އޭދަފުށީ ކައުންސިލަށް : މަގުތަކުގައި އެންމެ ކުޑަމިނުން ހިނގައި އުޅެވޭ ވަރު ކޮށްދެއްވާށެވެ!

DSCN3756.jpg

އޭދަފުށީގެ މަގެއް -އީވީ ފައިލް ފޮޓޯ

މިއީ ރަށު ކައުންސިލާބެހޭ ކަމެއް ނޫނޭ ބުނެފާނެއެވެ. މަގުހެދުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް އެބަގެންދޭ ނޫންހޭ ބުނެ ގައިން ފޮޅާލަފާނެއެވެ. އެކަމަކު މި ރަށުގެ ރައްޔިތެއްގެ ގޮތުން ރައްޔިތުންނަށް ވާ އުނދަގޫތަކުގެ ވާހަކަ ދައްކަން ދެވޭނީ ރަށު ކައުންސިލަށެވެ. އެހެންވެ ކައުންސިލުގައި ދަންނަވާލެވެނީއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި، 2015ވަނަ އަހަރު ޖޫން މަހު، އެއްއަހަރު ދުވަހުގެ ތެރޭގައި އޭދަފުށީގެ ބޮޑެތި މަގުތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހަދަން އޭރުގެ އެމްއާރްޑީސީއާއި ހަވާލު ކުރެވުނެވެ. އެކަމަކު ނަސީބު ދެރަކަމުން ކުރީސަރުކާރުން އެކަން ނިންމާލެވޭވަރު ނުވީއެވެ. ރަށުގެ ބޮޑެތި މަގުތަކުގައި ތިރިސް،ސާޅިސް އަހަރު ކުރިން އިންދާ ހެދިފައިހުރި ހިޔާދޭ  ބޮޑެތި ގަސްތައް ކަނޑައި ތިރިކޮށް ރަށުގެ ހޫނުމިން އިތުރު ޑިގްރީއަކަށް މައްޗަށް ދިޔައިރުވެސް ރައްޔިތުން ހައްޕު ކިޔައިގެން ތިބީ މަގުތައް ރީތި ކޮށް އަވަހަށް ހަދައި ނިންމާލެވެން އޮތީ އެގަސްތައް ކަނޑައިގެން ކަމަށް ނޫން ގޮތަކަށް މިމަސައްކަތް ކުރެވެން ނެތްކަމަށް ރައްޔިތުންގެ ބޮލަށް ވައްދައިދީފައި ވާތީއެވެ. ރައީސް ޔާމީން ސަރުކާރަށް ވީވަރަކީ އެ މަގުތަކުގެ އަރިމަތީގައި ޕޭމަންޓު ހަދައި އަތޮޅު ހޮސްޕިޓަލު މަގުގައާއި ދަނާލުގެ އުތުރުން އޮތް ހަނިގޯޅީގައި ތާރު އަޅަން ފެށުމުގެ ގޮތުން އަޅަންޖެހޭ ކޮންކްރީޓް ލޭޔަރު އެޅުމެވެ.

މި ސަރުކާރުން މި ދިޔަ އަހަރު އެޕްރީލްމަހު އަނެއްކާވެސް އޭދަފުށީގެ އެ 17މަގު، އަށް މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކުރީ އެމްޓިސީސީއާއެވެ. އޭގެ ފަހުން އަށް މަސް ފާއިތުވެގެން ގޮސް މިހާރު އެއް އަހަރު ފުރެނީއެވެ. މަގުތަކުގައި މާބޮޑު ކަމެއް ކުރެވުނު ތަނެއް ފެންނާކަށް ނެތެވެ. ކުރީ ސަރުކާރުން ކުރަން ފެށި ނުނިމި ހުރިނަމަ އެ ސަރުކާރުގެ ބޮލަށް ކޮންމެވެސް ދިމާއަކުން ކަނޑާލަންޖެހޭތީ މަގުތަކުގެ ފެން ހިންދާ ހަފާދައި ހުރިގޮތް ކަމުނުދެއޭ ބުނެ ފުރަތަމަ ޖެހެނީ ފެންހިންދާ ނިޒާމު ގާއިމު ކުރުމަށް މަގުތަކުގެ މެދުގައި ހޮޅިއެއް ވަޅުލަން ކަމަށް ބުނެ ފެށީ އެމަސައްކަތެވެ. އެކަން އަދިވެސް ނުނިމެއެވެ. ބޮޑު ދެތިން މަގުގައި ހޮޅިވަޅުލުމަށްފަހު އިތުރަށް އެމަސައްކަތް ކުރިއަށް ދިޔަ ތަނެއް ނުފެނެއެވެ. މިހާރު ފެންނަނީ ބައެއް ދުވަސްދުވަހު އެވެސް މެންދުރު ފަހު ހައެއްކަ ބަންގާޅީން ނުކުމެ ކާނުތައް ސާފުކޮށްލުން ނުވަތަ މަގުތަކުގައި ހުންނަ އަޑި ގުޑަންތަކަށް ތާރުކޮޅެއް އަޅާލުން ކަހަލަ ކަމެއް ކުރާތަނެވެ.

މިއަދު އޭދަފުށީގެ މަގުތަކަށް ނިކަން ފަރުވާތެރިވެ ބަލާބަލާށެވެ. ރައްކާތެރިކަމެއް ނެތެވެ. ހިރަފުހުން އޮލަވެ ބޯވެފައެވެ. އަޑިގުޑަން ގިނަވެފައި ހިނގާ މީހުންނަށްވެސް އެތައް އުނދަގުލަކާ ކުރިމަތިލާން ޖެހިފައެވެ. ހާއްސަކޮށް ހޮސްޕިޓަލު ހުންނަ ބޮޑު މަގެވެ. ރައީސް ޔާމީން ސަރުކާރުގައި ތާރު އަޅަން ފެށުމުގެ ކުރިން އަޅާ ކޮންކްރިޓް ފަށަލަ މިހާރު އޮތީ ހަލާކުވެގެން ގޮސް ނުރައްކާތެރި ހާލަތެއްގައެވެ. މި މަގަކީ ދުވާލަކު ސަތޭކައިން ގުނާލެވޭ އަދަދަށް ރަށުންނާއި ރަށުން ބޭރުން އަދި ކައިރި ރިސޯޓުތަކުން އައިސް ހިނގާފައި ނޫނީ ކޮންމެވެސް ސަވާރީއެއްގައި އައިސްގޮސްވާ ތަނަކަށް ވާއިރު މި މަގު އޮތް ހާލު އެންމެ ބޮޑަށް ފެންނަން ޖެހޭނީ ރަށު ކައުންސިލަށެވެ. އެކަމަކު ބަލަން ބޭނުން ނުވަނީތާއެވެ. ވަރަށް ބޮޑަށް ބަލައިގެން ނޫންގޮތަކަށް ހިނގާފައިދާނަމަ ކޮންމެވެސް ވަޅުގަނޑަކަށް ވެއްޓުން އޮންނާނީ ގާތުގައެވެ. ސަވާރީއެއްގައި ދަތުރުކޮށްފައި އައިނަމަވެސް މަގުގައި އަޅާފައިއޮތް ސިމެންތި ފަށަލައިން ތަންތަންގަނޑު ނައްޓައިގެން ނުވަތަ ހަލާކުވެގެން އުފެދިފައި ހުރި އެކި ވަރުވަރުގެ ވަޅުގަނޑުތަކާއި މަގުގެ ލެވެލްއަށް ވުރެ ތިން އިންޗިވަރު މައްޗަށް އުފުލިފައި ހުރި ދަނގަޑުކެޕް ތަކުގައި ލައިނުގަނެ ސަލާމަތް ވެވޭނީ ވަރަށް ބޮޑަށް ފަރުވާތެރިވެގެންނެވެ.

އެހެންވީމާ ރައްޔިތުންނަށްޓަކާ އުފައްދާފައި އޮތް ރަށު ކައުންސިލަށް މި މަންޒަރު ފެންނަން ވެއްޖެއެވެ. ފެނިއްޖެކަން އަމަލީގޮތުން ދައްކައިދޭންވެއްޖެ އެވެ. މަގުތަކުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ފަށަން ވެއްޖެއެވެ. ޒަމާނީ ފެންވަރަށް ހަދަން ނިންމާފައިވާ މަގުތަކުގެ މަސައްކަތް ނިންމުމަށް ކަމާބެހޭ ވުޒާރާތަކުގެ ދޮރުގައި އެތަންތަނުގެ މަސްއޫލުވެރިންނަށް އަޑުއިވޭވަރަށް ޓަކި ޖަހަން ވެއްޖެއެވެ.

އެއީ އެއް ފަރާތެވެ. އަނެއް ފަރާތަށް ބަލާލާނަމަ މިއީ އިރުވައި މޫސުމުގެ އެންމެ އަވިބާރު އަދި ހިރަފުސް ބޯ ދުވަސްވަރު ކަމަށް ވާއިރު ވާރޭ ނުވެހި ދުވަސްކޮޅެއްވުމުން މިހާރު މަގުތައް ހީވަނީ ހަނަފަސް ސަހަރާއެއްގެ ބައެއްހެންނެވެ. ވީމާ އާއްމު ސިއްހަތާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހިރަފުހުގެ ސަބަބުން ފެތުރޭ އަރިދަފުސް ރޯގާފަދަ އަވަހަށް ފެތުރެމުންދާ ރޯގާތަކުން ރައްޔިތުން ސަލާމަތްކުރުމަށްޓަކާ ރަށު ކައުންސިލްގައި ހުރި ޕިކަޕު ބޭނުން ކުރައްވައިގެން ކަމަށްވިޔަސް މަގުތަކަށް ފެންޖައްސަވާށެވެ. އާ ކައުންސިލް ޕްރައިމަރީއަށް ހަފްތާއަކަށްވަނިކޮށް އެޕިކަޕް ރަށުތެރެއަށް ނެރެ މަގުތަކަށް ފެން ޖެހި ގޮތަށް މިހާރުވެސް އެކަން ނުކުރެވެންވީ ކީއްވެގެންތޯއެވެ. އެހެންނޫނީ މަގު ހެދުމުގެ ނަމުގައި މިރަށުގައި ތިބި އެމްޓީސީސީ ޓީމުގެ އެހީތެރިކަން ހޯއްދަވައިގެން މަގުތަކުގައި ހުރި ފަސްމަޑު ތަންތަންތަނަށް ވެލިއަޅުއްވައި ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް އަމާންކަން ލިބިގެންވާ މަގުތަކަކަށް މި އޭދަފުށީގެ މަގުތައް ހައްދަވައިދެއްވާށެވެ. ރައްޔިތުންނަށް އެންމެ ކުޑަމުން މިވަރު ނުކޮށްދެވޭނަމަ ރަށު ކައުންސިލް ނަންދީފައި ކައުންސިލެއް އޮތުމުގެ ބޭނުމަކީ ކޮބައިތޯއެވެ.؟

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top