ޢަބްދުލް ޣަފޫރު ޢަބްދުއްރަޙީމު ގ.މަންޒިލް
ސޫރަތުގެ ނަން
އަލްފާތިޙާ އަކީ، ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ތަރުތީބު މަގަށް ބަލާއިރު، ފުރަތަމަ ސޫރަތެވެ. އާދެ، ކީރިތި ޤުރުއާން، މިފޮތް، ‘ހުޅުވައިލަދޭ’ –އަލްފާތިޙާ- ސޫރަތެވެ. ކީރިތި ޤުރުއާނުގެ ‘މުގައްދިމާ’އެވެ. މިސޫރަތް އެކުލެވިގެން ވަނީ ހަތް އާޔަތުގެ މައްޗަށެވެ. މިސޫރަތް ފެށިފައިވަނީ ބިސްމި (ބަސްމަލާ) އިންނެވެ. މިސޫރަތުގެ އާޔަތްތައް ގުނުމުގައި ބިސްމި ހިމަނާލެވިފައިވެއެވެ. އަދި ގިނަ އިލްމުވެރިން ބުރަވެވަޑައިގަންނަވަނީ ބިސްމި އަކީ އަލްފާތިހާ ސޫރަތުގެ އާޔަތެއް ކަމުގައެވެ.
ނަމާދުގައި މާތް ﷲއަށް، މުސްލިމުން ސަނާ ދަންނަވައި ތަކުރާރުކޮށް ކިޔާ ސޫރަތަކަށް ވުމުން މިސޫރަތަށް ‘އައްސަބްޢުލް މަޘާނީ’ގެ (ތަކުރާރުކޮށް ކިޔޭ ހަތް [އާޔަތު]ގެ) ނަމުން ނަންދެވިފައިވެއެވެ. އަދި މިނޫން އެހެން ނަން ނަން ވެސް މިސޫރަތަށް ކިޔެއެވެ. ‘އުއްމުލް ގުރްއާން’ އެވެ. ކީރިތި ޤުރުއާނުގެ މައި ސޫރަތެވެ ނުވަތަ ޖައުހަރެވެ. މިސޫރަތުގައި ކީރިތި ޤުރުއާނުގެ އަސާސީ އުގަންނައިދިނުންތައް އެކުލެވިގެންވާތީއެވެ. މާތްﷲގެ އެއްކައުވަންތަކަމުގެ ވާހަކައެވެ. އެކަލާނގެއީ މުޅިކައުނާއި އެކައުނުގައި ލެއްވިގެންވާހާ އެއްޗެއް އުފެއްދެވި، އެހުރިހާ އެއްޗެއްގެވެރި ރަސްކަލާނގެކަމުގެ ވާހަކައެވެ. އަދި ދުނިޔަވީ ހަޔާތް ނިމުމަކަށްއައިސް އެހެން ހަޔާތެއް، އާދެ، އާޚިރަތް ދުވަސް، އަންނާނޭކަމުގެ އިޝާރަތް ކުރެވިފައިވާ ވާހަކައެވެ. އަދި އެދުވަހުން ކޮންމެ މީހަކު ވެސް، އެމީހަކު ދުނިޔަވީ ހަޔާތުގައި ކުރި ކަންތައްތަކާއި ބެހޭގޮތުން، ޖަވާބުދާރީ ކުރެވޭނޭކަމުގެ ވާހަކައެވެ. އެކަންކަމާ ބެހޭގޮތުން، ކޮންމެމީހަކާ ވެސް ސުއާލުކުރެވި ހިސާބުބެލެވޭނޭކަމުގެ ވާހަކައެވެ.
އަލްފާތިޙާ ސޫރަތް ބާވާލެއްވުނު ތާރީޚު
ކީރިތި ޤުރްއާނުގެ ސޫރަތްތަކާއި އާޔަތްތައް ބާވާލެއްވުނު ތާރީޚު، މައިގަނޑު ދެ ދައުރަކަށް ބަހާލެވެއެވެ. ކީރިތި ޤުރްއާނުގެ ބައެއް ސޫރަތްތައް ބާވާލެއްވުނީ، މައްކާގައި، ކީރީތި ރަސޫލާ، އިސްލާމީ ދައުވަތުގެ މަސައްކަތް ފައްޓަވައިގެން، ކުރިއަށް ގެންދެވި ދުވަސްވަރުގައެވެ. އެހެންވެ، ތާރީޚީ ގޮތުން، މިސޫރަތްތައް ސިފަކުރެވެނީ މައްކީ ސޫރަތްތަކުގެ ގޮތުގައެވެ. ކީރިތި ޤުރްއާނުގެ އަނެއް ބައި ސޫރަތްތައް ބާވާލެއްވުނީ، ކީރިތި ރަސޫލާ މަދީނާ އަށް ހިޖުރަ ކުރެއްވުމަށް ފަހުގައެވެ. އިސްލާމީ ދައުލަތެއް މަދީނާގައި ގާއިމުކުރެވި، ދައުވަތުގެ މަސައްކަތް މަދީނާގައި ކުރެއްވި ދުވަސްވަރުގައެވެ.
އެހެންވެ، ތާރީޚީ ގޮތުން، މި ދައުރުގައި ބާވާލެއްވުނު ސޫރަތްތައް ސިފަކުރެވެނީ މަދަނީ ސޫރަތްތަކުގެ ގޮތުގައެވެ. ކީރިތި ޤުރްއާނުގެ މައްކީ ދައުރާއި މަދަނީ ދައުރުގެ ސޫރަތްތައް، ތާރީޚީ ގޮތުން، އިތުރަށް ތިން ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ އެއިން ކޮންމެ ދައުރެއްގެ ކުރީކޮޅާއި މެދާއި އަދި ފަހުކޮޅަށެވެ. މިވެނި ސޫރަތަކީ، ތާރީޚީ ގޮތުން ބަލާއިރު މައްކީ ނޫނީ މަދަނީ ދައުރުގެ ކުރީކޮޅުގައި، ނުވަތަ މެދުތެރޭގައި ނުވަތަ ފަހުކޮޅުކޮޅުގައި، ބާވާލެއްވުނު ސޫރަތެއް ކަމުގައި ކަނޑައަޅާލެވެއެވެ.
މިގޮތުން، ސޫރަތްތަކުގެ ތާރީޚު ކަނޑައަޅާލުން ވަރަށް މުހިއްމެވެ. އެއީ ވަކި ސޫރަތެއް ނުވަތަ ވަކި އާޔަތެއް ބާވާލެއްވުނު ދުވަސްވަރާއި، އެދުވަސްވަރު މުސްލިމުންގެ ތެރޭގައި ހިނގަމުންދިޔަ ކަންތައްތަކާއި އަދި އެމީހުންނާ ކުރިމަތިވި މައްސަލަތަކާއި އެސޫރަތް ނުވަތަ އާޔަތް ގުޅޭ ގޮތް ބަލައި، މިފަދަ މައްސަލަތަކަށް، އެސޫރަތުން ނުވަތަ އާޔަތުން، ހައްލުހޯދައި ދެވިފައިވަނީ ކިހިނެއްތޯ ދެނެގަތުމަށްޓަކައެވެ.
އަލްފާތިޙާއަކީ، ގިނަ މުފައްސިރުން ދެކިލައްވާގޮތުގައި، މައްކީ ސޫރަތެކެވެ. ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާ މައްކާގައި އިސްލާމީ ދައުވަތާއިގެން މަސައްކަތްޕުޅު ފެއްޓެވި ދުވަސްވަރުގެ ވަރަށް ކުރީކޮޅު ބާވާލެއްވުނު ސޫރަތެކެވެ. މިސޫރަތް ދެވަނަ ފަހަރަށް މަދީނާގައި ބާވާލެއްވުނު ކަމަށްވެސް ބުނެވެއެވެ. އަލްފާތިޙާ އަކީ މުޅި ސޫރަތް އެއްކޮށް ބާވާލެއްވުނު ފުރަތަމަ ސޫރަތެވެ. މިސޫރަތުގެ ކުރީން ބާވާލެއްވުނީ ޢަލަޤު، މުއްޒައްމިލު، އަދި މުއްދައްޘިރު، މިތިންސޫރަތުންކުރެ ކޮންމެ ސޫރަތެއްގެ ވެސް ބަޔެކެވެ.
އަލްފާތިޙާ ސިފަކުރެވެނީ މާތްﷲގެ ޙަޟުރަތުގައި ދެންނެވޭ ދުއާއެއްގެ ގޮތުގައެވެ. މާތްﷲ ކިބަފުޅަށް ހަމްދު ކިޔައި ޝުކުރުއަދާކޮށް އެކަލާނގެއަށް ހައްގު ޘަނާއާއި ތައުރީފުގެ ބަސްތަކުން ތަމްޖީދުކޮށް، އަދަބު އިހުތިރާމު އަދާކުރުމަށް ފަހު، ތެދުމަގު – މާތް ﷲ އަށް އީމާންވެ، ހެވާ ނުބައި ވަކިކޮށް އަދި ހެޔޮގޮތް ޚިޔާރުކޮށް، ރިވެތި އަޚުލާގެއްގެމަތީ ދެމިހުރެ ހަޔާތް ވެއަތުކޮށްލާނޭ މަގު – ދެއްކެވުމަށް އެކަލާނގެ ޙަޟުރަތުގައި އެދި، ދެންނެވޭ ދެންނެވުމެއްގެ ގޮތުގައެވެ. އަލްފާތިޙާގެ މި މާނައަށް ރިއާޔަތްކޮށްލުމުން މިސޫރަތާއި ވިދިގެން އޮތް ބަޤަރާ ސޫރަތާއި އަދި ކީރިތި ޤުރުއާނުގެ އެހެން ސޫރަތްތަކާއި ގުޅޭ ގޮތް ފާހަގަކޮށްލެވެއެވެ. ބަޤަރާ ސޫރަތްފެށުމުގައި ކީރިތި ޤުރުއާނަކީ މާތްﷲއަށް އީމާންވާ މީހުންނަށް އޮތް ތެދުމަގު ބަޔާންކޮށްދީ އަންގައިދޭ ފޮތެއްކަމުގައި ނަންގަނެވި އެދުއާގެ އިޖާބަ ދެވިފައިވެއެވެ. އަދި އެހެންމެ މުސްލިމުން ނަމާދުގައި މި ސޫރަތް ތަކުރާރުކޮށް ކިޔަވަނީ ކީއްވެގެންކަން ވެސް އަލްފާތިޙާ ސޫރަތުން އެގިގެންދެއެވެ. ނަމާދުކުރުމުގެ މައިގަޑު ބޭނުމަކީ މުއުމިނާ އާއި މާތްﷲއާއި ގުޅުވައިދީ، އަބަދުމެ ތެދުމަގު ހޯދަން މަސައްކަތްކޮށް، އެމަގުގައި ސާބިތުވެހުރުމުގެ ތައުފީގުދެއްވުމަށް އެދި މާތްﷲ ހަޟުރަތުގައި ދެންނެވުމެވެ.
ސޫރަތުގެ މާނައިގެ ތަރުޖަމާ
1 بسم الله الرحمن الرحيم ރަހުމަތްވަންތަ (އެންމެންގެ މައްޗަށް) ރަހުމަތް ލައްވާ (މާތް) ﷲގެ އިސްމުފުޅު (ނަންގަނެ ބަރަކާތް ލިބުންއެދި ފަށަމެވެ).
2 الحمد لله رب العالمين ހުރިހާ ހަމްދެއް – ތައުރީފާއި ޝުކުރެއް – ހައްގުވަނީ (ހަމައެކަނި މާތް)ﷲއަށެވެ. ޢާލަމްތަކުގެ ވެރި (މާތްﷲއަށެވެ).
3 الرحمن الرحيم ރަހުމަތްވަންތަ އަދި ރަހުމަތްލައްވާ (މާތްﷲއަށެވެ).
4 مالك يوم الدين ޖަޒާ (ދިނުމު)ގެ ދުވަހުގެ (ޔައުނީ ގިޔާމަތް ދުވަހުގެ)ވެރި (މާތް ﷲއަށެވެ).
5 إياك نعبد وإياك نستعين އަޅަމެން އަޅުކަންކުރަނީ (ހަމައެކަނި) އިބަރަސްކަލާނގެ ކިބަފުޅަށެވެ. އަދި އަޅަމެން ވާގި އެދެނީ (ވެސް ހަމައެކަނި) އިބަރަސްކަލާނގެ ކިބަފުޅުންވެ.
6 اهدنا الصراط المستقيم އަޅަމެނަށް ތެދުމަގު ދައްކަވާންދޭވެ!
7 صراط الذين أنعمت عليهم އެބޭކަލުންގެ މައްޗަށް، އިބަރަސްކަލާނގެ ނިޢުމަތްލެއްވި ބޭކަލުންގެމަގެވެ.
غير المغضوب عليهم އެމީހުންގެ މައްޗަށް ކޯފާލެއްވުނު މީހުންގެ (މަގެއް) ނޫނެވެ.
ولا الضالين އަދި މަގުފުރެދިގެންދިޔަ މީހުންގެ (މަގެއް ވެސް) ނުމެނޫންމެއެވެ.
ތަރުޖަމާގެ މައްޗަށް އަވަސްކަޅިއެއް
- الرحمنއާއި الرحيم އަކީ މާތް ﷲގެ ސިފަފުޅުތަކުގެ ތެރެއިން ދެ ސިފަފުޅެވެ. الرحمنއާއި الرحيم މި ދެލަފުޒު ވެސް އުފެދިފައިވަނީ رحمة މިމަސްދަރުންނެވެ. رحمة ގެ މާނައަކީ އޯގާތެރިކަމެވެ. ހެޔޮކަމާއި އިހުސާންތެރިކަމެވެ. الرحمن ސިފަކޮށްދެނީ މާތް ﷲގެ ޒާތުފުޅެވެ. އޯގާތެރިކަމަކީ އެކަލާގެ ޒާތުފުޅާ ގުޅޭ ސިފަފުޅެކެވެ. މިލަފުޒުގެ މާނަ ދިވެހިން ލިއުމުގައި ‘ރަހުމަތްވަންތަ’ މިހެން ލިޔެވިފައިވަނީ އެހެންވެއެވެ. الرحيم ގުޅެނީ މާތްﷲގެ އަފްއާލުތަކާއެވެ. އެކަލާނގެ މިންވަރު ކުރައްވާ ކަންތައްތަކާއެވެ. އެކަލާނގެއީ ނިއުމަތްތަކާއި ހެޔޮ ގޮތްތައް ހުރިހާ އަޅުތަކުންނަށް މިންވަރުކުރައްވާ ރަސްކަލާނގެއެވެ. މިލަފުޒުގެ މާނާ ދިވެހިން ލިއުމުގައި ‘ރަހުމަތްލައްވާ’ ލިޔެވިފައިވަނީ މިހެންވެއެވެ. މާތްﷲއީ އެކަލާނގެ ވޮޑިގެންވުމުގައި ރަހުމަތްވަންތަ އަދި، ކަންތައްތައް މިންވަރުކުރެއްވުމުގައި، އެންމެހައި އަޅުތަކުންނަށް ރަހުމަތްލައްވައި ހެޔޮ ގޮތްތައް މެދުވެރިކުރައްވާ، ރަސްކަލާނގެއެވެ.
ބިސްމި އަކީ ކޮންމެ ސޫރަތެއްގައި ހިމެނޭ އާޔަތެއްތޯ ނުވަތަ ނޫންތޯ އާއި މެދު މުސްލިމު އިލްމުވެރީން ބަހުސު ކުރައްވައިފައިވެއެވެ. ހުރިހާ އިލްމުވެރީން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ތައުބާ ސޫރަތް ފެށުމުގައި ބިސްމިއެއް ނުހިމެނެއެވެ. ނަމަވެސް އެހެން ސޫރަތްތައް ފެށުމުގައިވާ ބިސްމިއާއި މެދު އިލްމުވެރީންގެ ހިޔާލު ތަފާތުވެފައިވެއެވެ. އިމާމު އަބޫހަނީފާ ދެކެވަޑައިގަންނަވާ ގޮތުގައި ބިސްމިއަކީ ސޫރަތެއް ފެށުން ފާހަގަކުރުމުގެ ގޮތުން ބާވާލެއްވިފައިވާ ނަމަވެސް ސޫރަތުގައި ނުހިމެނޭ ވަކި އާޔަތެކެވެ. އެހެންވެ، ނަމާދުގައި ހަނަފީން ބިސްމި ކިޔަނީ ސިއްރުންނެވެ. އިމާމު ޝާފިޢީގެ ރައުޔުގައި ބިސްމިއަކީ އަލްހަމްދު އާއި އަދި އެހެނިހެން ސޫރަތްތަކުގައިވެސް ހިމެނޭ އާޔަތެކެވެ. އެހެންވެ ޝާފިޢީން ނަމާދުގައި ބިސްމި ކިޔަނީ އަޑުހަރުކޮށެވެ. އަދި އަނެއްބަޔަކު ދެކޭގޮތުގައި ބިސްމިޔަކީ އަލްހަމްދު ސޫރަތުގައި ހިމެނޭ، ނަމަވެސް އެހެން ސޫރަތްތަކުގައި ނުހިމެނޭ ވަކި އާޔަތެކެވެ. މިމައްސަލައާއި ބެހޭ އިތުރު ތަފްސީލު ފަހުން ގެނެވޭނެއެވެ. (ނުނިމޭ )