ކުޑަކުއްޖަކު ލައްވައި ސިޔާސީ ރައިވަރެއް ކިޔުއްވި މައްސަލައިގައި ޕީއެސްއެމް ހޫނު ފެނަށް. އެންމެ ފަހުން މާފަށް!

b_N9RxzTiIojBP4rm1riRnh5XEi.jpg

ޓީވީއެމް --- ފޮޓޯ ޕީއެސްއެމް

ދައުލަތުގެ ބަޖެޓުން މިލިއަނުން ހޭދަކޮށްގެން ހިންގާ ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން ހަވީރު ފޮނުވާ ކުޑަކުދިންގެ ޚާއްސަ ޕްރޮގްރާމެއްގައި ކުޑަކުއްޖަކު ލައްވައި ކުރީގެ ދެރައީސުން ކަމުގައިވާ ރައީސް މައުމޫން އާއި ރައީސް ޔާމީންއަށް މަލާމާތްކޮށް ހަދާފައިވާ ރައިވަރެއް ކިޔަން ޖެއްސި މައްސަލަ ހޫނުވެ ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ފާޑު ކިޔަން ފެށުމުން އެންމެ ފަހުން ޕީއެސްއެމް އިން މައާފަށް އެދި ބަޔާނެއް ނެރެފިއެވެ.

ރައީސް މައުމޫނަށާއި ރައީސް ޔާމީނަށް ނިސްބަތްކޮށް ހަދާފައިވާ މި ރައިވަރުން މާނަކުރެވެނީ “މާނުބޭ ކައިރިން ހީލަތާ މަކަރު ހަދަން ޔާނު ދަސްކުރި ވާހަކައެވެ. އަދި މެންބަރުންނަށް އެކަން ދަސްކޮށްދީ ހާނުވައިގެން ވާނުވާ އޮޅުވާލައިގެން ނުޖެހޭ މުސީބާތެއް ނެތް ކަމަށެވެ. މީގެ ސަބަބުން އަމިއްލަ ނަފުސުވެސް ސަލާމަތްވާން ނެތް ވާހަކައެވެ.” މިކަމަށް ފާޑުކިޔަމުން ރައީސް މައުމޫންގެ ދަރިކަލުން އަދި ރައީސް ޔާމީން އަށް ބޮޑުބޭބެ ވިދާޅުވާ ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު ޣައްސާން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ “ފުޅިއެއްގެ ތެރެއަށް ފެނާ ތެލާއަޅާފަ ކިތަންމެ ވަރަކަށް ތެޅުވިޔަސް ތެޅުވުން ހުއްޓާލުމުން ވަކިވާނެ. ގައުމު އެއްބައިވަންތަ ކުރަންވީ މި ވަގުތު މި ފެންނަނީ ކޯލިޝަން މުގުރާލުމުގެ އަލާމާތްބާ؟ ދެން ފެންނާނީ ފެނަށްވުރެ ލޭ އޮލަކަން.”މި އިބާރާތެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

“މީތޯ ދައުލަތުގެ މީޑިއާއަށް ދެއްވި އިސްލާހީ އެޖެންޑާއަކީ، އިބުޞާލިޙް؟ މިކަން ކުރިބަޔަކު ވަޒީފާއިން ދުރުކޮށް ތަހުގީގު ހިންގަން ޖެހޭ.”ކަމަށެވެ. އެޗްއާރްސީއެމްއަށާއި ޕީއެސްއެމް ނިއުސްއަށާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނަށާއި ބްރޯޑްކޮމްގެ އިތުރުން ރައީސް ނަޝީދަށް ޓެގް ކުރައްވައި ސަޢީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މިފަދަ އެތައް ޓްވީޓްތައް މިކަމާ ދެކޮޅަށް ރެއާއި މިއަދުވެސް ދައުރުވަމުން އެބަދެއެވެ.

އެކަމަށް މައާފަށް އެދި، ޕީއެސްއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިއްޔެ ހަވީރު ޓީވީ މޯލްޑީްވސްއިން ގެނެސްދިން ކުޑަކުދިންގެ ޕްރޮގްރާމް “ކުޑަ މަސައްކަތެއް” ގައި ބައިވެރިޔަކާ ހަވާލުކުރި މަަސައްކަތުގެ ތެރޭގައި ހިމަނާފައިވާ ކޮންޓެންޓަކީ، ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި އެކުންފުނީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ އިތުރުން އާއްމު އިޖުތިމާއީ މިންގަޑާވެސް ހިލާފު ކޮންޓެންޓެއް ކަމަށް އެ ކުންފުނިން ގަބޫލު ކުރާ ކަމަށެވެ.

އެކަމަށްޓަކައި ކަމާބެހޭ ފަރާތްތަކުންނާއި ދިވެހި ރައްޔިތުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދޭ ކަމަށް ޕީއެސްއެމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

“މިކަން މިގޮތަށް ހިިނގާފައިވަނީ ލޮކްޑައުންއާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުގެ ތެރެއިން ވީހާވެސް މަދު މުވައްޒަފުންނާއެކު ޓީވީ އާއި ރޭޑިއޯގެ ޓްރާންސްމިޝަން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މިވަގުތައް ހަމަޖައްސާފައިވާ އިންތިޒާމުތަކާއި އުސޫލުތަކުގެ ބޭރުން ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން،” ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިކަން ޕީއެސްއެމްގެ ސަމާލުކަމަށް އައި ވަގުތުން ފެށިގެން މިކަމުގައި އިހުމާލުވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކާމެދު ގާނޫނާއި ގަވާއިދުތަކުގެ ތެރެއިިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމުގެ ޔަގީންކަން ވެސް ބަޔާނުގައި ދީފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޕަބްލިކް ސާވިސް މީޑީއާގެ ހިންގުމާއި މިހާރުގެ މެނޭޖްމަންޓުން ހަވާލުވުމަށްފަހު އެންމެ އިސްކަމެއް ދީފައިވަނީ ދައުލަތުގެ މީޑިއާގެ ގޮތުގައި ހަމަހަމަކަމާއެކު ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށެވެ.

 

 

 

 

 

 

ދައުލަތުގެ މީޑިއާ، ސިޔާސީ ނުފޫޒުން އެއްކިބާވެފައި އޮންނަ މީޑިއާއަކަށް ހެއްދެވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top