ހަނިފަރު ސަރަހައްދަށް 8 ހާސް ގެސްޓުން އަތުވެއްޖެ. އާމްދަނީ 1 ލައްކަ ޑޮލަރަށް

Screen-Shot-2015-10-16-at-4.44.29-PM.png

ހަނިފަރު ސަރަހައްދުގައި ގެސްޓުން ފީނަނީ. މިތަން ބެލުމަށް މިއަހަރު އަށްހާސް ފަތުރުވެރިން ޒިޔާރަތްކުރި / ފޮޓޯ: ބަޔޮސްފިޔަރ ރިޒާވް އޮފީސް

ހަނިފަރު އޭރިޔާއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަށްހާހަށް އެރިއިރު އެއްލައްކައަށްވުރެ ގިނަ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަމަށް ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހުން ބުނެފިއެވެ.

ބަޔޮސްފިއަރ ރިޒާވުން މިހެން ބުނީ ބ. އަތޮޅުގެ ބަޔޮސްފިއަރ އޮފީހުން ބަލަހައްޓަމުން އަންނަ ޔުނެސްކޯ ބަޔޯސްފިއަރ ރިޒާވް ސަރަހައްދުތަކާ ބެހޭގޮތުން އެއޮފީހުގެ އައުޓް ރީޗް އޮފިސަރ ޝާފީ އަލީ އޭދަފުށީ ވޮއިސް އަށް ދިން އެކްސްކުލޫސިވް އިންޓަވިއުއެއްގައެވެ. ޝާފީ އަލީ ވިދާޅުވީ ހަނިފަރު ސަރަހައްދު ބެލުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން އަންނަ ކަމަށާ، އާމްދަނީ އެއްލައްކަ ޑޮލަރަށްވުރެ މަތިވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

“ދެހާސްސޯޅައިގައި ހަނދާންވަނީ ދެހާސްފައްސަތޭކައެއްހަ މީހުންނޭ އައީ. ދެން މިދިޔައަހަރު ފަސްހާސް ފައްސަތޭކަ. މިއަހަރު މިހާތަނަށް އަށްހާސް ގެސްޓުން އަތުވެއްޖެ. ގާތްގަނޑަކަށް ލައްކައެއްހާ ޑޮލަރު މިއަހަރު ލިބިދާނެ ހަމައެކަނި ޒިޔާރަތްކުރި ގެސްޓުންގެ އަތުން. އެހެންވީމާ މިއީ ވަރަށް ބޮޑު ކުރިއެރުމެއް އަދި ރެކޯޑެއް” ޝާފީ ވިދާޅުވިއެވެ.

ހަނިފަރު އޭރިޔާ

ޔުނެސްކޯ ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ބ. އަތޮޅުގެ 9 ސަރަހައްދެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އޭގެތެރެއިން 3 ސަރަހައްދެއް މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ބަޔޮސްފިއަރ އޮފީހުން ދަނީ ބަލަހައްޓަމުންނެވެ. އެއީ ހަނިފަރު އޭރިޔާއާއި، މެންދޫ އޭރިޔާއ އަދި އޮޅުގިރިއެވެ. ޝަފީ ވިދާޅުވީ މިސަރަހައްދުތައް ގަވާއިދުން ބަލަހައްޓަންފެށިފަހުން އާންމުންގެ ފަރާތުން ކުރިން ފެނުނު ނޭދެވޭ ކަންކަންވެސް ވަރަށްބޮޑަށް މަދުކުރެވިއްޖެކަމަށާ، އިތުރު ސަރަހައްދުތަކެއް މެނޭޖްމަންޓް ޕްލޭން ހަދަމުން އަންނަކަމަށެވެ.

“ވަރަށް މަދު މިހާރު އަންނަ މައްސަލަތައް. ހާއްސަކޮށް އަތޮޅުގެ ރައްޔިތުންގެ ފަރާތުން އެއްވެސްކަމެއް ނުފެނޭ ބުންޏަސް ދޮގަކަށް ނުވާނެ. ބައެއްފަހަރު އަތޮޅުންބޭރު ދޯނިފަހަރުން ހުއިފިލަނޑާ ނެގުމާ، ފާނަ މަސްވެރިކަންކަހަލަ މަނާ ކަންކަން އެބަފެނޭ. އެކަމަކު މަދޭ ބުނެވޭނީ. އަންނައަހަރު އިތުރު 3 އޭރިއާއެއް އަޅުގަނޑުމެން މެނޭޖްމަންޓް ޕްލޭން ހަދާ ބަލަހައްޓަން ފަށަން ހަމަޖެހިފަ އޮތީ”

2013 ވަނައަހަރު އުފެދުނު ބަޔޮސްފިޔަރ ރިޒާވް އޮފީސް ބެލުމުގެ ދަށުގައި އޮތް ހަނިފަރު ބޭ އެރިޔާއަށް ފީނަންދާ ގެސްޓުންގެ އަތުން 10 ނުވަތަ 20 ޑޮލަރުގެ ފީއެއް ނަގައެވެ. އެއީ ބަޔޮސްފިއަރ އޮފީހާއެކު ޕާޓްނާޝިޕް ހަދާފައިވާ ރިސޯޓްތަކުގެ ގެސްޓުން އަތުން 10 ޑޮލަރު، ޕާޓްނަޝިޕް ނަހަދާ ރިސޯޓްތަކުގެ ގެސްޓުން އަތުން 20 ޑޮލަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top