ވަޒީފާއާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކުން މުވައްޒަފުންނަށް ނިކަމެތިކަން !

DSCN8060.jpg

ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ މުއްދަތު ނުވަތަ ޕްރޮބޭޝަންގެ މުއްދަތު ހަ މަސްދުވަހަށް އިތުރު ކުރުމަށާއި އެންމެ ކުޑަމިނުން ދެވޭ އުޖޫރަ(މިނިމަމް ވޭޖް) ކަނޑައަޅާނެ ގޮތަކާއި ސާވިސް ޗާޖު ދޭންޖެހޭ ގޮތުގެ އިސްލާހާ މުވައްޒަފުން ސަލާން ބުނުމުގެ މާއްދާ ވެސް ހިމެނޭ ގޮތަށް ވަޒީފާ އާއި ބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި އިސްލާހުތައް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވަނީ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސައެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު ބުނެފައިވަނީ ޕްރޮބޭޝަންގެ މުއްދަތުކަމުގައި ތިން މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ ކަމަށެވެ. ނަމަވެސް އެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އެ މުއްދަތު ހަ މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ހެދުމަށް ހުށަހަޅާފައެވެ.

އަދި ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީހާއި، އުޖޫރަ ދެވޭ މިންގަނޑާއި އުޖޫރަ ހިސާބު ކުރެވޭނެ ގޮތާއި، އުޖޫރަ ދިނުމަށް ކަނޑައަޅާ މުއްދަތުތަކާއި، ޗުއްޓީ ލިބޭ ގޮތާއި، މުވައްޒަފުގެ އަހުލާގާއި ގުޅޭ ގޮތުން އޭނާއާ މެދު ފިޔަވަޅު އެޅިދާނެ އުސޫލުތައް ވަޒީފާގެ އެއްބަސްވުމުން އުނިކުރަން ވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.

މީގެއިތުރުން ބަލިވެގެން ސަލާމް ބުނުމުގެ މާއްދާ އަށް ވެސް އިސްލާހުތަކެއް ގެންނަން ވަނީ ހުށަހަޅާފައެވެ.

ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ބަލީގެ ބާވަތާއި އެބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ވަޒީފާ އަށް ނިކުންނަ ދުވަހު ހުށަހެޅުމުން ނޫނީ އެ މުވައްޒަފަކަށް، ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ސަލާމުގެ ޗުއްޓީ ދިނުން ލާޒިމު ވެގެން ނުވެއެވެ.

މި މާއްދާ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ މެޑިކަލް ސެޓްފިކެޓް ވަޒީފާ އަށް ނިކުންނަ ދުވަހު ހުށަހެޅުމުން މެނުވީ، އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން، ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމު ވެގެން ނުވާ ކަމަށެވެ.

މި ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ މެދު ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން އަންނައިރު، ބައެއް ފަރާތްތަކުން ދަނީ އެންމެންގެ ލާބަޔާއި މަންފާއަށް އަދި ވަޒީފާ އަދާކުރާ މީހުންގެ ހައްގުތައް ކަށަވަރު ކުރެވޭނެ ފަދަ ގޮތަކަށް މިފަދަ އިސްލާހުތައް ހުށަހެޅުމަށް ގޮވާލަމުންނެވެ.

އެގޮތުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ޕްރޮބޭޝަންގެ މުއްދަތު ތިން މަހުން ހަ މަހަށް އިތުރުވާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަކީ މަސައްކަތްތެރިން މިހާރަށްވުރެ ވެސް އިތުރަށް ނިކަމެތިވާނެ ކަމެއް ކަމަށެވެ.

ބައެއް ތަންތަނުގައި ކެޝުއަލް ސްޓާފުންގެ ގޮތުގައި މިހާރުވެސް ތިން މަހަށް ވުރެ ގިނަ ދުވަސް ވަންދެން ދާއިމީނުކޮށް މަސައްކަތް ކުރުވާ ކަމަށް ވިދާޅުވެ އަލީ ހުސައިން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ވަޒީފާގެ ގާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހާއި ބެހޭގޮތުން ލިޔެފައި އިން ހަބަރެއް ޓުވިޓާގައި ހިއްސާ ކުރައްވަމުން ޕީޕީއެމްގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ ޕްރޮބޭޝަންގެ މުައްދަތު 6 މަހަށް ބަދަލު ކުރުމަކީ އަނިޔާއެއް ކަމަށެވެ. އަދި ޕީޕީއެމް ސަރުކާރެއްގައި މިހާރު އޮތް ގޮތަށް 3 މަހަށް ބަދަލު ކުރާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން ރިސޯޓުތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންވެސް ދަނީ މިކަމާ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ބ.އަތޮޅުގެ ރިސޯޓެއްގެ ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކު ނަން ހާމަކުރުމަށް އުޒުރުވެރިވަމުން ވިދާޅުވީ ޕުރޮބޭސަން ޕީރިއަޑް ދިގުކޮށްލުމުން ވަޒިފާގެ އަޅުވެތިކަން އިތުރުވެގެންދާނެކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ސާވިސްޗާޖްގެ މައްސލައަށް ހައްލެއްނައިސް މިހާރު އޮތްގޮތަށް ވުރެވެސް ގޯސްވެ ވަޒީފާ އަދާކުރާ އެތައް ބަޔަކު ސާވިސްޗާޖުން މަހުރޫމް ވުމުގެ ފުރުސަތު ވެސް ބޮޑުވެގެން ދާނޭ ކަމަށެވެ.

އެންމެ ކުޑަމިނުން ދެވޭ އުޖޫރައާއި މަސައްކަތް ތެރިން އަށް ދެވޭ ސާވިސްޗާޖް ދިނުމުގައި އުސޫލު ތަކެއް ކަނޑައަޅުއްވައި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވި އިރު މަސައްކަތުގެ ދާއިރާތަކުގެ ފަރާތަތަކާ  މަޝްވަރާ ނުކުރެއްވައި މިފަދަ ބިލެއް މަޖިލީހަށް ހުށައެޅުއްވުމަކީ މަސައްކަތް ތެރިންގެ އަސްލު ހާލަތާއި އެމީހުންނާމެދު ސަރުކާރުން ދެކޭ ގޮތް ވަރަށް ރަނގަޅަށް ހާމަވެގެން ދިޔަ ކަމެއްކަމުގައިވެސް އޭނާ ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top