ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ މުސާރައަކީ ސިއްރު ކުރެވޭ މައުލުމާތަކަށް ވެގެން ނުވާނެ ކަމަށް ގާނޫނީ ވަކީލު އަދި ފޮނަދޫ ދާއިރާގެން މެންބަރު މޫސާ ސިރާޖް ވިދާޅުވެއްޖެ އެެވެ.
ސިރާޖު މިހެން ވިދާޅުވެފައި މިވަނީ، ސްޓެލްކޯ ކުންފުނީގެ އިސްވެރިންގެ މުސާރަ ހާމަކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް މީސްމީޑިއާގައި އާއްމުވި ގޮތް ހޯދައިދިނުމަށް އެދި އެ ކުންފުނިން މަޖިލީހަށް ސިޓީއެއް ފޮނުވައިފައި ވަނިކޮށެވެ.
ސްޓެލްކޯއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، މަޖިލީހުގެ އިދާރާގެ ބޭނުމަށް އެ ކުންފުނިން ފޮނުވި ސިޓީއެއް މީސްމީޑިއާގައި ލީކުވުމާ ގުޅިގެން އެ ކުންފުންޏާ މެދު ރައްޔިތުން ދެކޭ ގޮތް ބަދަލު ކުރުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ސިޓީ ބޭނުންކޮށްގެން ދައުލަތާއި ދައުލަތުގެ އިދާރާތަކާ މެދު ނަފުރަތު އުފައްދަން ބަޔަކު މަސައްކަތް ކުރާތީ ސިޓީ ލީކުވި ގޮތެއް ހޯދައި ދިނުމަށް އެދޭ ކަމަށެވެ.
ސިރާޖު މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ މުސާރައަކީ ސިއްރު މައުލޫމާތަކަށް ވެގެން ނުވާނެ ކަމަށާއި ދައުލަތުގެ ހުރިހާ ކުންފުނިތަކުގެ ވެރިން މުސާރައިގެ ގޮތުގައި ނަގާ މިންވަރު އާންމުކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
އާއްމުވެެފައިވާ ސްޓެލްކޯގެ ސިޓީގައި ބުނެފައިވާގޮތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއަށް އިނާޔަތްތަކާއެކު މަހަކު މަދުވެގެން 98،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބެ އެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި މުޣުނީއަށާއި ސަރުކާރަށް ފާޑު ކިޔައިފަ އެވެ.