މާއްޑޫޫއާ، އޭދަފުށީ ކައުންސިލުން ހަވާލުވެ، ހުއްދަނެތި ނާރަން އަންގައިފި

maxresdefault.jpg

އޭދަފުށި ކައިރީގައި އޮންނަ މާއްޑޫ

2013 ވަނަ އަހަރު ވަރުވާއަށް ލިޔެދެއްވި ބ. މާއްޑޫ ހައަހަރު ފަހުން ރަސްމީކޮށް އޭދަފުށީ ކައުންސިލުން ހަވާލުވެ ރަށް ބަލަހައްޓަން ފަށައިފިއެވެ.

އޭދަފުށީ ކައުންސިލުން މިއަދު ނެރުއްވި އިޢްލާންގައިވާގޮތުން މާދަމާއިން ފެށިގެން ބ. މާއްޑޫ ބެލެހެއްޓުން ހަވާލުވީ ކުރިން އެރަށް ވަރުވާ އަށް ލިޔުއްވާފައިވާ މ. ބަގީޗާގޭ އަލްފާޟިލާ ކުޑަސިއްތީގެ ކިބައިން އެރަށް ވަކިކުރައްވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން އެންގެވުމާ ގުޅިގެންނެވެ.

ކުޑަސިއްތީގެ ނަމުގައި ވަރުވާއަށް ލިޔުއްވާފައިވާ މިރަށް 2013 އޮކްޓޯބަރުމަހު އޭދަފުށީ ކައުންސިލާއި ސަރުކާރުން އޭރު ހަވާލުކުރެއްވިކަމުގެ ލިޔުން ފޮނުއްވި ނަމަވެސް ތަފާތު ސަބަބުތަކާހުރެ މިހާތަނަށްވެސް އެރަށް އޮތީ ކުޑަސިއްތީގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް ދާދި މިދާކަށްދުވަހު މިހާރުގެ ކައުންސިލާއި، އަތޮޅު ކައުންސިލް ގުޅިގެން ކުރެއްވި މަސައްކަތުގެ ތެރެއިން އެގްރިކަލްޗަރުން އޭދަފުށީ ކައުންސިލާ ރަށް ހަވާލުކުރިކަން އެންގީ މިދިޔަ މަހުގެ 30 ވަނަދުވަހުއެވެ.

ބ. މާއްޑޫ ފޮޓޯ ތިރީގައި. މަތިން އެފެންނަނީ އޭދަފުށި ބިން ނުހިއްކާއިރު

އޭދަފުށީ ކައުންސިލުން ބުނީ މާދަމާ (8 ޖަނަވަރީ) އިން ފެށިގެން މާއްޑޫ ބެލެހެއްޓުމާއި، އެއިދާރާއިން ހަވާލުވެފައިވާތީ، މީގެފަހުން އެއްވެސް ފަރާތަކުން ކައުންސިލް ހުއްދަނެތި ބ. މާއްޑޫއަށް ނޭރުމަށް އަންގައި އިޢްލާންކޮށްފައިވާކަމަށެވެ.

ބ. މާއްޑޫއަކީ 1968 ވަނައަހަރުގެ ކުރިން ބ. އަތޮޅުގައި މީހުން ދިރިއުޅުނު ރަށެކެވެ. އެރަށް ފަޅުރަށަކަށް ބަދަލުވީ، ހުކުރު ވާޖިބުވާ 40 މީހުން ނެތް ކޮންމެރަށަކީ ފަޅުރަށެއްކަމުގައި ހަމަޖައްސަވައި، ސަރުކާރުން މާއްޑޫ ރައްޔިތުން އޭދަފުއްޓަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ. އޭގެފަހުން ވަރުވާއަށް އެރަށް އެކިފަރާތްތަކާ ހަވާލުކޮށްގެން ބަލަހައްޓަމުން އައިސްފައިވެއެވެ.

މާއްޑޫއަކީ އޭދަފުށީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރަށެއްކަމުގައި 2013 ވަނަ އަހަރު ރައީސް ވަހީދުގެ ސަރުކާރުން ހަމަޖެއްސެވީ، އޭދަފުށީގެ ގިނަ ބައެއްގެ އެދުމުގެ މަތީންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top