ބ.ފުޓްބޯލް ޗެލެންޖްގައި އޭދަފުށީ ޓާފް ދަނޑުގައި މިއަދު ހަވީރު ވާދަކުރި ކިހާދޫއާއި ފެހެންދޫ މެޗުވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ގްރޫޕް ސީގެ މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ފެހެންދޫ އިންނެވެ. މެޗުގެ 7 ވަނަ މިނިޓްގައި ފެހެންދޫ އަށް މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެޓީމުގެ އާދަމް ނަސީމްއެވެ. ނަމަވެސް އޭގެ 19 މިނިޓް ފަހުން ކިހާދޫގެ މުހައްމަދު އަޔާޒު ލަނޑު ޖަހާ ނަތީޖާ ހަމަހަމަކުރިއެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީވެސް އަޔާޒެވެ.
މިގްރޫޕްގެ ފުރަތަމަ މެޗުގައި ހިތާދޫއާއި ތުޅާދޫ ވާދަކުރި މެޗުވެސް އެއްވަރުވީ މިނަތީޖާއިންނެވެ.
މުބާރާތުގައި މާދަމާ ވާދަކުރާނީ އޭދަފުށްޓާއި މާޅޮހެވެ. އޭދަފުށި ވަނީ ފުރަތަމަ މެޗު ގޮއިދޫއާއި ވާދަކޮށް ކާމިޔާބުކޮށްފައެވެ. މާޅޮސް ވަނީ ފުރަތަމަ މެޗުގައި ކުޑަރިކިލު އަތުން ބަލިވެފައެވެ.
މިމުބާރާތަކީ ފޯސީޒަން ލަނޑާ ގިރާވަރު ރިސޯޓުން އިންތިޒާމުކޮށްގެން އޭދަފުށި ވެސްޓް ވިންގް ޖަމްއިއްޔާއާ ގުޅިގެން ބ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.