އެމްޑީއެން އުވާލަންވީއެއް ނޫން، ނައްތާލަން ޖެހޭ : ޔާމީން

big_d4FVCtcATyxsZ08hEmzTY0FZ2.jpg

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް ޖަމްއިއްޔާ (އެމްޑީއެން) ވީ އުވާލަން ނޫންކަމަށާއި އެމްޑީއެން ނައްތާލަން ޖެހޭކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީއެން އުވާލުމަށް ގޮވާލާ ޕީޕީއެން/ޕީއެންސީ ކޯލިޝަން ގުޅިގެން ރޭ ބޭއްވި މުޒާހަރާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމިން ވިދާޅުވީ އެމްޑީއެންއަކީ ޑިމޮކްރަޓިކް މަސައްކަތެއް ކުރާ ބައެއް ނޫން ކަމަށާއި އެއީ ރާއްޖެއަށް ލާދިނީ ފިކުރު ގެންނަން މަސައްކަތް ކުރާ ބައިގަނޑެއްގެ ޖަމިއްޔާއެއް ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީއެން އުފެދިގެން ދިޔައީ ނަސާރާ ދީނުގެ ފައްޅިއެއްގެ މަސައްކަތުންކަމަށް ވާތީ މިހާރުގެ ސަރުކާރުގެ ތެރޭގައި އެމްޑީއެން އޮތުމަކީ ސުވާލުއުފެދެންވީ ވަރުގެ ކަމެއް ނޫން ކަމަށެވެ. އެގޮތުން 2008ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ފައިސާ ލިބެމުންދިޔައީ ސަލްސްބަރީ ޗާޗުން ކަމަށް ޑރ.ހަސަން ސައީދާއި ޑރ.ޝަހީމް ފަދަ ބޭބޭފުޅުން ވިދާޅުވިކަމަށެވެ. އަދި އެމްޑީއެންއަށްވެސް ފައިސާ ލިބެމުންދަނީ އެތަނުންކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ.

“މި ޔަހޫދީ ފަންޑުން ހޯދައިދިނީ އޭރު ރައީސް ނަޝީދު ކުރިމަތިލާން. އެންމެ ފަހުން ރިޔާސީ އިންތިޚާބުގައި ވެސް ފަންޑު ގެނައީ ރާއްޖެއިން ބޭރުން. އޭރު ސަލްސްބަރީ ޗާޗުން ކުރި މަސައްކަތުގެ ތެރެއިން އުފެދުނު އެއްޗެއް އެމްޑީއެން އަކީވެސް. އެހެންވީމާ އިސްލާމީ ދައުލަތެއްގައި އިސްލާމް ދީނަށް ފުރައްސާރަ ކުރާ ބަޔަކަށް އެއްވެސް ޖާގައެއް އޮވެގެން ނުވާނެ.” އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަނީއޭ ކިޔާތާ މަަސް ދުވަސްވީ އިރު އަދިވެސް ފިޔަވަޅެއް ނޭޅޭ ކަމަށެވެ. އަދި ހުރިހާ އެއްޗެއް ސާފުކޮށް ފެންނަން ހުރިއިރު ތަހުގީގު ކުރަން އޮތީ ކޯއްޗެއްތޯ އައްސަވައި ސުވާލު އުފެއްދެވި އެވެ.

“މަސް ދުވަސް ވެގެން މިދަނީ، ކޮބައިތޯ ވަލިއުލްއަމުރުގެ ދައުރަކީ، އަބަދުވެސް އޮށްވަޅު ގޮނޑި ކުޅެންތޯ މަސައްކަތް ކުރައްވަނީ، ކޮބައިތޯ އެމްޑީއެންއާ ގުޅޭ ގޮތުން ބުނާ ބަހަކީ، ހަރުކަށި ފިޔަވަޅު އަޅާނަމޭ ބުނާނެ، ދެ ޝޭހަކު ވަދެފައި ބުނާނެ ހަރުކަށި ފިޔަވަޅު އެބަ އަޅުއްވައޭ،” ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމް އާއި ޕީއެންސީ ސަޕޯޓަރުންތައް އެއްވެ އޮތް އެ އެއްވުމުގައި ވާހަކަފުޅު ނިންމާލައްވަން ރައީސް ޔާމީން ވިދާޅުވީ އެމްޑީއެން ޖެހޭނީ “ފުނޑާލަން ފުނޑާލަން ފުނޑާލަން” ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top