އެމްޑީއެން އާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާ ކުރަން ގޮވާލައްވައިފި

big_DyrG8gegSOZjJjPuQAEIG3GDJ.jpg

އެމްޕީ. އަހުމަދު ސަލީމު ،ރޭގެ އެއްވުމުގައި ވާހަކަ ދައްކަވަނީ--ފޮޓޯ :އަވަސް

އިސްލާމްދީނާއި މާތް ﷲގެ ރަސޫލާއަށް ނިސްބަތްކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯޓާ ދެކޮޅު ހެދުމުގެ ގޮތުން މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަންނަ ހަފްތާގެ ހުކުރު ދުވަހު ހުކުރުން ފައިބައިގެން އެމްޑީއެން އުވާލުމަށް ގޮވާލައި އިހުތިޖާޖުކުރަން ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ގެ ނައިބު ރައީސް، އަހުމަދު (ރެޑްވޭވް) ސަލީމް ގޮވާލައިފިއެވެ.

‘އަންނަނީ އަންނަނީ’ ގެ ނަމުގައި ރޭ ޕީޕީއެމް، ޕީއެންސީ ގުޅިގެން މާލޭގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ މިހާތަނަށް ރާއްޖޭގައި ބަޔަކު ހިންގި އެންމެ ބޮޑު ޖަރީމާ ކަމަށެވެ. މީގެ ކުރިން ވެސް ޣައިރު މުސްލިމުން އިސްލާމްދީނާ ދެކޮޅަށް ތަފާތު ކަންކަން ރާއްޖޭގައި ކޮށްފައިވާ ކަމަށާ ނަމަވެސް އެމްޑީއެންގެ ރިޕޯޓަކީ މި ގައުމުގައި ބަޔަކު އިސްލާމް ދީނާ ދެކޮޅަށް ހިންގި އެންމެ ބޮޑު ޖަރީމާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެކަން ކުރި މީހުންނަށް ޓެރަރިޒަމް ގާނޫނުގައިވާ އަދަބު ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް ފެނޭ މިއަންނަ ހަފްތާގެ ހުކުރު ދުވަހު ހުކުރުން ފައިބައިގެން މުޅި ރާއްޖޭގައި ހުރިހާ ޕާޓީތަކެއްގެ މެމްބަރުން ނުކުމެ މިކަމަށްޓަކަައި އިހުތިޖާޖުކޮށްގެން، ރައީސުލްޖުމްހޫރިއްޔާ އަށް ޕްރެޝަރުކޮށްގެން، ވަގުތުން ވަގުތަށް މި ޖަމިއްޔާ އުވާލާ، މި ޖަމިއްޔާގެ މެމްބަރުންނާ ދޭތެރޭ ފިޔަވަޅު އަޅަން.” އެއްވުމުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވިއެވެ.

ސަލީމްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އޭނާވަނީ މި ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް ކުރީއްސުރެ މަސައްކަތް ކުރަމުންދާކަން ވެސް ފާހަގަކޮށްފައެވެ.

“އެމީހުންނަށް ވާގިދޭ ފަރާތްތަކެއް މިތަނުގެ ތެރޭގައި އެބަތިބި. ބޮޑުންތަކެއް އެބަތިބި. މިއީ ޒަމާނުއްސުރެ އެމީހުން ކުރަމުން އައި މަސައްކަތެއް. އަދި މިހާތަނަށް މިއޮތީ ކާމިޔާބު ނުވެފައި. އެހެންނަމަވެސް މިއަދު އެމީހުން އެ އުޅެނީ އެކަން ކާމިޔާބު ކުރަން. އިރާދަކުރެއްވިއްޔާ މާތްﷲގެ ރަހުމަތްފުޅުގައި އަޅުގަނޑުމެންގެ ފުރާނަ ހުރިހާ ހިނދަކު މިކަން ކާމިޔާބު ވިޔަކަ ނުދޭނަން. ދީނަށްޓަކައި އަޅުގަނޑުމެން މަރުވާން އަދި ގުރުބާންވާން މިތިބީ ތައްޔާރަށް.” ސަލީމް ވިދާޅުވިއެވެ.

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި މާތް ﷲ ގެ ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލާގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top