ކޮވިޑް -19 އާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައި އޮތް އޮތުން މި މަހުގެ 28 ވަނަ ދުވަހު ނިޔަލަށް އިތުރުކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
މިގޮތަށް ހަމަޖެއްސެވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި،މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރުއްވާފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުންނެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖެއްސެވިކަމުގައިވިޔަސް، ދައުލަތުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ އަސާސީ ޚިދުމަތްތައްދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށާއި، އޮފީސް ހުޅުވައިގެން ޚިދުމަތެއް ދެއްވަންޖެހިއްޖެނަމަ، އެ ޚިދުމަތެއް ދެއްވުމަށް ބޭނުންވާ އެންމެމަދު މުވައްޒަފުން ނެރުއްވައިގެން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ލަފަޔާއެކު، އެ އޮފީހެއްގެ ވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން، އޮފީސް ހުޅުވައިގެން އެ ޚިދުމަތެއް ދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އޮފީސްތަކަށް އަންގަވާފައެވެ.
ސަރުކާރު ބަންދު ނަމަވެސް، ބޭންކިން ހިދުމަތްތަކާއި ސަރުކާރުގެ އެހެނިހެން އިދާރާތަކުން ދޭން ޖެހޭ އަސާސީ ހިދުމަތްތައް ދެމުން ގެންދާ ގޮތަށް ވެސް ރައީސް އޮފީހުން ވަނީ ހަމަޖައްސައިފަ އެވެ.
މިހާތަނަށް ރާއްޖެއިން 1020 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވާއިރު، މެއި މަހުގެ 31 ވަނަ ދުވަހު ރާއްޖެ ސާޖަކަށް ދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.