ހަނީބަނީގެ ކުރިއެރުމާއި އަމީގެ ވާހަކަ

މެއިން-ހަނީބަނީ.jpg

ހަނީބަނީގެ ބާނީ އަމީލިއްޔާ ޖައުފަރު ،އީވީއަށް އިންޓަވިއު ދެނީ --އީވީ ފޮޓޯ :ގައްޔޫމް

ދަރަވަންދޫ އެއަރޕޯޓް ހުޅުވި ބ.އަތޮޅަށް ވައިގެ މަގުން ދަތުރުކުރުމުގެ ފަހިކަން ލިބުމާއެކު އަތޮޅު ތެރެއަށް ދެން އިވުނު އުފާވެރި ހަބަރަކީ އެއަރޕޯޓާ ދުރުނޫން ހިސާބެއްގައި ހުޅުވާފައިވާ ހަނީބަނީ ރެސްޓޯރެންޓްގެ ވާހަކައެވެ. އެއަރޕޯޓަށް ދާން ކަނޑައެޅިފައި އޮންނަ ގަޑިއަށްވުރެ އެއްގަޑިއިރު ކުރިން ގިނަމީހުން ޚާއްސަކޮށް އާއިލާތައް އެއަރޕޯޓަށް ދަނީ ހަނީބަނީއަށް ގޮސް އެ ހިތްގައިމު މާހައުލުގައި މަޑުކޮށްލައިގެން ކާއެއްޗަކަށް އިންސާފުކޮށްލުމަށް ނުވަތަ އެތަނުން ލިބޭ މީރު ކޮފީއަކުން ތާޒާވެލުމަށެވެ.

މިތަން ފަރުމާކޮށްފައިވަނީ ދޭސީ ބިދޭސީންގެ އިތުރުން ކުޑަކުދިންނާވެސް ގުޅޭގޮތަށް ހިތްފަސޭހަ މާހައުލާކާ އެކުގައެވެ. ދިވެހި ސަގާފީ ގޮތްގަނޑާއެކު މެހްމާނުންނަށް މަރުހަބާ ކިޔަން އޮތް މަސް ފެންގަނޑަކީވެސް ސްޓްރެސް ފިލުވާލުމަށް އޮތް މޮޅު ފަރުވާއެކެވެ.

ދިވެހި ސާންތިއާ ސަޓާއާއި ރުކުފަތިން ތައްޔާރުކޮށްފައިވާ އާލާތްތައް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ތިންމޭޒޫގެ ހަޓަކާ ތިން ކުޑައާއެކު ފެށި ހަނީބަނީ އެންމެ ފުރަތަމަވެސް ދައްކުވައިދެން ބޭނުންވީ މުއްސަނދި ދިވެހި ވަންތަ ގޮތަކަށްކަން އެތަނަށް ޒިޔރަތް ކުރި މީހުންނަށް އެނގޭނެއެވެ.

އެކަމަކު މިހާރު އޭގެ ފަހުން ފަސް އަހަރުވީއެވެ. ބަދަލު ތަކެއް އަތުވެއްޖެއެވެ. ކުޑަތައް އިތުރުވެ ތަނުގެ ޖާގަވެސް ބޮޑުވެ މަތީބުރިވެސް މިހާރު އޮތީ ޚިދުމަތަށް ހުޅުވާލާފައެވެ. އޭގެ މާނައަކީ ދުވަހުން ދުވަހަށް ވިޔަފާރި ރަނގަޅު ވެގެން ދިއުމެވެ. ހަނީބަނީ ޑިޒައިން ކޮށްފައި ހުރިގޮތާ ޚިދުމަތް ދޭން ތިބި މީހުންގެ އޯގާތެރިކަމާ ކާތަކެތީގެ ރަހައާއެކު ދެން އުފެދުނު ސުވާލަކީ ހަނީބަނީގެ ޚިޔާލު އުފަންކޮށް އެ ޚިޔާލަށް އަމަލީ ސިފަ ގެނެސްދިން މާސްޓަރ މައިންޑަކީ ކާކުބާއެވެ؟ ޖަވާބު ނުލިބި ފަސް އަހަރު ވޭތުވެގެން ދިޔައިރު އެތަން ބޮޑުވެ މިހާރު 75 މީހުންގެ ޖާގައިގެ ހަނީބަނީގެ އަސްލު ކޮންސެޕްޓް އަދިވެސް އޮތީ ދިވެހިވަންތަ ގޮތަށެވެ.

ހަނީބަނީއަށް އެދުވަހު ދިޔައީ ކޮފީއަކަށް ކަމަށްވިޔަސް އަހަރެމެން ތިބީ ހަނީބަނީގެ ކުޑައިގެ ދަށުން މިހާރު ރަށުގެ ބަނދަރު މަތީގައި މިނީބަނީ ވެސް ހިންގަމުން ގެންދާ މި ދެ ބަނީގެ އަސްލު ބާނީއާ ބައްދަލު ކުރަން ބޭނުންވެފައެވެ. ހީކުރެވިފައި އޮތީ ކުރިންވެސް މިތަނަށް އަންނަ ގިނަ ފަހަރު ކައުންޓަރު ތެރޭގައި ހަރަކާތްތެރިކަމާއެކު އަވަދި އުޅޭ ފިރިހެނަކީ މިތަނުގެ ވެރިޔާ ކަމަށެވެ މިއަދު އޭނާ ފެންނާކަށް ނެތެވެ. އެހެންވެ އަހަރެމެންގެ މޭޒުކައިރިއަށް އައިސްހުރި ބަންގާޅު ވޭޓަރު ގާތު އެމީހާއާއި ބައްދަލު ވެދާނެތޯ އެހުމުން ދިނީ ފޯނު ނަންބަރެވެ. މިވަގުތު ނޫޅެއޭ ކިޔާފައެވެ. ފޯނުން ވާހަކަ ދައްކާލުމުން އެނގުނީ ހަނީބަނީގެ އަސްލު މީހާއަކީ އޭނާގެ އަންހެނުން އަމީލިއްޔާ ކަމެވެ.

އަމީލިއްޔާ އާއި ބައްދަލު ކުރަން ގިނަ ވަގުތު ތަކެއް ހޭދަކުރާކަށް ނުޖެހުނެވެ. އަހަރެމެންގެ މޭޒު ކައިރިއަށް އޭނާ އަތުވެއްޖެއެވެ. މަސައްކަތެއްގައި އުޅެފައި އައިކަން އެނގެނީ ކޮންމެވެސް ވަރަކަށް ވަރުބަލިކަން ފެންނަންހުރި މޫނުން ކިޔައިދޭ ވާހަކަތަކުންނެވެ.

މިއީ އަންހެން ކުއްޖެއްގެ އެންމެ ކުޑައިރުގެ ހުވަފެންތަކުގެ ތައުބީރެވެ. މިއީ އެއިރުން ފެށިގެން އޭނާގެ ޚިޔާލުގައި ގެންގުޅުނު މިކަހަލަ ރެސްޓޯރެންޓެއް އުފަންކޮށް އެންމެ ފަސް އަހަރުގެ ތެރޭގައި މުޅި ބ،އަތޮޅަށް ގޮންޖަހާލި ހަނީބަނީއާ މިނީ ބަނީގެ މާސްޓަރމައިންޑް އޭ ބުނެފިނަމަ ގަބޫލު ނުކުރެވި ހިނގައިދާނެއެވެ. އެވަރުގެ ބިޔަ ހަށިގަނޑެއް ނުވަތަ ހަށިގަނޑުގައި އެފަދަ ޖޯރެއް އަމީގެ ހަށިގަނޑުނ ފެންނަން ނެތުމާއެކުއެވެ. އެކަމަކު ހަގީގަތަކީ އަހަރެމެންގެ ކުރިމަތީގައި މިއިނީ ދަރަވަންދޫ އެއަރޕޯޓުގެ ނަން ކިއުމަށްފަހު ދެން ދުލުކުރީގައި އޮންނަ މަޝްހޫރު ހަނީބަނީއާއި މިނީބަނީގެ މަސްއޫލު ވެރިޔާ އުމުރުން 40 އަހަރުގެ އަމީލިއްޔާ ޖައުފަރުއެވެ.

ހަނިބަނީ. ފަރުމާކޮށްފައިވަނީ ހުރިހާ އުމުރަކަށްވެސް ފެތޭ ގޮތަށް–އީވީ ފޮޓޯ :ގައްޔޫމް

ކިޔެވުން ނިންމާލުމަށް ފަހު އޮފީހެއްގެ މޭޒުކައިރީގައި ފިނި ކޮޓަރީގައި އިނުމަށްވުރެ ބޭނުންވެފައިއޮތީ މޮޅު ޝެފަކަށްވެގެން މިކަހަލަ ރެސްޓޯރެންޓެއް ނުވަތަ މިދާއިރާގައި ކުރިއަށް ދެވެން އޮތް ވަރަކަށް ދާށެވެ.  1991ވަނަ އަހަރު އަމީލިއްޔާ ހޮޓެލް ސްކޫލަށް ވަނީ އެމަގްސަދުގައެިކަމަށްވިޔަސް ދިމާވި މަޖްބޫރީ ހާލާތުގެ ސަބަބުން ހޮޓެލް ސްކޫލް ނިންމާ ނުލެވުނީއެވެ. އެކަމަކު އެފިކުރާއި ދުރަކަށް ނުދެވުނެވެ. އިންޓަނެޓުންނާއި ބައެއްކަހަލަ ކުކަރީ ކޯސް ހަދައިގެންވެސް އޭނާ ބޭނުންވީ މި ދާއިރާގައި ކުރިއަށް ދިއުމަށެވެ. ހަނީބަނީގެ ޚިޔާލުގައި ކުލަ ޖެހުނީ މި ހިސާބުންނެވެ.

ހަނީބަނީ ރެސްޓޯރަންޓް –އީވީ ފޮޓޯ؛ގައްޔޫމް

“.އަސްލު މިއީ ވަރަށް ކުރިން ފެށިގެން ކުރަމުން އައި ހިޔާލެއް. ވަރަށް ބޭނުންވެގެން ކުރާހިތުން ކުރަން ފެށި މަސައްކަތެއް. އެކަމަކު މިކަން ކާމިޔާބުވުމުގެ އެންމެ ބޮޑު ހިއްސާއެއް އޮތީ ފިރިމީހާއަށް. “އަމީ ބުންޏެވެ.

އެއަރޕޯޓު ހުޅުވިއިރުވެސް ހަނީބަނީގެ މަސައްކަތް ދިޔައީ ކުރެވެމުންނެވެ. އެހެންނަމަވެސް އެއާޕޯޓާ އެކު ކެއިން ބުއިމުގެ ޚިދުމަތް ދޭ ރަނގަޅު ފެންވަރުގެ ތަނެއް ނެތުމުން އެ ޚިޔާލު ވަރަށް ގިނަ ބަޔަކު ދިނުމުން މަސައްކަތް އަވަސް ކުރީއެވެ. އެކަމަކު އެއަރޕޯޓު ހުޅުވިތާ ތިން މަސްދުވަހުގެ ތެރޭގައި ތަން މުޅިން ނިންމާލިއިރު އަތްމަތި އެއްކޮށް ހުސްވުމުން ދެން އިތުރަށް ކުރިއަށް ދެވޭނެ ގޮތަކާމެދު އޮތީ ވިސްނަން ޖެހިފައެވެ.

“ތަން ހަދާ ނިމުނުއިރު އަތުގަ އެންމެ ލާރިއެއްވެސް ނެތް. ދެން ފިރިމީހާގެ ތިމާގެ މީހެއްގެ ފިހާރައަކުން ކްރެޑިޓަށް 5000ގެ ކާބޯތަކެތި ނެގީ. އޭރު ރަމަޟާން މަސް އަންނަން އޮތީ ވިއްސަކަށް ދުވަސް. “އޭނާގެ ވާހަކަތައް ގެންދިޔައީ ކުރިއަށެވެ.

ރޯދަމަސް އެހާ ކައިރިވެފައި އޮއްވާ އަމީ މިތަން ހުޅުވީ އާއިލާއާއި ހެޔޮއެދޭ ފަރާތްތައްވެސް އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތް ތަރިވަމުން ދަނިކޮށެވެ. ރޯދަމަސްވީމާ ކެއިން ބުއިމުގެ ވިޔަފާރި ނުހިނގާނެކަމަށް ގަބުލު ކުރެވޭތީއެވެ.

“ބޭބެ ބުނި މިހާ ރޯދަމަސް ގާތްވެފަ އޮއްވާ ތިވަރުގެ ބޮޑު ހަރަދެއް ކޮށްފަ ތިހާ ބޮޑު މަސައްކަތެއް ތިފަށަނީ ކިހާވަރެއްގެ ޔަގީންކަމެއް އޮވެގެންހޭ. އަޅުގަނޑު ބުނިން އަޅުގަނޑުގެ ހިތްވަރު އެބަހުއްޓޭ ކުރެވޭނެ ކަމުގެ ޔަގީން ކަން އޮތީމައޭ މި ފަށަނީ.”

ހަނީބަނީ ރެސްޓޯރެންޓް –އީވީ ފޮޓޯ ؛ގައްޔޫމް

ދަރިއެއްގެ މި ބުރަމަސައްކަތަށް ބައްޕަ ކިތަންމެ ހިތްވަރެއް ދިންނަމަވެސް ބައްޕަވެސް ހުރީ އަންހެނަކަށް ވީތީވެ މިއީ ކުރެވިދާނެ ކަމެއްކަމާމެދު ޝައްކުގައެވެ. މި މުޖްތަމައުގައި އަންހެނަކު އިސްނައގައިގެން މިކަހަލަ ކަމެއް ކުރާތަން ނުފެންނާތީ ކަމަށް ވެދާނެއެވެ

.”ބައްޕަވެސް ފުރަތަމަ ބުނީ ދަރިފުޅާއޭ ތީ ވަރަށް ބުރަ މަސައްކަތެކޭ .އެހެންވިމާ ތިކަން ކުރަންޖެހޭނީ ވަރަށް ކެރިގެންނޭ.”

އެބަސް އަމީ ގަބޫލު ކުރިއެވެ. ކިތަންމެހައިވެސް ބުރަ މަސައްކަތެކެވެ. އެކަމަކު އޭނާ ގަބޫލު ކުރީ ބައްޕަ އެދެއްކެވީ މިމަސައްކަތުގައި ކުރިއަށް ދިއުމުގެ މަގު ކަމަށެވެ. ހިތްވަރުކަމުގައެވެ. “ބުނިން ބައްޕާ އޭ. އަޅުގަނޑަށް މިކަން ވާނެއޭ. ” މި ކުރު ބަސްކޮޅުން ބައްޕަގެ ހިތްހަމަޖައްސާދީފައި އޭނާ ދިޔައީ މަސައްކަތަށެވެ.

އަމީއަށް މިކަން ވާނެކަން ބައްޕައަށް ދައްކުވައިދީފިއެވެ. އަދި އަންހެނަކަށް ވީތީވެ ،ނުކުރެވޭނެއޭ ބުނި އެންމެންނަށްވެސް އަންހެނަކަށްވުމަކީ ކަމެއް ނުކުރެވެންވީ ސަބަބެއް ނޫންކަން ދައްކުވައިދީފިއެވެ. އަމީ ބުނާ ގޮތުންނަމަ އިރާދަކުރެއްވީތީވެ އަދި އަދަށް ދާންވެސް ކުރިއަށްމި ދަނީ ހަމައެހިތްވަރާއެކު އެގޮތުގައެވެ.

ހަނީބަނީ މަޝްހޫރުވެފައިވަނީ މި މާހައުލު ރަނގަޅުވެގެންތޯ ނޫނީ ކާއެއްޗެތީގެ ރަހައިންތޯ އަހާލުމުން އަމީ ގަބޫލު ކުރަނީ ކާ އެއްޗެތީގެ ރަހައިން ކަމުގައެވެ. ” ތަނަށްވުރެ ބޮޑަށް ރަހަ އާމެދު ހިތްހަމަޖެހޭ ކަމަށް ކޮމެންޓް ލިބެނީ. ދެން ތަނާ ދޭތެރޭވެސް ކޮންމެ މީހަކުވެސް ބުނޭ ވަރަށްހިތްހަމަޖެހޭ އަރާމު މާހައުލެކޭމީ.”

ރަހައާމެދު އެހާ ބޮޑު ޔަގީންކަމެއް އެދެވެނީ އެތަނުގެ ބަދިގެ އިން ނުކުންނަ ކޮންމެ ކާއެއްޗަކީވެސް އޭނާ ޗެކް ކުރެވިގެން ނޫނީ  މޭޒުތަކާހަމައަށް ނުދާނެ އެއްޗިއްސަށްވާތީއެވެ.

“އަޅުގަނޑު ވަރަށް މެނޭޖްކޮށް ވަރަށް އޮގަނައިޒްކޮށް މަސައްކަތް ކުރަމުން ގެންދަނީ. ހަގީގަތުގައި މިތަނުގަ ކޮންމެ ކައްކާ އެއް ހުއްޓަސް އެއެއްޗެއްގައި ކޮލިޓީ ހުންނާނެ. އެއީ އަޅުގަނޑުގެ މަސައްކަތް.” އަމީ ޔަގީން ކަމާއެކު ބުނެލިއެވެ.

އޭގެ މާނައަކީ ކޮންމެ ދުވަހަކުވެސް ތަން ހުޅުވިއްސުރެ ބަންދު ކުރުމާ ހަމައަށް އަމީ އެތަނުގައި އުޅެން ޖެހޭނެއެވެ.

“ފަތިހު 5 ޖަހާއިރު ތެދުވެ ނަމާދުކޮށް ނިމިގެން މަސައްކަތަށް ނިކުންނަން. ހެނދުނު 6 ޖަހާއިރުމިތަން އާއްމުކޮށް ހުޅުވަން. ރޭގަނޑު 12 ޖަހާއިރު ތަން ބަންދު ކުރަނީ. އެކަމަކު ގެއަށް ދެވޭއިރު ހުންނާނީ އެކެއް ޖަހާފަ.” ހަނީބަނީގެ އިތުރުން މިނީބަނީވެސް ހިންގަމުން އަންނަ އަމީ ބުންޏެވެ.

އެކަމަކު މިނީބަނީ އަކީ އޭނާގެ އުފެއްދުމެއްނޫނެވެ. ކުއްޔަށް ހިފައިގެން އުޅޭ ތަނެކެވެ. ބަނދަރުމަތިވީމާ ކާތަކެތީގެ ރަހަ ރަނގަޅުވީމާ އެއޮތީ ވިޔަފާރިއެވެ. “މިނީބަނީގެ ވިޔަފާރިވެސް ރަނގަޅު. މޫސުމަށް އަންނަ ބަދަލާއެކު މިސާލަކަށް އީދު ޗުއްޓީގަ ފުރާ އިރެއްނަމަ މިކޮޅަށް. އަންނަ އިރެއް ވިއްޔާ އެކޮޅަށް. އެގޮތަށް ދަނީ . ”

އަދިވެސް އަމީ ބޭނުންވަނީ އިތުރަށް މި ދާއިރާއަށް އިންވެސްޓް ކުރާށެވެ.

“ފަހުން ބިޑުކޮށްގެން އެއަރޕޯޓުގައި ތަރައްގީ ކުރާ ކާބޯތަކެތި ވިއްކާތަން ވެސް ދެފަހަރުވެސް ލިބުނީ އަޅުގަނޑަށް. އެކަމަކު ސިޔާސީ ސަބަބު ތަކަކާހުރެ ލިބޭ ގޮތް ނުވީ. އެހެންވިޔަސް މިދާއިރާއިން އަދިވެސް މިހިރީ އިތުރު އިންވެސްޓްކޮށްގެން ކުރިއަށް ދާގޮތަށް.”

މީހަކު ކަމަކަށް ހިތްޖެހިއްޖެނަމަ އެއީ ދެވި ހިފާނެ ކަމެކޭ ބުނާތީ އަހަމެވެ. އެކަމަކީ ކުރާ ހިތްވެ ގަޔާވާ ކަމަކަށްވާނަމަ އެއީ ބުރަކަމަކަށްވެސް ނުވެއެވެ. އަމީއަށްވެސް ވީ މިކަހަލަ ގޮތެއްކަން ނޭގެއެވެ. އަމީ ދެކެނީ ކިހިނެއް ހެއްޔެވެ.

އަމީ ،އިވީއަށް އިންޓަވިއު ދެނީ -އީވީ ފޮޓޯ :ގައްޔޫމް

“މި މަސައްކަތަކީ ދިރިއުޅުމަށް ކުރާ މަސައްކަތުގެ ތެރެއިން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ ބުރަ މަސައްކަތް. އެކަމަކު ވަރަށް ކުރާހިތްވާ ކަމެއް. ރަނގަޅަށް މެނޭޖް ކުރެވޭކަމަށްވަންޏާ އެންމެ ފައިދާ ރަނގަޅު މަސައްކަތްވެސްމެ. ހަމައެއާއެކު އަންހެނަކަށްވުމަކީ ފަސްޖެހެންވީ ސަބަބެއް ނޫން ކަމަށްވެސް ބުނެލަން ބޭނުން. ” އަމީ ބުނެލިއެވެ.

އަމީގެ މި ހިތްވަރަށް ދެވޭނެ މާކްސް އެއްވެސް ނޭނގުނެވެ. ހަމައެކަނި ބުނެލަން ބޭނުންވަނީ މިކަހަލަ ވިޔަފާރިއެއް ފެށުމުގެ ޚިޔާލުހުރި ކޮންމެ މީހަކަށްވެސް، އަމީއަކީ އިންސްޕިރޭޝަނެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top