއްމީދެއް ނެތެވެ.
މި ދުނިޔޭގެ ކޮންމެ ހިނދުކޮޅަކީ އެންމެ ފަހުގެ ހިނދުކޮޅެވެ. އިންސާނިއްޔަތުގެ އުމުރު ހަމަ ކޮންމެ ވަގުތަކުވެސް ހަމަވެދާނެއެވެ. އިންސާނާ އޭނާގެ ސައުވީސް ވަނަ ގަޑި ހަމަ ކުރުމަށް ފަހު ފައިޞަލާ ކުރުމުގެ ގަޑި ނުވަތަ ފަންސަވީސް ވަނަ ގަޑިއަށް ވަދެފާނެއެވެ.
މީސްތަކުން ބިރުގަނެ، ޖެހިލުން ވަނީ ނިއުކްލިއަރ ހަނގުރާމައެއް ފެށިދާނެތީއެވެ. އެކަމަކު ޙަޤީޤަތުގައި ބިރު ގަންނަންވީ ޤިޔާމަތުގެ ތާޅަފިލި ފުންމަވައިފާނެތީއެވެ. ނިއުކްލިއަރ ހަނގުރާމައެއް ފެށިދާނެ ކަމުގެ ޔަޤީން ކަމެއް ނެތެވެ. އެކަމަކު ޤިޔާމަތް ވާނޭ ކަމީ މުޖައްރިބު ކަމެކެވެ. އޭގެ ނަތީޖާއަކީ އަބަދަށް ދެމި ހުންނާނޭ ނަތީޖާއެއް ކަމީވެސް ކަށަވަރު ކަމެކެވެ.
ޖަނާޒާ ފެނިފައި
ސަންދޯކެއް ހިފައިގެން ބަޔަކު ޤަބުރުސްތާނާ ދިމާއަށް ދަނީއެވެ. އަޅުގަނޑުގެ ސިކުނޑީގައި ޚިޔާލީ މަންޒަރުތަކެއް ސިފަވަމުން ދަނީއެވެ. ސަންދޯކުގައި އޮތް މީހާގެ ފަހު ދަތުރުން އަޅުގަނޑުގެ ސިކުނޑީގައި ސިފަވަމުން ދިޔައީ އަޅުގަނޑުގެ ދުނިޔަވީ ދަތުރުގެ ފެށުމާއި، ނިމުމެވެ.
އާދަމުގެ ދަރިޔާ ދުނިޔެއަށް އުފަންވުމާއެކު މައިންބަފައިންގެ އެހީތެރިކަމާއި، ހިޔާވަހިކަން ލިބެން ފަށައެވެ. ބޮޑުވަމުން އަންނަނީ ގާތްތިމާގެ މީހުންނާއި، އެކުވެރިންގެ މަދަދު ލިބިގެންނެވެ. އެކަމަކު ބޮޑުވެ، ތަޞައްރަފު ފުދުމާއެކު ތިމާގެ އަމިއްލަ އިޚްތިޔާރާއެކު ދިރިއުޅުމެއް އާރާސްތު ކުރެއެވެ.
އާދަމުގެ ދަރިޔާގެ ދަތުރުދަނީ ކުރިއަށެވެ. ދަތުރު ނިމެނީ މަރާ ހަމައިންނެވެ. މަރުވުމާއެކު އޭނާގެ އެއްކަލަ ތިމާގެ މީހުންނާއި، އެކުވެރިން އޭނާ ގެންގޮސް ވަޅުލަނީއެވެ. ކަށްވަޅުގައި އޭނާ އޮންނަނީ އެކަނިމާ އެކަންޏެވެ. އެހެންނަމަވެސް އެތާނގައިވެސް އޭނާޔާއެކު ﷲ ވޮޑިގެންވެއެވެ.
އާދަމުގެ ދަރިޔާ ފުރަތަމަ އުޅެނީ އޭނާ ކަހަލަ އިންސާނުންގެ ކުރިމަތީގައެވެ. މަރުވުމަށްފަހު ހުންނަން ޖެހެނީ ﷲ ގެ ޙަޟްރަތުގައެވެ. ފުރަތަމަ އޭނާ އުޅުނީ އޭނާގެ ފުރިހަމަ އިޚްތިޔާރު ލިބިފައިވާ ދުނިޔެއެއްގައެވެ. މަރުވުމަށްފަހު އުޅެންޖެހެނީ އޭނާގެ އިޚްތިޔާރެއް ނެތް ދުނިޔެއެއްގައެވެ. ހުރިހާ ބާރެއް ލިބި ވޮޑިގެންވާ ފަރާތެއްގެ ކުރިމަތީގައި އެއްވެސް ބާރެއް ނެތް ޢާޖިޒަކު ހުންނަ ހުރުން ކޮން ކަހަލަ ޢަޖާއިބު ކުރުވަނިވި މަންޒަރަކަށް ވާނެތޯއެވެ؟
މަރުގެ މަންޒަރަކީ ކޮންމެ ދުވަހަކު އެތައް ފަހަރަކު ދުނިޔެ މަތިން ފެންނަ މަންޒަރެކެވެ. އެކަމަކު ދިރިތިބީންނަކަށް އެއްވެސް ކަމެއް އިޙްސާސެއް ނުކުރެވެއެވެ.
“ކަމެއް އިޙްސާސް ކުރެވޭނީ ސުވަރުގެއާއި، ނަރަކައިގެ ޚިޔާލު ކުރެވޭ މީހަކަށެވެ.” އަޅުގަނޑުގެ ހިތަށް އެރިއެވެ. މީސްތަކުންގެ ވިސްނުމުގެ މިސްރާބު ހުންނަނީ މުޅިން އެހެން ދިމާއަކަށެވެ. ސިކުނޑިވަނީ ރަޙުމަތްތެރި ކަމާއި، ގާތްތިމާގެ ކަމާއި، ގެދޮރާއި، މުދަލާއި، ފައިސާގެ މައްސަލަތަކުން ފުރިފައެވެ. އެހެން އިންސާނުންނާމެދު ވިސްނަނީވެސް މިބާވަތުގެ ކޮންމެވެސް ކަމަކާ ގުޅުވައިގެންނެވެ. މީހަކު މަރުވީމާ އޭނާގެ ހިތަށް ވަންނަނީ ގާތް މީހަކު ވަކިވެގެން ދިޔަ ކަމުގެ ޚިޔާލެވެ. ވިޔަފާރިވެރިޔަކު ނުވަތަ އެހެންވެސް އެފަދަ މީހަކު ދުނިޔެ ދޫކޮށް ދިޔަ ކަމުގެ ޚިޔާލެވެ. އޭނާއަށް އެނގެނީ މި ދުނިޔެއާއި، އިންސާނާޔާ ދެމެދު އޮންނަ ގުޅުމެވެ. އާޚިރަތާއި، އިންސާނާޔާ ދެމެދު އޮންނަ ގުޅުމެއް ނޭނގެއެވެ. މި ފަދަ ޙާލަތެއްގައި އިންސާނާ މަރުވެގެން ﷲ ގެ ޙަޟްރަތަށް ދާ ކަމުގެ ޚިޔާލެއް ނުކުރެވޭނެއެވެ. މަރުގެ ދަތުރަކީ އިންސާނާ ދުނިޔެ ދޫކޮށް އާޚިރަތަށް ކުރާ ދަތުރެއް ކަމެއް ހަނދާނެއް ނުހުންނާނެއެވެ.(ނުނިމޭ)