( އަހުނަފް )
އެންމެ އިހުއްސުރެވެސް ސިއްހީ މާހިރުންގެ މެދުގައި ބަހުސް ކުރެވެމުންދާ ކަމެއް އޮވެއެވެ. އެއީ އިންސާނާ ބަލިތަކުން ސަލާމަތްވެ ދުޅަހެޔޮ ދިރިއުޅުމެއް ބޭނުންވާ ނަމަ އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަމެވެ.
އެ އެންމެންނަށްވެސް އެއްބަސްވެވޭ އެއްކަމަކީ ހަރަކާތްތެރިވެ އުޅުމުގެ މުހިއްމުކަމެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ހިއުމަށް ސާވިސަސް އިން ބުނާ ގޮތުގައި ކޮންމެ މީހަކުވެސް ކޮންމެ ހަފްތާއަކު މަދުވެގެން 150 މިނިޓް ކަސްރަތު ކުރަންވާނެ އެވެ. މީގެ ތެރެއިން ދެ ދުވަހު ހަށިގަނޑުގެ މަސްގަނޑަށް ހަރަކާތްތެރިކަން ލިބޭ ކަސްރަތު އިތުރު ކުރަން ޖެހެއެވެ. ހަފްތާއަކު 300މިނިޓް ކަސްރަތު ކުރާނަމަ ސިއްހަތަށް އިތުރު ފައިދާތަކެއް ވެސް ލިބޭ ކަމަށް މާހިރުން އެއްބަސްވެއެވެ.
މި މިންގަނޑު ކަނޑައަޅާފައި މިވަނީ މުޅި ދުވަސް ހޭދަ ކުރާއިރު ގިނަވަގުތު ކޮޅަށް ހުރެ، ހިނގާ ބިނގާވެ އުޅޭކަމަށް ބަލާފައެވެ. ދުވާލު ދާ ހަތަރުދަމު އޮފީހުގައި އިށީދެ ތިބޭ މީހުންނަށް މި މިންވަރު މަދުވާނެއެވެ.
ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި މުޅިދުވަސް އޮފީހުފައި ހޭދަކުރާ މީހުން ޖިމަށް ގޮސް ކަސްރަތު ކުރިޔަސް ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އެކަމަކު އިރުއިރުކޮޅުން ބޭރަށް ގޮސް ހިނގާލައި އުޅޭ މީހުންނަށް ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެއެވެ. ފިހާރަތަކަށް ހިނގާލާފައި ދިއުން ނުވަތަ ހަވީރު ހިނގާލަން ބޭރަށް ނުކުމެލުމަކީވެސް ހީކުރާ ވަރަށްވުރެ ފައިދާ ބޮޑު ކަމެކެވެ.
“ފިޒިކަލް އިން އެކްޓިވިޓީ” އަކީ ތިމާ ހަރަކާތްތެރި ނުވާ ނުވަތަ ކޮޅަށް ނުހުންނަ އިރެވެ. މޭޒުކައިރީގައި މަސައްކަތެއް ކުރަން އިނުން، ނުވަތަ ޓީވި ބަލަން އޮތުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. ފިޒިކަލް އިން އެކްޓިވިޓީގެ ވަގުތު މާގިނައިރު ހޭދަކުރެވޭ ނަމަ އިންސާނުންގެ ސިއްހަތު ރަނގަޅު ގޮތުގައި ދެމިހުރުމަށް ބުރޫ އަރާނެއެވެ. ކުރިންވެސް ބުނި ފަދައިން 150 މިނިޓް ކަސްރަތު ކުރިކަމުގައިވިޔަސް މާގިނައިރު އިށީދެގެން އިންނަ ކަމަށްވާނަމަ ސިއްހަތަށް ނުރައްކާތެރިވެއެވެ.
ފިޒިކަލް އިން އެކްޓިިވިޓީގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ބަލާނަމަ ހަށިގަނޑުގެ ހަކުރު- އިންސިއުލިންގ، ލޭގައި އެޗްޑީއެލް (ފައިދާހުރި ކޮލެސްޓްރޯލްގެ މިންވަރު ) ، އުނަގަނޑުގެ ވަށަމިން އަދި ލޭގެ ޕްރެޝަރު ފަދަ ކަންތައް ބެލުން މުހިއްމެވެ.
ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ގިނައިރު އިށީނދެގެން އިންނަ މީހުންނަށް މޭ އެންދުން ފަދަ ކަންތައް މެދުވެރި ވެއެވެ. މިއީ ހިތުގެ ބައްޔަށް މަގުފަހިވުމުގެ ނިޝާނެކެވެ. އެހެންވީމާ އިސްވެދެންނެވި ކަންކަމަށް ބަލާއިރު ވެސް ފާހަގަ ކުރެވެނީ އަބަދު އިށީނދެގެން ތިިބުމުގެ ނުރައްކާތެރި ކަމެވެ.
މި ކަންކަމުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކެއް އެބަހުއްޓެވެ. މުހިއްމު އެއްކަމަކީ މޭޒެއް ކައިރީގައި މަސައްކަތް ކުރަން އިންނައިރު ގަޑިއަކު އެއްފަހަރު ނަމަވެސް ތެދުވެ ދެތިން މިނިޓް އިރުވަންދެން ހިނގާލުމެވެ. އެކަމަކު މިއީ ކޮންމެ ހަފްތާއަކު ބޭނުންވާ 150 މިނިޓްގެ ކަސްރަތުގެ އިތުރުން ކުރަންޖެހޭ ކަމެކެވެ.
ކޮންމެ ދުވަހަކު ބޭނުންވާ ކަސްރަތު ލިބޭނެ ގޮތްގޮތްވެސް އެބަހުއްޓެވެ. ހިނގާފައި އޮފީހަށް ދިއުން ކޮޅަށް ހުރެގެން މަސައްކަތް ކުރެވޭ ކަހަލަ މޭޒެއް ބޭނުންކުރުން ނުވަތަ ހުސްވަގުތު ކޮޅެއް ލިބުމުން ތެދުވެ ހިނގާލުން ަދަ ކަންތައްތައް ކުރުން ފަދަ ކަންކަމެވެ. (މަސްދަރު: އީޓްރައިޓް.ކޮމް )