ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސޭން ވިދާޅުވެއްޖެއެވެ.
އަލީ މިހެން ވިދާޅުވެފައިވަނީ ސިއްހީ ނުރައްކަލެއް އިއުލާނުކޮށް ނެރޭ ގަރާރު 48 ގަޑިއިރުތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހަދަން އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ސަރުކާރުން މިއަދު އިސްލާހު ހުށައަޅާފައި ވަނިކޮށެވެ.
މި ބިލުގައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރޭ ގަރާރު 48 ގަޑިއިރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށް ބުނެފައިވާއިރު، އެ ގަރާރަށް ބަދަލު ގެނައުމުގެ ބާރު މަޖިލީހަށް ދީފައި ވެއެވެ. އަދި ސިއްހީ ކުއްލި ނުރައްކާ އިއުލާނު ކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުންދާ ވަގުތެއް ނަމަ ބަންދު ދުވަސްތައްވެސް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އެއްކޮށް އެ ގަރާރު މަޖިލީހުން ފާސް ކުރުމަށް ހުށަހަޅަން ޖެހޭ ގޮތަށްވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ހިމަނާފަ އެވެ.
އެކަމާ ގުޅިގެން މިއަދު އެމްޕީ އަލީ ހުސެން ކުރައްވާފައިވާ ޓުވިޓެއްގައި ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން މަޖިލީހުގެ ރުހުން އޮންނަން ނުޖެހޭނެ ކަމަށާއި މަޖިިލީހުގެ މެޖޯރިޓީ ނެތިވެސް ރިޔާސީ ނިޒާމުގައި ސަރުކާރު ހިންގެން ޖެހޭނެ ކަމަށެވެ.