ރޯދައިގެ ހަނދާންތައް: ހަނދާން ނައްތާނުލެވޭނެ ޒުވާން އިމާމު

DSCN8004.jpg

އިބްރާހީމް ނިޔާޒު އޭދަފުށީ ވޮއިސްއަށް އިންޓަވއިު ދެނީ / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް - ލޮކޭޝަން: ވައިޓް ބައި އެއިޓްއެސް ރެސްޓޯރަންޓް

އެއިމާމުގެ ހަނދާން ނައްތާލުން ފަސޭހަ ކަމަކަށް ނުވާނެއެވެ. އެއް ސަބަބަކީ އޭދަފުށީގެ ތާރީޚުގައި އެއީ އޭދަފުށީގެ މިސްކިތެއްގައި އިމާމުކަން ކުރެއްވި އެންމެ ޒުވާން އިމާމު ކަމަށްވުމެވެ. އިމާމްކޯސް ސެޓްފިކެޓް ލެވެލް 3 ހާސިލް ކޮށް އޭދަފުށީ ބޮޑު މިސްކިތުގެ އިމާމުކަމާއި ހަވާލުވެ މިސްކިތުގައި ބަންގި ގޮވައި އިމާމްވެ ނަމާދުކުރަން ފެށިއިރު މި ޒުވާނާގެ އުމުރަކީ އެންމެ 23 އަހަރެވެ. މި ދައްކަނީ ބ.ފުޅަދޫއަށް އުފަން އިބްރާހީމް ނިޔާޒުގެ ވާހަކައެވެ.

އޭނާ މީގެ ހަތް އަހަރުކުރިން އޭދަފުއްޓަށް ހިޖުރަކުރީ އާއިލާއާއެކު އާއިލާގެ ކުދިންނަށް ކިޔަވައި ދިނުމަށެވެ.

ބަންގި ގޮވުމާއި އިމާމްވެ ނަމާދުކުރަން ފެށުމުން ހޭލުންތެރި އޭދަފުށީ ރައްޔިތުން އޭނާއަށް ތައުރީފުގެ ބަސް ތައް އޮއްސަމުން ދިޔައެވެ. ތަފާތު ޒުވާނެއްގެ ގޮތުގައި ލޭބަލް ޖެހިގެން ދިޔައިރު އޭނާގެ ރިވެތި އަޚްލާގު ބަލައިގަނެ އޭނާގެ ފަހަތުން މިސްކިތަށް ދާ ޒުވާނުން އިތުރުވެގެން ދިޔައެވެ. ރީތިކޮށް ތަޖްވީދު މަގުން ގުރުއާން ކިޔެވުމާއި ބަންގި ގޮވުމުގައި އެހުންނަ ދަމައިގަތުމުގެ ބާރު އެއީ ގުދުރަތީ ގޮތުން އޭނާ އަށް ލިބިފައިވާ ފަންނެކޭ ހީކޮށްފާނެއެވެ. އެހެންނަމަވެސް އެއީ އޭނާގެ ބުރަ މަސައްކަތުތުން ހޯދާފައިވާ ކާމިޔާބެކެވެ. އެކަމާބެހެ ގޮތުން އޭނާ އީވީއާ ވާހަކަ ދެއްކިއެވެ.

“ރީތިކޮށް ޤުރުއާން ކިޔެވުމަކީވެސް ހުނަރެއް. އެއްވެސް ހުނަރަކީ އެއް ދުވަހަކުން ދަސްކުރެވޭނެ ކަމެއް ނޫން. އިމާމު ކޯހުގައި ކިޔަވަމުންދިޔަ އިރުން ފެށިގެން ވަރަށް ބޮޑަށް އަމިއްލައަށް މަސައްކަތް ކުރިން ރީތި ކިޔެވުންތައް އަޑުއަހައިގެން އެގޮތަށް ކިޔެވޭތޯ. އަދި ރާއްޖޭގެ އިތުރުން އިސްލާމީ ދުނިޔޭގެ ނަންހިނގާ އިމާމުން ބަންގި ގޮވާ އަޑުއަހައިގެން އެގޮތަށް ބަންގި ގޮވަން. ރަށުގެ ތުނޑިމައްޗަށް ރޭގަނޑު އެކަނި މާއެކަނި ގޮސް މީހަކަށް އުނދަގޫ ނުވާނެހެން ހެޑްސެޓް ޖަހައިގެން އިނދެގެން. އަބްދުއްރަޙްމާން ސުދޭޝްމެން ފަދަ މޮޅު ޤާރީވެރިންގެ ގެކިޔެވުން އަޑުއަހައިގެން އެގޮތަށް ކިޔެވޭތޯ ބަލަން އެތައް ވަގުތެއް އެތަނުގައި ހޭދަކުރަން.” 29 އަހަރުގެ އިބްރާހީމް ބުންޏެވެ.

އެތަޖްރިބާ އާއި އިލްމުގެ ބޭނުން އެންމެ ފުރަތަމަ އޭނާ ހިފީ އޭދަފުށީގައެވެ. އޭދަފުށީގައި ހޭދަކުރި ތިން އަހަރާ ބައިގެ މުއްދަތުގައި އެކަން ދައްކައިދީފައެވެ. އެކަމަކު ދެން ހަމަ ކުއްލިއަކަށް އިބްރާހީމް ވަޒީފާ ދޫކޮށް ރަށަށް އެނބުރި ދިޔަ ވާހަކަ ރަށުތެރޭގައި ފެތުރިގެން ދިޔައީ ހައިރާން ކަމާއެކުގައެވެ. އެއީ ތެދު ޚަބަރެއްކަން ގަބޫލު ކުރަން ބޭނުން ނުވާތީ އެކިގޮތަށް ވާހަކަ ދެކެވެމުން ދިޔައެވެ.

މިދިޔަ ހަފްތާގައި ދަތުރުވަރެއްގައި އިބްރާހީމް އޭދަފުއްޓަށް އައުމުން އޭނާ އާއިބައްދަލުކޮށްލުމުގެ ފުރުސަތު ހޯދައިގެން އެކަމުގެ ތަފްސީލަކަށްވެސް ދެވުނެވެ.

“އޭދަފުއްޓަށް ބަދަލުވީ ދާއިމީކޮށް މިތަނުގަ ހުންނާކަށް ނޫން. އިމާމް ކޯސް ނިންމާލާފަ ބޭނުންވީ އިތުރަށް އެދާއިރާއިން ކުރިއަށް ދިއުމުގެ ގޮތުން ގާރީ ކޯސް ހަދަން. އަޑު އިވިފައޮތީ އޭދަފުށީގައި ގާރީ ކޯހެއް ވަރަށް އޭރު އަވަހަށް ފަށާނެ ކަމަށް. މާލޭގަ ހުރެގެން ކިޔެވުމަށްވުރެ ރަނގަޅުވާނެ ކަމަށް ބަލާފައި އޭދަފުށީގައި މަޑުކުރީ. އެކަމަކު އެކޯހެއް ނުހިނގި. ކޯސް ހިންގާ ވަރަށް ކުދިން ނުލިބިގެން. “އިބްރާހީމް އޭދަފުއްޓަށް ހިޖުރަކުރި ގޮތް ކިޔައިދިނެވެ.

އެކަމަކު އެނބުރި ފުޅަދޫއަށް ގޮސް މި ދާއިރާ ދޫކޮށްލައި ފާނައިގެ މަސްވެރިކަމަށް ވަނީ ގިނަ އާމްދަނީ ހޯދަން ކަމަށް ވެދާނެއެވެ. ދެއަހަރެއްހައި ދުވަހު އެމަސައްކަތުގައި އުޅުނުވެސް މެއެވެ. އެއަށްފަހު އެކަން ހުއްޓާލަން ޖެހުނީ ފުޅަދޫ ސްކޫލްގެ ބެލެނިވެރިންގެ އެދުމުގެ މަތިންނެވެ. އެކުދިންނަށް ޤުރުއާން ކިޔަވައިދޭން ރަށުގައި ހުންނަން ބެލެނިވެރިން ބޭނުންވީއެވެ.

އޭގެ ފަހުން އޭނާގެ މަސައްކަތަކީ ތުއްތު ކުދިންނަށް ގުރުއާން ކިޔަވައިދިނުމެވެ. އެގޮތުން ސްކޫލްގައި އުޅޭ ޖުމްލަ 38 ކުދިންނަށް މިހާރުވެސް އަންނަނީ ކިޔަވައިދެމުންނެވެ. ފީއަކާވެސް އެކުގައެވެ. އެކަމަކު ފީއެއްނެގުމަކީ ކުރަން ބޭނުން ނުވި ކަމެކެވެ.

އިބްރާހީމް ބުނަނީ އޭދަފުއްޓަށް މިގޮތަށް ކޮށްލާ ޒިޔާރަތުގައިވެސް އޭނާ ދަންނަ ހުރިހާ އެންމެންހެން އޭދަފުއްޓަށް ބަދަލުވެ މިސްކިތުގެ އިމާމަކަށް ވުމަށް އެދޭކަމަށެވެ. އަސްލުގައި އިބްރާހީމް އޭދަފުށި މިސްކިތުގެ އިމާމްކަމުން ވަކިވުމަށްފަހު ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި އޭދަފުށީ ބޮޑުމިސްކިތުގައި އިމާމަކު ހުރިނަމަވެސް އިބްރާހީމް ފަދައިން ރައްޔިތުންނަށް ނަމުނާ ދެއްކިފައި ނުވާތީ ކަމަށް ވެދާނެއެވެ.

“މިރަށުން އެނބުރި ދާން އުޅުމުން ރާއްޖޭގެ މަޝްހޫރު ޝައިޚެއްވެސް ވިދާޅުވި ތެދެއްހޭ އިބްރާހީމް އޭދަފުށި ދޫކޮށް ހަމަ ދަނީހޭ ، ވަރަށް ދެރައޭ ވިދާޅުވީ. ތިމަންނަ ދެރަވަނީ ޒުވާން ކުއްޖަކު އިމާމަކަށް ހުރެފަ މިރަށް ދޫކޮށްފަ ދިޔުމުން ދެން ޒުވާން ކުދިންނަށް ޗާންސް ކުޑަވެދާނެތީއޭ. ޒުވާން ކުއްޖަކު އިމާމަކަށް ހުރުމުން ޒުވާނުން ނަމާދާ ގާތްވުމުގެ ފުރުސަތު ބޮޑުވާނެއޭ. ” އިބްރާހީމުގެ ހަނދާނުން ނުފިލާނެ މި ބަސްކޮޅު އީވީ އާ ހިއްސާ ކުރިއެވެ.

އޭނާ އޭދަފުށީގައި ހޭދަކުރި މުއްދަތުގައި އިމާމުކަމުގެ އިތުރުން ޒުވާނުން މިސްކިތާ ދޯޅު ކުރުވުމުގެ ގޮތުން ވެސް މަސައްކަތްވެސް ކުރެއްވިއެވެ. ޒުވާނެއްގެ ގޮތުގައި ޒުވާން އިމާމެއްގެ ގޮތުގައި ހުރެ އެނަމުނާ ދެއްކުމުން އެތައް ޒުވާނުން އިސްލާހުވެ އޭނާ އާއެކު ޖަމާއަތުގައި ނަމާދުކުރުމުގެ ޝައުގުގުވެރިކަން އުފައްދައިދީފައެވެ. މިއަށްވުރެ ވަކިން ބޮޑު އުފަލަކީ ކޮބައިތޯއެވެ.

އެހެންނަމަވެސް އޭރުވެސް މިކަމުގައި ގޮންޖެހުންތަކެއް ހުރިކަމަށް އިބްރާހީމް ބުނެއެވެ. އޭނާއަށް ތަޖްރިބާ ކުރަން ޖެހުނު އެއް ކަމެއް އީވީއާ ހިއްސާ ކުރިއެވެ.

“އޭރު އަހަންނާ އެކު އުޅުނު ގްރޭޑް 8ގެ ކުއްޖަކު. މާޝާﷲ ވަރަށް ރީތި ބަންގި ގޮވުންވެސް. އެކަމަކު އަހަންނާ އެކު އުޅުނީމަ ސްކޫލް ތެރެއިންވެސް ކްލާސް ތެރެއިންވެސް ދިމާކުރި.  ވަރަށް ބޭއަދަބީ ކޮށް އެކުއްޖާއާ މުހާތަބު ކުރެވެނީ ، ހަޑިހުތުރު ބަސްތަކުން. އެވަރުގެ ކުއްޖަކަށް އެކަން ހަޖަމުކުރުން އެއީ އެހާ ފަސޭހަ ކަމަކަށް ނުވި.” ކުއްޖާގެ ނަން ނުބުނެ ބުންޏެވެ.

އިބްރާހީމް މި ރަށުން އެނބުރި ދިޔަފަހުން މިހާރު ތިން އަހަރުވެފައިވާ އިރު މިސްކިތަށް އަރާ ޒުވާނުން އިތުރުވިތޯ އަހާލުމުން އެކަން ފާހަގަ ނުކުރެވޭ ކަމަށް ބުނީ ހިތާމައާއެކުގައެވެ. ހަމައެއާއެކު އޭދަފުށީގައި މިވަގުތުވެސް އިމާމެއްނެތްކަމުގެ ވާހަކަ އެތައް ބަޔަކު ދައްކަމުން ދާއިރު ކައުންސިލާއި ޖަމިއްޔާތަކުންވެސް މިއީ ފުންކޮށް ވިސްނަން ޖެހޭކަމެއް ކަމަށް އޭނާ ދެކެއެވެ.

“ޝައުގުވެރިކަން ހުންނަ ކުދިންނަށް އެބަޖެހޭ ފުރުސަތު ހޯދައިދޭން. މިރަށުގެ ޖަމިއްޔާތަކުން ހާއްސަކޮށް ކައުންސިލުން އިސްނަގަން އެބަޖެހޭ ސްކޫލްގައި ތިބި މިކަމަށް ޝައުގުވެރިކަން ހުރި ރީއްޗަށް ގުރުއާން ކިޔަވާ ކުދިންނަކީ ކޮބައިތޯ ބަލާފަ އެކުދިން ކުޑަމިސްކިތުގައި ވިޔަސް ބަންގިގޮވާ ނުވަތަ ޝައިޚް މަޖީދު ގާތުން ޓްރެއިން ކޮށް އެކުދިން އެދާއިރާއަށް ވައްދަން އެބަޖެހޭ.”

އިބްރާހީމް ބުނަނީ އޭގެ ބަދަލުގައި މިފެންނަނީ ފުރައްސާރަކުރުމާއި ކުރިއަށް ދިއުމުގެ ރޫހު ނަގާލުމަށް  އޭނާ ނަމާދު ކުރާގޮތް ކަމަކު ނުދެއޭ މާބޮޑީއޭ ދަމާލެއް އެހެންނޭ މިހެންނޭ … މިހކަހަލަ ވާހަކަ ތަކެއް ދައްކާފައި ބިނާ ކުރުމެއް ނެތް ފާޑު ކިއުން ތަކެކެވެ.

އެހެންވީމާ އިމާމުކަމުގެ ވަޒީފާއަށް ކުރިމަތިނުލާ ވާހަކަ ދެއްކުމުގެ ކުރިން ޒުވާނުން މިކަންތަކާ ދުރުވާ މައްސަލައިގާ ރަށުކައުންސިލްތަކުންނާއި ޖަމިއްޔާތަކުން އިސް ނަގައިގެން އިމާމުން އުފައްދަން މަސައކަތް ކުރުމުގެ ވަގުތު އައިސް ޖެހިއްޖެކަމަށް އޭނާ އަށް ފެންނަ މަންޒަރުތަކުން ޔަގީންވާ ކަމަށް ބުންޏެވެ.

އިބްރާހީމު މިހާރު އަމާޒުހިފާފައިހުރީ ރަށުގައި (ފުޅަދޫ ) މީގެ ދެއަހަރެއްހައި ދުވަސް ކުރިން ތުއްތު ކުދިންނަށް އަމާޒުކޮށްގެން ހިންގަމުން އަންނަ ގުރުއާން ކްލާހުން ހާފިޒުން ކޮޅެއް ނެރުމަށެވެ. ހިލޭ ކިޔަވައިދޭ މިކްލާސް ހިންގަމުން ގެންދަނީ މިސްކިތުގައި ފަތިހު 5:30އިން ފެށިގެންނެވެ. މަގްސަދަކީ އެކުދިން ސްކޫލަށް ދާން ފަށާއިރު އެންމެ ކުޑަމިނުން އާޔަތެއް ނަމަވެސް ހިތުން ދަސްވުމެވެ.

މީގެ އިތުރުން ހެޔޮއެދޭ ގިނަ ފަރާތްތަކެއްގެ ދީލަތި އެހީއާއެކު 10 ކުދިންގެ ޖާގައިގެން ގުރުއާން ކްލާހެއްވެސް އޭނާ އަންނަނީ ހިންގަމުންނެވެ.

“މި ކްލާހަށް އާދެވެނީ މިސްކިތު ކްލާހުން ޢައްމާ ފޮތް ހިތުދަސްކުރާ ކުދިންނަށެވެ. މިހާރު މިކްލާހުގައި ޢައްމާފޮތް ހިތުދަސް ދިހަ ކުދިންނާއި ޢައްމާ ފޮތުން ފެށިގެން ތިރިން ތިންފޮތް ހިތުދަސް ކުދިންވެސް އެބައުޅެއެވެ.

އިބްރާހީމް ނިޔާޒު އޭދަފުށީ ވޮއިސްއަށް އިންޓަވިއު ދެނީ / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް – ލޮކޭޝަން: ވައިޓް ބައި އެއިޓްއެސް ރެސްޓޯރަންޓް

ކީރިތި ޤުރުއާން އުނގަންނައިދިނުމާ ހިތުދަސް ކުރުވުމުގެ މަސައްކަތަކީ އެންމެ މާތް މަސައްކަތަށް ވާއިރު އިބްރާހީމަށް މި ރޮނގުގައި ކުރިއަށް ދިއުމުގެ ހިތްވަރު ހަމަ ކޮންމެ މީހަކުވެސް ދެއެވެ. މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެހީތެރިވުމަށް ތިބި މީހުންވެސް މަދެއް ނޫނެވެ.

މި ފުރުސަތުގައި އޭނާ ބުނެލަން ބޭނުންވާ ވާހަކައެއްވެސް އެބައޮތެވެ. އެއީ ބައެއް ރައްޓެހިން އޭނާއާ ބައްދަލުކޮށް ދެކެވޭ ވާހަކަތަކުގެ މައްޗަށް ބަލާފައެވެ. “އެބަބުނޭ ތިމަންނަ ބަލިވެގެން ޑޮކްޓަރަށް ދައްކައިފީމޭ އެކަމަކު ރަނގަޅެއް ނުވެއޭ މިވެނި މީހަކު އެވެނިކަމެއް ކުރިއޭ ކިޔައިގެން މިކަހަލަ ވާހަކަތަކެއް މި އަންނަނީ.”

އިބްރާހިމް ބުނަނީ އެއީ ސިހުރުގެ ކަމަކަށް ތުހުމަތު ކުރިޔަސް އެކަން ކުރާ ބަޔަކު ހަދާ އެއްޗެއް ހަދަން ދޫކޮށްލާށެވެ. “ކުރަންވީ ކަމަކީ ﷲއަށް ވަކީލު ކުރުން. ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ ހެއްދެވި ފަރާތަށް އިތުބާރު ކުރައްވާށޭ. ﷲތަޢާލާ އަށްވުރެ އެއްވެސް ފަރާތެއް ބާރު ގަދަ އެއްނުވާނެ. ބިރުވެތި ވާންވީ ފަރާތަކީ ﷲ. އޭރުން ދިރިއުޅުމުގެ ހުރިހާ ކަމެއް ހަމަޖެހިގެން ދާނެ. ”

ޒުވާނުންނަށް އޭނާކުރާ އިލްތިމާސަކީވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށެވެ. ގޭގައިވިޔަސް މަސްބާނަން އުޅޭ ޑިންގީއެއްގެމަތީގައި ވިޔަސް ކޮންމެ ހާލެއްގައި ވީނަމަވެސް ނަމާދު ވަގުތު ޖެހުމުން ނަމާދު ކުރުމަށެވެ. އެކަމަށް ހޭދަވާނީ އެންމެ ފަސް މިނިޓްކަމަށް ވާއިރު އަހަރެމެން ދުނިޔެއަށް ފޮނުއްވުމުގެ އެންމެބޮޑު ބޭނުމަކީވެސް އެކަލާނގެ ކިބައަށް އަޅުކަން ކުރުމަށް ކަމަށް ޒުވާނުންނަށް ހަނދާން ކޮށްދެއެވެ.

29 އަހަރުގެ މި ޒުވާނާގެ އަމަލުތަކަށް ވިސްނާއިރު ބުނެވޭނީ މިއީ ހަމަ ސަތޭކައަކުން އެކެއް ކަމުގައެވެ. މަދުން ނޫނީ ނުފެންނާނެ ޖަވާހިރެކެވެ. ޒުވާން އިބްރާހީމްގެ އެންމެ ޒުވާން ދުވަސް ވަރު އޭދަފުށީގައި އުޅުނީ އިމާމެއްގެ ވަޒީފާގައި ވިޔަސް، އޭނާވަނި މަގުގެއްލުމުން ދިޔަ ޒުވާނުންތަކަކަށް ހެޔޮމަގު ދައްކައި ދީނަށް އަހުލުވެރި ކުރުވާފައެވެ. އޭނާގެ އުޅުންތަކާ ގުޅުންތަކަށް ބެލުމަށްފަހު ޒުވާނުންގެ އިތުރުން މުޅި ރައްޔިތުންވެސް އިބްރާހީމްވަނީ ނަމޫނާ ޒުވާނެއްގެ ގޮތުގައި ބަލައިގެންފައެވެ.

ޝައްކެއްވެސް ނެތެވެ. އަދިވެސް މިރަށުގެ ހުކުރު މިސްކިތުން ބަންގިގޮވުމާއި އިމާމްވެ ނަމާދުކުރަން އެންމެ އެދެނީ އިބްރާހީމް އަށެވެ. އޭދަފުށީ ރައްޔިތުންގެ މި އިންތިޒާރަށް ނިމުން އައުން އޮތީ އިބްރާހީމުގެ އަތްމަތީގައެވެ. އެއީ އޭދަފުށީގެ ހިތުން ދުވަހަކުވެސް ހަނދާން ނުނެތޭނެ އެންމެ ޒުވާން އިމާމުކަމަށް ވީތީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top