ދިވެހި ރުއް އިންދަން ފެށުމުގެ ވަގުތު އައިސް ޖެހިއްޖެ. ގްރީން ފަންޑުން އެހީވާނެ

big_HoIoSyqQ8GHcXS8LM2NGgUM4u.jpg

ފޮޓޯ: އެންވަޔަރަންމަންޓް މިނިސްޓްރީ

ރާއްޖޭގައި ދިވެހި ރުއް މިހާރުވަނީ ވަރަށް މަދުވެފައި ކަމަށާ މޯލްޑިވްސް ގްރީން ފަންޑު މެދުވެރިކޮށް ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ރުއް އިންދުމުގެ މަސައްކަތް ފައްޓަވާނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ޖަންގަލިތަކުގެ ދުވަހާ ގުޅިގެން އެންވަޔަރންމަންޓް ޕްރޮޓެކްޝަން އޭޖެންސީއާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ގުޅިގެން އެމްއެންޔޫގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ރުއްް މަދުވުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެކަމަށާ ރުއް އިންދުމުގެ އިތުރުން މިކަމާމެދު ހޭލުންތެރިކަން އިތުރު ކުރުމަސްވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ދުނިޔޭގެ ޖަންގަލިތަކުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މާރޗު މަހުގެ 21 ވަނަ ދުވަހުގައެވެ. މިދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުންދާއިރު ޖަންގަލިތަކުގެ ސަބަބުން ވަޔާއި ފެން ސާފުވެގެންދާއިރު ބިންގަނޑު އިތުރަށް ވަރުގަދަވެ އިންސާނީ ދަރިފަސްކޮޅަށް ސިއްޙީ އެތައް ފައިދަތަކެއް ލިބިދޭކަމަށް ދިރާސާތަކުން ދައްކައެވެ.

ރާއްޖޭގައި ބިޔަ ޖަންގަލިތަކެއް ނެތްނަމަވެސް ޒަމާންތަކެއް ވެފައިވާ އެތައް ބާވަތެއްގެ ގަސްގަހާގެހި ހުރިއިރު މިބާވަތްތައް ހިމާޔަތްކުރުމުގެ އިތުރުން މިފަދަ ގަސްގަހާގެހި އިތުރުކުރަންޖެހޭ ކަމަށްވެސް މި ޕެނަލްގެ ބައިވެރިންވަނީ ފާހަގަކުރައްވާފައެވެ. ރާއްޖެގެ އުތުރާއި ދެކުނަށް ބަލާއިރު ރާއްޖޭގެ އުތުރާ ޚިލާފަށް ދެކުނުގައި ގަސްގިނަކަން ފާހަގަކުރެވިފައިވާއިރު އުތުރުގައި ދެކުނަށްވުރެ ގިނަ ޗަސްބިމާއި ކުޅިތައް ގިނަކަން ބައިވެރިންވަނީ ފާހަގަކުރައްވާފައެވެ.

މި ޕެނަލްގައި ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރާ އެކިފަރާތްތަކާއި އެމްއެންޔޫގެ ދަރިވަރުންވަނީ ބައިވެރިވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top