ކޮވިޑް-19 ގެ އަލާމާތްތައް ހުރި މީހަކު ބ.އަތޮޅު ފުޅަދޫން ފެނުމާއި ގުޅިގެން އެރަށަށް މީހުން އަރައި ފޭބުން މަނާކޮށް، ރަށް ކަރަންޓީން ކޮށްފިއެވެ.
އެޗްޕީއޭ އިން ފުޅަދޫ ކައުންސިލަށް ފޮނުވި ލިޔުމެއްގައި ވަނީ ކޮވިޑް-19 ގެ އަލާމާތްތައް ހުރި މީހަކު އެރަށުން ފެނުމާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް ކަރަންޓީން ކޮށްފައިވާ ކަމަށެވެ.
އެހެން ކަމުން އެރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން އެރަށަށް އެރުމާއި ރަށުން މީހަކު ފޭބުންވަނީ މަނާކޮށްފައެވެ.
ކޮވިޑް-19 ރާއްޖޭގައި ވެސް ފެތުރެމުން ދާއިރު މިއަދު އެކަނި ވެސް މާލެ އިން ވަނީ 15 ކޭސް ފެނިފަ އެވެ. އެއާ އެކު މާލެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 47 އަށް އަރާފަ އެވެ. ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 67އަށް އަރާފަ އެވެ.