ކައުންސިލްތައް ނުހިނގަނީ ފައިސާ ނެތިގެން؟

DSCN9140.jpg

އަތޮޅު ކައުންސިލްތަކާ ރަށު ކައުންސިލްތައް ނުހިނގަނީ ފައިސާ ނެތިގެން ހެއްޔެވެ؟ އާއެކޭ ނަމަ އެއީ ސަރުކާރު ގަބޫލު ކުރާ ގޮތެވެ. ބައެއް ކައުންސިލަރުންގެ ވެސް އަތްމަތީ ބަހެވެ. ކައުންސިލުތައް ނުހިނގަނީ ފައިސާ ނެތިގެންނެވެ. ދެބަސްވަނީ އެއް ނޫނެވެ. އެކަމަކު އެއީ ހަމަ އެކަނި ސަބަބު ކަމަށް ގަބޫލު ނުކުރެވެނީ އެވެ. ހުރިހާ ކަމެއް ގޮސް ގުޅިފައިވަނީ ފައިސާ އަަކާ ނޫނެވެ. ކުޑަބަޖެޓުން ފުއްދާލައިގެން ކުޑަ ބާރުގެ ބޭނުން ކޮށްގެން ބައިވަރު ކައުންސިލްތަކުން ރަނގަޅު ނަތީޖާ ދައްކާފައި އެބަހުއްޓެވެ. އެއީ ވަޒީފާ އަށް ވުރެ ބޮޑަށް ޚިދުމަތަކަށް ބަލައިގެން މަސައްކަތް ކުރުމުގެ ރޫހު ހުރި ކައުންސިލަރުން ތިބި ރަށްރަށެވެ.

ކުރު މާޒީއަށް ބަލާއިރު ސަރުކާރުގެ އަތުގައި އަތޮޅުތަކުގެ ހުރިހާ ބާރަކާއި ކޮންޓްރޯލެއް އޮވެގެން ކަތީބުންނާއި ކުޑަކަތީބުންގެ ދައުރުގައި އަތޮޅުތައް ތަރައްގީ ވެފައެއް ނުވޭ ހެއްޔެވެ؟ މަދު ވަސީލަތްތަކާ އެކު ކުޑަކުޑަ ބަޖެޓަކުން އަތޮޅުތައް އޭރު ހިންގަމުން ގެންދިޔަ ގޮތާމެދު ރައްޔިތުން ތިބީ ރުހިގެންނެވެ. ސަރުކާރުން އައްޔަން ކޮށްފައި ތިއްބަވާ ކަތީބުންނަކީ ރައްޔިތުންގެ ވެރިންނެވެ. އެމީހުން މަސައްކަތް ކުރީ މުސާރައަށް ވުރެ ބޮޑަށް ރައްޔިތުންނަށް ކޮށްދެވޭ ޚިދުމަތެއްގެ ގޮތުގައެވެ. ޒަމާނުއްސުރެ އެކުލަވާފައި އޮތް ގަވާއިދުތަކަކާ އުސޫލުތަކެއްގެ ދަށުންނެވެ. ތަފާތު ޚިޔާލުތަކާ އެކު ވެސް އެއބައިވަންތަކަން އިސްކޮށްގެންނެވެ. އޭރު ފައިސާގެ މައްސަލައެއް ނުނިކުމެއެވެ. ފައިސާ ނެތިގެން ރަށްރަށް ނުހިނގާ ވާހަކައެއް ނުދެކެވެއެވެ. އެކަމަކު ރަށުތެރެ އޮންނަނީ ސާފު ކޮށެވެ. ރަށަށް ސަރުކާރުގެ އިސް ވެރިއަކު ވަޑައިގަންނަވާނަމަ މަގުތަކާއި ގޯޅިތަކުގެ ފާރުތައް މަރާމާތުކޮށް އެ ވެރިއަކަށް ރަށުގެ “ފަގީރުކަން” ފޮރުވައެވެ. އެބޭފުޅުންނަށް ކުކުޅުކަތިލާފައި ކާންދެއެވެ.އެއީ ގައުމުގެ އިސްވެރިން ކަމުގައި ބަލައިގަނެ އެބޭފުޅުންނަށް އަރުވަން ޖެހޭ އިއްޒަތް އެރުވުމުގައި މުޅި ރައްޔިތުން ތިބޭނީ އަތުގުޅުވާލައިގެންނެވެ.  ރަށުގެ ވެރިންނާ ދިމާލަށް ނުރުހުމުގެ ގޮތުން އިނގިލި ދިއްކުރެވޭ ވަރަށް ވުރެ ރައްޔިތުންނާ ވެރިންގެ ގުޅުން އޮތީ ވަރުގަދަ ކޮށެވެ.

ލާމަރުކަޒީ ނިޒާމުގެ ދަށުން އަތޮޅުތައް ހިންގުން އަތޮޅު ކައުންސިލްއާއި ރަށު ކައުންސިލްތަކަށް ބަދަލު ކުރީ އެގޮތް ކަމުނުދާތީއެވެ. މި ނިޒާމާއެކު ހަމައެކަނި ”ލިއުމުން ފެންނަ” ގާނޫނީ ބާރުތަކަކާ އެކުގައެވެ. އެ ބާރުތައް އޮތީ ހިފެހެއްޓިފައެވެ.

އަތޮޅުތަކަށް ތަރައްގީއާއި ކުރިއެރުން އައިސްފައި ނުވަނީ ކައުންސިލްތަކަށް ދީފައިވާ ބާރުތައް ކުޑަވުމާއި މާލީ ހާލަތު ދަށް ވުމުން ކަމުގެ އަޑު މިދުވަސްވަރު ތަންކޮޅެއް ބާރުވެއްޖެއެވެ. މިވާހަކަ ގިނައިން ދައްކަވަމުން ގެންދަވަނީ ސަރުކާރުންނެވެ. މީގެ ހަފްތާއެއްގެ ކުރިން ބޭއްވި “ކަންގަތި” އެވޯޑް ދިނުމުގެ ހަފްލާގައި ހޯމްމިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ މި މޭރުމުން ވާހަކަ ދައްކަވާފަ އެވެ. އެ ޖަލްސާގައި މިނިސްޓަރު އިމްރާން ވިދާޅުވީ ކައުންސިލުތަކަށް މާލީ މިނިވަންކަމާއި ބާރު ދިނުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މާނައަކީ ކައުންސިލްތައް ނުހިނގައިގެން މިއުޅެނީ މާލީ މިނިވަންކަމާއި ބާރުތަކެއް ނެތުމުގެ ސަބަބުންނެވެ.

މިނިސްޓަރު އިމްރާނު އެ ވިދާޅުވާ ބާރުތަކާއި މާލީ މިނިވަންކަން ނެތި ކައުންސިލްތަކާ ރައްޔިތުން ގުޅިގެން އެތައް ރަށެއް ތަރައްގީ ވެފައިވާ ކަމުގެ މައުލޫމާތު ނުލިބި އޮތީ ކަމަށް ވެދާނެއެވެ. ބ. އަތޮޅުގެ ބައެއް ރަށްރަށް ވެސް ހިމެނޭގޮތުން މާލީ ފުދުންތެރިކަމާއި ވަސީލަތްތައް އަމިއްލަ އަށް ހޯދައިގެން ، ހިފެހެއްޓިފައިވާ ބާރުތަކެއްގެ ތެރޭގައި ފިތި ތާށިވެގެން ތިބެ ވެސް މެ ތަރައްގީ ވެފައިވާ ރަށްރަށް އެބަހުއްޓެވެ. ރައީސް ޔާމީނުގެ ސިޔާސަތާ ދެކޮޅަށް އޮވެ އޭރުގެ ސަރުކާރުގެ އެކި މުވައްސަސާތަކުގެ ދޮރުގައި ޓަކިވެސް ޖަހައިގެންނެވެ. އެކަމަކު ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރާ ކައުންސިލުތައް ކަމަށް ވާތީ ސަރުކާރުން އައީ  ކައުންސިލަރުން ބޭނުންވާ ކަންކަން ކޮށްދެމުންނެވެ. ނަތީޖާ އެހެރީ ފެންނާށެވެ.

ބ. މާޅޮހަކީ އޭގެ ނަމޫނާ އެކެވެ. ކުނި އެންދުމުގެ ހަރުދަނާ ނިޒާމެއް ގާއިމު ކޮށްފިއެވެ. ޕްލާސްޓިކަށް ނޫނެކޭ ބުނުމުގެ ގޮތުން ރައްޔިތުން ބޭނުން ކުރަނީ ބިއްލޫރި ފުޅީގައި ބަންދު ކޮށްފައިވާ މިނެރަލް ވޯޓަރ އެވެ. ކަރަންޓު ބޭނުން ކުރުމުގައި ތެލަށް ބަރޯސާވުން ކުޑަ ކުރުމުގެ ގޮތުން އަވިން ހަކަތަ އުފެއްދުމުގެ ނިޒާމެއް އުފައްދައިގެން ކަރަންޓުބިލް ކުޑަކޮށްފިއެވެ. ރަށުގެ ސާފުތާހިރުކަމާއެކު އިގްތިސާދީ ގޮތުންވެސް އަތޮޅުގެ މައި ހަބަކަށް ވުމަށް މާޅޮހުން ކުރާ މަސައްކަތުގެ ނަތީޖާ ފެންނަން ގިނަ ދުވަސްތަކެއް ނުވާނެއެވެ.

ބ.އަތޮޅުގެ ކައުންސިލުގެ ހަޔާތުން ވޭތުވެދިޔަ މަދު އަހަރުތަކުގައި ތަރައްގީގެ ޕްރޮގްރާމް ތަކެއް ހިންގުމަށް ކަރުދާހުގައި ލިޔެވިފައި ވެއެވެ. އެކަންކަން ނުކުރެވި ހުރީ ހަމައެކަނި ފައިސާނެތިގެން ކަމަށް ގަބޫލު ކުރަން އުދަނގޫ ވެއެވެ. އަތޮޅުގެ އެކި ފެންވަރުގައި ބާއްވާ މުބާރާތްތަކާ މުނާސަބާތަކަށް އިނާމު ދިނުމުގައި އަތޮޅު ކައުންސިލުގެ ދީލަތި އަތް އޮތީ ހުޅުވާލެވިފައެވެ. އެއީ ކުރަންޖެހޭ ކަންކަމެވެ. އެހެންނަމަވެސް އަތޮޅު ކައުންސިލުން ކުރަން ޖެހޭ ބައިވަރު ކަންކަމާ އަޅާބަލާއިރު މި މިންވަރު ކުޑައީއެވެ. މިހެން ދަންނަވާއިރު  އިދާރީ ގޮތުން އަތޮޅު ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ކައުންސިލުގެ ހަރަކާތްތެރިކަން ފެންނަން އެބަހުއްޓެވެ. ނަމަވެސް އޮފީހުން ނުކުމެ ސީދާ ރައްޔިތުންނާ ހަމައަށް ގޮސްގެން ޚިދުމަތް ކުރުމުގައި ކައުންސިލުގެ ތިން ދައުރުގެ ދުވެލި ރައްޔިތުން ބޭނުންވާ ސްޕީޑަކާ ހަމައަކަށް ނާދެވުނެވެ. ސަބަބުތައްވެސް ހުރެގެންނެވެ.

އަތޮޅު ކައުންސިލުގައި ފައިސާ ހޯދޭނެ ހަކަތަ އެބަހުއްޓެވެ. ވަސީލަތްތައް މަދެއް ނޫނެވެ. ހިއްސާގެ ބާޒާރަށް ނުކުމެއްޖެއެވެ. ދިރޭ މުދާ އެބަހުއްޓެވެ. ނެތިގެން އުޅޭކަމަށް ގިނަ ބަޔަކު ގަބޫލު ކުރަނީ އެ ވަސީލަތްތަކުގެ ބޭނުން ކޮށްގެން ކަންތައް ތަކެއް ކުރުމުގެ ހިތްވަރު އެކަންޏެވެ.ފައިސާ އާއި ބާރުގެ ވާހަކަ އަންނަނީ އޭގެ ފަހުންނެވެ.

އޭދަފުށި ކައުންސިލުންވެސް ފެންނަނީ އެއް މަންޒަރެކެވެ.

ފާހަގަ ކުރެވޭ ފުރަތަމަ ކަމަކީ ރަށު ކައުންސިލާ ރައްޔިތުންގެ މެދުގައި އޮތް ބީރައްޓެހި ކަމެވެ. ރައްޔިތުންނާ ބައްދަލު ކުރުމަށް އަހަރަކު ދެފަހަރު ގާނޫނީ ގޮތުން ލާޒިމް ކުރާ ދެ ބައްދަލުވުން ފިޔަވައި އިތުރު ބައްދަލު ވުމެއް ނުބޭއްވުނީ ކީއްވެގެންތޯއެވެ. ހުޅުވިފައިވާ ފޯރަމެއްގައި ރައްޔިތުންނާއެކު ޚިޔާލު ބަދަލު ކޮށްލާ އެމީހުންގެ އިހުސާސްތަކާ ޝަކުވާތަކާ ބޭނުންތައް އަޑު އަހާނެކަމަށް އިންތިޚާބު ވުމުގެ ކުރިން ކައުންސިލަރުން ބުނެފައި ނުވޭތޯއެވެ. އެކަމަކު މަންޒަރު ފެންނަނީ އެހެންތޯއެވެ.

އެ ވިދާޅުވާ ބާރާއި ފޯރުންތެރިކަމެއް ނެތި ބ.އަތޮޅުގެ ބައެއް ރަށްރަށުގައި އެންމެ އަސާސީ ގޮތުން ފުރިހަމަވެފައި ހުންނަންޖެހޭ ރަށަށް އަރާ ފަރުދޭސީންނަށް ބޭނުންވާ ފާހާނާއާއި ފެންވެރުމުގެ ޚިދުމަތް ދީފައި އެބަހުއްޓެވެ. އެމީހުން ދަތުރު ވަރުބަލީގައި މަޑުކޮށްލެވޭނެ ހިޔާވަހިކަމާއި މީރު ބޯފެނާއި ތެޔޮ ގަންނަލިބޭ ނިޒާމު ހަމަޖައްސައިދީފައި އެބަހުއްޓެވެ.

ރައްޔިތުންގެ ޖީބަށް ލުއި ކޮށްދިނުމުގެ ގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ. ގަބޫލު ކުރެވެނީ އެފަދަ އެހީތައް ވެދެމުން ގެންދެވޭނީ މާލީ ފުދުންތެރިކަން ހުރެގެން ކަމުގައެވެ. އެކަމަކު އެއީ ސަރުކާރުން ލިބޭ އެހީއަކުންނޫނެވެ. ފައިސާ ހޯދެނެ އާ ގޮތްގޮތް ވިސްނައިގެން އެމަގުން ހިނގައިގެންނެވެ. ރަމަޟާން މަހާ ގުޅުވައިގެން ރައްޔިތުންނަށް ދޭ މާލީ އެހީތެރިކަމަކީ މީގެ އެއް ހެއްކެވެ.

މިދެންނެވި ރަށްރަށާ އަޅާބަލާއިރު އޭދަފުށީ ކައުންސިލު އޮތީ މާލީ ގޮތުންް މާކުރީގައެވެ. ރަށުގެ މާލިއްޔާގައި ލައްކައިން ގުނާލެވޭ ވަރަށް ފައިސާ އެބަހުއްޓެވެ. އެފައިސާ އިން ފުދި އިތުރުވެގެން ނުވާނަމަ ހިއްސާގެ ބާޒާރަށް ނުނުކުންނާނެ އެވެ. އެހެންނޫނަސް ރަށު ކައުންސިލުން ބޭނުންވާ ކަންކަމަށް ޚަރަދު ކުރުމުގައި މިހާތަނަށް ޚަރަދު ކޮށްފައިވަނީ ދީލަތިކަމާ އެކުއެވެ. އެކި އެކި މުބާރާތްތަކަށް އެހީތެރިވުމާ ރަށަށް ވަޑައިގަންނަވާ އިއްޒަތްތެރިންނަށް މަރުހަބާ ކިއުންފަދަ ކަންތައް ތަކަށެވެ. ރަށުގެ ކުރިއެރުމާ ތަރައްގީއަށް ރަށު ކައުންސިލުން ކުޑަކޮށްވެސް ވިސްނަވާ ނަމަ މިއަދު އޭދަފުށި އޮންނަންޖެހޭނީ 1990ގެ އަހަރު ތަކުގައި ބ.އަތޮޅު އަތޮޅުވެރިކަން ކުރެއްވި ކާސިން ކަލޭފާނު ގެނެސްދެއްވި ތަރައްގީއާ ހަމައިގާ މަޑުޖެހިފައެއް ނޫނެވެ.

ހަގީގަތަކީ މިއެވެ. މިނިސްޓަރު އިމްރާނު ވިދާޅުވި ފަދައިން ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރަތަމަ ފަށަލަ ފެށިގެން ދަނީ ކައުންސިލަރުންނާ ހަމައިން ކަމަށް ވާއިރު ކައުންސިލަރުން ޒިންމާދާރު ނުވާނަމަ ސަރުކާރުން ރައްޔިތުންނަށް ކިތަންމެ ވަރަކަށް ހިދުމަތް ކުރަން ބޭނުންވި ނަމަވެސް ކުރިއެރުމެއް ނާންނާނެއެވެ. ގިނަ ރަށްރަށުން ފެނިގެން މިދަނީ އެ ހަގީގަތެވެ.

ބާރާ ފައިސާގެ ދަތިކަން، ކައުންސިލްތަކުގެ ކުރިއެރުމަށް ހުރަސް އަޅާނަމަ އެވާހަކައަށް ނިމުން އަންނާކަށް މާގިނަ ދުވަހެއް ނެތެވެ. ސަރުކާރުން ވަނީ ކައުންސިލްތަކުގެ ފުދުންތެރިކަން އިތުރު ކުރުމަށް އަންނަ އަހަރުން ފެށިގެން ދައުލަތަށް ލިބޭ އާމްދަނީގެ މަދުވެގެން 5 އިންސައްތަ، ކައުންސިލްތަކަށް ދޭން ނިންމާފައެވެ. މިވަރުގެ އަދަދެއް ރާއްޖޭގެ 20 އަތޮޅަށް، އާބާދީއާއި ސައިޒުގެ ނިސްބަތުން ބަހާލައިފިނަމަ ބޮޑެތި އަތޮޅުތަކަށް ލިބިގެން އެދަނީ އަހަރަކަށް 80 ވަރަކަށް މިލިއަން ރުފިޔާ އެވެ. ކުދި އަތޮޅުތަކަށް ފަންސާހަކަށް މިލިއަން ރުފިޔާ އެވެ. މި ހިސާބުން ނިމުނީއެއް ނޫނެވެ. ކައުންސިލްތަކުން ދޭ ޚިދުމަތްތަކުން ނަގާ ފީ އާއި ކުއްޔަކީ އެ ކައުންސިލަކަށް ލިބޭ އާމްދަނީގެ ގޮތުގައި ހަމަޖެއްސުމާ މީހުން ދިރިއުޅޭ ރަށްތަކުގެ ބިމު ކުލީގެ 100 އިންސައްތަ ފައިސާ ، ކައުންސިލަށް ލިބޭ އާމްދަނީއެއްގެ ގޮތުގައި ހަމަޖެއްސުމުގެ އިތުރުން ބިމާއި ރަށްރަށާއި ފަޅާއި ފަރު ފަދަ ތަންތަނުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތައަށް ވާ ފައިސާ އަކީވެސް ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީއެވެ.

މި ބިޔަ ބޮޑު ބަޖެޓާއެކު ލާމަރުކަޒީ ގާނޫނުން ކައުންސިލުތަކަށް ދީފައިވާ ބާރުތައް ކައުންސިލްތަކަށް ދޫކޮށްލުމުން އަތޮޅުތެރެއަށް އާ ޒަމާނެއް އަންނާނެއެވެ. ތަރައްގީގެ އާ ޖީލެއް ފަތުއަޑުކިޔާފައި ބިނާ ވެގެން ދާނެއެވެ. ސުވާލަކީ މިކަންކަން ހިންގުމަށް ރައްޔިތުން އައްޔަން ކުރާ ކައުންސިލަރުންނަކީ “ގާބިލް” ބަޔަކަށް ނުވެއްޖެނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ؟ ކުރިންވެސް ގެންގުޅުނު އުސޫލުން މީހާއަށް ނުބަލާ ކުލައަށް ނުވަތަ ނިސްބަތްވާ ޕާޓީއަށް ބަލައިގެން ވޯޓު ދީގެން އަނެއްކާވެސް އިއާދަވާނީ މާޒީ ނޫން ބާއެވެ؟ ބަލަން ތިބެމާ ހިނގާށެވެ.!

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top