ރީތި ބީޗު ރިސޯޓު ހިންގަމުން އަންނަ ބ. ފޮނިމަގޫދޫ ވިއްކާލަނީ

348379_3_83085d3a3daf9ae9b052fec90779497b82acaf5c_large.jpg

ރީތި ބީޗް ރިސޯޓު-

ރީތި ބީޗު ރިސޯޓު ހިންގަމުން އަންނަ ބ. ފޮނިމަގޫދޫ ވިއްކާލަން އިއުލާން ކޮށްފި އެވެ.

އެ ރިސޯޓު ހިންގުމަށް 2015 އަހަރު ފޮނިމަގޫދޫ ކުއްޔަށް ނަގާފައިވާ ސިންގަޕޫރުގެ ކުންފުނި، އެސްސީ ކެޕިޓަލް ޕާޓްނާޒް ގްރޫޕުން އެ ރަށް ވިއްކާލަން އެމެރިކާގެ މަޝްހޫރު ރިއަލްއެސްޓޭޓް ކުންފުނި، ސީބީއާރުއީއާ ވަނީ ހަވާލުކޮށްފަ އެވެ.

ސީބީއާރުއީ އިން މިހާރު ވަނީ އެ ރަށް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފަ އެވެ.

މާލެއިން ސީ-ޕްލޭނުގައި 35 މިނިޓުން ދެވޭ ރީތި ބީޗު ރިސޯޓުގައި 130 ވިލާ ހުރެ އެވެ. އޭގެ އިތުރުން، ފަސް ރެސްޓޯރެންޓާއި ފަސް ބާ އާއި ސްޕާއަކާއި ދެ ޓެނިސްކޯޓާއި ދެ ބެޑްމިންޓަންކޯޓާއި ފަސް ތަރީގެ “ޕަޑީ” ޑައިވް ސެންޓަރަކާއި އަދި ވޯޓާ ސްޕޯޓް ސެންޓަރެއް ވެސް އެ ރިސޯޓުގައި ހުރެ އެވެ.

ސީބީއާރުއީ އިން ބުނިގޮތުގައި، އެއީ އޭޝިއާ ޕެސިފިކްގެ އެންމެ މަތީ ރޭޓިންގެ މާކެޓު ކަމަށްވާ ރާއްޖޭގެ އެންމެ މަގުބޫލު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ބ. އަތޮޅުގައި މިހާރު ހުރި ފެންވަރަށް ވުރެ އިތުރަށް ރަނގަޅުކޮށް، “ރީ-ބްރޭންޑް” ކުރުމަށް އިންވެސްޓަރުންނަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

އެ ރިސޯޓުގައި މިހާރު ހުރި ތަންތަނުގެ އިތުރުން 13،000 އަކަ މީޓަރުގައި އިތުރު ވަސީލަތްތައް ބިނާކުރާނެ ވަރުގެ ޖާގަ އެބައޮތް ކަމަށް ސީބީއާރްއީ އިން ބުނެ އެވެ.

މިހާރު އޮތް ގޮތުން ނަމަ، 2047 ވަނަ އަހަރު އެ ރިސޯޓުގެ ޑައިރެކްޓް ލީސް ހަމަވާނެ އެވެ. އޭގެ ފަހުން އިންވެސްޓަރުން ބޭނުން ވާ ނަމަ އަދި 49 އަހަރު އިތުރު ކުރެވޭނެ ކަމަށް ސީބީއާރުއީ އިން ބުންޏެވެ.

ރީތި ބީޗް ހިންގާ ފޮނިމަގޫދޫ އަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި ސިންގަޕޫރަށް މިފަހުން ކަނޑައެޅި ދިވެހި ސަފީރު އަހުމަދު ތަސްމީން އަލީގެ އާއިލީ ކުންފުންޏަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ލޯނެއް ނުދައްކައިގެން އެ ލޯނަށް ރަހުނުކޮށްފައިވާ ދެ ރަށް ވިއްކާލަން އެ ބޭންކުން 2015 ވަނަ އަހަރު ކުރިއަށްގެންދިޔަ ނީލަމުގައި އެސްސީ ކެޕިޓަލް އިން 39 މިލިއަން ޑޮލަރަށް ގަނެފައިވާ ރަށެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top