ބ.އަތޮޅުގެ ރިސޯޓުތަކުގެ ތެރެއިން ފާއިތުވި އޮގަސްޓް މަހު އެންމެ ގިނައިން ސާވިސް ޗާޖު ބެހި ރިސޯޓަކީ އަނަންތަރާ ކިހަވައް ރިސޯޓް ކަމަށް މޯލްޑިވްސް ސާވިސްޗާޖް އިން ހާމަ ކޮށްފި އެވެ. ވެބްސައިޓްގައި މައުލޫމާތު ހާމަ ކޮށްފައިވާ ބ.އަތޮޅުގެ ރިސޯޓުތަކުގެ ތެރެއިން ގިނަ ރިސޯޓުތަކުން ވަނީ އޭގެ ކުރިމަހާ އަޅާ ބަލާއިރު ރަނގަޅު ކުރިއެރުމެއް ހޯދާފައެވެ.
އެ ގޮތުން އަނަންތަރާއިން މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 829.52 ޑޮލަރު (12،791ރ.) އެވެ. މިއީ އޭގެ ކުރީމަހާ އަޅާ ބަލާއިރު 3035 އިތުރުވުމެކެވެ.
ދެވަނަ ރިސޯޓެއްގައި ގޮތުގައި ބަލާފައިވަނީ ޖުލައިމަހު އެއްވަނައިގާ އޮތް ދުސިތު ތާނީ ރިސޯޓެވެ. އެރިސޯޓުން ބޮލަކަށް ޖެހިފައިވަނީ 12012 ރުފިޔާ އެވެ. އެއީ ކުރީމަހަށް ވުރެ 1372ރުފިޔާގެ އިތުރު ވުމެކެވެ.
ތިންވަނައަކީ ޖުލައި މަހުވެސް ތިން ވަނައިގާ އޮތް ފޯސީޒަން ރިސޯޓެވެ. އެރިސޯޓުން އޮގަސްޓް މަހު 10299 ރުފިޔާ ބޮލަކަށް ޖެހިފައިވާއިރު އިރު މިއީ ޖުލައިމަހަށްވުރެ 1591ގެ އިތުރުވުމެކެވެ.
ދެން އޮތީ ފިނޮޅު ރިސޯޓެވެ. އެރިސޯޓުން ވެސް ވަނި މިދިޔަމަހު ސަރވިސްޗާޖްގެ ގޮތުގައި ލިބުނު ވަރަށް ވުރެ 3000 ރުފިޔާ އިތުރުވެ 9684ރުފިޔާ ބޮލަކަށް ޖެހިފައެވެ.
ވެސްޓިން މޯލްޑިވްސް މިރިޔަންދޫ އާއި ބ. ތިލަދޫގައި ހިންގާ ދަ ނައުޓިލަސް މޯލްޑިވްސް އިން ކޮންމެ މުވައްޒަފަކަށް 7710ރު. ލިބިފައިވާ އިރު މި ދެރިސޯޓުން މިދިޔަ މަހުގެ ސާވިސްޗާޖަށް ކުރިއެރުމެއް ލިބިފައިވާކަމަކަށް ނުދައްކައެވެ.
އެކަމަކު އަމިއްލަފުށި ވަނީ ޖުލައި މަހަށް ވުރެ 2744 ރުފިޔާގެ އިތުރު ވުމަކާއެކު 6938 ޖެހިފައެވެ.
ވެބްސައިޓްގައި ބ.އަތޮޅުގެ ރިސޯޓުތަކުގެ ތެރެއިން މައުލޫމާތު ހާމަކޮށްފައިވވާ ހަމައެކަނި ރިސޯޓަކީ ވައްކަރު ރިސޯޓެވެ. އެރިސޯޓުންވެސް 2174 ރުފިޔާގެ އިތުރުވުމާއެކު ވަނީ ބޮލަކަށް 4797ރުފިޔާ ޖެހިފައެވެ.
ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި އެވްރެޖްކޮށް 10 ޕަސެންޓް ނަގަ އެވެ. އޭގެ ތެރެއިން ބަހަނީ އެކި މިންވަރަށެވެ. ގިނަ ރިސޯޓްތަކުން ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އޮންނަނީ ސިއްރުކޮށްފަ އެވެ.
ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އާއްމުކުރާ ވެބްސައިޓްގައިވާ މައުލޫމާތުތަކަކީ ރިސޯޓުތަކުގެ މެނޭޖްމަންޓުން ހިއްސާކުރާ މައުލޫމާތެއް ނޫނެވެ. އެ މައުލޫމާތު ދެނީ އެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.