މެޑިކަލް ޗެކަޕް ހައްދައިގެން މާލެ ފިޔަވައި އެންމެ ބޮޑު އާމްދަނީ ބ. އަތޮޅު ހޮސްޕިޓަލަށް

hospi.jpg

ބިދޭސީންގެ ވޯކް ވިސާ މެޑިކަލް ޗެކަޕް ހަދައިގެން މާލެ ފިޔަވައި އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ބ. އަތޮޅު ހޮސްޕިޓަލަށް ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

ބ. އަތޮޅުގެ ސިއްހީ ހިދުމަތް ކުރިޔަށްދާގޮތާއި ބެހޭގޮތުން ބ. އަތޮޅު ހޮސްޕިޓަލްގެ އާ މެނޭޖަރ މުހައްމަދު ރަޝީދު އީވީއަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގައި ވިދާޅުވީ ވޯކް ވިސާ ހައްދައިގެން މިދިޔަ އަހަރު އެކަނިވެސް ދެމިލިޔަން ރުފިޔާ ބ. އަތޮޅު ހޮސްޕިޓަލަށް ލިބިފައިވާ ކަމަށާ، މާލެ ފިޔަވައި އެންމެ ބޮޑު އާމްދަނީ އެއް މި ދާއިރާއިން ހޯދަނީ އެހޮސްޕިޓަލުން ކަމަށެވެ. އޭނާ ވިދާޅުވީ މި އަދަދު މިއަހަރު ދެގުނަ މަތިވެގެންދާނޭ ކަމަށެވެ

“އަލަށް ހުޅުވާ ރިސޯޓްތަކާ، މިހާރުވެސް އޮޕަރޭޓް ކުރާ ރިސޯޓްތަކަށް ގެންނަ ބިދޭސީންގެ މެޑިކަލް މިއަންނަނީ. ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ދެމިލިޔަން ރުފިޔާ ލިބުނު މެޑިކަލް ހައްދައިގެން. މިއަހަރުގެ ފުރަތަމަ ހަމަހަށް ބެލިއިރުވެސް ދެމިލިޔަން ލިބިއްޖެ. އެހެންވީމާ މިއަދަދު މިއަހަރު ދެގުނައަށް އިތުރު ވުމަކީ ވަރަށް ގާތްކަމެއް” އާ ސަރުކާރާއެކު އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރުގެ މަގާމާ ހަވާލުވި ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލިބޭ އާމްދަނީ އިތުރުވި ނަމަވެސް މެޑިކަލް ހެދުމުގެ ހިދުމަތް އިތުރަށް ތަރައްގީ ނުކޮށް ކުރިޔަށް ދެވެން ނެތްކަމަށާ، އެކަމަށްވެސް ގޮތްތަކެއް ހޯދަމުން އަންނަ ކަމަށެވެ.

ބ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު،މުހައްމަދު ރަޝީދު –ފޮޓޯ :އީވީ

“މިހާރު މިވާގޮތަކީ ދުވާލަކު 20 މީހުންގެ މެޑިކަލް މިވަގުތު ހޮސްޕިޓަލުން ހެދެން މިއޮންނަނީ. ޑިމާންޑް ވަރަށް ބޮޑު. އެހެންވީމާ މިހާރު އޮތް ގޮތް ބަދަލުވާޖެހޭ. އަޅުގަނޑު މިހާރު މިދަނީ މިނިސްޓްރީއާ ވާހަކަ ދައްކައިގެން ކެޕޭސިޓީ އިތުރުކުރެވޭނެ ގޮތްތައް ބަލަމުން. އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ ކުރިއެރުން ފެންނާނެ” ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ އަތޮޅު ހޮސްޕިޓަލްގެ ސިއްހީ ހިދްމަތުގެ ފެންވަރު މަތި ކުރެއްވުމަށްޓަކައި ކުރެވޭ މައިގަނޑު މަސައްކަތް ފެށިގެންދާނީ މިއަހަރު ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ހަތަރުބުރީގެ އާ އިމާރާތް ނިމި، އެތަނުގެ ހިދުމަތް ލިބެން ފެށުމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top