އިސްލާމީ ޝަރީއަތުގެ ވާހަކަ ދައްކާއިރު ސާފުވެފައި އޮންނަންޖެހޭ ބައެއް މުހިއްމު މަފްހޫމުތަކުގެ މައްޗަށް ނަޒަރު ހިންގައިލުމެއް:

18163661.jpg

1. ‘ދީން’ މިމަފްހޫމުގެ މާނައިގެ މައްޗަށް ބަލައިލުން

އަބްދުލް ޣަފޫރު އަބްދުއްރަހީމު ގ.މަންޒިލް

(8މާރިޗް އާ ގުޅޭ )   ހަމަ މިމާނައިގާ ޔޫނުސު ސޫރަތުގެ 23-22 އާޔަތާއި އަލް ޢަންކަބޫތު ސޫރަތުގެ 66-65 އާޔަތުގައިވެސް ‘ދީން’ ބޭނުންކުރެވިފައިވެއެވެ.  فإذا ركبوا في الفلك دعوا الله مخلصين له الدين فلما نجّاهم إلى البر إذا هم يشركون. ليكفروا بما آتيناهم وليتمتوا فسوف تعلمون. (العنكبوت 66-65). “އެމީހުން ނައުފަހަރަށް އަރައި (ކަނޑުދަތުރެއްފަށައި، ކަނޑުގަދަވެއްޖެނަމަ މާތް)ﷲގެ ކިބަފުޅަށް ދުއާ ދަންނަވަތެވެ. ‘ދީން’ (އެބަހީ މިއަޅުކަން ކުރުން) އެކަލާނގެ ކިބަފުޅަށް ޚާލިސްކުރާ ހާލުގައެވެ. ދެން އެކަލާނގެ އެބައިމީހުން (ކަނޑުވުމުން) ސަލާމަތްކޮށްދެއްވައި އެއްގަމަށް ގެންނެވުމުން، އަނެއްކާވެސް އެމީހުން (އަޅުކަންކުރުމުގައި) ޝަރީކު ކުރަމުން ގެންދެއެވެ. ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވި ނިޢުމަތްތައް ހަނދާންނައްތާލައި އަދި (ދުނިޔަވީ) މަޖާތަކާއި އުފާތައް ލިބިގަތުމަށްޓަކައެވެ. ދާދި އަވަހަށް (އެމީހުންގެ އަމަލުތަކުގެ ހިތިނަތީޖާ) އެމީހުންނަށް އެނގިގެންދާނެއެވެ.”  މިއާޔަތުގައި ބަޔާން ކުރެވިފައިވާ ގޮތުގައި، އެފަދަމީސްމީހުންނަށް، މާތްﷲގެ އިހުސާންތެރިކަން ހަނދާން ނައްތާލެވެނީ، ދުނިޔަވީ އުފާތައް ހާސިލު ކުރުމުގެ އެދުމުގައި ދެމިތިބުމަށެވެ. ރަގަޅެއް ނުރަގަޅެއް، ހެވެއް ނުބައެއް  ބެލުމެއް ނެތިއެވެ. އަދި ކީރިތި ގުރުއާނުގައި އަންގަވައިފައިވާ ގޮތުގެމަތީން އިޚުލާސްތެރިކަމާއިއެކު މާތްﷲއަށް އަޅުކަން ކުރުން ގަބޫލުކޮށް ބަލައިގަތުމަށް ހުރަސްއަޅާ މައިގަނޑު ސަބަބަކީ މިއެވެ. އައްތަކާޘުރު ސޫރަތުގެ ފުރަތަމަ ދެއާޔަތުގައި، ވަރަށް ސާފުސީދާގޮތެއްގައި ބަޔާންކުރެވިފައިވާފަދައިންނެވެ. ألهاكم التكاثر، حتى زرتم المقابر މިދެއާޔަތުގައެވެ. “ކަލޭމެން (މާތްﷲއަށް އަޅުވެތިވެ ހެޔޮލަފާ ގޮތުގައި އުޅުމުން) ޣާފިލުކޮށްލާފައިވަނީ ‘ތަކާޘުރު’ގެ ‘ގިނަކުރަންއުޅުމު’ގެ މަސައްކަތެވެ. (އާދެ! މުދަލާއިފައިސާ، ދުނިޔަވީ ހަޔާތުގެޒީނަތްތެރި ކަންތައްތައް، އެކަކު އަނެކަކަށްވުރެ ގިނަކުރަން އުޅުމުގެ މަސައްކަތެވެ.)  ކަލޭމެން ގަބުރުތަކަށް (މަރުވެގެން، ކަށްވަޅަށް) ދާން ޖެހެންދެން، (އެއީ ރަގަޅު މޮޅުގޮތްކަމުގައި ހީވެގެން، މި’ތަކާޘުރު’ގެ މަސައްކަތުގައި) ދެމިތިބެއެވެ.”

މާތްﷲއަށް އިހުލާސްތެރިކަމާއިއެކު އަޅުކަންކުރުމުގެ މަގަށް ދައުވަތުދީ އެމަގަށް ލެންބެވުމުގެ ގޮތުން، ކީރިތި ޤުރްއާނުގައި މައްކާގެ މުޝްރިކުންނަށް، މިކަމަކީ އެމީހުންނާ ބީރައްޓެހި، މުޅީން އާ ކަމެއް ނޫންކަން ހަނދާން ކޮށްދެވިފައިވެއެވެ. ކުރިންވެސް، މިލިޔުމުގެ ފުރަތަމަ ބައިގައި، ނަންގަނެވި ދިޔަފަދައިން، މައްކާގެ މުޝްރިކުން، މާތްﷲގެ ރައްބުވަންތަކަމަށް އީމާންވާކަން އެމީހުންނަށް ހަނދާން ކޮށްދެމުންނެވެ. އަލްޢަންކަބޫތު ސޫރަތުގެ ފަސްދޮޅަސް އެއްވަނަ އާޔަތުގައިވާ ފަދައިންނެވެ. ولئن سألتهم من خلق السماوات والأرض وسخر الشمس والقمر ليقولن اللهز فأني يوفكون. “އުޑުތަކާއި ބިން އުފައްދަވައި އިރާއި ހަނދު (އިންސާނުންގެ ފައިދާއަށްޓަކައި، ކަނޑައެޅިގެންވާ ގާނޫނުތަކަކަށް) ތަބާކުރައްވައި ޚިދުމަތްތެރި ކުރެއްވީ ކާކުތޯ، އެމީހުންކުރެން (މައްކާގެ މުޝްރިކުން ކުރެން) ކަލޭގެފާނު (މުހައްމަދުގެފާނު)  ސުއާލުކުރައްވައިފިނަމަ، އެމީހުން ހަމަކަށަވަރުންވެސް ބުނާހުށީ (އެތަކެތި އެގޮތުގައިލެއްވީ) މާތްﷲ ކަމެވެ. ދެންފަހެ، (މާތްﷲގެ ރައްބުވަންތަކަމަށް އީމާންވުމަށްފަހު، އެކަލާނގެ އިލާހުވަންތަކަމަށް އިގުރާރުވެ، އިޚުލާސްތެރިކަމާއެކު، އެކަލާނގެއަށް އަޅުކަން ކުރުމުން އެބައިމީހުން) ދުރުވެގަންނަނީ ކީއްވެގެން ހެއްޔެވެ؟”

މީގެ ރައްދު ޖަވާބެއްގެ ގޮތުގައި މައްކާގެ މުޝްރިކުންގެ ވާހަކަ ބަޔާންކުރެވިފައިވަނީ، ކުރިންވެސް ނަންގަނެވި ދިޔަ ފަދައިން، އައްޒުމަރު ސޫރަތުގެ ތިންވަނައާޔަތުގައެވެ. ما نعبهم إلا ليقربونا إلى الله زلفى މިއާޔަތުގައެވެ. “ތިމަންމެން (ޢަރަބި މުޝްރިކުން) އެއެއްޗިއްސަށް (ޔައުނީ ބުދުތަކަށް) އަޅުކަން ކުރުމުގެ ހަމައެކަނި ބޭނުމަކީ ތިމަންމެން (މާތް) ﷲ ކިބަޔަށް ކުއްތަން ކޮށްދިނުމެވެ”. މިއާޔަތުގައި ބަޔާން ކުރެވިފައިވާ ގޮތުގައި، މައްކާގެ މުޝްރިކުން، ބުދަށް އަޅުކަން ކުރުމުގެ ބޭނުމަކީ، މާތްﷲ އެމީހުންނާ ‘ކައިރިއަށް’ ގެނެސް އެކަލާނގެއާއި އެމީހުންނާއި ގުޅުވާލަ ދިނުމެވެ. މާތްﷲގެ ތަސައްވުރު ފަސޭހަކަމާއެކު ހިތަށް ގެނެސް އަމިއްލަ ނަފްސުގައި ހަރުކޮށްލުމެވެ. މީގެ ރައްދު ޖަވާބު، ކީރިތި ޤުރުއާނުގައި، ޔޫސުފު ސޫރަތުގެ ސާޅީސްވަނަ އާޔަތުގައި ބަޔާންކުރައްވައިފައިވެއެވެ. ما تعبدون من دون الله إلا أسماء سميتموها أنتم وأباءكم ما أنزل الله بها من سلطان … ” މިއާޔަތުގައެވެ. މާނައަކީ “(މާތް)ﷲ ފިޔަވައި ކަލޭމެންނާއި ކަލޭމެން އަޅުކަންކުރާ އެއްޗިއްސަކީ ކަލޭމެންނާއި ކަލާމެންގެ ކާބަފައިން އަމިއްލައަށް (ހަދައިގެން)، އެއެއްޗިއްސަށް ކަލޭމެން އަމިއްލަ (އެކިއެކި)ނަންކިޔައިގެން އުޅޭ (އެއްވެސް މާނައެއްނެތް ހުސް)ނަންތަކެކެވެ…” އާދެ، މިއާޔަތުގައި ސިފަކުރެވިފައިވާ ގޮތުގައި، އެމީހުން އަޅުކަންކުރަން ގެންގުޅޭ ބުދުތަކަކީ، އަމިއްލައަށް ހަދައިގެން، އެއެއްޗިއްސަށް ނަންނަން ދީގެއް އުޅޭ، އެއަށް އަޅުކަން ކުރުމުން އެއްވެސް ފައިދާއެއް، މަންފާއެއް ކުރާ އެއްޗިއްސެއްނޫނެވެ. މިފަދައަޅުކަމަކީ ބާތިލު އަޅުކަމެކެވެ. އާދެ، ބާތިލު ދީނެކެވެ’.

އައްރޫމު ސޫރަތުގެ ތިރީސްވަނަ އާޔަތުގައި މިކަން އިތުރަށް ސާފުކޮށްދެވިފައި ވެއެވެ. ބާތިލު ދީނަށް ފުރގަސްދީ، ޙައްގު ދީނަށް، ތަބާވުމަށް ސަލާމާ ސަލަވާތްލެއްވި ކީރިތި ރަސޫލާއަށް އެންގެވިގެންނެވެ. فأقم وجهك للدين حنيفا فطرة الله التي فطر الناس عليها لا تبديل لخلق الله ذلك الدين القيم ولكن أكثر الناس لا يعلمون.  “ފަހެ، ކަލާގެފާނުގެ މޫނުފުޅު، (އެބަހީ މުޅިނަފްސު،) އެހެންހުރިހާ ބާތިލު އެއްޗަކަށް (އަޅުކަންކުރެއްވުމުން) އެއްކިބާ ކުރައްވައި، ހަމައެކަނި (މާތް ﷲއަށް އަޅުކަންކޮށް، އެކަލާނގެ ކިބަފުޅަށް) ކިޔަމަންތެރިކަން އަދާކުރުންމަތީ ދެމިހުންނަވާށެވެ. ފަހެ، މިއީ މީސްތަކުންގެ ފިތުރަތުގައި މާތްﷲ ލައްވައިފައިވާ ގޮތެވެ. (މާތް)ﷲގެ އުފެއްދެވުމަކަށް (އެބަހީ، މާތްﷲ އިންސާނާ އުފައްދަވާފައިވާ ގޮތަކަށް) ފަހަރެއްގައިވެސް ބަދަލެއް ނުގެނެވޭނެއެވެ. (އިންސާނާގެ ކިބައިގައި ލެއްވިފައިވާ، މާތްﷲއަށް ޚާލިސް ގޮތުގައި އަޅުކަންކުރުމުގެ ސިފަ ނެތިކޮށް، ނަގައެއް ނުލެވޭނެއެވެ. މާތްﷲއަށް އީމާން ނުވާމީހާގެ ކިބައިންވެސް އަދި ބުދަށް އަޅުކަންކުރާމީހާގެ ކިބައިން ވެސް މިސިފަ ވަކި ހާލަތްތަކުގައި ފާޅުވެ ފެނެއެވެ. ދަތިއުނދަގޫ ހާލާތްތައް މެދުވެރިވާ ވަގުތުގައެވެ. މީގެތެރެއިން ފުރަތަމަ ބައިގައި ހިމެނޭ މީހުންގެ މިސާލެއްގެ ގޮތުން ކީރިތި ޤުރުއާނުގައިވާ ފިރުއައުނުގެ ފުދެއެވެ. ޣަރަގުވެ މަރުގެ ތުންފަތް މައްޗަށް އަމިއްލަ ނަފްސު ހުށަހެޅުނު ވަގުތުގައި އޭނާ، މާތްﷲއަށް އީމާންވާން މަސައްކަތްކުރިއެވެ. ދެވަނަ ބައިގެ މިސާލެއްގެ ގޮތުން ކުރިން ނަންގަނެވިދިޔަ ކަނޑުމަތިވެދާ މުޝްރިކުންގެ މިސާލު ފުދެއެވެ. އެމިސާލުގައިވާގޮތުން، ކަނޑުމަތީ ހާލުގަ ޖެހުމުން އެމީހުން ދުއާކުރަނީ މާތްﷲގެ ކިބަފުޅަށެވެ.) ‘ހައްގު ދީނަކީ’، އެބަހީ ހައްގުގޮތުގައި ކުރެވޭ އަޅުކަމަކީ، (الدين القيم) މިއީއެވެ. ނަމަވެސް ގިނަބަޔަކަށް (މިކަމެއް) ނޭނގެއެވެ.’

ބުދަށް އަޅުކަންކުރުމަކީ ބާތިލު ކަމެއް ކަމާއި އަދި މާތްﷲއަށް އަޅުކަންކުރުން ޚާލިސް ކުރުން އެއީ ހައްގު ގޮތުގައި އަޅުކަން ކުރުންކަން އިތުރަށް ދެނެގަތުމަށްޓަކައި އެއާޔަތުގައިވާ القيم (އަލްގައްޔިމު) މިލަފުޒާ ދޭތެރޭ ފުންކޮށް ވިސްނާލަންޖެހެއެވެ. ‘އަލްގައްޔިމު’ އައިސްފައިވަނީ ‘ގީމަތު’ މިލަފުޒުންނެވެ. މާނައަކީ އަގެވެ. މިއިން އިޝާރާތް ކުރެވެނީ އިންސާނީ ހަޔާތުގައި ‘އަގުހުރި’ ކަންކަމަށް ބެލޭވޭ މާތް އަޚުލާގީ ސިފަތަކާއި އުސޫލުތަކަށެވެ. ތެދުވެރިކަމާއި އަމާނާތްރިކަން ފަދަ ސިފަތަކަށެވެ. އެންމެންނަކީވެސް ހަމަހަމަ ބައެއް ކަމުގައި ބެލުމާއި އެމީހުންގެ މެދުގައި އަދުލު އިންސާފަށް ކަންކަންކުރުން ފަދަ މާތްއުސޫލުތަކަށެވެ. މިމާނައަށް ރިއާޔަތްކޮށް ‘އަލްގައްޔިމުގެ’ މާނައަށް ބަލާލާއިރު ދޭހަވަނީ އަޅުކަންކުރުން ވެފައި އޮންނަންޖެހޭނީ މިފަދަ ސިފަތަކާއި އުސޫލުތައް އަޅުކަން ކުރާ މީހާގެ ކިބައިގައި އުފައްދައިދޭ ކަމަކަށެވެ. އާދެ، އަޅުކަމަކީ ހަމައެކަނި ހުސް ރަސްމު ތަކެއްގެ މައްޗަށް، ހަމައެކަނި ބޭރުފުށުން ކުރެވޭ ކަންތައްތަކެއްގެ މައްޗަށް، އެކުލެވޭ ކަމަކަށް ވެގެންނުވާނެއެވެ. އެކަން ވާންޖެހޭނީ އަޅުކަން ކުރާ މީހާގެ ކިބައިގައި މިދެންނެވި ފަދަ އަގުތައް އުފައްދައި އެއަގުތައް ހިފަހެއްޓުމަށް އެހީވާ ކަމަކަށެވެ. އަޅުކަމުގެ މިބޭނުން ފުރިހަމަވާނީ އަޅުކަންކުރާ މީހާ މިކަމާމެދު ހޭލުންތެރިވެ މިއަގުތައް ހިފެހެއްޓުމަށް މަސައްކަތްކުރުމުންނެވެ.

‘އައްދީނު އަލްގައްޔިމު’ގެ މިދެންނެވި މާނަ އަލްބައްޔިނާ ސޫރަތުގެ ފަސްވަނަ އާޔަތުގައި އިތުރަށް ތަފްސީކޮށް ދެވިފައި ވެއެވެ. وما أمروا إلا ليعبدوا الله مخلصين له الدين حنفاء ويقيموا الصلاة ويؤتوا الزكاة وذلك دين القيمة. މިއާޔަތުގައެވެ. މާނައަކީ: “އެހެން ހުރިހާ އެއްޗިއްސެއް ދޫކޮށް، އިޚުލާސްތެރިކަމާއެކު (މާތް)ﷲއަށް، އަޅުކަންކުރުމަށް މެނުވީ އެމީހުންނަކަށް – އަހުލު ކިތާބީންނާއި މުޝްރިކުންނަކަށް – އެންގި އަމުރު ކުރެވިގެން ނުވެއެވެ. އެއީ (ޔައުނީ، އެމީހުންނަށް އެންގި އަމުރުކުރެވުނު ކަންތައްތަކުގެތެރޭގައި ހިމެނެނީ) ނަމާދު ގާއިމު ކުރުމަށާއި ޒަކާތް ދިނުމަށެވެ. ހައްގު ދީނަކީ މިއެވެ. (وذلك الدين القيمة) (އިހުގެ ގިނަ ތަފްސީރުތަކުގައި ބަޔާންކުރެވިފައިވާ ފަދައިން މިއާޔަތުގައި القيمة ބޭނުން ކުރެވިފައިވަނީ އުނި ކުރެވިފައިވާ ނަންއިތުރަކަށް (الملة – މަގު، ގޮތް) ނިސްބަތްކޮށެވެ. އެހެންވެ އަކުރުކޮޅު ތާއެއް القيم އަށް ވަނީ އިތުރުކުރެވިފައެވެ. (الطبري ގެ ތަފްސީރުގެ 263/30 ބައްލަވާލައްވާ).އަދި މިސޫރަތުގެ އާޔަތްތަކުގެ ނިމުން އެއްގޮތް ކުރުމުގެ އަދަބީ ސަބަބަށްޓަކައިވެސްމެއެވެ. ނަމަވެސް ކުރިން ނަންގަނެވުނު القيم އާ މާނައިގެގޮތުން އެއްވެސް ތަފާތެއްނެތެވެ.

އަލްބައްޔިނާ ސޫރަތުގެ ދެންމެ މިދެންނެވި އާޔަތާމެދު ވިސްނާލުމުން ‘ދީނާއި’، އާދެ، އަޅުކަންކުރުމާއި، ތިން ކަމަކާ ގުޅާލެވިފައިވާތަން ފެނެއެވެ. ފުރަތަމަކަމަކީ އިހުލާސްތެރިކަމާއިއެކު މާތްﷲއަށް އަޅުކަން ކުރުމެވެ. މި އިޚުލާސްތެރިކަން އަސާސީގޮތެއްގައި، މި އާޔަތުންދޭހަވާ ގޮތުގައި، ފާޅުކުރެވެނީ ޝިރުކުރުމާއި ދުރުހެލިވެގެންނެވެ. މިއާޔަތުގައި ނަންގަނެވިފައިވާ ‘ޙަނީފު’ އިޝާރަތްކުރަނީ މިކަމަށެވެ. ދެވަނަ ކަމަކީ ‘ނަމާދު ގާއިމު’ ކުރުމެވެ. ނަމާދު ގާއިމު ކުރުމުގެ މާނައަކީ ކޮބައިކަން އަލްޢަންކަބޫތި ސޫރަތުގެ ސާޅީސް ފަސްވަނައާޔަތުން ވަރަށް ރަގަޅަށް ސާފުވެއެވެ. اتل ما أوحي إليك من الكتاب وأقم الصلاة إن الصلاة تنهى عن الفحشاء والمنكر ولذكر الله أكبر والله يعلم ما تصنعون. “މިފޮތުގައިވާ ގޮތަށް (އެބަހީ ކީރިތ ޤުރުއާނުގައި ބާވާލެއްވިފައިވާގޮތަށް) ކަލޭގެފާނަށް (މުހައްމަދުގެފާނަށް) ވަހީކުރެއްވުނު އެއްޗެއް (ކަލޭގެފާނުގެ ގައުމުގެ މީހުންނަށް) ކިޔަވާ ވިދާޅުވެ ދެއްވާށެވެ. އަދި ނަމާދު ގާއިމު ކުރައްވާށެވެ. އެހެނީ ނަމާދަކީ ހަމަކަށަވަރުން، ފާހިޝް ކަންކަމުންނާއި (އެބަހީ ޒިނޭކުރުންފަދަ ހަޑިހުތުރުކަން ބޮޑެތި ކަންތައް ތަކުންނާއި)، މުންކަރާތްތައް (މީހުންމެރުމާއި ވައްކަންކުރުމާއި، ފޭރުންފަދަ، އިންސާނާގެ ސަލާމަތްބުދި އެކަންކަމަށް އިންކާރު ކުރާނޭފަދަ ނުބައިކަން ބޮޑުވެގެންވާ ކަންތައްތައް) ހުއްޓުވައި (އެކަންކަމުން ދުރުހެލިވުމަށް އެހީވެދޭ) ކަމެކެވެ. އަދި (ނަމާދުގާއިމުކޮށް މާތް)ﷲ މަތީން ހަނދުމަކުރުން (މިކަންކަމަށްވުރެވެސް) މާބޮޑެވެ. ކަލޭމެން ކުރާ ހުރިހާ ކަމެއްވެސް (މާތް)ﷲ ދެނެވޮޑިގެންވެއެވެ.” މިއާޔަތުގައި ނަންގަނެވިފައިވާފަދައިން، ނަމާދު މައިގަނޑުމަގުސަދަކީ މުއުމިނާއާއި އޭނާގެ ސާހިބުވަންތަ ރަސްކަލާނގެއާއި ގުޅުވާލަ ދިނުމެވެ. މިއާޔަތުގައިވާ ولذكر الله أكبر، (އަދި (މާތް)ﷲ މަތީން ހަނދުމަ ކުރުން (މިކަންކަމަށްވުރެވެސް) މާބޮޑެވެ)، މި އިބާރާތުން ދޭހަވާފަދައިންނެވެ. އާދެ، އަރަބި މުޝްރިކުން ބުދު މެދުވެރިކޮށް މާތްﷲއާ އެމީހުންނާ ގުޅުވާލުމުގެ ބަދަލުގައި ނަމާދުގެ ޒަރިއްޔާއިން އެގުޅުން އުފެއްދުން ތައާރަފު ކުރެވުނީއެވެ. އަދި މިހިސާބުން ނިންމާލެވުނީއަކީ ނޫނެވެ. މިގުޅުން މާނަހުރި ގުޅުމަކަށްވާނީ ކިހިނެއްކަންވެސް މިއާޔަތުގައި ބަޔާން ކޮށްދެވިފައިވެއެވެ. ނަމާދުކުރުމަކީ ޣާޔަތެއްނޫނެވެ. ނަމާދުކޮށްލުމުން، އާދެ، ކުރެވޭ ހަރަކާތްތަކަކާއި، ކިޔެވޭކިޔެވުންތަކަކުން، މިއަޅުކަން ފުރިހަމައެއްނުވެއެވެ. މިއަޅުކަމަކީ ވަކިކަހަލަ ކަންތަކަކަށް މުއުމިނާ ވާސިލުކޮށްދޭން އެހީވާ ކަމެކެވެ. މިއާޔަތުގައި ބަޔާންކޮށްދެވިފައިވާ ފަދައިން، ފާހިޝް ކަންތަކުންނާއި އަދި މުންކަރާތްތަކުން ދުރުހެލިވުމަށް އެހީވެދޭކަމެކެވެ. މިމަގްސަދު ހާސިލު ނުކުރެވޭނަމަ، ނަމާދު ގާއިމު ކުރެވުނުކަމަކަށް ނުވާނެއެވެ. މާތްﷲ މަތީން ހަނދުމަކޮށް އެކަލާނގެއާއި ގުޅުން އުފެއްދުމުގެ ބޭނުން ނުފުދޭތީއެވެ. ކީރިތި ރަސޫލާގެ ހަދީސްފުޅުއްގައި އައިސްފައިވާ ފަދައިންނެވެ. ފާހިޝްކަންތައްތަކާއި މުންކަރާތްތަކުން ދުރުހެލި ނުކުރާގޮތެއްގައި މީހަކު ނަމާދެއް ކޮށްފިނަމަ، އެނަމާދު އޭނާ މާތްﷲއާ ދުރުހެލި ކުރުވުން އިތުރުކުރުން ފިޔަވައި އެހެންކަމެއް ނުކުރެއެވެ. އާދެ، މިފަދަ ގޮތަކަށް ނަމާދުކުރާމީހާއާއި ބުދަށްއަޅުކަންކުރާމީހާއާއި މާބޮޑުތަފާތެއްނެތެވެ. އެކަމުން އެއްވެސް ފައިދާއެއް، މަންފާއެއް ނުކުރީތީއެވެ. މިނުކުތާއާބެހޭ އިތުރު ވާހަކަ އަދި ފަހުން ބަޔާންކުރެވޭނެއެވެ.

އަލްބައްޔިނާ ސޫރަތުގައި އީމާންކަމާއި ގުޅުވާލެވިފައިވާ ތިންވަނަކަމަކީ ޒަކާތްދިނުމެވެ. ޒަކާތްދިނުން މިއާޔަތުގައި ރަމްޒުކޮށްދެނީ، އެމީހެއްގެ ކެރިކުޅަދާނަހުރި މިންވަރަކުން، މުޖުތަމައުގެ އަފްރާދުންނަށް އެހީވެދިނުމެވެ. މިހެން ދަންނަވަން ޖެހެނީ ޒަކާތުގެ ތަފްސީލު- އޭގެ ނިސާބާއި، ޒަކާތުގެގޮތުގައި ދައްކަން ޖެހެނީ ކިހާވަރެއްކަމާއި، މިކަންކަމާއި ބެހޭ އާޔަތާއި އެކަންކަމާބެހޭ ތަފްސީލީ އިރުޝާދު- ދެވުނީ މިއާޔަތް ބާވާލެއްވުނު ފަހުންކަމަށްވާތީއެވެ.

އަޅުކަމާއި ގުޅާލެވިފައިވާ މިދެންނެވި ތިން ކަންތަކަށް ބަލައިލުމުން الدين القيم ‘ހައްގު ދީން’ ގެ މާނަ ސާފުވެއެވެ. އާދެ، ހައްގު ދީނަކީ، ހައްގުގޮތުގައި ކުރެވޭ އަޅުކަމަކީ، މުއުމިނާގެ ކިބައިގައި ވަކިކަހަލަ އަގުތަކެއް އަށަގަންނުވަން ކުރާކަމެކެވެ. ފާހިޝް ކަންތައްތަކާއި މުންކަރާތް ތަކުން އެއްކިބާކޮށް ދުރުހެލިކުރާ އަޚުލާގީ ރިވެތި ސިފަތަކުގެ އަގުތަކެވެ. އަދި މުޖުތަމައުގެ އަފްރާދުންނަށް އަޅާލައި އޯގާތެރިކޮށް ހިތުމުގެ މާތް އިންސާނީ ސިފަތަކުގެ އަގުތަކެވެ. މީގެ އިތުރުން ބުދަށް އަޅުކަން ކުރުން އެއީ ބާތިލުކަމެއްކަމުގައި ކީރިތި ޤުރުއާނުގައި ކަނޑައަޅާލެވުނީ ކީއްވެގެންކަންވެސް ސާފުވެއެވެ. އެއީ އެކަންވެގެން ދިޔައީ ޣާޔަތަކަށެވެ. މާނައެއްނެތް ހުސް ރަސްމު ތަކަކަށެވެ. އެއަޅުކަމަކީ، މާތްﷲއާ ބުދަށް އަޅުކަންކުރާމީހާ އާ ގުޅުންއުފައްދާ، އަދި އެމީހާ ހެޔޮލަފާމީހަކަށް ހަދާލާ ކަމަކަށް ނުވެއެވެ. އަރަބި މުޝްރިކުންގެ އަމަލުތަކަށް ބަލައިލުމުން މިކަން ސާފުވެއެވެ. މިއަމަލުތައް، ސިފަކޮށް ބަޔާންކޮށްދެއްވަމުން، ޖައުފަރު ބިން އަބޫޠާލިބު ޙަބަޝަކަރައިގެ ނަޖާޝީ އަރިހުގައި ވިދާޅުވިއެވެ. أيها الملك، كنا قوما أهل جاهلية  نعبد الأصنام ونأكل الميتة ونأتى الفواحش ونقطع الأرحام ونسيئ الجوار ويأكل القوى منا الضعيف … “މާތް ރަސްގެފާނެވެ. އަޅުގަނޑުމެން ކުރިން އުޅެމުންއައީ ޖާހިލިއްޔަތުގެ ތެރޭގައެވެ (އެބަހީ ވަހުޝިޔާނިއްޔަތުގެ ތެރޭގައެވެ. ގޮތެއްފޮތެއް ނެތް ހާލަތެއްގައެވެ.) އަޅުގަނޑުމެން އަޅުކަންކުރަމުން އައީ ބުދުތަކަކަށެވެ. މުޅަތަކެތި ކައިއުޅުނީމުއެވެ. ފާހިޝް އަމަލުތައް ކޮށް އުޅުނީމުއެވެ. ތިމާގެ ކަމުގެ ގުޅުންތައް ކަނޑައި އަވަށްޓެރީންނަށް ނުބައިކޮށް ހިތައި އުޅުނީމުއެވެ. އަޅުގަނޑުމެންގެ ތެރެއިން ބާރު ލިބިފައިއޮތް މީހާ އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ނިކަމަތީން ކައިހަދައި (އެބަހީ އެމީހުން އަޅުވެތިކޮށް އެމީހުންނަށް އިހާނަތްތެރިކޮށް ހިތައި) އުޅުނީމުއެވެ…” އާދެ، ބުދަށް އަޅުކަން ކުރުމަކުން، އަރަބީންގެ އަޚުލާގަކަށް އެއްވެސް ހެޔޮބަދަލެއް ނާންނަކަން ޖަޢުފަރުގެފާނުގެ މިބަސްފުޅުން އެނގެއެވެ. ބުދަށް އަޅުކަން ކުރަނީ މާތްﷲއާ ގުޅުން އުފައްދައި އެކަލާނގެއާ ކުއްތަން ވުމަށްޓަކައި ކަމަށް ބުނެ އަރަބި މުޝްރިކުން ދެއްކި ހުއްޖަތް ބަލައި ނުގަނެ އެކަމަށް ކީރިތި ޤުރުއާނުގައި އިންކާރުކުރެވިފައިވަނީ ކީއްވެގެންކަން މިކަމުން އެނގި ސާފުވެއެވެ. އެއީ، ބުދަށް އަޅުކަންކުރުމަކީ، މާތްﷲއަށް އިހުލާސްތެރިކަމާއިއެކު އަޅުކަންކުރުން ނަފީކުރުމުގެ އިތުރުން، މާތް އަޚުލާގީ ސިފަތައްފަދަ އީޖާބީ އަގުތައް (ޕޮސިޓިވެ ވެލިޔުސް) އަޅުވެރިޔާގެ ކިބައިގައި އުފައްދާ ކަމަކަށް ނުވުމެވެ.(ނުނިމޭ )

 

 

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top