20ޖޫން އާއި ގުޅޭ (ދެވަނަ ބައި)
ހައްވާފުޅަކީ މަޔަކު މުޅި އުމުރު ހޭދަ ކޮށްގެން އުފައްދާފައިވާ ފިސާރި އަންހެނެކެވެ. ރީތިކޮށް ތަޖްވީދު މަގަށް ޤުރުއާން ކިޔަވަން ދަސްކޮށްދިނެވެ. މީރުކޮށް ކައްކަން ދަސްކޮށްދިނެވެ. އަތު މަސައްކަތްތެރިކަމާ ރީތިކޮށް ހެދުން ފެހުމަކީ ވެސް މަންމަގެ ފަރާތުން އުނގެނިފައިވާ ކަންކަމެވެ. އެހެންވީމާ ދިރިއުޅުމާމެދު ފިކުރެއްނެތެވެ. އަމާންކަމާއެކު މަގު އެއޮތީ ފެންނާށެވެ.
ޒުވާން ކުއްޖެއްގެ ގޮތުގައި ވިޔަސް އަނތްބެއްގެ މަގާމަށް އައުމަކީ ބޮޑު ޒިންމާ އެކެވެ. އެކަކު ދެމީހުންނަށް ވީއެވެ. ދުވަސް ކޮޅަކުން ތިންވަނަ މީހަކު އަންނާނެއެވެ. އެއީ ދަރިފުޅެވެ. ދިރިއުޅުމުގެ ހަނގުރާމަ ފެށުނީއެވެ. އެދެމަފިރިންނަށް މައިންބަފައިންގެ ގޭގައި އަރާމުގައި އުޅެވިދާނެ އެވެ. މަދުވާނެ އެއްޗެއް ނެތެވެ. އެކަމަކު އެހެން ބައެއް ދިއްލައިގެން އުޅޭ ބައްތިއެއްގެ އަލިކަމަށް ވެގެން އުޅުމަކީ ހައްވާފުޅު ގަބޫލުކުރާ ހަމައެއް ނޫނެވެ. ގޭގެ އަލިކަން ހޯދަން ޖެހެނީ އަމިއްލަ މަސައްކަތުން ދިއްލައިގެން އުޅޭ ބައްތީގެ އަލިކަމެވެ. އޭނާ އެއުޅެނީ އެކަމައިގެންނެވެ
ފުރަތަމަ ކަމަކީ އަމިއްލަ ފައިމައްޗަށް ތެދުވުމެވެ. އަމިއްލަ ގޯއްޗެއްގައި ގެއެއް އެޅުމެވެ. ފިރިމީހާ ގެއަށް އައީ އެފިކުރުގައި އިންދަ އެވެ. ފިރިމީހާ އަށް އެވާހަކަތައް ލޯތްބާއެކު ހިއްސާކުރި އެވެ. އެކަމަކު އަހުމަދުގެ ޝައުގުވެރިކަމެއް ނެތެވެ. ޒުވާން އުމުރު އިތުރު މަސައްކަތެއް ކުރަން ބޭނުން ނުވަނީކަން ނޭނގެއެވެ. ނޫނީ މައިންބަފައިންގެ ހިޔަލުގައި އުމުރު ނިންމާލަން ބޭނުން ވަނީއެވެ. މިގޮތް ހައްވާފުޅަށް ކަމަކު ނުދިޔައެވެ. އަހުމަދަކީ މިހާ ޒިންމާދާރު ކުޑަމީހަކަށް ވާން ބޭނުން ނުވަނީ އެވެ. ހައްވާފުޅުގެ ވާހަކަތަކަށް އަހުމަދު ނޫނެކޭ ނުބުނެއެވެ. ހަމައެކަނި ބުނެލީ މިހެންނެވެ.
”އަމިއްލަ ދިރިއުޅުމަކަށް ދިއުން އަދި އަވަހެއް ނޫންތަ؟ “
ހައްވާފުޅު އިސް ޖަހައިލިއެވެ. އަދި ބޮލުގެ އިޝާރާތުން އެކަމާ އޭނާ އެއްބަސްނުވާކަން އަންގައިދިނެވެ.
އެކަމަކު އަހުމަދު ރުހުނަސް ނުރުހުނަސް ހައްވާފުޅު ކުރަންއުޅޭ ކޮންމެ ކަމެއްގައި ބައިވެރިވުމަކީ އުފަލެއްކަމުގައި ބުނެ ހިތްހަމަ ޖައްސައިދިނެވެ.
ގޯއްޗެއް ހޯދަން ރަށުއޮފީހުގައި އެދުނީ އަހުމަދުގެ އިޒުނައާއެކު ހައްވާފުޅެވެ. އަހުމަދުގެ ނަމުގައެވެ. ދެތިން ދުވަހުގެ ތެރޭގައި އެކަން ހަމަޖެހުނެވެ.
ބިޔަގަސް ތަކާ ރުއްތަކާއި ވިނަތަކުން ފުރިފައިވާ ކުޑަކުޑަ ޖަންގައްޔެއްހެން އޮތް އެބިން ސާފުކުރުމުގެ މަސައްކަތް ހައްވާފުޅު ފެށީ ތިންހަތަރު މީހުންނާ އެކުއެކުގައެވެ. ހަފްތާއެއްގެ މަސައްކަތުން ބިންސާފުކޮށް ނިންމާލިއެވެ. އިން ވަކިކުރާ ފާރު ރޭނުމުގެ ކުރިން އެގޯތީގައި ގަސް އިންދުމުގެ މަސައްކަތް ފެށިއެވެ. ފަތްކޭލާއި ބަނބުކޭލެވެ. ތަފާތު ވައްތަރުގެ ތަރުކާރީއާއި މޭވާއަޅާ ގަސްގަހެވެ.
ހަމަ މިއާއެކު ހައްވާފުޅު މަންމައަކަށް ވާން އުޅޭކަމުގެ އުފާވެރި އިހްސާސް ކުރެވެން ފަށައިފި އެވެ. މިކަމާ އެންމެ އުފާވާނެ މީހަކީ އަހުމަދު ކަމަށް ހީކުރިއެވެ. އުފަލުން ގޮސް އުރާލާނެ ކަމަށް ހީކުރިއެވެ. އެކަމަކު ހީކުރި ވަރަކަށް އަހުމަދު އުފަލެއް ނުވިއެވެ. އެހާ އަވަހަށް ދަރިއަކަށް އިންތިޒާރު ނުކުރަނީ ކަމަށް ވެދާނެ އެވެ. ނުވަތަ ބައްޕައަކަށް ވެގެން އިތުރު ޒިންމާއެއް ބޮލުއަޅަން ބޭނުންނުވަނީ އެވެ.
ފުރަތަމަކޮޅު މޭނުބައިކޮށް ހޮޑުލެވޭ ގޮތް ވުމުން ހައްވާފުޅު ދެރަވިއެވެ. އޭނާ ހައްދަމުން އަންނަ ގަސްތަކަށް އަޅާނުލެވި ހިނގައިދާނެތީއެވެ. އެކަމަކު ނެތް ހިތްވަރުގައިވެސް އަހުމަތަށް އުނދަގޫ ނުކޮށް ގެވަޅަށް ގޮސް ގަސްތައް ބަލަހައްޓައެވެ.
އަހުމަދުއަށް ބަދަލު ތަކެއް އަންނަހެން ހައްވާފުޅަށް ހީވަން ފަށައިފިއެވެ. އެއީ ބަލިވެ އިނުމަށްފަހު އައި ބަދަލު ތަކެކެެވެ. ހައްވާފުޅާ މެދު ކުރިން އޮތް ގާތްކަމާ ލޯބިވެތި ގޮތް މަޑުމަޑުން ދުރުވަމުން ދާން ފަށައިފިއެވެ. ބަލިވެ އިންނަ ދުވަސްވަރަކީ އަނބިންނަށް ފިރިމީހާ އެންމެ އޯގާތެރިވާން ޖެހޭނެ ދުވަސްވަރު ކަމަށްވިޔަސް އަހުމަދުގެ ފަރާތުން ފެންނަނީ ދުރުކަމެވެ. ބައްޕައަކަށް ވާން ތައްޔާރުވާ އިރު އެކަމަށް ޝައުގު ވެރިކަމެއް ނެތެވެ. ގެއަށް އަންނަން އުޅޭ މެހްމާނަށް މަރްޙަބާ ކިއުމަށް ތައްޔާރުވެ އެކަމާބެހޭ ގޮތުން ވެސް ވާހަކައެއް ނުދައްކައެވެ. ގޭގައި މަޑުކޮށްލަނީވެސް މަދު ފަހަރަކުއެވެ. އެހެން ނަމަވެސް ޝަކުވާއެއް ނުކުރެއެވެ. ޝަކުވާކޮށްގެން ލިބޭނެ މޮޅެއް އޮންނާނެ ހެއްޔެވެ؟ އަމުދުން މިހާރު އިން ހާލުގެ މައްޗަށް ބަލާއިރު އެންމެ ރަނގަޅުވާނީ މަޑުމަޑުން އިނިއްޔާއެވެ. އޭނާ ކަންކުރީ އެގޮތަށެވެ.
ނުވަމަހާ ނުވަ ދުވަސްކޮށް ހައްވާފުޅު ވިހައިފިއެވެ. ދުޅަހެޔޮ ފިރިހެން ކުއްޖަކު އާއިލާ އަށް އިތުރުވުމުން އެންމެން ވެސް އެކަމާ އުފާކުރިއެވެ. އެމުނާސަބާ ފާހަގަކުރުމުގެ ގޮތުން ޞަދަޤާތް ކުރުމާ މާލޫދު ކިޔުންފަދަ ކަންތައް ކުރަމުން ދިޔައެވެ. ހަތް ދުވަސް ވުމުން ރަށުގެ ރައްޔިތުންނަށް ޖަފާތްދީފައި އެދަރިފުޅަށް ހަފީޒްގެ ނަމުން ނަންދިނީވެސް މުޅި އާއިލާއެކުވެގެން ބޮޑު ރަސްމިއްޔާތަކާއެކު އެވެ. އަހުމަދު ވެސް މިކަމުގައި ބައިވެރިވެގެން އުޅުނެވެ. އެކަމަކު އެއީ އެހެންމީހުންނެކޭ ވެސް ގޮތަށެވެ. ބައްޕަ އެއްގެ ގޮަތަކުންނޫނެވެ.
އަނެއްކާވެސް އިތުރު ބަދަލެކެވެ. އަހްމަދު ނިދަން އަންނަގަޑި ލަސްވުމެވެ. އޭގެ މާނައަކީ ޒިންމާދާރު ފިރިއަކަށް ނުވަތަ ބައްޕައަކަށް ނުވަނީއެވެ. އަހްމަދުގެ މި އަމަލުތަކުން ހައްވާފުޅުގެ ނިދާފައިވާ ޒަމީރު ހޭލައިފިއެވެ. އޭނާއަށް ކައިވެނި މި ކުރެވުނީ ވަގުތުގެ ކުރިންކަން މިހާރު އެގިއްޖެއެވެ. ބޮޑުދައިތަ ދެއްކި ވާހަކަތަކާމެދު ވިސްނާލެވުނުނަމައޭ ހިތަށް އަރަން ފަށައިފިއެވެ. މަންމަގެ ނަސޭހަތަށް ފުރަގަސް ދެވިއްޖެކަމުގެ އިހުސާސް ވާން ފަށައިފިއެވެ. އޭނާއަށްހީވަނީ ކޮންމެވެސް ބޮޑު ކަންތައްގަނޑެއް ހިނގަން އުޅޭހެންނެވެ. ހަޔާތަށް ބަދަލުތަކެއް އަންނަން އުޅޭހެންނެވެ.
ހައްވާފުޅަށް ރޮވިއްޖެއެވެ. ފިރިމީހާއާމެދު ނުބައި ހީކުރުމަކީ ފާފައެއްކަމުގައި ވިޔަސް ޝައްކާއި ވަހުމުން ހިތް ކިލަނބު ވެއްޖެ އެވެ. ޒުވާން ދައުރުގެ އެންމެ ފުރަތަމަ މަރުޙަލާގައި މަންމަ ތަކުރާރުކޮށް ބުނަމުންއައި ކަތިފިޔަވަޅު އެޅިއްޖެކަމުގައިި ހީކުރެވިއްޖެއެވެ.
އަހުމަދާއި ހައްވާފުޅުގެ ކައިވެނީގެ ވަރުގަދަ ގުޅުން ބަލިކަށިވަމުން އަންނަކަން ޔަގީނެވެ. އެހެންކަމަށްވާ ނަމަ ދެން އޮންނާނީ ނިމުމެވެ. އެގުޅުމުގައި ނިމުމުގެ ސިއްކަ ޖެހުމެވެ. އެކަމަކު އެހެންވާން ދޫކޮށްލައިގެން އިނުމަކީ ފިނޑިކަމެވެ. ގޮތް ހުސްވުމެވެ. އެ ދަރަޖައަށް ވެއްޓޭކަށް އަދި ނުވެއެވެ. އެކަމާ ބެހޭގޮތުން އަހުމަދާއި ވާހަކަ ދައްކަން ޖެހޭނެއެވެ. މިއީ ހަމައެކަނި އޭނާގެ އަމިއްލަ ކަމެއް ނޫނެވެ. ހަފީޒްގެ ކުރިމަގުވެސް ގުޅިފައިވަނީ މިކަމާއެވެ. އެހެންވީމާ ހަމަ މިރޭ އޭނާ އަހުމަދާއި ވާހަކަ ދައްކާނެ އެވެ. ރޭގަނޑު ރީތިވެގެން ސެންޓު ޖަހައިގެން ބޭރަށް ދިއުމުގައި ފޮރުވިފައިވާ ސިއްރަކި ކޮބައިތޯ އަހާނެ އެވެ. ދަރިފުޅާމެދު ދޭ ސަމާލުކަން ކުޑަވުމުގެ ސަބަބު އޭނާ ހޯދާނެއެވެ.
ހައްވާފުޅު އޮތީ އެފިކުރުގައެވެ. ކުޑަކުޑަ ހަފީޒަށް ބަލަހައްޓައިގެންނެވެ. އެދަރިފުޅު އޮތީ ނިދިފައެވެ. އެކަމަކު 11ޖެހިއިރުވެސް ހައްވާފުޅު އޮތީ ލޯހުޅުވައިގެންނެވެ. އޭނާގެ ނިދި މިރޭ ވަނީ އެތައް ކޯހެއްގެ ދުރުގައެވެ. އޭނާއޮތީ ފިކުރުގެ ކަނޑުގައެވެ. ކޮންމެ ބައިގަޑިއަކުން އެއްފަހަރު ކޮޓަރީގައި ހުރި ބޮޑުގަޑީގެ ބަރުގަނޑުން ވަގުތު ފާއިތުވަމުންދާ ކަމުގެ އިއުލާނު ކުރަމުންދާ ކަމުގެ އިހުސާސްވެސް ނުވާކަހަލަ އެވެ.
ބާރަޖަހާ ބޮޑުވިފަހުން އެބައަންނަ ކަން ހައްވާފުޅު ދެނެގަތީ އަހުމަދު ލައިގެން ހުރި އެން އީވްނިންގ އިން ޕެރިސް ސެންޓުގެ ގެ މީރުވަހުންނެނެވެ. ދޮރުހުޅުވާލި އަޑަށް ހައްވާފުޅު ތެދުވެ އެނދުގައި އިށީނެވެ. އެހެން ރޭރޭ އައިސް އޭނާގެ އެނދުގައި އޮށޯތުމުގެ ބަދަލުގައި މިރޭ އޭނާ އައީ ސީދާ ހައްވާފުޅުގެ ގާތަށެވެ. ހައްވާފުޅާ ކައިރިވެލާފައި ވަރަށް ލޯބިން އަހާލިއެވެ.
”އަދިވެސް ނުނިދަނީ. އަހަރެން ނައިސް ލަސްވެގެން ؟“
އެ އަޑުގައި ހުރި ޖާޒުބިއްޔަތުގެ އަސަރު ހައްވާފުޅުގެ ހިތުގެ އެންމެ ފުންމިނަށް ފޯރައިފި އެވެ. އަދި އަހުމަދު ހައްވާފުޅަށް ބޭނުންވެފައި ހުރިވަރު ފާހަގަ ކުރެވުނެވެ. އަހުމަދުގެ މި އާދައިގެ އެންމެ ހަރަކާތުންވެސް ހައްވާފުޅުގެ ހުރިހާ ޝައްކެއް ފިލައި ހިގައްޖެއެވެ. އެއްޗެކޭ ބުނަން ބޭނުން ވިޔަސް އަޑެއް ހަރަކާތެއް ނުކުރިއެވެ. ނުވަތަ އެއަށްވުރެ ކުރިން އަހުމަދުގެ ދެއަތުން ވަށާލައި ހައްވާފުޅު ހިސާރުކޮށްފި އެވެ. އެއާއެކު އޭނާގެ ހުރިހާ ހިތްވަރެއް ނެތިގެން އަހުމަދުގެ އަތްދަނޑިމައްޗަށް ކަނޑާލި ރުއްގުޅިއެއްހެން ތިރިވެއްޖެއެވެ. ދައްކަން ބޭނުންވި ވާހަކައެއް ނުދެއްކި އުޅެނިކޮށް އަހުމަދުގެ ބާރުގެ ދަށަށް ގެންގޮސް އޭނާގެ ކުޅޭ އެއްޗަކަށް ވެއްޖެއެވެ.
ހެނދުނު ހޭލެވުނު އިރު ހައްވާފުޅު ހުރީ ވަރަށް ހަމަޖެހިލާފައެވެ. ރޭ އަހްމަދު އޭނާއާމެދު ބެހެއްޓިގާތް ކަމާއި އޯގާތެރިކަމުން ހިތް މުޅިން ސާފުވީކަހަލަ އެވެ. އޭނާ ފެންނަނީ ވަރަށް އުފާވެރި ގޮތަކަށެވެ. ދިރިއުޅުމަށް އެންމެބޮޑަށް ހުރަސް އަޅާ އެއްޗަކީ ކުށްހީ ކަން އޭނާއަށް އެނގުނީ މިއަދު އެވެ. އެއާއެކު ސަބަބެއްނެތި ވޭތުވެދިޔަ ދުވަސްތަކުގައި އަހުމަދާއި މެދު ހިތްނުބައި ކުރެވި ޝައްކު ކުރެވުނީތީ ހިނިވެސް އަތުވެއްޖެއެވެ.
ހަފީޒު ގޮވައިގެން ހަވީރު ހައްވާފުޅު މަގުމައްޗަށް ނުކުތީ ގުދުރަތީ ވައިން ތާޒާ ވެލުމަށެވެ. މޫސުމުގެ ހިތްގައިމު ރޯޅިތައް އޭނާގެ އިސްތަށިގަނޑާއި ސަމާސާ ބުނަމުން ވައިގެ ތެތްފިނިކަން ހަށިގަނޑު ހީލިކަރުވަމުން ދިޔައިރު ކުޑަކުޑަ ހަފީޒު ވެސް މި ހަވީރުގެ ހިތްގައިމުކަމުން އުރުތެރޭގައި އޮވެ މަޑުމަޑު އަޑެއް ލައްވަމުުން ތެޅެމުން ދެއެވެ. ހައްވާފުޅު މަޑުމަޑުން ހިނގަމުން ގޮސް ހުއްޓުނީ އަތިރިމަތީގައި އެހެލާފައިހުރި ވަދު ދޯންޏެއްގެ ކައިރިއަށެވެ. އެވަގުތު މީހަކު އޭނާގެ ނަމުން ގޮވާލުމުން ފަހަތަށް އެނބުރި ބަލައިލިއެވެ. އެއީ އަހުމަދުގެ ފަހަރިއެކެވެ. ހަފީޒް އުރާލަމުން އޭނާ ބުންޏެވެ.
”މިވާހަކަ ނުބުނެ ލަސްކޮށްފިނަމަ މާބޮޑަށް ލަސްވެދާނެތީވެ ކުރިން މިބުނަނީ ހައްވާފުޅަށާއި ހަފީޒަށް ދެރަގޮތެއް މެދުވެރި ވާން ނޭދޭތީ.“ ފަހަރީ މިވާހަކަ ދެއްކީ ހަފީޒު އާއި މުޚާތަބުކޮށެވެ.
ހައްވާފުޅަށް ލިބުނު ކުއްލި ހައިރާންކަމުގައި ފަހަރީގެ ވާހަކަތަކަށް ސަމާލުވިއެވެ. ”އަހުމަދު މިހާރު އުޅެނީ މީހަކާ ހިތާވެގެން ކަމުގައި ރަށުތެރޭގައި ދައްކަމުން އަންނަ ވާހަކައިގެ ހަގީގަތް އަހަރެން ހޯދައިފިން.“ ހައްވާފުޅު ހައިރާން ވެފައި ފަހަރިއަށް ބަލައިލި އެވެ. އޭނާ ވިސްނާލި އެވެ.
ފަހަރި މިދައްކަނީ ކޮންފަދަ ވާހަކައެއް ހެއްޔެވެ. އަހުމަދު މީހަކާ ހިތާވީ ހެއްޔެވެ؟ އެވާހަކަ ރަށުތެރޭގައި އެބަ ދެކެވޭހެއްޔެވެ……؟
”ނޭނގެ. ނުދެނެހުރިން“ އޭނައަށް ބުނެވުނެވެ.
”އަހްމަދު ރޭގަނޑު އެތައް ދަމެއް ވަންދެން ގެއަށް ނުވަދެ ބޭރުތެރޭގައި އުޅޭއިރު ނޭނގެންވީ ކީއްވެ.؟ މުޅި ރަށުގާ ކާޅުގޮވާހެން އެވާހަކަ ގޮވާއިރު ހައްވާފުޅަކަށް ހަމަ ނޭގޭތަ.؟…….. “ފަހަރީގެ އަޑު ބާރުވަމުން ދިޔައެވެ. އަނެއްކާވެސް ފަހަރީގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
”ވެދާނެ. އަހުމަދު ގާތު އަހައިގެން އޮޅުން ފިލުވާތި. އަދި ބުނާތި އަހަރެން ބުންޏޭ އަހަރެމެންނަކީ އަބުރުވެރިކަމާއެކު ދުނިޔޭގައި އުޅެމުން އަންނަ ބައެކޭ. ތިޔައީ މި އާއިލާގެ މީހުން އުޅުނު ގޮތެއެ ނޫނޭ. ދަރިން ލިބުމުން ތިޔަހެން އުޅޭކަށް ނުވާނެއޭ. އާއިލާއެއް ބިނާކުރަން ފިސާރި ފިރިހެނަކަށް ވެގެން އުޅޭށޭ. “ ފަހަރި ދައްކަން ބޭނުން ވާހަކަ ދައްކާފައި ހައްވާފުޅުގެ ޖަވާބަކަށްވެސް ބެލުމެއްނެތި އެނބުރި ހިގައްޖެއެވެ.
ހައްވާފުޅަށް މިވާހަކަތައް އަޑުއިވުމުން ދެން ދާންވީ ކުރިއަށް ނުވަތަ ފަހަތަށް ކަމެއްނޭނގުނެވެ. ފަހަރި އެދިޔައީ އޭނާގެ ހިތް ހަލާކު ކޮށްލާފައެވެެ. އަހުމަދާމެދު އޮތް އިތުބާރާއި ޔަގީންކަމަށް ކިސަޑު ބުރުވާފައެވެ. އޭނާގެ ކުރިމަގު ކުރަހާފައި އޮތް ޕްލޭން ވިދާލާފައެވެ.
އޭނާގެ ލޮލުގެ އެސްފިޔަތައް ކަރުނައިން ބަރުވަމުން ދިޔައެވެ. އެއަށްވުރެ ކުރިން ގެއަށް ދެވޭތޯ ހިނގައިގެންފިއެވެ.
ގެއަސްވަދެ އެކަކަށްވެސް ބެލުމެއްނެތި ކޮޓަރިއަށް ވަދެއްޖެއެވެ. އެނދު މައްޗަށް ވެއްޓިގަތެވެ. ތަގްދީރު އޭނާގެމައްޗަށް އިއްވުމަށް ތައްޔާރުވަމުންދާ ނިޔާއަށް ކެތްކުރުމުގެ ބާރުހޯދަނީއެވެ. އޭނާއަށް ދިމާވި ނަސީބެއްނެތް ދިރިއުޅުމާމެދު އަމިއްލަ ނަފްސުގެ މައްޗަށް ރުޅި އާދެވެނީއެވެ. ކަރުނަތައް އޮހެން ތައްޔާރުވެފައި އޮތް ދެލޮލަށް ފުރުސަތު ދިނުމާއެކު އެކަރުނަތައް އޭނާގެ ދޮން މޫނުގެ ދެފަރާތަށް ފައިބަން ފަށައިފި އެވެ. ހަފީޒްގެ މުސްތަގްބަލްގެ ބަނަކަން އިހްސާސް ކުރެވި މައިކުލުނަށް އޮބިނޯވެވިގެން ގިސްލެވެނީއެވެ. ހަޔާތުގެ އެންމެ އުފާވެރި ދުވަސްވަރު ކަރުނައިގެ ކޯރެއްގައި ފަތަން ޖެހުނީތީވެ މިކައިވެނިގެ ސުންޕާކަމާމެދު ވިސްނެނީއެވެ.
……… އެތައް އިރަކު ރޮއިފިއެވެ. އެއަޑު އަހާނެ މީހަކު ނެތެެވެ. މިތަނުގައި އޭނާގެ އެއްވެސް މީހަކު ނެތެވެ. މުޅިންވެސް ދުރުހިލޭ މީހުންނެވެ. ހާލުގެ ވާހަކަ ދައްކައިގެން ހިތުގެ ބުރަދަން ލުއިކޮށްލާނީ އެފަދަ މީހަކުވެސް ހުރިނަމަތާއެވެ. ހަމަ އެކަނިމާ އެކަންޏެވެ. ދެތިން ފަހަރަކު ކޮޓަރީގައި ޓަކިޖެހި އަޑުވެސް އިވިއްޖެއެވެ. އެކަމަކު ތެދުވެގެން ގޮސް ދޮރު ހުޅުވާލާނެ ހިތްވަރެއް ނުލިބުނެވެ.
ނިދާފައިއޮތް ހަފީޒް ހޭލައިގެން ރޯން ފަށައިފި އެވެ. ތެދުވަން ޖެހުނީއެވެ. އޭނާއަށް ކާންދިނުމަށް ކޮޓަރިން ބޭރަށް ނުކުންނަން ޖެހުނީއެވެ. ހިތުގައި އަނދާ ގިނިން ހަށިގަނޑު ފިހުނަސް އޭނާގެ ވާޖިބުތަކަށް ފަރުވާ ކުޑައެއް ނުކުރެވޭނެއެވެ.
މިހުރިހައި ކަމެއް ހިނގައި ދިޔައިރުވެސް އަހުމަދު ވީތަނެއް ނޭނގެ އެވެ. ކޮން ކަހަލަ ފިރިއެއް ހެއްޔެވެ. އެހެން ބައްޕައިން ފަދައިން ދަރިފުޅާއެކު ކުޅެލާ މަޖާކޮށްލަން ކޮންމެވެސް ވަގުތު ކޮޅެއް ހުސްކޮށް ނުލެވިގެން އުޅެނީ ކީއްވެގެންބާއެވެ. ؟ އެއްވެސް މަސައްކަތެއްނުކޮށް މައިންބަފައިންގެ އެހީގައި ދިރިއުޅުމަކީ އެއީ ކޮންފަދަ ކަންނެތް ކަމެއް ހެއްޔެވެ؟
ހައްވާފުޅުގެ ކެތްތެރިކަން ކޮޅުންލައިގެން ދިއުމުގެކުރިން އަހުމަދު އަތުވެއްޖެއެވެ. އޭނާ ކޮޓަރިއަށް އެއައީ ފެންވަރާ ނަލަވެގެން ބޭރަށް ދާން ތައްޔާރު ވާށެވެ. އެއީ އާދައެވެ.
ހައްވާފުޅު ބޭނުންވީ ފަހަރި އެދެއްކިި ވާހަކައިގެ ހަގގަތް ހޯދަން އަހުމަދާ ވާހަކަ ދައްކާސެވެ. އެއީ ތެދަކަށް ވާނަމަ އޭނާގެ ހިތުގައި ނުޖެއްސުމަށް އެދި އާދޭސް ކުރަންވެސް މިއަދު އޭނާ ފަހެއް ނުޖެހޭނެއެވެ. އެއީ ދަރިފުޅަށް ޓަކައެވެ. އޭނާގެ އަމިއްލަ ދިރިއުޅުމަށް ޓަކައެވެ. އެއީ އެދިރިއުޅުމަކަށްޓަކައި އޭނާ ޖާނުން ފިދާވާން ނިންމައިގެން ހުރި އޭނާގެ ދުނިޔެ އެވެ. އޭނާގެ ނިކަމެތިކަމާ އަޅާލާނެ އެކަކުވެސް މިރަށުގައި ނެތްއިރު ރަހުމަށް އެދި ސަލާންޖަހާށެވެެ.
އެކަމަކު ވީކީއްކަމެއް ވެސް ނޭނގެއެވެ. ވިސްނުން ބަދަލުވެއްޖެއެވެ. ރަހުމަށްއެދި ސަލާންޖަހަންވީ ކީއްވެގެން ހެއްޔެވެ؟ މިއީ އޭނާގެ އަނބިމީހާއެވެ. އޭނާގެ ދަރިފުޅުގެ މަންމައެވެ. އޭނާ ގެންގުޅޭ އަޅެއް ނުވަތަ ނޯކަރެއްނޫނެވެ. އެހެންމީހަކާ ހިތާވާން ޖެހޭނީ އަނބިމީހާގެ ކުށެއް އޮވެގެންނެވެ. އޭނާ ކުށެއް ނުކުރެއެވެ. ކައިވެނީގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އޭނާގެ ފަރާތުން އަހުމަދުގެ ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް ނުކުރެ އެވެ. ކައިވެނި ޢަޤްދު ކުރެވުނު ވަގުތުން ފެށިގެން އޭނާ އިނީ އަހުމަދަށް ވަފާތެރި އަނބިމީހާގެ ގޮތުގައެވެ. އަހުމަދުގެ ހަށިގަނޑުގެ ބައެއްގެ ގޮތުގައެވެ. އަހުމަދުގެ ހުރިހާ އެއްޗެއް ހިމާޔަތްކުރާ އޭނާގެ އަމާނާތްތެރިޔާގެ ގޮތުގައެވެ.
ހައްވާފުޅަށް އިތުރުބާރެއް ލިބުނުކަހަލައެވެ. އޭނާ އަހުމަދުއާ މުޚާތަބުކުރިއެވެ.ކިތަންމެ ފޮރުވަންއުޅުނަސް އެއަޑުގައި ހުރީ ޝަކުވާ އެވެ.
”ކީއްވެގެންތަ އަހަރެމެންނާ މެދު ފަރުވާނކުޑަކޮށްލައިގެން ތިޔައުޅެނީ.؟“ އެއަޑާއެކު އަހުމަދު އަޅަމުން ދިޔަ ފިޔަވަޅު ހުއްޓިއްޖެއެވެ.
ޖަވާބު ދިމުގެ ބަދަލުގައި އަހުމަދުވެސް ކޮށްލީ ސުވާލެކެވެ.
”ކީއްވެގެންތަ ބުނަން ބޭނުންވާ އެއްޗެއް ނުބުނެވިގެން ތިޔައުޅެނީ.؟“އެއްވެސް ޖެހިލުމެއްނެތި ބާރަށް އަހުމަދު ބުނެލިއެވެ.
”އަހަރެން ބުނަން ބޭނުންވާ އެއްޗެއް ވަރަށް ކުރުކޮށް މިބުނީ. ރުޅިއަންނަން ޖެހޭވަރުގެ ވާހަކައެއް ނޫން. “ހައްވާފުޅު މަޑުމަޑުން ބުނެލިއެވެ.
”އަހަރެން ބޭނުމެއްނޫން ތިޔަކަމާބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް. “އަހުމަދުގެ އަޑު މަޑުވެއްޖެއެވެ.
”އެކަމަކު އަހަރެން ބޭނުން މިވާހަކަދައްކަން. ކީއްވެގެންކަން އެނގޭތަ. ސީދާ އަހަރެމެންގެ ދިރިއުޅުމާ ގުޅިފައިވާ ކަމަކަށް ވާތީ. އަހުމަދު ޖެހޭނެ މިވާހަކަތައް އަޑުއަހަން.“ އޭނާގެ އަޑުގައި ހުރީ އިންތިހާ ދަރަޖައިގެ ވޭނެވެ.
ހައްވާފުޅު އަނެއްކާވެސް ބުންޏެވެ.
”އަހްމަދުގެ ދިރިއުޅުމަށް އަހަރެން އައީ ވަރަށްބޮޑު އިތުބާރަކާއެކު. މިގެއާއި މިއާއިލާއަކީ ވަގުތީގޮތުން މަޑުކޮށްލާ މަންޒިލެއްގެ ގޮތުގައެއް ނޫން. އަދިކީއް. މިއީ އަހަރެންގެ ދިރިއުޅުމުގެ ފުރަތަމަ އަދި އެންމެ ފަހު މަންޒިލް ކަމަށް ނިންމައިގެން. ކައިވެނީގެ މާނައަކީވެސް އެއީ. މިގެއިން ނެރެންޖެހޭނީ އަހަރެންގެ ސަންދޯއްކަން ޔަގީންކޮށްގެން. އެ ޔަގީންކަމުގައި އަދިވެސް މިހުރީ. މިއިތުބާރާއި ޔަގީންކަން ފުޑުފުޑު ކޮށްލަން ކުރެވޭ ކޮންމެ ކަމަކަށް އަހަރެން ނޫނެކޭ ބުނާނަން. ބުނަންވެސް ޖެހޭނެ. ކައިވެނީގެ މަގްސަދަކީ އެއީ. “ އޭނާއަށް ރޮވިއްޖެއެވެ.
ކަރުނަތައް ފޮހެލާފައި އަނެއްކާވެސް ބުންޏެވެ. ”އަހުމަދު ! ކުށެއް ކުރެވިދާނެ މީހަކަށް. ދެން އެކުށް ތަކުރާރު ނުކުރުމަކީ މުސްލިމުންގެ ގޮތް. ރަނގަޅު މީހުންގެގޮތް. ވީމާ އަނެއްކާވެސް އަލުން ފަށަމާ! އަހަރެމެންގެ މި ކުޑަކުޑަ ދުނިޔެއަށް އިތުރު މީހަކު ގެނެސްގެން ހުރިހާ ނިކަމެތިކަމެއް ލިބޭނީ ހަމަ އަހަރެމެންނަކަށް ނޫންތަ.“
”އެކަން އެގޮތަށް ވާކަށް ނެތް ހައްވާފުޅާ!“ކުށްވެރިއަކު ކުށަށް އިއުތިރާފު ވާފަދައިން އަހުމަދު ބުނެލިއެވެ.
”ކީއްވެ ނުވާންވީ ؟“
”އެއަށްވުރެ މާ ދުރަށް ދެވިއްޖެ. އަނބުރާ ނާދެވޭހާ ދުރަށް. “
”އޭގެ މާނައަކީ؟“ ހައްވާފުޅުގެ އަޑު ތުރުތުރު އަޅައިގަތެވެ.
”އަހަރެން މިއުޅެނީ ރާއިފާއާއި ކައިވެނި ކުރަން. ލަސް ވެގެން މިއުޅެނީ އޭނާގެ މައިންބަފައިން ގަބޫލު ނުވެގެން.“








