ކައުންސިލްތަކުގެ ބަޖެޓުން ހިލޭ އެހީ ދެމުންގެންދަނީ ގާނޫނާ ހިލާފަށް ކަމަށާ، ކައުންސިލްތަކުން ދޭ އެހީ ކަނޑައެޅުމާ ބެހޭ އުސޫލާ ހިލާފަށް އެއްވެސް ބާވަތެއްގެ އެހީއެއް އަދި ސަބްސިޑީއެއް ނުދިނުމަށް ކައުންސިލްތަކަށް ހަނދާންކޮށްދީފި އެވެ.
ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމެޓީ އިން ނެރުނު އެޑްވައިަރީއެއްގައި ބުނަނީ، އެކި ކަންކަމާ ގުޅިގެން ލޯކަލް ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާ މާފުކުރުމާއި، ސަބްސިޑީ ދިނުމާއި ހާއްސަ އެހީ ދިނުމާއި އަމިއްލަ ފަރުދުންނަށް އެކި ބާވަތްބާވަތުގެ އެހީތައް ކައުންސިލުން ދޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެލަފާގައި ބުނަނީ މި ފަދަ އެހީއެއް ދެވޭނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ދާއިރާއެއްގެ އެންމެ މަތީ ވެރިއެއްގެ ހުއްދައާއެކު މާލީ ޒިންމާދާރުވެރިޔާ ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅައިގެން ކަމަށެވެ. އަދި އެހީގެ ފައިސާ ދޫކުރެވޭނީ އެ އަހަރުގެ ބަޖެޓުގައި އެ ފަދަ ކަންކަމަށް ހަރަދު ކުރުމަށް ފައިސާ ކަނޑައަޅާފައި އޮވެގެން ނޫނީ ނުވަތަ އެ މިނިސްޓްރީ އަށް ހުށަހަޅައި އެ އޮފީހެއްގެ ބަޖެޓަށް ފައިސާ ލިބިގެން ކަމަށެވެ.
އެ މިނިސްޓްރީން ބުނީ “ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލު” ގައިވާ ގޮތުން ހިދުމަތުގެ އަގު ހެޔޮކުރުމުގެ ގޮތުން އެހީއެއް ނުވަތަ ސަބްސިޑީއެއް ކައުންސިލް ތަކުން އެއްވެސް ފަރާތަކަށް ފޯރުކޮށްދީގެން ނުވާނެ ކަމަށެވެ. އަދި ކައުންސިލް ތަކުން ފައިސާ އިން ޖަމިއްޔާތަކާއި ކޯޕަރޭޓިބް ސޮސައިޓީ ތަކަށާއި އެނޫން އެހެން ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ނުދެވޭނެ ކަމަށް ބުނެފައިވެ އެވެ.
އިންޓާނަލް އޮޑިޓް ކޮމެޓީން އިތުރަށް ބުނެފައިވާ ގޮތުގައި ކައުންސިލް ތަކުން ހަރަދު ނުކުރެވޭނެ ކަންކަމުގެ ތެރޭގައި ވަކި ރައްޔިތެއްގެ ނުވަތަ ރައްޔިތުން ތަކެއްގެ ފަރުދީ މަސްލަހަތު ހިމާޔަތްކުރުމަށް ހަރަދުކުރުމާއި ކައުންސިލުން ފާސްކޮށްފައިވާ ބަޖެޓުގައި ނުހިމެނޭ ކަންކަމަށް ހަރަދު ކުރުން ހިމެނޭ ކަމަށެވެ.
އެހެންކަމުން، ކައުންސިލުގެ މާލިއްޔަތުން ހަރަދުކުރަންވާނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ކަމަށާއި، މިނިސްޓްރީ އޮފް ފިނޭންސްއިން އާންމުކޮށްފައިވާ “ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލު” ގައި ބަޔާންކޮށްފައިވާ ގޮތަށް ނޫން ގޮތްގޮތަށް ކައުންސިލްތަކުން ސަބްސިޑީއާއި، “އިންކައިންޑް” ގެ ގޮތުގައި އެއްވެސް ފަރާތަކަށް އެއްވެސް އެހީއެއް ދިނުމަށް، ކަމާއި ގުޅޭ ގާނޫނުތަކާއި ގަވައިދުތައް ތަން ނުދޭކަމަށް ހުރިހާ ކައުންސިލްތަކަށް ހަނދާންކޮށްދޭ ކަމަށް އެޑްވައިޒަރީގައި ބުނެފައިވެ އެވެ.