ސައުދީ ސަރުކާރާއި ޔޫއޭއީގެ ޚަލީފާ ބިން ޒައިދު އަލް ނަހުޔާން ފައުންޑޭޝަނުން ދިވެހި ރައްޔިތުންނަށް ފޮނުވާފައި ހުރި ކަދުރު އޭދަފުއްޓަށް ނުގެނެވިގެން މިއުޅެނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ދަތުރުފަތުރު ކުރުމަށްހުރި ދަތިތަކާއެކު ކަދުރު ގެނެވޭނެ މަގެއް ނުފެނިގެން ކަމަށް އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލު އަބްދުއްރަހުމާން ވިދާޅު ވެއްޖެއެެވެ.
ތޮލާލު ވިދާޅުވީ ކަދުރާ ހަވާލުވާނެ މީހަކު ފޮނުވަން އިސްލާމިކް މިނިސްޓްރީން އަންގާފައިވާކަމުގައިވިޔަސް މީހަކު ނުފޮނުވިގެން މިއުޅެނީވެސް މާލެ ފުރަބަންދުގައި އޮތުމުން ކަމަށެވެ.
”އެހެން ނަމަވެސް މިރޭ އޭދަފުށިން މުދާ ބަލާ މާލެއަށް ފުރަން ހަމަޖެހިފައިވާ ދޯންޏަކުން އެކަދުރުތައް ގެނެވޭތޯ އެދޯނީގެ ވެރިފަރާތާ ވާހަކަ ދައްކަމުން މިދަނީ.” ތޮލާލް ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކައުންސިލް ތަކުން ކަދުރުތަކާއި ހަވާލުވާނެ މީހަކު ހަމަޖެއްސުމަށްފަހު 11 މޭ 2020 ވާ ހޯމަ ދުވަހު ހަވީރު 5ޖެހުމުގެ ކުރިން އިސްލާމިކް މިނިސްޓްރީއަށް މީހަކު ނުފޮނުވައިފިނަމަ ހަވާލުނުވެހުރި ކަދުރުތައް ހާލުގައި ޖެހިފައިވާ ބިދޭސީން ބައިތިއްބާފައިވާ ފެސިލިޓީތަކަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެ މިނިސްޓްރީން އެދެނީ ރާއްޖެއަށް ކާބޯތަކެތި ލިބުން ދަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި މި މުއްދަތުގެ ތެރޭގައި ވީހާވެސް ގިނަ ކައުންސިލްތަކުން ކަދުރާ ހަވާލުވެ، ރައްޔިތުންނަށް ކަދުރު ފޯރުކޮށްދިނުމަށެވެ.
މިއަހަރުގެ ރަމަޟާންމަހާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށްޓަކައި ފޮނުވީ ކިހާ އަދަދެއްގެ ކަދުރެއް ކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
އިސްލާމިކް މިނިސްޓްރީން މިފަހަރު ކަދުރު ބެހުމަށް ނިންމައިފައިވަނީ ފަގީރުންގެ ގޮތުގައި މިިދިޔަ އަހަރު ރަޖިސްޓަރީ ވެފައި ތިބި ފަގީރުންގެ ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއްގެ މަގުންނެވެ. ރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި 16،209 މީހުން ރަޖިސްޓަރީ ވެފައި ވެ އެވެ.