ސްކޫލްތައް ހުޅުވަން ތައްޔާރުވުމަށް އަންގައިފި

17021591_1776737905686085_7658545674951408728_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް

ކޮވިޑް އާއި ގުޅިގެން މިދިޔަ މާޗް މަހުގެ 15އިން ފެށިގެން ސްކޫލްތައް ބަންދު ކޮށްފައި އޮތުމަށްފަހު އަލުން ހުޅުވުމުގެ ތައްޔާރީތައް ވުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ސްކޫލްތަކަށް އަންގަވައިފި އެވެ.

އެމިނިސްޓްރީން މިއަދު ރާއްޖޭގެ ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި، ކޮވިޑްގެ ހާލަތަށް އައި ބަދަލުތަކާ ގުޅިގެން ސްކޫލްތައް ހުޅުވުމާ ގުޅޭ ގޮތުން މަޝްވަރާތައްކޮށް ސުކޫލުތައް ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

އެކަމަކު ސްކޫލުތައް ހުޅުވައިލާނެ ދުވަހެއް ކަނޑައަޅާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) ކަމަށާއި ސްކޫލަށް ކުދިން ހާޒިރުވާނެ އަދަދާއި ގްރޭޑުތަކާއި ކިޔަވައިދޭނެ ދަންފަޅި ނިންމާނީ ސްކޫލުގެ ދަރިވަރުންގެ އާބާދީއާއި ސްކޫލު ހުރި ރަށެއްގައި ބަލިމަޑުކަން އޮތް ހާލަތަށް ރިއާޔަތްކުރުމަށްފަހު ކަމުގައި ސާކިއުލާގައި ބުނެފައިވެއެވެ.

އަދި ސްކޫލްތައް ހުޅުވުމުގައި ދަރިވަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭނެ ކަމުގައި ބުނެފައިވެއެވެ.

އެގޮތުން ސާކިއުލާއާއެކު ސުކޫލުތައް ހުޅުވުމަށް ތައްޔާރުވުމުގައި ކުރަންޖެހޭ ކަންކަމުގެ ތަފްސީލީ ކަރުދާހެއް މިނިސްޓްރީން ސްކޫލުތަކަށް ވަނީ ފޮނުވާފައެވެ.

އެކަރުދާހުގައި ބުނެފައިވާ ގޮތުން ސްކޫލް ހުޅުވުމަށްފަހު ސްކޫލްގައި ކަންކަން ހިންގާނެ ގޮތުގެ ތަފުސީލުތައް ހިމަނައިގެން ކަމާ ގުޅޭ އިދާރާތަކުން އެކަށައަޅާފައިވާ އިރުޝާދުނާމާ ތަކަށް ފެތޭނެ ގޮތަށް، އެސްއޯޕީ ތަކެއް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ.

އަދި ބަލީގެ އެއްވެސް އަލާމާތެއް ހުރި އެއްވެސް ފަރާތަކުން ސްކޫލަށް ނުކުމެގެން ނުވާނެ ކަމަށާއި ސްކޫލަށް ހާޒިރުވުމުގައި ލުއިކަމެއް ދިން ނަމަވެސް އެއްވެސް ކުއްޖަކު ކިޔެވުމުން އެއްކިބާ ނުވާކަން ކަށަވަރުކުރުމަކީ މަދުރަސާތަކުގެ ޒިންމާއެއް ކަމުގައިވެސް ބުނެފައިވެއެވެ. ޚާއްސަކޮށް ދަތި ހާލުގައި މަދަރުސާ އިން ވަކިވުމުގެ ފުރުސަތު ބޮޑު ކުދިންނަށް ސަމާލުކަން ދިނުމަށްވެސް އެލިޔުމުގައި ބުނެފައިވެއެވެ.

ސްކޫލްތައް ހުޅުވުމުގެ ކުރިން ސްކޫލް ތަކުގައި ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހަމަކުރުމަށްވެސް އެލިއުމުގައި ބުނެފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top