ދައުލަތުގެ ބަޖެޓުން ލޯކަލް ކައުންސިލްތަކަށް ދޫކުރަން ކަނޑައެޅި ފައިސާ މަދު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ފޮނުވައިފި އެވެ.
މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޭން ކަނޑައަޅާފައިވަނީ ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓު ކަމުގައެވެ.
އަމީރު ވިދާޅުވީ މި އަހަރަށް ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރީ 30 ބިލިއަން ރުފިޔާ ކަމަށް ވިޔަސް ކޮވިޑް-19 އިގެ ސަބަބުން ދައުލަތަށް މިހާރު ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 15 ބިލިއަން ރުފިޔާކަމަށް ވާތީ ކައުންސިލްތަކުގެ ބަޖެޓް ކުޑަ ކުރަން މަޖިލީހަށް ފޮނުވީ ކަމަށެވެ.
އެންމެ ފުރަތަމަ ބަޖެޓުން ދޫކުރަން ކައުންސިލްތަކަށް ކަނޑައެޅި އަދަދަކީ 1.6 ބިލިއަން ރުފިޔާ އެވެ. މަޖިލީހަށް ސިޓީއެއް ފޮނުވާފައި ވަނީ އެ އަދަދު 863 މިލިއަން ރުފިޔާއަށް ކުޑަ ކުރާށެވެ.
އަމީރު ވިދާޅުވީ ދައުލަތުގެ ހަރަދުގެ ރިކަރެންޓް ހަރަދުގެ ތެރެއިން އެއް ބިލިއަން ރުފިޔާ ކުޑަކޮށްފައިވާ ކަމަށާއި ދައުލަތުގެ އެންމެ އިސް މަގާމުތަކުގެ މުސާރަތައް ވެސް ކުޑަކޮށްފައިވާ ކަމަށެވެ.
ނަމަވެސް ބައްޔާ ގުޅިގެން ހެލްތު ސެކްޓާއަށް ހަރަދުތައް އިތުރުވާނެ ކަމަށާ މި ގޮތުން ހެލްތު މިނިސްޓްރީ އާއި ފުލުހުންނާއި އެމްއެންޑީއެފް އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ބަޖެޓަށް ގާތްގަނޑަކަށް 280.5 ރުފިޔާ މިހާތަނަށް އިތުރުކޮށްފައިވާނެ ކަމަށް އަމީރު ވިދާޅުވި އެވެ. އޭގެ ތެރެއިން 230 މިލިއަން ރުފިޔާ އަކީ މިނިސްޓްރީގެ ބަޖެޓަށް އިތުރު ކުރި ފައިސާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.