އޮންލައިން ވިޔަފާރިތައް ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި މިބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ މިދިޔަ މަހުއެވެ. މިބިލުގައިވާ ގޮތުން އިލެކްޓްރޯނިކް ޒަރީއާއިން ކުރާ ވިޔަފާރި ވެސް ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ. އިލެކްޓްރޯނިކް ޒަރީއާ އިން ވިޔަފާރިކުރުން ކަމަށް ބަލަނީ އިލެކްޓްރޯނިކް ނުވަތަ މެގްނެޓިކް ނުވަތަ އޮޕްޓިކަލް ނުވަތަ އެ ނޫން ވެސް ވަސީލަތެއް މެދުވެރިކޮށް، ޑޭޓާ މެސެޖް ބޭނުން ކޮށްގެން ކުރެވޭ މުއާމަލާތް ހިމެނޭ ގޮތުންނެވެ.
ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ކުރާ ވިޔަފާރީގެ ބަޔެއް ފިހާރައެއް ނުވަތަ ހިދުމަތެއް އޮންލައިންކޮށްވެސް ދެވޭނީ ރަޖިސްޓްރީ ކޮށްގެންނެވެ. މީގެ ކުރިން ގާނޫނު އޮންނަގޮތުން ރަޖިސްޓްރީ ކޮށްގެން ހިންގަންޖެހޭނީ އޮފީހެއް ނުވަތަ ފިހާރައެއް ތަނެއް ހުޅުވައިގެން ވިޔަފާރި ކުރާނަމަ އެވެ.
އެގޮތުން، މިއަދު އެ އިސްލާހު ތަސްދީގު ކުރުމާއެކު، މިހާރު އޮންލައިން ކޮށް ކުރާ ވިޔަފާރިތައް 30 ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަންޖެހޭނެ އެވެ.
އެގޮތަށް އެކުލަވާލެވޭ ދަފުތަރުގައި، ވިޔަފާރިތަކުން ދޭ ހިދުމަތްތަކުގެ މައުލޫމާތު އާންމުންނަށް ލިބޭނެ ގޮތް ހެދުމާއި އެކަމަށް ހާއްސަ ފީއެއް ނެގުމުގެ ބާރު ރަޖިސްޓްރާއަށް ލިބިދޭ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ. އަދި ވިޔަފާރިތަކަށް ނުދެވޭނެ ނަންތަކާއި ނަންތައް ބޭނުން ކުރުމުގެ ހަމަތައް ކަނޑައެޅުމުގެ އުސޫލުތައް ވބަޔާންކުރާ ގަވާއިދެއް ހަދަންޖެހޭ ގޮތަށް ވެސް އެ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.