ސުރުހީއަކާ ނުލާ !؟

0303.jpg

މިނިސްޓަރ އަލީ ވަހީދު އާއި މިނިސްޓަރ އަމީން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ލިއުނީ : އަހުމަދު މުބީން

ދުނިޔެއަށް ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ރޯގާގެ ނުރައްކާތެރި ވައިރަސް ރާއްޖެއިން ފެނުމަކީ ފަހުގެ ތާރީޚެއްގައި ގައުމަށް ލިބުނު އެންމެ ބޮޑު ހިތާމަ އެވެ. މި ރޯގާއާއެކު ގައުމު އެއްކޮށް އެކަމުގެ ފިކުރުރަށް ހުއްޓިފައިވާއިރު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާނީ ގައުމު ހިނގަމުން ދާގޮތާއި މި ރޯގާއާ ގުޅިގެން ސަރުކާރުގެ މަސްއޫލު ވެރިން ދެއްވާ އިރުޝާދާއި މައުލޫމާތުތައް ވަގުތުން ވަގުތަށް އެނގުމެވެ.

މި މައުލޫމާތުތައް ދެނެގަތުމަށް ޒުވާނުން ބޭނުން ކުރާ އެއް ވަސީލަތަކީ އަތުގައި އޮންނަ ސްމާޓް ފޯނެވެ. އޮންލައިން ނޫސްތަކުގެ ޚަބަރުތައް ހޯދަނީ އުޅެނީ ފޯނުންނެވެ. އެއަށްފަހު ޓީވީ އިންނެވެ.

ދިވެހި ނޫސްތަކުގައި ހުންނަ ޚަބަރުތައް ދިވެހި ބަހުގެ ގަވާއިދާ ހަމަތަކާ ޚިލާފަށް ބޭނުންކޮށްފައި ހުންނަ ވާހަކަ ތަކަކީ އާވާހަކަ ތަކެއް ނޫނެވެ. އެކަން އަދިވެސް އެމަގުން ހިނގަމުން އާދެއެވެ. ދައްކަން މި އެނީ އެވާހަކައެއް ނޫނެވެ. އެވާހަކަ އެއް ނޫނެވެ. ދައްކަން މިއުޅެނީ ކޮރޯނާ ވައިރަސްއާ  ބެހޭ މައުލޫމާތު ސަރުކާރުން ހާމަ ކުރައްވަމުން ގެނދަވާއިރު އެމައުލުމާތު މީޑިއާ އަށް ދެއްވާ ބޭފުޅުން ދިވެހި ބަހާ ބީރައްޓެރި ވާހަކައެވެ. އިނިގިރޭސި ބަސް ބޭނުން ކުރެއްވާތީ ، އެވާހަކަތައް އާދައިގެ ދިވެއްސަކަށް ފަހުމު ކޮށް ދެނެގަތުމަށް އުދަނގޫވާ ވާހަކައެވެ.

ސަރުކާރުން ކޮރޯނާ ވައިރަސްގެ ސާފު މައުލޫމާތު ރައްޔިތުންނަށް އަންގައިދޭން މިހާރު ފަށައިފި އެވެ. އެކަމަށް މަރުހަބާ އެވެ. އެކަމަކު ހާމަ ކުރާ ކޮންމެ މައުލޫމާތެއްވެސް ދެއްވަން ޖެހޭނީ ސާފު ދިވެހި ބަހުންނެވެ. ހުރިހާ އުމުރެއްގެ ހުރިހާ ފެންވަރެއްގެ މީހުންނަށްވެސް މޭރުން ވާނެހެން ދޭހަވާ ގޮތަށް ރީތި ދިވެހި ބަހުންނެވެ. އެންމެންނަކީ އިނގިރޭސިބަސް ކިޔަވައިގެން ތިއްބެވި މީހުންކަމަށް ބަލައިގެން ނުވާނެ އެވެ. އަތޮޅު ތެރޭގައި ދިރިއުޅޭ 50 އަހަރުންމަތީގެ މަތީގެ ގިނަމީހުންނަކީ އިނގިރޭސިބަހާ ދުރުގައި އުޅެގެން މަދަރުސީ ތައުލީމު ނިންމި މީހުންނެވެ. އެކަން ރޯގާއާ ބެހޭ މައުލުމާތު ހާމަ ކުރަން ސަރުކާރު ޓީވީއަށް އަރުއްވާ މިނިސްޓަރުންނާއި މަސްއޫލުވެރިންނަށް އެނގިވަޑައިގަންނަވަން ޖެހެއެވެ. އެކަމަކު މައުލޫމާތު ދެއްވުމަށް ވަޑައިގަންނާވާ މިނިސްޓަރުންގެ ވާހަކަ ފުޅަށް ބަލާއިރު ހީވަނީ އެބޭފުޅުން އިނގިރޭސި ބަހަށް ފަރިތަވެލާފައި ހުރި މިންވަރު ދައްކަވަން ބޭކާރު މަސައްކަތްތަކެއް ކުރައްވާ ހެންނެވެ. އެހެން ނޫނީ ދިވެހި ބަހަކީ ފަގީރު ބަހެއްކަމަށް ބައްލަވައި މަލާމާތް ކުރެވެނީއެއް ނޫންތޯއެވެ.

އަޅުގަނޑު އެއްބަސް ނުވަނީއެއް ނޫނެވެ. މެޑިކަލް ދާއިރާގެ ބައެއް ބަސްބަހަކީ އެއަށް ދިވެހި ބަހެއް ނޯންނަ ބަސްބަހެވެ. ވީމާ އެބަސް ބޭނުން ކުރެއްވޭނީ އޭގެ އަސްލާ އެއް ގޮތަށެވެ. އެކަމަކު ދިވެހި ބަހުން މޭރުންވާ ގޮތަށް އެބަހުގެ ތަފްސީލެއް ދެއްވިދާނެއެވެ. އެކަމުގައި ރައީސް މައުމޫން އަކީ މިސާލެކެވެ.

ވިދާޅުވެބައްލަވާށެވެ

“ވިލިވަރުގައި ތަރައްގީކޮށްފައިވަނީ 30 މީހުންގެ ޖާގައިގެ ކަރަންޓީނު ފެސިލިޓީ އެކެވެ. ޖާގަ އިތުރުކުރަން ބޭނުންވެއްޖެ ހާލަތެއްގައި ވޯޑާއި ޓެންޓު އިތުރު ކުރެވޭނެ އިންތިޒާމުވެސް އެރަށުގައި ހަމަޖެހިފައިވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.” މިއީ ދުވަހު ނޫހެއްގައި ލިޔެފައިވާ ޚަބަރެކެވެ.

މި އިބާރާތް، އިގިރޭސި ނުދަންނަ ދިވެހި ރައްޔިތުމީހާއަށް ފަހުމުވާ ގޮތަކަށް ވިދާޅު ނުވެވޭނެތޯއެވެ.

ދެން ވިދާޅުވީ ރޫމް ކަރަންޓީންގެ ވާހަކައެވެ. “ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތައް ފެންނާތީ ކުރެއްދޫ އައިލެންޑް ރިސޯޓްގައި 93 މީހަކު ރޫމް ކަރަންޓީނުކޮށްފި އެވެ. ”

މިއީވެސް ވައިރަހާ ބެހޭ މައުލުމާތު ދިވެހި ރައްޔިތުންނާ ހިއްސާކުރައްވަމުން ވިދާޅުވި ބަސްކޮޅެކެވެ. އަލަށް ދިވެހި ބަހަށް ލޯނެއްގެ ގޮތުގައި އިމްޕޯޓު ކުރެއްވި ބަހަކަށް ވާހެން ހީވާތީވެ ލިޔެލާހިތްވީއެވެ.

“ށ. ފޯކައިދޫއާއި ރާއްޖޭގެ އެއްވެސް ރަށެއްގެ ރައްޔިތުން ޕެނިކްވާން ޖެހޭ ހާލަތެއް ނެތް ކަމަށް” މިނިސްޓަރ ވިދާޅުވުމުގެ ކުރިން މި މެސެޖް ދެއްވަން މިއުޅެނީ އިނގިރޭސި ނުދަންނަ މުސްކުޅިން ވެސް ހިމެނޭ މުޖަތަމައަކަށް ކަން މިނިސްޓަރު ވިސްނާލެއްވި ނަމައެވެ.

އަޅުގަނޑު ގަބޫލު ކުރަނީ އިނގިރޭސި ނުދަންނަ ދިވެހި ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖެއްގައި މިމާނަ ދޭހަވާ ގޮތަށް ރީތި ދިވެހި ބަހުން މާރީތި ކޮށް ވިދާޅު ވެވިދާނެ ކަމަށެވެ.

އެހެން މިސާލެކެވެ.

“ފޯކައިދޫ އިން ކުރެއްދޫ ރިސޯޓްގެ މުވައްޒަފު ވައިރަހުގެ އަލާމާތުގެ ފާހަގަ ކުރެވުމާއެކު އައިސޮލޭޝަންގައި ބާއްވައި ކަންކަން ބަލަމުން ދެއެވެ. އެ މުވައްޒަފު ކަރަންޓީނަށް ގެންދަން ނިންމީ ކުރެއްދޫން ޕޮޒިޓިވްވި މީހުނާ ކޮންޓެކްޓްވެ ތިންވަނަ ދަރަޖާގައި ހާލަތު ހުރި ކަން ފާހަގަ ކުރެވުމުން ކަމަށެވެ.

އަދި ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި ޖުމްލަ 173 މީހުން އެބަ ތިބި ކަމަށް ވިދާޅުވިއެވެ.”

އެހެން މިނިސްޓަރެއްގެ ވާހަކަ ފުޅެވެ. ފުރަތަމަވެސް ހައިރާންވީ މި ވާހަކައިންނެވެ.

“ހުރިހާ ގައުމަކުން ރާއްޖެއަށް މީހުން އެތެރެ ނުވެވޭގޮތް ހަދައި، ރާއްޖެ ލޮކްޑައުން ކުރެވެން ނެތް ”ކަމަށް ވިދާޅުވުމުންނެވެ. ހަމަ އެއާއެކު ”އަޅުގަނޑުމެން ވިޔަފާރިތަކަށް ލުއިދޭނެ ގޮތެއްގެ ސްޓެމިއުލަސް ޕެކޭޖެއް ތައްޔާރު ކުރުމަށް ވެސް މަސައްކަތްތަކެއް ކުރެވެމުން މި ދަނީ” ކަމަށް ވިދާޅުވެ ވާހަކަ ދައްކަން ފެށުމުން މިފަހަރު ”ޕެނިކް” ވީ އަޅުގަނޑެވެ. “ކިޔާނީ ލިޔާނީ ދިވެހި ބަހުން” މި ޝިއާރާ އެއްގޮތަށް ރީތި ދިވެހި ބަހުން ވާހަކަ ދެއްކެވުމުގައި މިސާލު ދައްކަވަން ޖެހޭ މިނިސްޓަރުންގެ ވާހަކަފުޅު ދިވެހި ބަހާ ބީރައްޓެހި ކަމުންނެވެ.

ޓީވީ ބަލަން އިންނަ ހިތް ކެނޑި ނިއްވާލެވުނީއެވެ. ރާއްޖެ “ލޮކް ޑައުން” ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ބަހުގެ މާނަ ނޭނގި ބިރުވެރި ކަމެއްގެ ތެރޭގައި ހަށިގަނޑުގެ މުޅި ސިސްޓަމް ޑައުން ވުމުގެ ކުރިން ފޯނު ނަގާފައި އަވަހަށް ބެލީ އިނގިރޭސި ބަސް ދިވެހި ބަހަށް ތަރުޖަމާ ކުރަން ދަންނަ މީހަކަށް ގުޅޭތޯއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top